06 އޯގަސްޓް 2025 - 07:27
(އާދިއްތަ ދުވަހާ ގުޅޭ)
އަންޖަލް ގެއްލުނީއެވެ. އިސާހިތަކު މުޅި ރަށަށް އެ ވާހަކަ ފެތުރި، އަންޖަލް ހޯދުމަށް ޓަކައި ރަށު އެންމެން ނުކުތެވެ. ފުލުހުން ވެސް އައެވެ. ރަށް ކުޑަވެފައި، ގަސް މަދުކަމުން ރަށް ދެ ފަހަރު ބަލައި ނިންމައިލަން ވެސް އެހައި ގިނަ އިރެއް ނުނެގިއެވެ. އަންޖަލްއެއް ނުފެނުނެވެ. ކޮންމެ މީހެއްގެ ވެސް ފުރަތަމަ ސުވާލަކީ، އަންޖަލް ގެއްލުނުކަން އެނގުނީ ކިހިނެއް ހެއްޔެވެ؟
ދަތުރުގައި އާއިލާގެ އެންމެން ބައިވެރިވިއެވެ. ރަށަށް އެރި ގޮތަށް އެންމެން ދިޔައީ ގެއަށެވެ. އޭރު އަންޖަލް ހުރީ މުހުސިނާ ކައިރީގައެވެ. ނިޒާރު އުޅުނީ އެހެން މައްސަލައެއް ހައްލު ނުވެގެންނެވެ. ކޮންމެހެން ގެންނަން ޖެހޭ އެއް ފޮށިގަނޑު ނުގެނެވެއެވެ. އަބަދުވެސް ނުގެނެވޭނީ އެންމެ މުހިންމު ފޮށިގަނޑެވެ. އެ ފޮށިގަނޑު ހުރީ މާލޭގައެވެ. ޕިކަޕަށް ނުވެސް އެރުވެއެވެ. މަސްދަޅާއި ނޫޑުލްސް އާއި ސައިފަތް ވެސް ހުރީ އެ ފޮށީގައެވެ. ފޯނުން މީހަކާ ގުޅައިގެން، ފޮށިގަނޑު ގެނެވޭތޯ ނިޒާރު މަސައްކަތްކުރި އިރު، ސާމާނުތައް ހިފައިގެން އެހެން މީހުން ގެއަށް ވަންނަނީއެވެ. ހުރިހައި ކަމެއް ގޯސްވީ އެ ހިސާބުންނެވެ. ދެން ކޮންމެ މީހަކަށް ވެސް އުޅެވުނީ އެ މީހެއްގެ ކަމަކައިގެންނެވެ.
މުހުސިނާ ވަނީ ފާހާނަޔަށެވެ. ކުދީން ވެސް ދިޔައީ އެކި ދިމާއަށެވެ. ޖޭމުގަހެއް ފެނިގެން އެ ދިމާއަށް އެކަކު ދިޔައިއްޔާ، ދާގަނޑުކެކުރިވެލެއް ފެނިގެން އަނެކަކަށް ދެވުނީ އެ ދިމާއަށެވެ. އަތިރިމައްޗަށް ދިޔަ ދެ ކުދިންގެ ތެރޭގައި އަންޖަލް ހިމެނެއެވެ. އަންޖަލްގެ އެއްބަނޑުއެއްބަފާ ތިންބެއިންގެ ތެރެއިން، ވިހި އަހަރުގެ ޝާފިޔާ ރިނދަލި ހޮވަން ގުދުވި ވަގުތު އަންޖަލް އެހެން ދިމާއަކަށް ދިޔަކަން އެނގެއެވެ. ދިޔަ ދިމާއެއް، ސަބަބެއް ޝާފިޔާއަކަށް ނޭނގެއެވެ. އޭގެ ގަޑިއެއްހައި އިރު ފަހުން އެންމެނަށް އެއްތަންވެވުނު އިރު އަންޖަލްއެއް ނެތެވެ. އެ ކަން އެނގުނީ، އޭގެ ވެސް ތިރީހަކަށް މިނެޓު ފަހުން އެ ތަނަށް ނިޒާރުއަށް އާދެވުމުންނެވެ. ފުރަތަމަ ވެސް ނިޒާރު ބަލައިލީ އަންޖަލް ކޮބައިތޯއެވެ. އެންމެ ލޯބިވާ ކާފަދަރިފުޅު ނުފެންނަނީސް ނިޒާރުގެ ލޮލަކަށް ފިނި ކަމެއް ނުލިބެއެވެ.
"އަންޖޫ ކޮބާ؟" މުހުސިނާ ގާތުގައި ނިޒާރު އެހިއެވެ.
