މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ- އަންޖަލް

(އާދިއްތަ ދުވަހާ ގުޅޭ)

މުހުސިނާ އާއި ނިޒާރަށް ވެސް ނޭނގުނު ކަމަކީ، އަންޖަލް ވެސް ވާހަކައެއް ސިއްރުކުރި ކަމެވެ. އެކަކު ގާތުގައި ވެސް އަންޖަލް އެ ވާހަކައެއް ނުބުނާނެއެވެ. ސިއްރުކުރަން އެދިފައިވާތީއެވެ.

"ދޮންތާ!" ރޭގަނޑު ނިދަން ތިބެފައި ދިމްނާ ގޮވައިލިއެވެ.

ތިންބެއިން ތިބެނީ އެއް ކޮޓަރިއެއްގައެވެ. ތަޅުންގަނޑުގައި ގޮދަޑި އަޅައިގެންނެވެ. ޝާފިޔާ އޮތީ ނިދައިފައެވެ. އެންމެ ހަގީ އޭނައެވެ.

"އޯއި!" މައްޗަށް ބަލަހައްޓައިގެން އޮތް އަންޖަލް ބުންޏެވެ. "އަދިވެސް ނުނިދަންތަ؟"

"ކޮން ވަހެއް އެ ދުވަނީ؟" ދިމްނާ ސުވާލުކުރިއެވެ.

އަންޖަލް ކުއްލިއަކަށް ދިމްނާއާ ދިމާއަށް އެނބުރުނެވެ. ސިއްރުގައި އެހެން ކުއްޖަކު ބައިވެރި ކުރަން އަންޖަލް ވަރަށް ބޭނުމެވެ. އެކަނި ހިފެހެއްޓޭ ވަރަށް ވުރެ ސިއްރު ބޮޑުވެފައި، ގަބޫލުކުރަން އުނދަގުލީއެވެ.

"ދިމްއަށް އެ ވަސްދުވާ؟" އަންޖަލް އެހިއެވެ. "ބޭނުން؟"

ދިމްނާ ބޯޖަހައިލުމުން އަންޖަލް ފުރޮޅިލާފައި، ކައިރީގައި ހުރި ފޮށިތަކުގެ ތެރެއަށް އަތްކޮއްޕައިލިއެވެ. ގުޅަކޮށްފައިވާ ކަރުދާސްގަނޑެއް ނެގިއެވެ. އޭގައި ހުރީ ކުންނާރު ސައިޒުގެ، ރީނދޫކުލައިގެ މޭވާތަކެކެވެ.

"ކާލަބަލަ!" އަންޖަލް ބުންޏެވެ.

"އަނެއްކާ ދަތް އުނގުޅަން ޖެހޭނީ." ފަސްޖެހެމުން ދިމްނާ ބުންޏެވެ.

"ކާލަބަލަ!" އަންޖަލް ތަކުރާރުކޮށް ބުންޏެވެ. "ދަތް ނުއުނގުޅިޔަސް އޯކޭ ވާނޭ!"

ޝައްކު މަތީގައި ހުރެގެން ދިމްނާ އެތިކޮޅެއް ކައިލިއެވެ. އޭގައި ލަނީ ހުތްފޮނި ރަހައެކެވެ.

"ނުބައެއް ނޫން،" ދިމްނާ ބުންޏެވެ. "މީ ކޯޗެއް؟"

"އެނބޫ!" ވަރަށް ހިނިއައިސްފައި އަންޖަލް ބުންޏެވެ.

"އެނބޫއޭ؟" ދިމްނާ ބުނެލިއެވެ. "ކިހިނެއް ދޮންތައަށް ލިބުނީ؟ ކާކު ދިނީ؟"

"އަތީލާ!" އަންޖަލް ޖަވާބުދިނެވެ.

