27 ޖުލައި 2025 - 07:15
މީހަކު ހަޅޭއްލައިގެން އަޑަށް އަހަންނަށް ހޭލެވުނެވެ. ކޮޓަރި އޮތީ އަނދިރިކޮށެވެ. ވަރަށް ހަމަހިމޭންކޮށެވެ. އޭސީ އާއި ފަންކާއިން އިވޭ މަޑުމަޑު އަޑާއި ގަޑީގެ ސިކުންތުކަށިން އިވޭ އަޑު ފިޔަވައި އެހެން އަޑެއް ނެތެވެ. އަހަރެން ވިސްނަން އޮތީމެވެ. އަހަންނަށް އިވުނު އަޑަކީ ބޭރުން އިވުނު އަޑެއް ހެއްޔެވެ؟ އަހަންނަށް ހީވިހީވުމެއް ހެއްޔެވެ؟ ގަޑިއަށް ބަލައިލީމެވެ. ފަތިހު ހަތަރުގަޑި ބައިވެއްޖެއެވެ.
އަހަރެން ފުންމައިގެން ތެދުވީމެވެ. އެނދުގައި އޮންނަ އިރު އަތްނުފޯރާ ހިސާބުގައި ބާއްވާފައި އޮތް ފޯނު ބަލައިލީމެވެ. ކޮންމެ ދުވަހެއްގެ ވެސް ފަތިހު ހަތަރެއް ޖަހާއިރު ފޯނު ސޯނާވާން ޖެހޭނެއެވެ. ސޯނާ އޮތީ ވެފައެވެ. އަހަންނަށް ނުހޭލެވުނީ ހެއްޔެވެ؟ ނިދީގައި ތެދުވެގެން ގޮސް ސޯނާ ނިއްވައިލެވުނީ ހެއްޔެވެ؟ ދެ ގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް އެ ކަން އެ ވީ ފުރަތަމަ ފަހަރަށެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. ހިތަށް އެރިއެވެ. އުމުރުން ސާޅީސް އަހަރުއްސުރެ އަހަންނަކީ މުދިމެކެވެ. ފަންސާސް ނުވަ އަހަރު ފުރުނު އިރު ނުވާ ކަމެއް މިއަދު މި ވީ ކީއްވެގެން ހެއްޔެވެ؟
މަތިހަދައިލައިގެން، ތެޅެމުންފޮޅެމުން ގޮސް ބަރާބަރު ވަގުތަށް ބަންގިދިނީމެވެ. ވަރަށް ހިތްހަމަޖެހުނެވެ. އެ ދުވަހު ވަރަށް ގަދަޔަށް ބޮލުގަ ރިއްސިއެވެ. އަހަންނަކީ ސައިނަސް ހުންނަ މީހެކެވެ. ބޮލުގަ ރިއްސުމަކީ އާންމުކަމެކެވެ. އެހެނަސް އެ ދުވަހު ރިއްސަން ފެށީ ވަރަށް ތޫނުކޮށެވެ. މެންދުރުވި އިރު ވެސް ރަނގަޅެއް ނުވިއެވެ. ބޮޑުވަރު ވުމުން ނޭފަތަށް ޖަހަން ޖެހޭ ބޭސް ޖަހައި، ކާން ޖެހޭ ބޭސް ކެއުމުން ވެސް ވީ ކަމެއް ނެތެވެ.
އަހަންނަކީ ގިނަ ނިއުމަތްތަކެއް ލިބިފައިވާ މީހެކެވެ. ގުރުއާން ހިތުދަހެވެ. އިމާމަކީމެވެ. ގުރުއާން މުދައްރިސަކީމެވެ. ދިވެހިބަހަށް ފަރިތައެވެ. އަހަރެންގެ ގުރުއާން ކިޔެވުމަށާއި އަޑަށް މީހުން ތައުރީފު ކުރެއެވެ. އަހަރެން ހުތުބާ ކިޔާ މިސްކިތްތައް ބަލައިގެން، އަހަރެންގެ އަޑުއަހައިލުމަށް ޓަކައި މީހުން އަންނަކަން އަހަންނަށް އެނގެއެވެ. ބޮޑައެއް ނުވަމެވެ. ތައުރީފާއި ޝުކުރު ހައްގުވެގެން ވަނީ، އެ ނިއުމަތް ދެއްވި، ހުރިހައި ކަމަކަށް ކުޅަދުންވަންތަ ﷲ އަށެވެ. ހުނަރެއް ލިބުމަކީ ކިބުރުވެރި ވާން ޖެހޭ ކަމެއް ކަމަކަށް އަހަރެން ނުދެކެވެ.
