17 އޯގަސްޓް 2025 - 07:13
(ބުދަ ދުވަހާ ގުޅޭ)
މަގު މެދުގައި، ވަރަށް ހިމަދިގު ހިޔަންޏެއް ހުއްޓިގެން ހުއްޓެވެ. އަންޖަލް އެ މަގާ ކައިރިވަމުން އައި ވަރަކަށް، ހިޔަންޏެއްހެން ހީވާ އެ އެތި ކުރުވަމުން ގޮސް އަންޖަލްގެ އިސްކޮޅަށް ކުރުވިއެވެ. އަނެއްކާ ތަންކޮޅެއް ދިގުވިއެވެ. އަނެއްކާ ވެސް ކުރުވިއެވެ.
"އެއީ ކޯޗެއް؟" އަންޖަލް އެހިއެވެ. "ކިހިނެއް އެ ވަނީ؟"
"އެއީ އަހަރެންގެ ބައްޕަ،" ހީނގެންފައި އަތީލާ ބުންޏެވެ. "ދައްތަ ބިރުގެންފާނެތީ ހަދާނެ ގޮތެއް ނޭނގިގެން އެ އުޅެނީ. އަސްލު އަހަރުމެންގެ ސިފައެއް ނުހުންނާނެ. އަހަރެން މިހެން ހުއްޓަސް މީ އަހަރެން އަސްލު ހުންނަ ގޮތެއް ނޫން. އަހަރެން ބުނަން މޮޅު ގޮތެއް؟ ދައްތަގެ ބައްޕަ ހުންނަ ގޮތް ހިތަށް އަރުވާލަބަލަ!"
އަތީލާ އެހެން ބުނުމާ އެކު ބައްޕަ މަތިން އަންޖަލް ހަނދާންވިއެވެ. ދެން އަންޖަލް ކުރިމަތީގައި ހުރީ ބައްޕައެވެ. އެ އިސްކޮޅެވެ. އެ ސިފައެވެ. އެ މޫނާއި ހިނިތުންވުން ވެސް މެއެވެ.
"މިހާރު ރަނގަޅެއްނު!" އަތީލާ ބުންޏެވެ.
ފަޅުރަށަށް ބައްޕަ ނާންނަކަން އަންޖަލްއަށް ޔަގީނެވެ. އެހެނަސް، ކުރިމަތީގައި ހުރީ ދެވަނަ ދެ މީހެއް ނޫނެވެ. އަންޖަލް ހިތަށްއެރިއެވެ. އެހެން ކުދީންގެ ބައްޕަ ފަދައިން އަންޖަލްގެ ބައްޕަ ވެސް އަންޖަލްއާ އެކުގައި ވަގުތު ހޭދަކުރާ ނަމައެވެ. އެހެން ނުވާނެކަން ވިސްނުމުން އަންޖަލް ކުޑަކޮށް ދެރަވިއެވެ.
"އަހަންނަށް އެނގޭ ތީ ބައްޕައެއް ނޫންކަން،" އަނިލްހެން ހީވާ މީހާ ގާތަށް ހުއްޓިފައި އަންޖަލް ބުންޏެވެ.
"ކީއްވެތަ ދަރިން ދެކެ ބައްޕަ ފޫހިވަނީ؟"
އަންޖަލް ރޯން ފެށިއެވެ. އަނިލްއާ ވައްތަރު މީހާ އަންޖަލް ގައިގައި ބައްދައިލިއެވެ. އިރުކޮޅެއް ކޮށްލައިފައި އަންޖަލްގެ މޫނަށް ބަލައިލިއެވެ. އެ ލޮލުން އަންޖަލް އަށް ލޯބި ފެނުނެވެ.
"ހަމަ ހީވަނީ މަންމަހެން،" އޭނަ ބުންޏެވެ. "އަތީލާ ދެކެ ރުޅި ނާންނާތި! މީ އަހަންނަށް ހެދުނު ގޯހެއް. ހުއްޓާލާ! ބައްޕަ ނޫނަސް މީ ހަމަ ބައްޕައޭ ހީކޮށްލާ! އަހަރެން ހުއްޓާ އެއްވެސް ކަމަކަށް އަންޖަލްއަކަށް ދައްޗެއް ނުވާނެ. އަތީލާ ދޭ އަންޖަލް ގޮވައިގެން މި ތަން ދައްކައިލަން."
