03 އޯގަސްޓް 2025 - 07:07
ފެނަކީ އަޖައިބެކެވެ. އެއާ ނުލައި ނޫޅެވޭނެ ދިރުމެކެވެ. ވަހެއް، ރަހައެއް، ކުލައެއް ނެތެވެ. ކޮންމެ ބައްޓަމެއް ހުރި އެއްޗަކަށް ވެސް ބަރާބަރަށް ފެތެއެވެ. ބަރުދަން ބެލެއެވެ. އަތްލެވެއެވެ. ލޮލަކަށް ނުފެނެއެވެ. ފެންނާނީ އެ އަށް އެޅިފައި ހުންނަ އައްޔެވެ. ރިވެއްޔެވެ. ދަޅައެވެ. ގަސްގަހާގެހީގެ ކާނާއަކީ ފެނެވެ. މަސްމަހާމެހީގެ ދުނިޔެއަކީ ފެނެވެ. ކުދިކަމުން ލޮލަށް ނުފެންނަ އެތައް ދިރުމެއްގެ ގެދޮރަކީ ފެނެވެ. ރޫހާނީ ބިޔަ އެތައް މަހުލޫގުންނެއްގެ ވުޖޫދަކީ ވެސް ފެނެވެ. ފެންމާގަނޑުން ފެން އޮހެނީއެވެ. ރާޅުބާނި ދިގު އިސްތަށިގަނޑުން ފެން އޮހޮރެން ދޫކޮށްލައިގެން، ލޯމަރާލައިގެން، މާގަނޑު ދަށުގައި އަންޖަލް ހުއްޓެވެ. އުމުރުން ބާވީސް އަހަރުގެ އަންޖަލްގެ މާނައަކީ ވެސް އޮހިގެންދާ ފެނެވެ.
އެތައް އަހަރެއް ކުރިން ވެސް، ހަމަ އެ ފަދަ ގޮތަކަށް ލޯ މަރާލައިގެން ޒުވާން އަންހެނަކު ހުއްޓެވެ. އިސްކޮޅުން ދިގު، ރާޅުބާނި އިސްތަށިގަނޑެއްގެ ވެރި ސަމްރަތުއެވެ. އަންޖަލްގެ ނަކަލެކެވެ. އޭނަ ހުރީ އިންޑިޔާގެ ބޯ ޖަންގައްޔެއްގެ ތެރޭގައި ހުރި ފެނާރެއް ދަށުގައެވެ. ފެންވެރުމަށް ޓަކައެވެ. އެއްވެސް ފިކުރެއް ހިޔާލެއް ނެތެވެ. ފަރުބަދައެއްގެ މަތީން ފެންތައް ތިރިޔަށް އޮހެމުން ދިޔައެވެ. އެ ތަނަށް ސަމްރަތު އައި ގޮތާއި، ފެންވެރުމާ ހަމައަށް ދިޔަ ގޮތް އެއީ އަޖައިބެކެވެ.
ކައިވެންޏަށް ފަހު، ސަމްރަތުގެ ދެމަފިރިން އިންޑިޔާއަށް ކުރި ދަތުރުގައި އެ މީހުން ތިބީ ފެނާރާ ކައިރި ގެސްޓު ހައުސްއެއްގައެވެ. ދުވަސްވަރަކީ ތަނުގެ ވިޔަފާރި ވަރަށް ދަށް ދުވަސްވަރެކެވެ. ފަތުރުވެރިންނެއް ނެތެވެ. އެހެން ނޫނަސް، އެ ގެސްޓު ހައުސްއަކީ ފަތުރުވެރިންނަށް އެހައި މަގުބޫލު މަންޒިލެއް ނޫނެވެ. ވަލު ތެރޭގައި ތަން ހުރެފައި، ކައިރި ހިސާބެއްގައި ވެސް ބާޒާރު ކޮށްލާނެ ތަންތަން ނެތީމައެވެ. ގެސްޓު ހައުސްއިން ލިބޭ ހިދުމަތްތައް މަދީމައެވެ. އެ ހިސާބު ބިރުވެރިވެފައި ނާމާނީއެވެ. ތަނުން އިރުއިރުކޮޅާ ކަރަންޓު ކެނޑިފައި، ރޭގަނޑު ޖަންގަލިން އިވޭ ބިރުވެރި އަޑުތައް މާ ގިނައީއެވެ. އެ ތަނުގައި ހިނގާފައި ކަމަށް ބުނާ އަނިޔާވެރި ހާދިސާތައް ވެސް ގިނައީއެވެ. އަނިލްއަށް އެ މަންޒިލު ކަމުދިޔައީ އެހެންވެއެވެ. ހަގީގަތް ބަލައިލަން ބޭނުންވީއެވެ. އެހެނަސް، މާލެއިން ފުރި އިރު ވެސް އަނިލް އެދުނު އެދުމެއް އޮތެވެ. އަނިލްއާ އެކުގައި މެނުވީ ގެސްޓު ހައުސްއިން ސަމްރަތު ނުނިކުތުމެވެ. ކިތަންމެ ކައިރި ތަނަކަށް ދާން ވިޔަސްވެހެވެ. ސަމްރަތު ވަކި ޖަވާބެއް ނުދެއެވެ.