ރީތި ދުވަހަކަށް އިރު އެރިއެވެ. ފަޅުރަށަށް ދިޔުމަށް ޓަކައި ދޯނި ހަމަޖައްސައި، ކާއެއްޗެހި އަރުވައި، ދަތުރު ރޭވުމުގައި ނިޒާރު އަވަދިނެތި އުޅުނެވެ. ލޯ ކުރިމަތިން އަންޖަލް ގެއްލުނަނުދީ ބަހައްޓައިގެންނެވެ. އަންޖަލްއަށް ފާރަލާކަން އަންޖަލްއަކަށް ވެސް ނޭނގެއެވެ. މާ ދުރަށް އަންޖަލް ދާ ނަމަ، ނިޒާރު ހަދާ ގޮތަކީ ގޮވާފައި ކޮންމެވެސް ކަމެއް ހަވާލު ކުރަނީއެވެ. ގާތުގައި ބެހެއްޓުމަށް ޓަކައެވެ. މުހުސިނާއަށް އެ ކަން އެނގުނެވެ.

"ތީ ކޮން ކަމެއް؟" ނިޒާރު ގާތަށް ޖެހިލާފައި މުހުސިނާ މަޑުމަޑުން ބުންޏެވެ. "އަބަދު ކިހިނެއް ތިހެން ބިސްމަޅި ދުއްވާނީ؟"

"ސަމްރަތު މޮޔަވެގެން އުޅުނު އިރު ނޫމާނު ގެނައި ހަނދާނެއްވޭތަ؟" ނިޒާރު ވެސް ހަމަ އެހައި މަޑުމަޑުން ބުންޏެވެ. "އެނގޭތަ ނޫމާނު ފަހުން ބުނި އެއްޗެއް؟ އަންޖޫއަށް ބަލައްޗޭ! އަންޖޫ ވިހޭ އިރު އަންޖޫ އެކަންޏެއް ނޫނޭ ވިހެއީ."

"ދެން ނިޒާރު ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް،" ޗޮކެއް ކަނޑާފައި މުހުސިނާ ބުންޏެވެ. "އެހެން ވޭތަ؟ ނޫމާނަކީ މޮޅު މީހެއް. އެކަމަކު އޭނަ ވެސް ދައްކާ ހުރިހާ ވާހަކައެއް ގަބޫލުކުރަން؟"

ނިޒާރު ވިސްނައިލިއެވެ. ނޫމާނު ދޮގެއް ނަހަދާނެއެވެ. އެހެނަސް ނިޒާރު ވެސް ހިތަށް އަރަނީ އެހެންނެވެ. އެހެންވޭހެއްޔެވެ؟ ހަގީގީ ދުނިޔޭގައި އިންސީންނާއި ޖިންނީން ގުޅިލައިމެހޭހެއްޔެވެ؟

"ކޮބާ އަންޖޫ؟" ސިއްސައިގެންގޮސްފައި ނިޒާރު ބުންޏެވެ. "އަންޖޫ!"

"އޯއި ކާފާ!" ނިޒާރުގެ ފުރަގަހުން އަންޖަލް ބުންޏެވެ. "މިހިރީނު އަހަރެން."

ނިޒާރު ފުން ނޭވައެއް ބޭރުކޮށްލިއެވެ. މުހުސިނާ ގާތަށް ވަރަށް ހިނިއައެވެ. ނިޒާރަކީ ޝައްކު ބަލި ބޮޑު މީހެކެވެ. މުހުސިނާ އަބަދު ވެސް އެހެން ބުނެއެވެ. ކޮންމެ ކަމެއް ވެސް ބޮޑުކޮށްލަން ނިޒާރު ވަރަށް ކުޅަދާނަވާނެއެވެ. އަންޖަލް ބަލަހައްޓައިގެން ހުރީ ރުއްގަނޑު އޮންނަ ދިމާއަށެވެ. އެ ތަނަށް ދާން އަންޖަލް ބޭނުމެވެ. ކުރީ ދުވަހު ކުރެވުނު ތަޖުރިބާ އަންޖަލް ހަނދާނެއް ނުނެތޭނެއެވެ.