ހަގީގަތުގައި އެ މަގު އޮންނަނީ އިންސީންނަށް ފަރުދާވެފައެވެ. އެ މަގު ފެށެނީ އިންސާނުންގެ ލޯތަކަށް ފެންނަ ދުނިޔެ ނިމޭ ހިސާބުންނެވެ. އެ އަޖައިބު ކުރަނިވި ދުނިޔެ ފެންނަ އިންސާނަކުވިއްޔާ އަންތަރީސްވާނެއެވެ. އެހެން ނޫނީ ބިރު ގަންނާނެއެވެ. އަންޖަލް ބިރެއް ނުގަތެވެ. ހައިރާންވިއެވެ. ތަނުގެ ރީތިކަން ބަލައި ފޫއްސެއް ނުވިއެވެ. ސަބަބަކީ އަންޖަލްގެ ވުޖޫދެވެ. އަންޖަލް އުފެދިފައިވާ ގޮތެވެ.
"އަތީލާގެ ބައްޕަ ހާދަ ބައްޕައޭ!" އަތީލާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އަންޖަލް ބުންޏެވެ.
އެ ތަނަށް އަންޖަލް ގެނައީ އަތީލާގެ ދުނިޔެ ދައްކަން ވެގެންނެވެ. އެ މާހައުލާއި އާދަކާދަ ދަސްކޮށްދޭން ވެގެންނެވެ. ކޮންމެ ރަށެއްގައި ވެސް އަތީލާމެން ދިރިއުޅެނީ އިންސާނުންނާ ތަފާތު ފަށަލައެއްގައެވެ. އަތީލާ ބުނި ގޮތުގައި ބައްޕަގެ ނަމަކީ ޖަދުވާނެވެ. ބައްޕައަކީ ސިލަތެކެވެ. ސިފަ ބަދަލުކުރުމުގައި ސިލަތުންނަށް ވުރެ ކުޅަދާނަ ބަޔަކު ޖިންނީންގެ ތެރެއަކު ނުތިބޭނެއެވެ. އިންސާނުން ނަކަލު ކުރުމަކީ ސިލަތުން އެންމެ ހުނަރުވެރިކޮށް ކުރާ ކަންތަކެވެ. ފާރިސީންގެ ކަތާގައި ވެސް ހަމަ އެ ގޮތަށް އެ ވާހަކަ ދެއްކެވެއެވެ. އެއްބަޔަކު ބުނާ ގޮތުގައި ސިލަތަކީ، ނޫ އުޑުގެ ރާއްޖޭގެ ނަމުން މަޝްހޫރުވެފައިވާ މޮންގޯލުގެ ފަހުލަވާނަކަށް ކިޔާ ނަމެކެވެ. އެއީ އޮޅުމެކެވެ.
"ބައްޕަ ވަރަށް ވާހަކަ ނުދައްކާނެ،" އަތީލާ ބުންޏެވެ. "ބުނާ އެއްޗެއް ބުނާނީ ހިތުން."
އެ ސިފަ އަންޖަލްއަށް ވާރުތަކުރީ ކިހިނެއްކަން އަންޖަލްއަށް ވިސްނުނީ އެ ވަގުތުއެވެ. ދެބެއިން ކުރިޔަށް ހިނގާ ވަރަކަށް މަގު ހުޅުވި، ތަނަވަސް ވަމުންދިޔައެވެ. ވަލުތެރެއިން އާންމުކޮށް ފެންނަ ރުއްގަސްތައް އެ ތަނުގައި ހުންނަނީ ދިގު ކުރިބޯށިތަކެއްހެންނެވެ. އެންމެ ވައްތަރީ ފަތްކެޔޮގަހުން ނުކުންނަ ބޯށްޓާއެވެ. ތަފާތަކީ ދިގުކަމެވެ.
"އަސްލު އެއީ ކޯޗެއް؟" އަންޖަލް އެހިއެވެ.
"ގަހެއްނު!" ވަރަށް ހަމަޖެހިލާފައި އަތީލާ ބުންޏެވެ. "އަހަރުމެންގެ އެންމެ ގިނަވާނީ އެ ކަހަލަ ގަސް."