ފެނާރު ބަލައިލުމަށް ޓަކައި، ހަވީރު ވަގުތު ސަމްރަތު އެ ތަނަށް ދިޔައެވެ. ފެންވަރާކަށް ނޫނެވެ. ހާމަކޮށް އޮންނަ ތަންތަނުގައި ފެންވެރުމަކީ ސަމްރަތު ލަދުގަންނަ ކަމެކެވެ. އެހެނަސް، ކޮށްލާ ހިތްވާ އާ ތަޖުރިބާއެކެވެ. ފައިމަގުގައި އެ ތަނަށް ދިޔަ އިރު، ފަހަތުން މީހަކު އަންނަކަން ސަމްރަތުއަށް އެނގެއެވެ. އެއީ ކާކުކަން ވެސް އެނގެއެވެ. ނޭނގޭ ކަމަށް ހެދުނީއެވެ. ސަމްރަތު ސިއްސައިލަން އެ މީހަކަށް ފުރުސަތު ދިނުމަށް ޓަކައެވެ. މާމުއިހަނދުގެ ދުވަސްވަރެވެ. ސިހުނަސް ނުވަތަ އެހެން ކަމެއްވިޔަސް، ޔަގީނުން ވެސް ފަހުން ހިތާމަކުރަންޖެހޭ ވަރުގެ ކަމެއް ނުވާނެއެވެ. ސަމްރަތު ހިތަށް އެރީ އެހެންނެވެ.
ފެނާރު ކައިރިއަށް ހުއްޓިފައި، ސަމްރަތު ގެނައި ކެމެރާއިން ފެނާރު ފޮޓޯނަގަން ފެށިއެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ގަސްތަކުގެ ތެރެއިން އިރުގެ ދޯދިތައް އައިސްފައި ހުރީ ވެސް އެހައިމެ ހިތްގައިމު ގޮތަކަށެވެ. ފެންގަނޑު ވިދައިބަބުޅަމުން ދިޔަ އިރު، ގަހުގެ ފަތްތަކާއި މާތަކުގެ ކުލަ ގަދައެވެ. ދޫންޏެއް ގޮވައިލި އަޑާ އެކުގައި ފަހަތުން ބިރުވެރި އަޑެއް ވެސް އިވުނެވެ. އަނިލް އައިކަން ނޭނގުނު ނަމަ ސަމްރަތުގެ ލޯލިތައް ކޮޅަށްޖެހުނީހެވެ. އެހައި ވެސް ބިރުވެރި އަޑެކެވެ. ދެ ފަހަރަށް އެ އަޑުއިވުމުން ވެސް ސަމްރަތު ގަތް ބިރެއް ނެތެވެ.
"ދެން ނެތްތަ ތިއަށް ވުރެ ބިރުވެރި އަޑެއް؟" ފަހަތް ނުވެސް ބަލައި ސަމްރަތު އެހިއެވެ. "ޓައިގާއެއްގެ އަޑު އިއްވާލަބަލަ! ލަޔަން ވެސް އޯކޭ! އޭރުންތާ އަހަންނަށް ހީވާނީ ދަންނަ އެއްޗެއް އެބަ އާދެޔޭ!"