އެ ދުވަހު އެ ރުއްގަނޑު ތެރެއަށް ވަދެވުނު އިރު އެ ތަނުގައި އެނބޫގަހެއް ހުއްޓެވެ. އެނބޫއަކީ ކުޑަކުޑަ، ހުތް މޭވައެކެވެ. ދޮންވެފައިވާ އެނބޫތައް ގަހާއި ބިންމަތީގައި ހުއްޓެވެ. އަންޖަލް ހިތަށް އެރިއެވެ. އެ ގަހުގައި އެހައި ގިނައިން ކޮކާ ޖައްސަނީ ކީއްވެގެން ހެއްޔެވެ؟ ގަހުގައި އަޅާފައި ހުރީ ކޮން ރަހައެއްލާ އެއްޗެއް ހެއްޔެވެ؟

"ކެއީމައެއްނު އެނގޭނީ." އަންހެން އަޑެއް އަންޖަލްއަށް އިވުނެވެ.

އެނބޫގަހުގެ ފަހަތުން އަންހެންކުއްޖަކު ނުކުތެވެ. ގަހުގެ ފުރަގަހުގައި ކުއްޖަކު ހުރި ތަނެއް އަންޖަލް ކުރިއަކުން ނުދެކެއެވެ. އަންޖަލްއާ ދާދި އެއް އިސްކޮޅެއްގެ އެ ކުއްޖާ ލައިގެން ހުރި ރަތް ހެދުމުގެ ފަސްބައިގައި އެނބޫތައް ހުއްޓެވެ. އޭނަ ހުރީ ފަސްބައި އެއް އަތުން ހިފާއްޓައިލައިގެންނެވެ. އަނެއް އަތް ބޭނުންކުރީ ފަސްބައިން އެނބޫ ނަގައިގެން ކާށެވެ.

"ތީ ކާކު؟" އަންޖަލް އެހިއެވެ.

"އަތީލާއެއްނު!" ވަރަށް އުފާވެރި އަޑަކުން އަތީލާ ބުންޏެވެ. "ނޭނގޭތަ؟ އަހަރުމެން މީ ދެބެންނޭ!" "އޭނ؟" ހައިރާންވެފައި އަންޖަލް ބުންޏެވެ. "މާމަ ބުނި އަހަރުމެންގެ ތިބޭނީ އެއްބަނޑުއެއްބަފާ ތިން ބެއިންނޭ!"

"އެއީ ތެދެކޭ!" އަންޖަލްގެ ފައިބުޑަށް އެނބޫތައް އޮއްސައިލަމުން އަތީލާ ބުންޏެވެ. "އަހަރެން އެއްބަނޑުއެއްބަފައެއް ނޫނޭ! އެއްބަނޑު. އެކަމަކު އަހަންނަކީ ތި ކަހަލަ ކުއްޖެއް ނޫން."

"އޭ! ތީ އަހަރެން ދަންނަ މޫނެއްކަން ނޭނގެ،" އަންޖަލް ބުންޏެވެ. "އަހަރުމެން ކުރިން ދިމާވިތަ؟"

"އާނ! އެކަމަކު ދިމާވީކީ ނޫން،" އަތީލާ ބުންޏެވެ. "ދައްތަޔާ ބައްދަލުކުރަން ބޭނުންވެގެން އަހަރެން ތި ގެއަށް ދިޔައީ. ދައްތަ ކިޔަސް އަހަރުމެންގެ އުފަންދުވަހަކީ އެއް ދުވަހެއް އިނގޭ!"

އަންޖަލް ވިސްނައިލިއެވެ. އަތީލާ ފެނުނީ ހަވީރެއްގައެވެ. އަންޖަލްގެ ތިންބެއިން ތިބީ ޓީވީބަލަން ތިއްބައި އެ ތަނަށް އަތީލާ ވަނީއެވެ. އެހެން ކުއްޖަކަށް އަތީލާއެއް ނުފެނެއެވެ. އެ ކަމާ ހައިރާންވެގެން، ފަހަރަކު ކުއްޖަކަށް ބަލާފައި އަތީލާއަށް ބަލަން އިންދައި އަތީލާ ގެއްލުނީއެވެ.

