20 އޯގަސްޓް 2025 - 08:26
(އާދިއްތަ ދުވަހާ ގުޅޭ)
އެ ވަގުތު ބައިވަރު ވާތަކެއް އެއްފަހަރާ ގޮވައިގަތެވެ. ކާޅު ކަހަލަ ދޫނިތަކެއް އުދުހިގަތެވެ. ގަހުގެ ގޮފިތައް ހޫރިގަތެވެ. ބިންމަތީގައި ހުރި ފަތްތައް ފެތުރިގަތެވެ. ނިޒާރު އާއި އަންޖަލްގެ ދެމެދަށް ދުންފަރުދާއެއް ހުރަސްވިއެވެ. ފަރުދާ ފޭދުނު އިރު ނިޒާރު ފެންނާކަށް ނެތެވެ. ތަނަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. އަންޖަލް ހައިރާންވެފައި، ހިނގައިގަންނާނެ ކޮޅެއް ނޭނގިފައި ހުއްޓެވެ. ހިތަށް އެރިއެވެ. އެ ވީ ކިހިނެއް ހެއްޔެވެ؟
"ކިޔައިދޭންވީ؟" އަތީލާގެ އަޑުއިވުނެވެ.
އަންޖަލް އެނބުރުނެވެ. އެއްވެސް ދިމާއަކުން އަތީލާ ފެންނާކަށް ނެތެވެ.
އަންޖަލް ހިތަށް އެރިއެވެ. އަތީލާ ހުރީ ކޮންތާކު ހެއްޔެވެ؟
"ދައްތަ ކުރިމަތީގައޭ މިހިރީ،" އަތީލާގެ އަޑުއިވުނެވެ. "ހިނގާ މި ތަނުން ނުކުންނަން."
އަންޖަލް ހިނގައިގަތެވެ. ވަރަށް ގާތުން އަތީލާގެ އަޑު އިވެމުންދިޔައެވެ.
"އެއީ ދައްތަގެ ކާފައެއް ނޫން،" އަތީލާ ބުންޏެވެ. "އެއީ އަހަރެންގެ ތަރާ! ދައްތަމެން ކިޔާ ގޮތަށް ކިޔަންޏާ ބޮޑުބޭބެ. ބައްޕަގެ މަންމަ ފަރާތު މާމަގެ ދަރިއެއް. އޭނަގެ އަސްލު ނަމަކީ ބަތޫރު. ބައްޕަ ކިޔާނީ ބޭބެ. ތަރާ އެ އުޅުނީ ދައްތަ ފޮރުވަން. ބައްޕަ އައީމަ ތަރާ ބިރުން އެ ދިޔައީ. އެއީ އަނެއްކާ ވެސް ދިގު ވާހަކައެއް."
އަންޖަލް ހިތަށް އެރިއެވެ. ކިޔައިދޭށެވެ. އަޑުއަހަން ބޭނުމެވެ.
"ދެން ތިހާ ވަރަށް ހުރިހާ އެއްޗެއް އެނގެން ބޭނުމިއްޔާ އަހަރުމެން އުޅޭ ތަނަށް ދައްތަ އަންނަންވީނު،" އަތީލާ ބުންޏެވެ. "އެއްކޮށް. މި ކޮޅަށް ނާންނަ ގޮތަށް."
އަންޖަލް ހީނގަތެވެ. އެއީ، އެއްކޮށް އަންނަން އަތީލާ އެދުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން، އަންޖަލްއަށް އެ ކަން ވީ ހެއްވާ ކަމަކަށެވެ. ހިތަށް އެރިއެވެ. އެހެން ދެވޭ ހެއްޔެވެ؟
"ކީއްވެ ނުދެވޭންވީ؟" އަތީލާގެ އަޑުގައި ހުރީ ސީރިޔަސް ކަމެވެ. "ވިސްނާލަބަލަ! ދެންމެ ބައްޕަ ނައި ނަމަ ދައްތައަށް ވާނީ ކިހިނެއް؟ އަހަންނަށް ޔަގީން ދައްތަގެ މީހުންނަކަށް ދައްތަ ސަލާމަތެއް ނުކުރެވޭނެ. ނުވެސް ބެލެހެއްޓޭނެ. ތަރާއަކީ ވަރަށް ގޯސް ސިލަތެއް. ކޮންމެ ކަމެއް ވެސް ކޮށްފާނެ."
އެ ހިސާބުން އަތީލާ ޗޮކެއް ކަނޑައިލި އަޑުއިވުނެވެ. އެ ވީ ކިހިނެއްބާއޭ އަންޖަލް ހިތަށް އެރިއެވެ.
"ހާދަ ވާހަކައެކޭ ކިޔައިދޭން މި ޖެހެނީ،" އަތީލާ ބުނި އަޑުއިވުނެވެ. "އަހަރެން މި އުޅެނީނު ތަނެއް؟ އެ ތަނުގެ ވެރިއަކީ ބައްޕަ. ތަރާ.. ތަރާއެއް ނޫނޭ! ބޮޑުބޭބެ! ބޮޑުބޭބެ ވަރަށް ގިނައިން ބައްޕަޔާ ޒުވާބު ކުރާނެ. ބޮޑުބޭބެ އަތުވެއްޖެތަ، ޒުވާބަކުން ނިމޭނީ. އެއީ ބޮޑުބޭބެގެ މަންމަގެ ތަނެކޯ އެހެންވެ ބޮޑުބޭބެޔޯ އެ ތާގެ ވެރިޔަކީ. ބައްޕަ އުޅެނީ އެ ތަން އަތުލައިގެންނޯ!"