އަހަރެންގެ ބޮލުގަ ރިހުން ރަނގަޅެއް ނުވިއެވެ. ހުކުރު ކުރަން ގޮސް ހުއްޓޭ އިރަށް ކަރުތެރެއަށް އުނދަގޫވާން ފެށިއެވެ. ނަމާދުގައި ކިޔަވާ އިރާއި ހުތުބާކިޔާ އިރު ކޮށިއަރައި، އަޑު ކުރަކިވާން ފެށިއެވެ. ހުތުބާ މެދުކަނޑައިލައިފައި ފެންބޮމެވެ. އެ ވަރުން ވެސް ހުތުބާ ނިންމައިލެވެނީ ވަރަށް ހާލުންނެވެ. ޑަކުޓަރަށް ދެއްކީމެވެ. އާންމުކޮށް ދައްކާ ޑަކުޓަރަށެވެ.
"މި ފަހަރު ބޭހަކަށް ވެސް ނުގުޑި،" އަހަރެން ބުނީމެވެ. "ތަންކޮޅެއް ވަރުގަދަ ބޭހެއް ދީބަލަ!"
"ދެވިދާނެ. އެކަމަކު ތިހާ ބޮޑުވަރު ވާންޖެހޭ ވަރަކަށް ސައިނަސްގެ މައްސަލައެއް ނެތް،" ޑަކުޓަރު ބުންޏެވެ. "އަހަންނަކަށް ނުފެނޭ ބޭސް މަތިކުރާކަށް."
އަހަރެން ހިތަށް އެރިއެވެ. އަހަރެންގެ ސިކުނޑިއަށް ބައްޔެއް ޖެހުނީބާއެވެ؟ އެހެން ޑަކުޓަރަކަށް ދެއްްކީމެވެ. އެމްއާރުއައިއެއް ހެދީމެވެ. މައްސަލައެއް ނުފެނުނެވެ. ޑަކުޓަރު ނުބުންޏަސް، ފިނި އެއްޗެހި ބުއިން ހުއްޓާލައި، ދުފުން ހުއްޓާލައި، ކުޅި އެއްޗެއްސާއި ތެޔޮއެއްޗެހި ވެސް މަދުކުރީމެވެ. މީހަކު ބުނިއްޔާ ބުނި ކަމެއް ކުރީމެވެ. އެހެން ހެދުމުން ހަފުތާގެ މުޅި ދުވަހު ލުއިލިބެއެވެ. ރިހުންގަނޑު މައިތިރިވެއެވެ. އެކަމަކު، ހުކުރު ދުވަހަށް ގޯސްވެއެވެ. ހުތުބާ ކިޔޭ ވަރެއް ނުވެއެވެ. ހުކުރު ދުވަހަކީ، އާންމުކޮށް އަހަރެން ބަލިވާ ދުވަހަކަށް ވެއްޖެއެވެ. ހެނދުނު ހޭލާއިރު ހުންނަނީ ކަރު ބެދޭ ގޮތް ވެފައެވެ. ރޯގާއެއް ނުޖެހެއެވެ. ނޭފަތަކުން އެއްޗެއް ނާދެއެވެ. ކެއްސައި، ކިނބިއްސެއް ވެސް ނޭޅެއެވެ. ބިރު ގަންނަ ދަރަޖައަށް އެ ކަން ދިޔައެވެ.
ދުވަހެއްގެ އަސުރުނަމާދުގެ ވަގުތެވެ. ނަމާދުން އަވަދިވެގެން މިސްކިތުން ފޭބިތަނައި މޫސަޔާ ދިމާވިއެވެ. މޫސައަކީ ދޭތެރެއަކުން މާލެ އަންނަ، ވިލިނގިލީގައި ދިރިއުޅޭ ރައްޓެއްސެކެވެ. އަހަރެން ހުތުބާ ކިޔާލެއް ރީތި ކަމާއި އަހަރެންގެ އަޑު ރީތިވެގެން މޫސަ އަބަދު ވެސް އެ ވާހަކަ ދައްކައެވެ.