"ދައްތަ ހައިރާން ވެފައިން ވަރުން އަހަރެން ބިރުގަތީ." އަތީލާ ބުންޏެވެ.

"އާނ ހަނދާންވެއްޖެ!" އަންޖަލް ބުންޏެވެ. "އެހެން މީހުންނަށް އަތީލާ ނުފެންނަންޏާ ހައިރާން ވާނެއްނު! ކީއްވެ އެހެން މީހުންނާ ތަފާތީ؟ މަންމަޔާ ދިމާވިތަ؟ އަތީލާގެ ބައްޕައަކީ ކާކު؟ ކޮން ތާކު އަތީލާ އުޅެނީ؟"

ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އަތީލާ ހޭން ފެށިއެވެ.

"ހިނގާބަލަ އަހަރެންގެ ގެއަށް،" އަތީލާ އެދުނެވެ. "ހުރިހާ ޖަވާބެއް އެއްފަހަރާ ލިބޭނެ."

"އަންޖޫ!" ތަންކޮޅެއް ބާރަށް މާމަ ގޮވައިލިއެވެ.

ހިޔާލީ ދުނިޔެއިން އަންޖަލަށް ނުކުމެވުނެވެ. ގާތުގައި މާމަ އާއި ކާފަ ތިއްބެވެ.

"ކޮން ކަމަކާ ތި ވިސްނަނީ؟" އަންޖަލް ބަލައިލުމުން މާމަ އެހިއެވެ. "ހިނގާ ފުރަމާ!"

ކައިރީގައި އޮތީ މާފިލާފުށްޓެވެ. އަތީލާއާ ބައްދަލުކުރަން ބުނި ފަޅުރަށެވެ. އަންޖަލް ހުރީ ކެތްމަދުވެފައެވެ. އާންމު އިންސާނެއް ނަމަ އަންޖަލް ބިރުގަތީހެވެ. އެކި މީސްމީހުން ކައިރީގައި އެ ވާހަކަ ދެއްކީހެވެ. އެހެނަސް، އަންޖަލްއަކީ ތަފާތު ކުއްޖެކެވެ. އެ ހަށިގަނޑުގައި އެހެން ނަސްލެއްގެ ވިންދު ގުޅިފައިވާ ކުއްޖެކެވެ. އަންޖަލް ވިސްނާ ގޮތް ތަފާތެވެ. ބަލާ ގޮތް ވެސް ތަފާތެވެ. އެ ކަޅިރަވައިގެ ތޫނުކަން ގަދަވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެހެން ކުދިންނާ އެކަހެރިވެލައިގެން، މޫދަށް ނަޒަރު ހުއްޓައިލައިގެން އަންޖަލް އިން އިރު، ނިޒާރުގެ ނަޒަރު ހުރީ އަންޖަލްއަށެވެ. އަންޖަލް ބޮޑުވާ ވަރަކަށް ސަމްރަތުގެ މިޒާޖާ އެއްގޮތްވާލެއް ބޮޑެވެ. އެ ކަމާ ނިޒާރު ކަންބޮޑުވެއެވެ. އެހެން މީހުންނަށް އެ ކަން ފާހަގަވާކަށް ނިޒާރު ނޭދެއެވެ. ނޫސްތަކުގައި އެ ވާހަކަ ޖެހުމަކީ ނިޒާރަށް ވަރަށް އުނދަގޫވާ ކަމެކެވެ. އަންޖަލްގެ ބަސްދީގަތުން ހޯދަން މަސައްކަތްކުރި ހުރިހައި ރިޕޯޓަރުންގެ މަސައްކަތް ފަނުފުލުން ދުއްވައިލީ ނިޒާރެވެ.