އިރުގެ އަލި ހުރި ގޮތުން، ކުރިބޯށިތަކުގެ ދިގު ހިޔަނިތައް ބިންމަތީގައި ކޮޅުކޮޅަށް ދެމިފައި އޮތެވެ. ގަދީމީ ޒަމާނުގެ ތަނބުތަކެއްހެން ހުންނަ ގަސްތަކެއް ވެސް ހުއްޓެވެ. އެ ގަހުގެ ގޮފިތަކާއި ފަތްތައް ހުންނަނީ ކޮޅުގައި އެކަންޏެވެ. އެއާ ކިރިޔާ ވެސް ވައްތަރު އެއްޗަކަށް އަންޖަލްއަށް ފެނިފައި ވަނީ ރުކެވެ. ތަނބުތަކުގައި ރިހިކުލައެއްގެ ނާރުތަކެއް ފާޑުގެ އެއްޗެއް، ވެޔޮގަނޑެއްހެން ދުވެފައި ހުއްޓެވެ. އެ ނާރުތަކުގައި މަޑު ވިންދެން ޖަހާ ތަން އަންޖަލްއަށް ފެނުނެވެ. ހީވަނީ ބިންގަނޑުގެ އިހުސާސް އެ ގަސްތަކަށް ތަސައްވުރު ކުރެވޭހެންނެވެ. ރަންވަރަނގު ފަތްތަކާއި ހާފުކަލަރު ފަތްތަކުން ބަބުޅައި، ތިރިކޮށް ހެދޭ، ފަތް ބޮޑެތި ގަސްތަކެއް ވެސް ހުއްޓެވެ. މާ ގިނައިން އެ ފަތްތަކަށް ބަލާ ނަމަ ކުލަ ބަދަލުވެ، ސިއްރުން ވާހަކަ ދައްކާހެން ވެސް ހީވެއެވެ.
އަންޖަލް ހުރީ ހުސްފައިގައެވެ. ކުރިޔަށް ހިނގާ ވަރަކަށް ބިންމަތި މަޑުވާކަން އިހުސާސް ކުރެވުނެވެ. ހީވާ ކަހަލައެވެ. ފައިތިލަ މެދުވެރިކޮށް އަންޖަލް ދަސްކުރަން ބިންގަނޑު އެބަ މަސައްކަތްކުރެއެވެ. ޖައްވު ފިންޏެއް ނުވެއެވެ. ދުންފިނި ކަހަލަ އެކަމަކު ނޫކުލައެއްގެ ބަރު ދުމެއް މަތިން އޮހެން ފަށައި، ބިމުގައި ޖެހުމުން ފަނޑުވެ، ގެއްލެމުން ދިޔައެވެ. ތާޒާ ފަތްތަކަށް ވާރޭ ވެހުމުން ދުވާ ކަހަލަ މީރުވަހެއްގެ ތެރެއަށް ފިނިފެންމަލުގެ ލުއި ވަހެއް ފެތުރިފައިވިއެވެ. ވަހުގެ ބޭރު ފަށަލައިގައި ވަނީ ހުވަފެނީ ވަހެކެވެ. ދުވަހަކު ވެސް ތަޖުރިބާ ކުރެވިފައި ނުވާ އެހެނަސް އަބަދާއަބަދު ދުވާނެ ނަމައޭ ހިތަށް އަރާ އެ ވަސް ޖެހުމުން އަންޖަލްގެ ހަށިގަނޑު ލުއިވާން ފެށިއެވެ. މައްޗަށް އުފުލެން ފެށިއެވެ.
މަތިން ތިރި ބަލައިލުމުން، ކުރިން ނުފެންނަ އެއްޗެއް އަންޖަލްއަށް ފެނުނެވެ. ބައެއް ގަހުގައި އަޅާފައިވާ ރިހިކުލައިގެ މާތަކެވެ. ހީވަނީ ކުދިކުދި ރަނގަބީލުތަކެ އްހެންނެވެ. ވައިރޯޅިއާ އެކުގައި، ރަނގަބީލުން އިވޭ ކަހަލަ މަޑުމަޑު އަޑެއް ވެސް އެއިން އިވެއެވެ. އެ މާތަކާ އަންޖަލް ކައިރިވެލައި، އަތްލަން ހިތަށް އެރުމުން، ލަދުގަހުގެ ފަތްތަކަށް ވާ ކަހަލަ ގޮތެއް ވެފައި، ރަނގަބީލުތައް ގަހުން ނެއްޓިގެން އުދުހިގަތެވެ. އެއީ މާތަކެއްހެން ހީވިޔަސް ދިރޭ އެއްޗެހިތަކެވެ.
"އެއީ ކޯޗެއް؟" އަންޖަލް އެހިއެވެ.