މިނިކާވަގެއްގެ އަޑުން، މަޑުމަޑުން ގޮވައިލި އަޑުއިވުނެވެ. އެ އަޑު ވަރަށް ވައްތަރެވެ. ހީވީ ހަމަ މިނިކާވަގެއް ކައިރީގައި އޮތްހެންނެވެ.
"މަ ކާނުލައްޗޭ ޓައިގާ!" އެހެން ބުނި އިރު ވެސް ސަމްރަތު ފަހަތެއް ނުބަލައެވެ.
ކުއްލިއަކަށް ސަމްރަތުގެ ފުރަގަހުން ކަނދުރާގައި ހޫނު ނޭވައެއް ބީހިލިހެން ހީވިއެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ.
"އަހަރެން ބޭނުން ކާލަން،" ވައި އަޑުން އަނިލް ބުންޏެވެ. "ހެޔޮތަ؟"
"ވިސްނާލާ!" ދެން ވެސް ފަހަތް ނުބަލައި ސަމްރަތު ބުންޏެވެ. "ވިހަވެދާނެ."
ސަމްރަތު މަސައްކަތްކުރީ ތަނުގެ ފޮޓޯއެއް ނެގޭތޯއެވެ. އަނިލްގެ ކުދި ސަމާސާތަކާއި އުންޗުކުލިތައް އޭގެ ސަތަހަ ގިރާކުރަން ފެށިއެވެ. ތަނުގެ ހާމަކަމުން ބިރުގެންފައި، އިންކާރު ކުރަން ބޭނުންވި ނަމަވެސް، ސަމްރަތުގެ ދޫ އުޒުރުވެރިވިއެވެ. އެއީ މުޅީން އާ ތަޖުރިބާއެކެވެ. އެއްކޮޅުން ގައި ތޮރުފައިލާ ފަދަ ފިނި ފެނެކެވެ. އަނެއްކޮޅުން ހިތުގައި ހުޅުހިފާ ފަދަ ހޫނު އަލިފާނެކެވެ.
"ދުވަހަކު ވެސް ހީކުރިންތަ އަހަރުމެން ވޯޓާފޯލަކުން ފެންވަރާނޭ؟" ފެންވަރަމުން އަނިލް ސުވާލުކުރިއެވެ.
"ނުކުރަން!" ސަމްރަތު ބުންޏެވެ. "އެކަމަކު ހިތަށް އަރާ ކޮން ދުވަހަކުންބާއޭ ވޯޓާފޯލަކުން ފެންވަރާލެވޭނީ. އަދި ވެސް ޔަގީނެއް ނޫން މީ އަހަރެން ކަމެއް. މި ކަހަލަ ތަނެއްގަ އަހަރެން މިހެން ފެންވަރާކަށް ނުހުންނާނެ."
"އަހަރެން ވެސް މީ އަހަންނެއް ނޫން!" އަނިލް ބުނި އަޑުއިވުނެވެ. "އެނގޭތަ؟ އަހަންނަކީ ފެނުގެ މީހެކޭ!" އަނިލް އެހެން ބުނި ސަބަބު ސަމްރަތަށް އެނގެއެވެ. އަނިލްގެ ރާއްސަކީ ސްކޯޕިއޯއެވެ. އެހެން ކަމެއް ވެސް ސަމްރަތަށް ފާހަގަވިއެވެ. ފެނާރު ކައިރިއަށް އައި ހިސާބުން އަނިލް މުޅީން ވެސް ހުންނަނީ ސަމްރަތުގެ ފުރަގަހުގައެވެ. ކުރިމައްޗަށް އެރުނަސް، އަވަހަށް ފުރަގަހަށް ވަދެއެވެ. އެއީ ކުރިން އަނިލް އުޅޭ ގޮތެއް ނޫނެވެ. އަނިލްއަކީ ވަރަށް ސަމާސާކުރާ މީހެކެވެ. އެހެނަސް، އެ ގޮތަށް ފިލަފިލައިގެނެއް ނޫޅޭނެއެވެ.