މުހުސިނާ އުޅުނީ ބަދިގޭގައެވެ. ކުދިން ކާނެ އެއްޗެއް ހަމަޖެއްސުމުގައެވެ.
"އުޅޭނެ!" މުހުސިނާ ބުންޏެވެ.
ނިޒާރު އެކި ކުދިން ގާތުގައި ވަކިވަކީން އެހުމުން ވެސް އަންޖަލް ވީ ތަނެއް އެނގޭ ކުއްޖަކާ ދިމައެއް ނުވިއެވެ. އެންމެންގެ ސަމާލުކަމަށް އެ ކަން އައި ހިސާބަކީ އެއީއެވެ. މުހުސިނާ ރޯން ފެށިއެވެ. އެހެން ކުދިން ދެން ގެއިން ނުވެސް ނުކުމެއެވެ. މުޅި ދަތުރަށް އެ ހިސާބުން ހިޔަނިއެޅުނެވެ.
އިރުއޮއްސެން ކައިރިވަމުންއައި އިރު ވެސް އަންޖަލްއެއް ނުފެނެއެވެ. ފަޅުތެރެ އާއި ރަށުތެރޭގައި އަތްފުނާއެޅުން ހުއްޓައެއް ނުލައެވެ. އިތުރަށް ބަލާނެ ތަނެއް ނެތެވެ. ކުޑަމިނުން އަންޖަލްގެ ފައިވާންކިބައެއްހައި ހިސާބު ވެސް ނުފެނުނެވެ. އެކަމަކު ޔޯލަ ޚަބަރުތައް އިރުއިރުކޮޅާ އާދެއެވެ. އަންޖަލްއާ ވައްތަރު ކުއްޖަކު އެވެނި ދިމާއަކުން ދަނިކޮށް ފެނުނެވެ. މިވެނި ތަނެއްގައި އެ ކުއްޖާ ހުއްޓައި ދުށީމެވެ. އެ ތަނަކަށް ދާ އިރަކު އެކަކު ވެސް ނުހުރެއެވެ.
އަނދިރިވިއެވެ. އަންޖަލްގެ މާމަ އާއި ކާފަގެ އަރަކުން އެއްޗެއް ނުދިރެއެވެ. އެކަކުއަނެކެއްގެ ބޮލުގައި ތުހުމަތު އަޅުވަން ފެށުނެވެ. ރަށަށް އެރި ގޮތަށް ނިޒާރު އުޅުނީ ފޮށިގަނޑެއް ނުގެނެވިގެންނެވެ. ނޫނެކެވެ. މުހުސިނާ ކުދިން ދޫކޮށްލާފައި ފާހާނަޔަށް ވަންނަންވީ ކީއްކުރަން ހެއްޔެވެ؟ ދެން އެއްޗެހި ކިޔަން ފެށުނީ އަނިލްއަށެވެ. ތިން ކުދިންގެ ބައްޕަޔަށެވެ. ސަމްރަތު ވަރިކޮށްލާފައި ދިޔައީމައި އަނިލްއަށް ނިމުނީއެވެ. ކުދިން އުޅެނީ ކޮން ހާލެއްގައިތޯ ވެސް އަނިލް ބަލައެއް ނުލައެވެ. އަނިލްއަކީ އެއް އިރެއްގައި ވެސް މުހުސިނާއަށް ކަމުދިޔަ މީހެއް ނޫނެވެ. އެ ކައިވެންޏަށް ރުހުން ދިނީ ނިޒާރެވެ. ދެން ވާހަކަ ދިޔައީ އެ ދިމާއަށެވެ. އެ ވަގުތާ ނުވެސް ގުޅޭ، ބޭކާރު ދިމާއަކަށެވެ.
"އަންޖަލް ފެނިއްޖެ!" ރޭގަނޑު އަށެއް ޖަހަން އުޅެނިކޮށް ނިޒާރަށް ޚަބަރު ލިބުނެވެ.
އެއީ ޚަބަރުގެ އުފާވެރި ތަންކޮޅެވެ. ދިރި ހުރިކަން އެނގުނީތީއެވެ. ހިތާމަވެރި ތަންކޮޅަކީ، ފެނިފައި ގެއްލުނު ކަމެވެ. ފުލުހުންގެ މޭމަތީގައި ހަރުކޮށްފައި ހުންނަ ކެމެރާ ޖައްސައިގެން އުޅުނީތީ، ކެމެރާއަށް އަންޖަލް އެރިއެވެ. ފެނުނީ ރުއްގަނޑެއް ތެރެއިންނެވެ. ޓޯޗުން އަލި އެޅުނީ އަންޖަލްގެ ކޮނޑަށެވެ. ފުރަގަހުންނެވެ. އަލުން އެ ދިމާއަށް އަލިކޮށްލި އިރު އަންޖަލްއެއް ނެތެވެ. އެހެނަސް މަންޒަރު ރިކޯޑު ކުރެވިފައިވާތީ، އެއީ އަންޖަލްކަން ސަތޭކަ ޕަސަންޓު ކަށަވަރުވާ ވަރުވެއެވެ. އެ ރުއްގަނޑަށް އެތައް ބަޔަކު އައިސް ހޯދިއެވެ. ނުފެނުނެވެ.