"ހުތުބާ ކިޔުން ހުއްޓައިލީތަ؟" މޫސަ ސުވާލު ކުރިއެވެ. "ހާދަ އަޑެއްބަޑެއް ނީވެޔޭ!"
"މި އުޅެނީ ވަރުގަދަ ކަމަކާ ދިމާވެގެން،" އަހަރެން ބުނީމެވެ. "ފާޑަަކަށް ބޮލުގަ ރިއްސަނީ. ހުކުރުދުވަހު ބޯހިއްލައިލަން ވެސް ނުކެރޭ! ކަރުތެރެ ވެސް ބެދެނީ. ޑަކުޓަރަށް ދައްކައިފިން. ވާ ގޮތެއް ނޭނގޭ! ރަނގަޅެއް ނުވި!"
"ކިޔަވާލަމާ؟" މޫސަ ބުންޏެވެ. "ތި ކަހަލަ ކަންކަން ދިމާވެގެން، ޑަކުޓަރުންނަށް މައްސަލައެއް ނުފެނުނީމަ ދެން ހަދަންޖެހޭ ގޮތަކީ އެއީ. އާދޭ ވިލިނގިއްޔަށް."
އަހަރެން ހިތަށް އެރިއެވެ. އެ ކަން ވެސް ނުކޮށެއް ދުލެއް ނުކުރާނަމެވެ. ބޮލުގަ ރިހުމުގެ ވޭނުން ސަލާމަތްވާން އަހަރެން ބޭނުމެވެ. މޫސަ ބުނި ދުވަހުގެ ބުނި ގަޑިއަށް އަހަރެން ދިޔައީމެވެ. އެ ކޮޓަރީގައި ތިބީ އަހަންނާއި މޫސަ އާއި މޫސަގެ ރައްޓެއްސެކެވެ. މޫސަ ކިޔަވަން ފެށިއެވެ. އޭނަ ބުނި ގޮތަށް އެނދުގައި އޮށޯވެ، ލޯ މަރާލައިގެން އަހަރެން އޮތީމެވެ.
"ކޮން ތަނެއް ފެންނަނީ؟" އިރުކޮޅަކު ކިޔަވާފައި މޫސަ އެހިއެވެ.
"ލޯ މެރީމަ ކިހިނެއް ތަނެއް ފެންނާނީ؟" އަހަރެން ބުނީމެވެ. "ބޮޑު އަނދިރިގަނޑެއް ފެންނަނީ."
"ހަމަޖެހިލައިގެން އޮވޭ!" މޫސަ އެދުނެވެ. "އިރުކޮޅަކުން ފެންނާނެ."
އަހަރެން އޮތީ ހޭލައެވެ. މޫސަ ކިޔަވާ އަޑު ސާފުކޮށް އިވެއެވެ. ކުއްލިއަކަށް ވަލުތެރެ ފެންނަން ފެށިއެވެ. ވިލިނގިއްޔަކީ އަހަރެން ފަރިތަ ތަނެކެވެ. ގަސްތައް ފެންނަ އިރަށް އެއީ ކޮން ތަނެއްކަން އަހަރެން ބުނީމެވެ. އެ ތަނުގައި ހުންނަ، އާދަޔާޚިލާފު ނިކަ ގަހުގެ ވާހަކަ ވެސް ބުނީމެވެ.
"ވަރަށް ފަޅުކޮށް އޮތީ،" އަހަރެން ބުނީމެވެ. "މެއްސެއް މަދިރިއެއް ވެސް ނެތް. ގަހުގަ ފާޑެއްގެ ތޮފަޅައެއް އެބަ ހުރި. ގަހުގެ ބިއްދޮށުން ފެންނަނީ ވަލުތެރެ."
"ތޮފަޅަ ކައިރިއަށް ދޭބަލަ!" މޫސަ ބުނި އަޑުއިވުނެވެ.