"ކީއްވެގެންތަ އަހަންނަށް ތި ފިލަނީ؟" ސަމްރަތު އެހިއެވެ.
ޖަވާބެއް ނުލިބިގެން ބަލައިލި އިރު ފެނުނީ އަނިލް ދާ ތަނެވެ. އޭނަ ހުރީ ހުސްފައިގައެވެ. ތަނަކީ ގާ ގިނަ، އަޑިގުޑަން ބޮޑު ތަނެކެވެ. ހުސްފައިގައި ހިނގަން ފަސޭހަވާނީ ކާކަށް ހެއްޔެވެ؟ ސަމްރަތު ހިތަށް އެރީ އެހެންނެވެ.
"ކޮން ތާކަށް ތި ދަނީ؟" ސަމްރަތު ގޮވައިލިއެވެ.
"އަންނާނަން ތުވާލި ހިފައިގެން." އަނިލް ބުންޏެވެ.
ސަމްރަތު ފެންވަރައި ނިމިގެން ހިކި، ގެސްޓު ހައުސްއަށް ދާން ހިނގައިގަތް އިރު ވެސް އަނިލްއެއް ނާދެއެވެ.
ގެސްޓު ހައުސްއަށް ގޮސް ކޮޓަރިއަށް ވަން އިރު އަނިލް އޮތީ ނިދައިފައެވެ.
"މީ ރަނގަޅު މީހެއް،" ސަމްރަތު ބުންޏެވެ. "މަ ހުރެހުރެ މީނަގެ ހަބަރެއް ނުވި."
ސަމްރަތުގެ އަޑަށް އަނިލް ހޭލިއެވެ. ކުރިން ދެއްކި ވާހަކައެއް އަނިލްއަކަށް ނީވެއެވެ.
"ޖައްސައިލި ތަނާ ނިދުނީ!" އަނިލް ބުންޏެވެ. "ހިނގާ ސައިބޯން! ވަރަށް ބަނޑުހައިވެއްޖެ! ކޮން ތާކުން ސަމްރަތު ތި އައީ؟"
"އެއްވެސް މަޖައެއް ނޫން!" ސަމްރަތު އެހެން ބުނަމުން ފާހާނައަށް ވަނެވެ.
އެ ދުވަހު އިރުއޮއްސުނު ފަހުން ސަމްރަތަށް ހޫނުވާން ފެށިއެވެ. އިންޑިޔާގެ މޫސުން ވަރަށް ފިންޏެއް ނޫނެވެ. އެހެނަސް އެއްވެސް ވަރަކަށް ހޫނެއް ނޫނެވެ. އޭގެ ކުރިން ވެސް ސަމްރަތު ހޫނުވާތީއެއް ނޫޅެއެވެ. ކޮޓަރިއަށް އައިސް އޭސީ އެންމެ ފިނިކޮށްލުމުން އަނިލް ފިނިވެގެން ރަޖާއަޅާ އިރު ވެސް ސަމްރަތަކަށް މާ ބޮޑު ފިންޏެއް ނުވެއެވެ.
ރޭގަނޑު ނިދަން އުޅެއުޅެ ނުއެއް ނިދުނެވެ. ނިންޖެއް ނެތެވެ. ސަމްރަތުގެ ކެއުން ބަދަލުވިއެވެ. ގަސްގަހުގައި އަޅާ އެއްވެސް އެއްޗެއް ކާހިތެއް ނުވެއެވެ. ކާން ޖެހުނީމައި ކައެވެ. އާންމުކޮށް ކަނީ މަހެވެ. މޫދާއި ކޯރުމަހެވެ. ފެން ނޫން އެއްޗެއް ބޯ ހިތެއް ނުވެއެވެ. ކުރިޔަށް ވުރެ އެތައް ގުނައެއް ގިނައިން ފެންބޮވެއެވެ. އެ ވަރަކަށް ފާހާނައަށް ދާކަށް ނުޖެހެއެވެ. ކޮންމެ ދުވަހަކު ފެނާރު ކައިރިއަށް ދާން ބޭނުންވެއެވެ. އެ ތަނުން ފެންވެރުން އާދައަކަށް ވިއެވެ. ސަމްރަތުގެ ވާހަކަ ދެއްކުން ވަރަށް މަދުވިއެވެ. ބައެއް ދުވަސްދުވަހު ގެއްލެއެވެ. ފެނުނީމައި ބުނަނީ ހިނގައިލަން ދިޔައީ ކަމުގައެވެ. އެކަނި ދާތީ އަނިލް ވަރަށް ޝަކުވާ ކުރެއެވެ. އެއަކަށް ސަމްރަތު ޖަވާބެއް ނުދެއެވެ.