ނޫސްތަކަށް އެ ޚަބަރު އައުމާ އެކު އެކި ކަހަލަ ވާހަކަތައް ފެތުރިގަތެވެ. އަންޖަލް ހަންޑިއަވަލެވީއެވެ. ޖިންނި ގެންދިޔައީއެވެ. ކުޑައިރުއްސުރެ ވެސް އަންޖަލްއަކީ ތަފާތު ކުއްޖެކެވެ. އޭނަގެ ލޮލަށް ބަލައިފިއްޔާ ފާޑެއްގެ ގޮތެއް ވެއެވެ. އަންޖަލްގެ އާއިލާ އެނގޭ މީހުން ފުނަށް ފީނައި، ތާރިހުގެ ފަތްފުށްތަކާއި މާޒީ ނިއުޅައި ހެދިއެވެ.
ޖެހިގެން އައި ދުވަހުގެ ނޫސްތަކުގެ ތެރެއިން އެއް ނޫހަކުން، އާދަޔާ ހިލާފު ރިޕޯޓެއް ކިޔާލަން ލިބުނެވެ. އަންޖަލްގެ މަންމަ ސަމްރަތަކީ ވެސް ގެއްލިފައި ފެނުނު މީހެކެވެ. ނިޒާރަށް އެ ރިޕޯޓު ފެނުނެވެ. އެއީ ކިހައި ބޮޑު ހަގީގަތެއްކަން ނިޒާރަށް އެނގެއެވެ. އެ ހާދިސާ އާއި އެ ޒަމާން ނިޒާރުގެ ހަނދާންތައް ތާޒާކޮށްލިއެވެ.
އެއީ ނަވާރަ ސަތޭކަ އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ރަށަކީ މާލެއެވެ. އެ ދުވަސްވަރު މާލޭގެ ގޭގޭގައި ވަރަށް ބިޔަ ގަސްތައް ހުރެއެވެ. ގޭގޭގެ ފާރުގެ ކަން ހުންނަނީ ވަށްނުކޮށެވެ. ގިނަ މީހުން އުޅެނީ ބައިސްކަލުގައެވެ. ރޭގަނޑުވުމުން ވަރަށް އަވަހަށް މީހުން ނިދައެވެ. ދަންވަރު ބާރައިގެ ފަހުން ބޭރުގައި އުޅޭ ނަމަ ހުއްޓުވައިފައި ސިފައިން ސުވާލުކުރެއެވެ. ވީމާ، މަގުތައް ހަމަހިމޭންވެފައި ފަޅެވެ. ބައިސްކަލެއްގެ ރަނގަބީލުގެ އަޑު ނޫނީ ނީވެއެވެ.