އަހަރެން ޖެހެނީ އެ ބުނި ތަނަކާ ކައިރިއަށް ދާ ކަމަށް ހީކޮށްލާށެވެ. ދުވާލުގެ ވަގުތެވެ. އަހަރެން މަޑުމަޑުން ކައިރިވީމެވެ.
"އާދަޔާ ހިލާފު އެއްެޗެއް ފެނޭތަ؟" މޫސަ ބުނި އަޑުއިވުނެވެ. "އެއްވެސް އެއްޗެއްގަ އަތްނުލާތި!"
ވަކި ހިސާބަކަށް ކައިރިވި ތަނައި، އެ ތަނުން ފެންނަން ނުވާ ކަހަލަ އެއްޗެއް ފެނުނެވެ.
"އާނ! ފެނިއްޖެ!" އަހަރެން ބުނީމެވެ.
"ކޯޗެއް ފެންނަނީ؟" މޫސަ ސުވާލުކުރިއެވެ.
"ނޭނގެ! ޓެޑީބެއާއެއް ކަހަލަ އެއްޗެއް،" އަހަރެން ބުނީމެވެ. "ބޮލުގަ ވާޖަހައި އެލުވާފަ ހުރީ!"
"އަދި ވެސް ކައިރިއަށް ދޭ!" މޫސަ އެދުނެވެ. "ރަނގަޅަށް ބަލާ!"
ވަރަށް ފަރުވާތެރިކަމާ އެކު އަހަރެން ކައިރިވީމެވެ. ކައިރިވާ ވަރަކަށް އަހަރެންގެ ބޮލުގަ ރިހުން ގަދަވެއެވެ.
"ޓެޑީބެއާއެއް ނޫން!" އަހަރެން ބުނީމެވެ. "ބޮނބިން ހަދާފަހުރި އެއްޗެއް. ހީވަނީ މީހެއްހެން. އެ ބައްޓަމަށް ހަދައިފަ ހުރީ. ރަތްކުލައިގެ ރޮއްޖެއް ނިކަން ބާރަށް ކަރުގަ އޮޅާފަ ހުރީ. ކަޅުކުލައިގެ ރޮއްޖަކުން އެލުވައިފަ ހުރީ. ބޮލަށް އެބަ ހުރި މޮހޮރެއް ހަރާފަ. އެ މޮހޮރުގަ ވާ ޖަހާފަ ހުރީ!"
"ތީ ތި ވާ ގޮތަކީ،" މޫސަ ބުންޏެވެ. "ސިހުރު ހަދަން ބޭނުންކުރާނީ އެ ކަހަލަ ރޮދި. ދެން ކިޔަވާނީ ތިޔަ އެއްޗަށް."
މޫސަ ބިސްމި ކިޔާފައި، އާ ފެށުމަކުން ފެށިއެވެ. އެތައް އިރަކު ކިޔަވާފައި ސުވާލުކުރިއެވެ.
"މިހާރު ކިހިނެއް ވަނީ؟" މޫސަ އެހިއެވެ.
"އޭތި މަޑުމަޑުން އެބަ ފަނޑުވޭ!" އަހަރެން ބުނީމެވެ. "މިހާރު ގެއްލިއްޖެ!"
އެ ހިސާބުން ކިޔަވައިނިމުނެވެ. އަހަރެންގެ ބޮލުގަ ރިހުން އެއްކޮށް ފިލައި، ހަމަނޭވާލެވޭ ވަރުވިއެވެ. މާލެއަށް ދާން ނުކުމެފައި ފުރަތަމަ ދިޔައީ އެ ގަސް ހޯދާށެވެ. ވަރަށް ފަސޭހައިން ގަސް ފެނުނެވެ. އެއީ ވަރަށް ބޮޑު ގަހެކެވެ. ބޮނބިން، މީހެއްހެން ހަދައިފައި ހުރި އެތި އޭރު ވެސް ހުއްޓެވެ. އަހަންނަށް ފާހަގަވި ކަމަކީ، އެ ތަނަށް ދިޔުމުން ވެސް އަހަރެންގެ ބޮލުގަ ރިއްސައިލި ކަމެވެ.