ނިޒާރުގެ ސަމާލުކަން ފޯނާ ދިމާއަށް އަނބުރައިލިއެވެ. ފޯނުން ނޫސްތައް ހާވަން ފެށިއެވެ. އަންޖަލްގެ ހާދިސާ ހިނގި ގޮތަށް ލިޔެފައި އޮތީ މަދު ނޫހެއްގައެވެ. ގިނަ މަގާލުގައި ލިޔެފައި ހުރީ ފޮނިތޮށިކާފޫރުތޮޅި ލައިގެންނެވެ. ނުވާ އެތައް ކަމެއް ހިމަނައިގެންނެވެ. އެއް ނޫހެއްގައި އޮތެވެ. އަންޖަލަކަށް ދެނެއް އާންމު ދިރިއުޅުމެއް ނޫޅެވޭނެއެވެ. ކުރިޔަށް އޮތީ އުނދަގޫ ދުވަސްތަކެކެވެ. އެއްކަމެއް ވެސް ނުވާނެއެވެ. މުހުސިނާ ގާތުގައި ނިޒާރު ބުނީ އެހެންނެވެ. އެހެނަސް ނިޒާރުގެ ހިތަށް އެރިއެވެ. އާނއެކެވެ. ނޫހުގައި އޮތީ ރަނގަޅު ވާހަކައެކެވެ. އަންޖަލްގެ ދިރިއުޅުން ނިއުޅެމުން އެ ދާ ގޮތުން ސަމްރަތަށް އައި ކަހަލަ ނިމުމެއް އަންޖަލަށް އަތުވެދާނެއެވެ. ނޫނެކެވެ. ނިޒާރު ހިތަށް އެރިއެވެ. އެހެންވިޔަކަ ނުދޭނަމެވެ. ކާފައެއްގެ މަގާމުން އަންޖަލްގެ ހިޔަންޏެއްގެ މަގާމަށް ނިޒާރު ބަދަލުވީ އެހެންވެއެވެ. އަންޖަލް ދާ ކޮންމެ ތަނަކަށް ދާން ނިޒާރު އަޒު މުކަނޑައެޅިއެވެ. މާލެ ދެވެންދެން އެ ކަން އޮންނާނީ އެހެންނެވެ.

ފަޅުރަށަށް ކުރި ދަތުރުގައި، ރަށުގެ ދެތިން މީހަކު ވެސް ބައިވެރިކުރިއެވެ. އެއީ ރައްކާތެރިކަމަށް ޓަކައި ނިޒާރު އެޅި ފިޔަވަޅެކެވެ. ރަށަށް އެރި ގޮތަށް ތިންބެއިން މޫދަށް އެރުނެވެ. ނިޒާރު އިނީ އެއްގަމުގައެވެ. އަންޖަލް އިރުއިރުކޮޅާ ނިޒާރަށް ބަލައިލައެވެ. ނިޒާރަށް ހީވަނީ އެހެންނެވެ. އެހެނަސް އަންޖަލް ބެލީ، ނިޒާރު ކައިރީގައި އިށީނދެގެން އިން އަތީލާއަށެވެ. އަންޖަލް މޫދުން އެރިއެވެ. ވެއްޔާ ކުޅެން ދިޔަރެހުގައި މަޑުކޮށްލިއެވެ. އެ ތަނަށް އަތީލާ އައެވެ. ބިމުގައި ފައި އެޅިޔަސް އަތީލާގެ ފިޔަވަޅެއް ނުހުރެއެވެ. މޫދު ކައިރީގައި އިށީނަސް އަތީލާގެ ގަޔަކަށް ރާޅެއް ނުޖަހައެވެ. އެއްގަމަށް ރާޅު އަރައިގެންދާ ގޮތަށް ދަނީއެވެ. ހުރަހެއް ނެތް ކަހަލައެވެ.

"ހާދަ ބަނޑުހައިވެއްޖޭ!" އަންޖަލް ބުންޏެވެ. "މަސްބަތް ކާހިތްވަނީ."