ގޭގޭގައި ބޮޑެތި ގަސްތައް ހުރެއެވެ. ރުކާއި ބަނބުކެޔޮގަހާއި އަނބުގަސް ހުރެއެވެ. ގަސް ކައިރީގައި ވެލިފުންޏަކާއި ގާފުންޏަކާއި ދަރުފުންޏެއް ހުރެއެވެ. ބައެއް ގޭގޭގައި އެ ތިން ފުނީގެ އިތުރަށް، އުވަފުންޏެއް ވެސް އޮންނާނެއެވެ. ކުކުޅުކޮށްޓަކާއި މުސަޅުކޮށްޓަކާއި ކޮތަރުކޮށްޓެއް ނުވަތަ އޭގެ ތެރެއިން ކޮންމެވެސް އެއް ކޮށްޓެއް ހުރުމަކީ ވެސް އާންމު ކަމެކެވެ. ގޯތީގައި ބޮޑުވާނީ މީހުން ނޫޅޭ ބައެވެ. ފާހާނައިގެ ބަދަލުގައި ހުންނަނީ ބޮޑެތި ގިފިއްޔެވެ. ގެފިލީގައި ގަސް ގިނަވެފައި ހުންނާނީ ވަޅެވެ. އަލިކުރަން ހުންނާނީ ފަސް ވޯޓުގެ ބޮތްކެކެވެ. ބަދިގެ ވެސް ހުންނާނީ ގެއާ ވަކީންނެވެ. ގޯތިތެރޭގައި ރޭގަނޑު އެއްވެސް އަލިކަމެއް ނޯވެއެވެ. އެއީ، ބައްޔެއް ވުމުން ބޭހުގެ ބަދަލުގައި ފަންޑިތަ މާ ރަނގަޅުކަމުގައި ދުށް ޒަމާނެވެ. މުލައްދަނޑި ނުވަތަ އުނަގަނޑުގައި ތަވީދެއް އޮތުމަކީ އާންމު ކަމެކެވެ. ފުޓުބޯޅަ މުބާރާތުގެ ދުވަސްވަރަކީ ފަންޑިތަވެރީންގެ އަތްމަތި ތިޔާގިވާ މޫސުމެކެވެ. ރާއްޖޭގެ ކަންކޮޅުތަކުން މޮޅެތި ފަންޑިތަވެރިން މާލެ އައިސް، އެ މީހުންގެ ހުނަރު ދައްކާނެއެވެ. އެ މީހުން ބޯޅަދަނޑަށް ވަދޭތޯ ފާރަލާން ވެސް ބަޔަކު ތިބޭނެއެވެ.
ގެއަކީ، މައްޗަންގޮޅީގެ ގެއެކެވެ. ގޭގައި ބޮޑު އަނބުގަހެއް ހުރެއެވެ. ގޭގެ ފާރުތަކަށާއި އެ ތަންމިތަނުގައި އޮންނަނީ ފާޑުފާޑުގެ ވެޔޮތައް އަރުވައިފައެވެ. ގިނަ ތަރުކާރީ އެ ގެއިން ލިބެން ހުރެއެވެ. ސަމްރަތު އުޅުނީ އެ ގޭގައެވެ. އިސްކޮޅުން ދިގު، ހިމަތޮޅި، ރާޅުބާނި އިސްތަށިގަނޑެއްގެ ވެރި ސަމްރަތުއަކީ، ވަރަށް މަޑުމަޑުން ހުންނަ ކުއްޖެކެވެ. ސަކަރާތްޖަހައި، ތަންތަނަށް އެރުމަކީ ސަމްރަތު ކުރާ ކަމެއް ނޫނެވެ.
ކައިވެންޏަކީ ކޯޗެއްކަން އެނގުނު އިރު ސަމްރަތަށް ތިން ދަރިން ލިބިއްޖެއެވެ. އަންޖަލް އާއި ދިމްނާ އާއި ޝާފިޔާއެވެ. ސަމްރަތު އަނިލްއާ ދެވީ ބައްޕަ ނިޒާރެވެ. މަންމަ މުހުސިނާއަކީ އަނިލްއަށް ރުހުންދިން މީހެއް ނޫނެވެ. ބަސްއެހުމާއި ދަރީން ތަރުބިއްޔަތުކުރުމުގައި ވެސް ސަމްރަތުއަކީ ނަމޫނާއެކެވެ. އަނިލް ގިނައިން އުޅެނީ ވަޒީފާގައި، ގެއިން ބޭރުގައެވެ. ސަމްރަތުގެ މަޑުމައިތިރިކަމަކީ ރަނގަޅު ސިފައެއް ނަމަވެސް އޭނަގެ ބަސްމަދުކަމާއި އެކަހެރިކަން އެހެން މީހުން ހައިރާން ކުރުވާ ހިސާބަށް ދެއެވެ. ކައިވެނީގެ ފަހުން ރާއްޖެތެރެއަށް ކުރި ދަތުރެއްގައި ސަމްރަތު ގެއްލިފައި ފެނުނު ހިސާބުން، ވީހައި ވެސް ގާތުން ސަމްރަތު ބެލެހެއްޓުމަކީ އެންމެން ވެސް ސަމާލުކަންދިން ކަމެކެވެ.