އެ ކަމެއް ހިނގިތާ ހަފުތާއެއް ފަހުން، އަނެއްކާ ވެސް އަހަރެންގެ ބޮލުގަރިއްސަން ފެށިއެވެ. ހަމަ ކުރިން ރިއްސާ ގޮތަށެވެ. ހުކުރުދުވަހު އެކަންޏެވެ. ދެ ހުކުރުގައި އެ ކަމެއް ހިނގުމުން އަނެއްކާ ވެސް މޫސަޔާ ބައްދަލުކުރީމެވެ. ރުގުޔާ ކުރީމެވެ. ފެންނަ މަންޒަރު މޫސައަށް ކިޔައިދިނީމެވެ.
"ހަމަ ކުރިން ފެނުނު ގަސް ފެންނަނީ،" އަހަރެން ބުނީމެވެ. "އެކަމަކު ރޭގަނޑު. ވަރަށް އަނދިރި. އެ ތަނަށް މީހަކު އެބަ ވަދޭ! ވަދެގެން ގޮސް އެއްކަލަ އެއްޗާ އެބަ ކުޅޭ! އޭތި އެބަހުރި އެލުވާފަ. އަނދިރިކަމުން އޭނަ ކުރާ ކަމެއް ނުފެނޭ!"
މޫސަ ބުނި ގޮތުގައި، ސިހުރު ހެދި މީހަކު އަނެއްކާ ވެސް ސިހުރު އާކުރީއެވެ. އެހެނަސް ކާމިޔާބު ލިބޭނީ ހައްގަށެވެ. ބާތިލަކަށް ނޫނެވެ. މޫސަ ކިޔަވަން ފެށިއެވެ. އެތައް އިރަކު ކިޔެވިއެވެ. އެއްވެސް އެއްޗެއް ނުފެނި އިރުކޮޅެއް ދިޔައެވެ. ދެން ފުރަތަމަ ފެނުނީ އަލިކޮޅެކެވެ. ހީވަނީ އަލިފާންކޮޅެއް ހެންނެވެ. އެއީ ކޯޗެއްކަން ސާފުނުވެގެން އެތައް އިރަކު އަހަރެން ވިސްނަން އޮތީމެވެ. މަޑުމަޑުން އަލިވާން ފެށިއެވެ.
"އެއްކަލަ އެތީގަ ރޯވެފަ ހުރީ،" އަހަރެން ބުނީމެވެ. "ވަރަށް ގަދަޔަށް އެބަ އަނދާ!"
"އެ ކަން ދެން އެ ނިމުނީ،" މޫސަ ބުންޏެވެ. "ކުރީ ފަހަރު މިހެން ނުހެދުނީމަ އޭނައަށް ސިހުރު އާކުރެވުނީ. ދެން އެ ކަމުގެ އުނދަގުލެއް ނުޖެހޭނެ."
އެ ވަރަކުން އަހަންނަކަށް ނުފުދުނެވެ. އެއީ ކިހިނެއް ވެގެން، ކާކު އަހަންނަށް ހެދި ސިހުރެއް ހެއްޔެވެ؟
އަހަންނަކީ މީހުނަށް ހަސަދަލާ މީހެއް ނޫނެވެ. ދެރައެއް ދޭ މީހެއް ނޫނެވެ. ބަދުބަހެއްހައި ހިސާބު ވެސް ނުބުނަމެވެ. އަހަރެން ދެކެ ރުޅި އަންނަ މީހަކު ހުރެދާނެ ކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. ތަފުސީލު ކިޔައިދޭކަށް މޫސަ އެއްބަހެއް ނުވިއެވެ. ރުގުޔާއަކީ ފަރުވާއަކަށް ވާތީއެވެ. އެހެނަސް އަހަރެންގެ ގޮތް މޫސައަށް އެނގޭނެއެވެ. ބަދަލުހިފުމާއި ބޭޒާރުކުރުމަކީ އަހަރެންގެ ހުންނަ ސިފައެއް ނޫނެވެ.