"އެ އަށް ވުރެ މާ މީރު އެއްޗެއް ދެންތަ؟ އަހަންނަކަށް ނޭނގެ އެ އަށް ކިޔާ ނަމެއް. އެހެރީނު އެއްޗެއް،"

އެހެން ބުނެފައި އަތީލާ ދެއްކީ ކަށިކެޔޮގަހެކެވެ. "އެޔާ، ކޮންމެވެސް އެއްޗެހިތަކެއް އަޅައިގެން އޭތި ހަދަނީ."

"ދެން ކޯޗެއް އަތީލާ ކަނީ؟" ވަރަށް ޝައުގުވެރިކަމާ އެކުގައި އަންޖަލް އެހިއެވެ. "ކިޔައިދީބަލަ!"

އަންޖަލް ތުންތަޅުވާހެން ނިޒާރަށް ހީވިއެވެ. އެ ގޮތަށް އެކަނި އިނދެގެން އަންޖަލް ލަވަ ކިޔައެވެ. ޖެހިގެން އިންނަ މީހަކަށް ވެސް ނީވޭ ވަރަށެވެ.

"އެއީ އަހަރުމެން ކާއެއްޗެއް ނޫނޭ!" އަތީލާ ވަރަށް ގަޔާވެލައިފައި ބުންޏެވެ. "ދައްތަމެންނަށް ހަދާ އެއްޗެއް. ހިނގާބަލަ ދައްކާނަން."

"ނުދެވޭނެ،" އަންޖަލް ބުންޏެވެ. "ފަހަތުން ކާފަ އަންނާނެ."

"އެ ކާފަ؟" އަތީލާ ސުވާލުކުރިއެވެ.

އަންޖަލް ބަލައިލި އިރު، ހިޔަނިތަކެއް ކަހަލަ އެއްޗެހިތަކެއް ނިޒާރު ވަށައިގެން އެނބުރެއެވެ. ނިޒާރު އޮތީ ވެލިގަނޑު މަތީގައި އޮށޯވެގެން، ބޯދަށަށް އަތްލައްވައިލައިގެން ނިދައިފައެވެ. އަންޖަލް ހީނގެންފައި ތެދުވިއެވެ. ދެ ކުދިން އެކުގައި ވަލާ ދިމާއަށް ހިނގައިގަތެވެ. ވަލުތެރޭގެ މެދުން، ވިނަ ހައްދައިފައިވާ، އަލި ފެހިކުލައިގެ، ބޮޑު މަގެއް ފެންނަން އޮތެވެ. މަގުގެ ދެ ފަރާތުގައި ހުރީ، އެކި ކުލަކުލައިގެ މަލިކުރުވާމަލެވެ. މަގު މެދުގައި، ވަރަށް ހިމަދިގު ހިޔަންޏެއް ހުއްޓިގެން ހުއްޓެވެ. (ނުނިމޭ)

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 14%
icon inlove icon inlove 86%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބިންބެގެ ބިގެސްޓް ފޭން

13 August 2025

ޔޭ މަ 5......ވަރަށް ސަޅި އިންގޭ ބިން

The name is already taken The name is available. Register?

އިބުރ

13 August 2025

ފަތިސްހަނދުވަރު (1995)ގެ ސްޓައިލްގެ ވާހަކައެއް ގެނެސްދޭން އުޅޭހެން ހީވަނީ. ބިންމާގެ ގިނަ ވާހަކަތަކީ ހަމަ ވަރަށް ޝައުގުވެރި ކިޔާހިތްވާ ކަހަލަ ވާހަކަ ތަކެއް.

The name is already taken The name is available. Register?

ކޮންޓޭ

13 August 2025

ވަރަށް ތަފާތު

The name is already taken The name is available. Register?

2025

13 August 2025

ޔޭ މަ 2 ކަންޑް...... ބޮއިހަލަކި

The name is already taken The name is available. Register?

ޏައިނާ

13 August 2025

ޔޭ މަ ފަސްޓް 7:15

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454