ސަމްރަތު ގެއްލުނީ މެންދުރަކުއެވެ. އަނެއް ދުވަހު މެންދުރު ފެނުނެވެ. ރަށު ވަލުތެރޭގެ، ކުރިން ބެލި ގަސްތަކެއްގެ ތެރޭގައި އިށީނދެލައިގެން އިންދައެވެ. ފެނުނު އިރު ސަމްރަތު އިނީ ފެންބޮވާފައެއް ނޫނެވެ. ބަނޑުހައިވެފައެއް ވެސް ނޫނެވެ. ހާސްވެ، ކަންބޮޑުވެފައެއް ވެސް ނޫނެވެ. ވީ ގޮތް އޮޅުންފިލުވަން އެތައް ސުވާލެއް ސަމްރަތާ ކުރިމަތި ކުރިއެވެ. ބަސްމަދު ސަމްރަތުގެ ޖަވާބު ވަރަށް ކުރެވެ. މެންދުރުއްސުރެ ސަމްރަތު އެ ތަނުގައި އިށީނދެލައިގެން އިނީއެވެ. އެ ތަނުގައި އުޅުނު ރީތީ ދޫނިތަކެއް ބަލާށެވެ. ކުރިން ނުދެކޭ، އެކި ކުލަކުލައިގެ ދޫނިތައް ސަމްރަތާ ވަރަށް ރައްޓެއްސެވެ. މީހުންތައް އަންނަން ފެށުމުން ދޫނިތައް އުދުހިގެން ދިޔައީއެވެ.
އޭގެ ފަހުން ސަމްރަތުގެ މިޒާޖަށް ބޮޑު ބަދަލުތަކެއް އައެވެ. ގޯތިތެރޭގައި ހުންނަ ޖޯލިފަތީގައި، އިރާކޮޅު، އެކަނިމާއެކަނި އޮވެދާނެއެވެ. ސަމްރަތު ގެއްލިގެން ހޯދަމުން ދަނިކޮށް، ގިފިލީ ވަޅުގެ ތުންފަތް މަތީގައި އިށީނދެގެން އިންދާ ފެނިދާނެއެވެ. ރޭގަނޑުގެ ވަގުތުގައި އެކަނިމާއެކަންޏެވެ. ސަމްރަތުގެ ކޮޓަރި ގޭގެ އެންމެ އެތެރޭގައި ހުރެފައި، ގިފިއްޔަށް ދާން އެހެން ކޮޓަރިތައް ހުރަސްކުރަންޖެހޭ އިރު ވެސް، މީހަކަށް ނުފެނި ސަމްރަތު ގިފިއްޔަށް ދަނީ ކިހިނެއް ހެއްޔެވެ؟ ސަމްރަތު ގާތުގައި އަހައިފި ނަމަ އޭނަ ބުނަނީ، ހަމަ ހިނގައިލާފައި ދިޔައީ ކަމުގައެވެ. އެ ނޫން އެއްޗެއް ނުބުނެއެވެ.
އެކަނި ގިފިލީގައި އިންނަން ސަމްރަތު ބިރު ނުގަންނަ އިރު، އެނދުމައްޗަށް ކޮޅަށް އަރަން އޭނަ ވަރަށް ބިރު ގަނެއެވެ. އެނދު އެކަންޏެއް ނޫނެވެ. މަގުމަތިން ސޭލާ ދާ އިރު އެ ބަލަން އެހެން ކުދިން ޖޯއްޔަށް އަރައި، ފާރުމަތިން ބޯދީގެން ތިބޭ އިރު އެ ޖޯއްޔަށް އަރާކަށް ވެސް ސަމްރަތަކަށް ނުކެރެއެވެ. އޭނަ ހުންނަނީ ދޮރާށި ކައިރީގައެވެ.
ސަމްރަތުގެ މިޒާޖަށް އަންނަން ފެށި ބަދަލު އަނިލްއަކަށް ކަމަކު ނުދިޔައެވެ. އަނިލްގެ ނަޒަރުގައި އެއީ، ފިރިމީހާގެ ސަމާލުކަން ހޯދުމަށް ޓަކައި ސަމްރަތު ކުރާ ކަމެކެވެ. ވަޒީފާގައި ގިނަ ވަގުތު އަނިލް ބޭރުގައި އުޅޭތީ، ގޭގައި އަނިލް ހައްޔަރު ކުރުމުގެ ބޭނުމުގައި ހެދިގެން އުޅޭ ގޮތެކެވެ. ދެން ފެނުނީ އަނިލް ހީ ވެސް ނުކުރާ ކަހަލަ މަންޒަރެކެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޮޒާރު
06 August 2025
އިންޑިޔާ ދަތުރުގައި ސަމްރަތު ބަސް މަދެއްނޫން. ދެން މިވީ ކިހިނެއް ؟
ޙަހަހަ
06 August 2025
ހަމަ ތިހެން ހިތަށް އެރީ
ކކކކ
06 August 2025
ހާދަ ސަޅިއޭ މިބައިވެސް. ޝުކުރިއްޔާ ބިންމާބޭ!
2025
06 August 2025
ޔޭ މަ☝️.....8:24 ދެން ސަމްރަތު މައްޗަށް އަރާފަ ތިރިވާންފެށިއެވެ.