"ޕަތަން،" އަތީލާ ބުންޏެވެ. "ދައްތަމެން ކިޔައެއްނު ބަޅިނދު. އެއީ އެ ކަހަލަ އެއްޗެއް. ވަރަށް ލަދުގަންނާނެ."
ބޮޑެތި ފެނާރުތަކާއި ކޯރުތައް ވެސް އަންޖަލްއަށް ފެނުނެވެ. މަޑު ރޯޅިއާ އެކުގައި ވަޔާދާ ލުއި ފަތެއްހެން ގޮސް ފެންގަނޑާ ކައިރިކޮށްލި އިރު، އެއީ އަންޖަލް އާންމުކޮށް ދެކޭ ކަހަލަ ފެނެއް ނޫނެވެ. ހުންނަނީ ބިއްލޫރިކުލައަކު ވެސް ނޫނެވެ. ހީވަނީ ތަރިތަކެއްހެންނެވެ. އޭގެ ތެރެއިން މޫނުތަކެއް ފެންނަހެން ވެސް ހީވެއެވެ. މޫނުތައް ހިނިތުންވެ، ރަކިވާ ހެން ވެސް ހީވެއެވެ. އެ ދުނިޔެއިން އެއްވެސް ބިރުވެރިކަމެއް، ހުތުރު ސިފައެއްގައި ހުރި ޖަނަވާރެއް އަންޖަލް ނުދެކެއެވެ. ހަފަރާތުން ވެސް ފެނުނީ ދިރުމެވެ. ރައްކާތެރިކަމެވެ. އެ ތަނަށް ވަންނަ ކޮންމެ ދިރޭ އެއްޗަކަށް ހިމާޔަތްދޭން އެ ކައުނުގައިވާ ހުރިހައި އެއްޗެއް ހުޝިޔާރު ވެގެން ތިބޭ ކަހަލައެވެ. ރައްދު ދެނީ މީހަކު ކަމެއް ކުރީމައެއް ނޫނެވެ. ހިތަށް އަރާ އެއްޗަކަށެވެ.
"ދައްތަ ދެކެ މި ތަން ލޯބިވެއްޖެ!" އަތީލާ ވަރަށް އުފާވެފައި ބުންޏެވެ. "އެނގޭތަ؟ އަހަރުމެން ދެކެ ލޯބިވާ މީހުން ދެކެ މި ތަން ވެސް ލޯބިވާނެ. އެ މީހުންނަށް މަރުހަބާ ވެސް ކިޔާނެ. އެކަމަކު އަހަރުމެން ދެކެ ރުޅި އަންނަ މީހަކު، ގަދަބާރުން މި ތަން ހޯދައިގެން ވަނަސް ދެން ނޭނގޭނެ ކުރިޔަށް ދާކަށް. އެއް ތަންކޮޅެއްގައި އުޅެވޭނީ. މީ ދެ ދުވަހަކު އެއްގޮތަކަށް އޮންނަ ތަނެއް ނޫން. ހުރިހާ އެއްޗެއް ވެސް ސިފަ ބަދަލުކުރާނެ. މަތިން ފޭބި ދުންތައް ހުރީ ނޫކުލައިގައެއްނު. އެއީ ރައްކާތެރިކަން. ފެހިކުލައިން ހުރި ނަމަ އެއީ ޓެސްޓެއް. އެ ޓެސްޓުން ޖެހޭނީ ފާސްވާން. ރަތްކުލައިން ހުރި ނަމަ އެ ހިސާބުން ދެން ޖެހޭނީ ނުކުންނަން."
އަތީލާ ބުނި ގޮތުގައި، ބައެއް މީހުން ފެނުނީމައި، ކޮކާލުގެ ސިފައިގައި ޕަތަން ތިރިޔަށް އަންނާނެއެވެ. އިންސާނުން އުޅޭ ތަންތަނަށް ވެސް ހިނގައިދާނެއެވެ. އޭގެ ފަހަތުން މީހަކު އަތުވެއްޖެ ނަމަ ބައެއް މީހުންނަށް ފެންނާނީ ހަދިޔާއެކެވެ. އަނެއްބައި މީހުން ޖެހޭނީ ދަންތުރައެއްގައެވެ. ދެނެއް ސަލާމަތެއް ނުވެވޭނެއެވެ. އެހެން ބުނުމުން އަންޖަލް ހަނދާންވީ އަންޖަލްއަށް ފެނުނު ކޮކާތަކެވެ. އަތީލާއާ ބައްދަލުވީ އޭގެ ފަހަތުން ދިޔައިމައެވެ.