އަންޖަލްއަކީ ސަމްރަތާއި އަނިލްގެ ފުރަތަމަ ދަރިފުޅެވެ. އިތުރު ދެ އަންހެންކުދިން ތިބެއެވެ. އެ ދެ ކުދީންނާއި އަންޖަލް ހާސްބައި ތަފާތެވެ. ރީތިކަމާއި، ކެއުންބުއިމާއި، ހެދުން އެޅުމާއި، މިޒާޖަށް ބެލިޔަސްވެހެވެ. ސިފައިގެ އެންމެ ބޮޑު ތަފާތަކީ އަންޖަލްގެ ދަތްދޮޅީގެ އަޑިކޮޅެވެ. ހަގު ދެ ކުދިންނަކީ ފެންވަރާ ހިތްވާ ކުދިންނެއް ނޫނެވެ. އަންޖަލް ފެންވަރަން ވަދެއްޖެއްޔާ ނެރެން ޖެހޭނީ ގަދަކަމުންނެވެ. އެއީ މާމަގެ ޒިންމާއެކެވެ. މާމަ ދެކެ އަންޖަލް ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. މަންމަ ނިޔާވުމުން އަންޖަލް ތަރުބިއްޔަތު ކުރީ މާމައެވެ. ލޮލަށް ވެއްޓުނު ކުނިކޮޅެއް ހެންނެވެ. އަންޖަލްއާ އެހެން ކުދިންނާ ތަފާތު ކުރާކަމާއި، އަންޖަލް ދެކެ މާމަ ވަނީ ކަނުލޯބިކަން އެއީ ސިއްރެއް ނޫނެވެ. ސަބަބު ނޭނގިގެން އުޅޭ މީހަކު ވެސް ނޫޅެއެވެ. މާމަގެ ލޯބިވާ ދަރިފުޅު ސަމްރަތާއި އަންޖަލް ވައްތަރު ކަމުންނެވެ. އެހެނަސް، ބައްޕަގެ އެއްވެސް ސިފައެއް އަންޖަލްގެ ނެތެވެ.
ބައްޕަގެ ކަޅިރަވަ ކަޅެވެ. އަންޖަލްގެ ގަދަ މުށިކުލައިގެން ކަޅިރަވަ ރީތިވެފައި، ބަލައިލި ކޮންމެ މީހެއްގެ ހިތް ޖެހޭނީ ދޭށެވެ. އެ ނޫން ގޮތެއް ނޯވެއެވެ. ބަދަލުގައި އަންޖަލްގެ ހިތެއް ނުލިބެއެވެ. ނުވެސް އަތުލެވެއެވެ. އެ ކަމާ އުޅެ ވަރުބަލިވި މީހުންގެ ލިސްޓު ގުނުން އަންޖަލް ހުއްޓައިލައިފިއެވެ. މާ ގިނައީއެވެ. ކޮންމެ މީހަކު ވެސް ބުނެއެވެ. އަންޖަލްއަކީ ހާދަ ތަފާތު ކުއްޖެކެވެ.
"ދަރިފުޅާ އަންޖޫ!" ގެއަށް ވަދެފައި ނިޒާރު ގޮވައިލިއެވެ. "އަވަހަށް ދަތުރު ހަދާ! މާދަމާ ހެނދުނު ޖެހޭނެ ފުރަން."