"އަހަރެން އުޅެނީ މާލޭގަ. ސިހުރު ތިހިރީ ވިލިނގިލީގެ ވަލުތެރޭގަ ހުރި ގަހެއްގެ ތޮފަޅަ ތެރޭގަ،" އަހަރެން ބުނީމެވެ. "ފެރީއަށް އަރައިގެން އައިސް މި ރަށުގަ ތި ކަން ކުރާނީ އަހަރެން ދެކެ ހާދަ ރުޅިއަންނަ މީހެކޭ! އެ މީހަކު ބޭނުމެއް ނޫން ތި ސިހުރު އެކަކަށް ވެސް ފެންނާކަށް. އަހަރެން ދެކެ އެހާ ރުޅި އަންނަ ކޮން ކަމެއްބާ އަހަންނަށް ކުރެވުނީ؟"
"ބުނާނަން ފަހުން،" މޫސަ ބުންޏެވެ. "ރަނގަޅަށް ބަލާފަތާ ބުނަން ޖެހޭނީ."
އަހަރެން ވަރަށް ގިނަ ގޮތްގޮތަށް ވިސްނީމެވެ. ހިތަށް އެރިއެވެ. އެހެން މީހަކަށް ހެދި ސިހުރެއް އަހަންނަށް ޖެހުނީބާއެވެ؟ ކޮންމެއަކަސް އަހަރެންގެ ބޮލުގަ ރިހުން ހުއްޓުނެވެ. އޭގެ ދެތިން ދުވަހެއް ފަހުން މޫސަ އައިސް އަހަންނަށް ކިޔައިދިނީ ހައިރާންވާ ވަރުގެ ވާހަކައެކެވެ. އެއީ ހަމަ ސީދާ އަހަންނަށް ހެދި ސިހުރެކެވެ. އެ ކަން ކުރީ އެންމެ ހީނުކުރާ މީހާއެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫކޭ
29 July 2025
ހޫން...މިދެން ކަންތަކާ ލައިގަތީ
ވިލިމާލެ
28 July 2025
ވިލިމާލެ ކޮނއތާކު އޮތް ވަލެއްބާ...ވަލެއް އޮތްތަނެއް ނުޏް މީ ނިކަގަހެއް ހުންނާނީ ފަޔާރ ސްޓޭޝަން ކައިރި ދެން ހުނާނީ އެމް ޑަބުޔު އެސްސީ ތެރޭގަ މަ މީ ވިލިމާލެގަ ހޔރިހާ ތާކު ހިނގާމީހެއް
އަޖައިބެއް
28 July 2025
މިތާ ވިލިމާލެގައި އޮންނާނެ ވާގަނޑެއް،....ވާނުވާ ވެގެން ނޫޅެބަލަ
2025
27 July 2025
ތީ ތިސޮރާ އަޅައިގަނެގެން އުޅޭ މަންޖެއެއް ކޮށްލި ސަމާސާއެއް....... ބޮއިހަލަކި
ހަސަނާހާ
27 July 2025
އަސްތާ. ހަގީގީ ހާދިސާ އެކޯ
ފުށްގުޅަ
27 July 2025
ފުރަތަމަ ބައި ވަރަށް ރީތި.. ގުޑްލަކް ބިންބޭ
ޑެބީ
27 July 2025
ބިރުވެރި ވާހަކައެއް ވެއްޖެޔާ މިހާރު އަބަދުވެސް ސިހުރު ހެދުމާއި ރުގުޔާކުރުން. އެހެން ސްޓައިލެއްގެ ބިރުވެރި ވާހަކައެއްވެސް ގެނެސްދީބަލަ.
ސިހުރު
27 July 2025
ހަގީގީ ހާދިސާއެއް ވީމަ އެހެންވާނެ. މިހާރު އެނގޭ ބިރުވެރި ވީމާ ޖެހޭނީ ރުގްޔާ ކުރަން ކަން.
އައްކަޅޭ
27 July 2025
ދީބެއާ މޫސަ ނަންބަރު.!؟
ތެފައާސާ.
28 July 2025
ދީބެއާ އޭ؟ އެއީ ކޯއްޗެއް؟ ޓެޑީ ބެއާގެ ކޮއްކޮތަ؟؟
ބިންބެގެ ބިގެސްޓް ފޭން
27 July 2025
ވާއު.....ވަރަށް ކަމުދޭ ...ތޭންކްސް ބިންބެ