"އެއް ފަހަރަކުން ހުރިހާ އެއްޗެއް ކިޔައެއް ނުވެސް ދެވޭނެ،" އަތީލާ ބުންޏެވެ. "ދެން ހިނގާ ގެއަށް. އެންމެން މިހާރު ދައްތަ އެބަ ހޯދާ!"
"އަދި މަޑުކޮށްބަލަ!" އަންޖަލް ވިސްނައިލައިފައި ބުންޏެވެ. "މި ތާ އެއްވެސް މީހަކު ނޫޅެނީތަ؟ ކޮބާ އަތީލާގެ.."
"އެންމެން އެ ތިބީ ބަލަން،" އަތީލާ ޖަވާބު ދިނެވެ. "ދައްތަ ބިރު ގަންނާނެތީ ފިލާ އެ ތިބީ. އެހެން ފަހަރަކުން ބައްދަލުކުރާނީ. އަހަރެން ހޯދަން ބޭނުންވެއްޖެއްޔާ އަހަންނަށް ގޮވާލާ! ހެޔޮ ސިއްރުން ގޮވައިލިޔަސް. އަހަރެން ވަގުތުން އަންނާނަން. ދަނީ އިނގޭ!"
މުޅި ތަން އަނދިރިވެލާފައި ރީތިކަން ގެއްލި ފަޅުވިއެވެ. އަންޖަލްއަށް ހުރެވުނީ ވަލުތެރޭގައެވެ. އެންމެ އިރުކޮޅަކަށް ވެސް އެ ތަނުގައި ހުންނާކަށް އަންޖަލް ބޭނުމެއް ނޫނެވެ. ހޫނާއި ފޫހިކަމާއި ނުތަނަވަސްކަން ފިޔަަވައި އެހެން އެއްޗެއް އެ ތާކު ނެތެވެ.
"އަންޖޫ! އަންޖޫ!" އެކި މީހުން ގޮވާ އަޑު އަންޖަލްއަށް އިވުނެވެ.
"އޯއި!" ޖަވާބު ދެމުން އަތިރިމައްޗާ ދިމާއަށް އަންޖަލް ހިނގައިގަތެވެ.
ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ނިޒާރު ނުކުތެވެ. އޭނަ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ރުޅި އައިސްފައެވެ. އެއީ އަންޖަލް ދަންނަ ކާފަގެ މިޒާޖެއް ނޫނެވެ. ކަމެއްގައި ހަގު ދެބެއިން ދެކެ ރުޅި އަޔަސް އަންޖަލްގެ ދެކެ ރުޅި އައުމަކީ ދުވަހަކު ވެސް ކާފަ ކުރި ކަމެއް ނޫނެވެ.
"ކާފާ؟" އަންޖަލް ގޮވައިލިއެވެ.
"އަހަރެން ނިންދަވައިފަ ކޮން ތާކަށް ދިޔައީ؟" ދުވަހަކު ވެސް ވާހަކަ ނުދައްކާ ކަހަލަ އަމުރުވެރި ރާގެއްގައި ނިޒާރު ބުންޏެވެ. "ހަމަ މިހާރު ހިނގާ!"
އަންޖަލް ހިތަށް އެރިއެވެ. ކާފަ ނިންދަވައިލީ އަންޖަލްކަން ކާފައަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަންޖަލް ހުރި ދިމާގެ ގޮތުން، ކަނާއަތްފަރާތަށް ހިނގައިގެންފި ނަމަ އިސާހިތަކު އަތިރިމައްޗަށް ނުކުމެވޭނެއެވެ. ނިޒާރު އިޝާރާތްކުރީ ވައަތްފަރާތަށެވެ. އެންމެ ގަސް ބޯކޮށް އޮތް ދިމާއަށެވެ. އެ ވަގުތު ބައިވަރު ވާތަކެއް އެއްފަހަރާ ގޮވައިގަތެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންބެގެ ބެގެސްޓް ފޭން
19 August 2025
ފެއްޓީ ބިރުވެރި ވާހަކަ އެއް ގޮތަށް މި ވީ ކިހިނެއް
ބިންމާފޭންގާރލް
18 August 2025
ސަޅި
ކޮންޓޭ
17 August 2025
ޔޭ މަ ފަސްޓް، ލޮލް
بިنްمާ
17 August 2025
އެއްވެސް މަޖަލެއްނޫން.