ދުލުން ފާޅުނުކުރިއެއް ކަމަކު ނިޒާރު ވެސް އެންމެ ލޯބިވާ ކާފަ ދަރިޔަކީ އަންޖަލްއެވެ.
"ކޮން ތާކަށް ދަނީ ކާފާ؟" އަންޖަލް އެހިއެވެ. "ފަޅު ރަށަކަށްތަ؟"
"ކުރެންދޫއަށް،" ނިޒާރު ބުންޏެވެ. "އެ ތަނުން މާފިލާފުށްޓަށް. އެއީ ފަޅުރަށެއް. މި ފަހަރު ފަޅުރަށަކަށް ދެވޭނެ."
ކާފައަކަސް ނިޒާރަކީ މުރާލި މީހެކެވެ. އަތްފައިގައި ބާރުހުރެއެވެ. ރައްޓެހީން ގިނައެވެ. އެ ދަތުރަކީ ސީދާ އަންޖަލްއަށް ޓަކައި ރޭވި ދަތުރެކެވެ. ކުރެންދޫއަކީ ކުޑަ ރަށެކެވެ. ޖަންގައްޔެއް ނޯވެއެވެ. ހެނދުނު ދިހަގަޑި ބައިވާން އުޅެނިކޮށް ކުރެންދޫއަށް ދެވުނެވެ. ތިބެން ހަމަޖެހިފައިވާ ގެއަށް ގޮސް ހަމަޖެހިލާފައި ބަލައިލި އިރު އަންޖަލްއެއް ނެތެވެ. މުޅި ގެ ހޯދިއެވެ. ހިސާބުގަނޑު ވެސް ހޯދިއެވެ. އަންޖަލް ގެއްލުނީއެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޒީ
03 August 2025
އޭ މިތާނގަ އުޅޭ ޑެބީ ކޮބާ؟
ފީރޯޒް ކަމަނާ
04 August 2025
މިދަތުރުގައި ހިންނަވަރަށްވެސް ޖައްސައިލައްޗޭ
މަބުނީ
03 August 2025
ފޮޓޯ ގައި އިން ކުއްޖާ އަށް ވ. ހިތް ކިޔައިފި.. އަި އޭއައި އަކަސް ކޮމްމެ އެއްޗަކަސް..
ޖަލީލީ
03 August 2025
ހމމ ބިންމާބޭގެ ވާހަކަތަކާ ލައިކް ނުވަންޔާ ނަދީމްގެ ވާހަކަތަށް ކިޔަން ދޭބަލަ. އަހަނަށް ހަމަ އެއްވަނަ ބިންމާބެގެ ވާހަކަތަށް. ކިޔަކިޔާ ފޫހިނުވޭ.
ސަހަރޯހީވޭ
03 August 2025
އަޖައިބެއް ބިރުވެރި ވާހަކައިގަ ހުންނަންވީ މާކަނާއަކާ މީދަލެއްތަ؟؟؟ ހަހަހަހަހަހ
ކކކކ
03 August 2025
ފެށުން ސަޅި. ކުރިއަށް އޮތް ބައިތައް ހާސަރު ބޮނޑިޢަކަށް ނުހަދާނެ ކަމަށް އުއްމީދު ކުރަން.
ބޯގޯސްް
03 August 2025
ބިންމާގެ މިހާރުގެ ކޮންމެ ވާހަކައެއްގައި ރޫހާނީ ފުރޭތަ ޝައިތޯނު ސިހުރު ނޫން އެއްޗެއް ނޯވޭ. މިވާހަކައިގާވެސް ދެންއަންނާނީ ސިހުރުގެބައި.
ގޯސްބޯ
03 August 2025
އެހެނެއް ނުވާނެ. އެތައް ދުވަހެއް ފަހުން ބިރުވެރި ވަހަކައެއް މިއޮތީ ގެނެސްދީފަ. ރީއްޗައް ބުނެބަލަ ބިރުގަންނަނީއޭ. ހޫނނނނނ...
ކަންވާރު
03 August 2025
އޮޅިފައިއޮތް ކަންވާރު ބޮޅަކަށް ނުވެއްޖެއްޔާ ރަނގަޅު.