ވާހަކަ ދައްކަމުން ދެބެން އަތިރިމައްޗަށް ނުކުތެވެ. އެ އިން ހިސާބަކު ވެސް މީހަކު ނެތެވެ. އަންޖަލް ހިތަށް އެރިއެވެ. ހަގީގަތުގައި ވެސް އެ ތަނުގެ ވެރިޔަކީ ބަތޫރު ހެއްޔެވެ؟
"ނޫން! ބައްޕަ ބުނީ އެއީ ދޮގެކޭ!" އަތީލާ ބުންޏެވެ. "އެކަމަކު ބޮޑުބޭބެ ފާޑެއްގެ ލިޔުމަކާ އެއްޗެހި ވެސް ގެންގުޅޭ! ދައްތަ ދެކެ ބައްޕަ ވަރަށް ލޯބިވެއެއްނު! އެހެންވެ ދައްތަ ބޭނުންކޮށްގެން ރަށް އަތުލަން އެހެން ނޫނީ ދައްތަ ގެއްލުވައިލައިގެން ބައްޕަ ދެރަ ކުރަން ބޮޑުބޭބެ އެ އުޅުނީ. އަހަންނަށް ހީވަނީ އެހެން. ބައްޕަ ދެކެ ބޮޑުބޭބެ އަސްލު ވަރަށް ބިރު ގަންނާނެ. އެއްފަހަރަކު ދެ މީހުން ތަޅައި ވެސް ގަތޭ! މަ ބިރުން ކިރިޔާ މަރުނުވީ!"
ތަޅައިގަތީ ކިހިނެއް ވެގެންބާއޭ އަންޖަލް ހިތަށް އެރިއެވެ.
"އެހެން ފަހަރަކުން ކިޔައިދޭނަން،" އަތީލާގެ އަޑު އެ ފަހަރު އިވުނީ ތަންކޮޅެއް މަތިންނެވެ. "ދައްތަ ހޯދަން މީހުން އެބަ އާދޭ! ދަނީ!"
"ނުދޭބަލަ!" އަންޖަލް އެދުނެވެ. "އަތީލާއެއް ނުފެންނާނެއްނު! އަހަރެން މާލެ ދިޔައިމަ ދެން ކިހިނެއް ކުރިން ދިޔަ ތަނަށް ދާނީ؟ އެއީ އަހަރެން ވަރަށް އުޅޭ ހިތްވާ ތަނެއް."
ވަލުތެރެއިން ނިޒާރު ނުކުތެވެ. ގާތުގައި އެހެން ދެ މީހުން ވެސް ތިއްބެވެ. އަންޖަލް ފެނުމާ އެކު ނިޒާރު އައިސް ބައްދައިލިއެވެ. އެއީ ކާފަކަން އަންޖަލަށް ކަށަވަރެވެ.
"ކާފައަށް ނިދުނީއޭ! ކޮން ތާކަށް ދަރިފުޅު ދިޔައީ؟" ނިޒާރު ރޮވިފައި އެހިއެވެ.
"ހާދަ ލޯބިވާ ކާފައެކޭ!" އަތީލާ ބުނި އަޑުއިވުނެވެ. "މިހާރު އެނގިއްޖެ ކީއްވެކަން އަހަންނާ އެއްކޮށް ނުދެވޭނީ."
އަންޖަލްގެ އަތުގައި ހިފައިގެން ނިޒާރު ހިނގައިގަތެވެ.
"ހިނގަމުން ހިނގަމުން ދަނިކޮށް މާ ދުރަށް ދެވުނީއޭ ކާފާ!" އަންޖަލް ކުރު ޖަވާބެއް ދީފައި ނިންމައިލިއެވެ. ހަމަހިމޭންކަމާ އެކުގައި ދެބަފައިން ހިނގާފައިދިޔަ އިރު، ފަރުދާގެ ބިއްދޮށުގައި ގަދަފަދަ ހަނގުރާމައެއް ކުރިޔަށް ދިޔައެވެ. އެއީ އިންސާނުންގެ ލޮލަށް ފަރުދާ ވެފައިވާ ހިސާބެކެވެ. ބަތޫރު ވިއްސައިގެން ގޮސް ވަރަށް ދުރަށް ވެއްޓުނެވެ. ޖަދުވާން މަތިން އައިސް ބިންމައްޗަށް ޖެހިގަތެވެ. އިސްކޮޅާއި ރޫފައަށް ބެލިޔަސް އެއީ ތަފާތު ބޮޑު ދެ މަހުލޫގުންނެވެ. ދުވަހަކު ވެސް ނާންނަ ހައި ރުޅި އައިސްފައިވާ ޖަދުވާން މާދަރީބަހުން ހަޅޭއްލައިގަތެވެ.
"ދެން ކަލޭ އޭނައާ ދިމާއަށް ބަލައިލިޔަސް ހިރަފުހަށް ހަދައިލާނަން،" ޖަދުވާންގެ އަޑު މުޅި ތަން ގުގުމައިލިއެވެ. "ވަރަށް ވޭތަ އަހަރެން އަތުން މަރުވާ ހިތް؟ ވެރިކަމަށް ތިހާ ދަހިވެތިވާކަށް ނުވާނެ."
ބަތޫރަށް އަނިޔާވިއެވެ. ހިރިނުލެވިފައި އިރުކޮޅަކު އޮންނަން ވެސް އޮތެވެ. ހަށިގަނޑުގެ އެތަންމިތަނުގައި ރިހުނެވެ. އެހެނަސް ބަތޫރު ފެށީ ހޭނށެވެ. އެއީ އޭނަގެ މިޒާޖެވެ. އަނެކާ ރުޅި އަރުވާނެ ހުރިހައި ގޮތެއް ބަތޫރަށް އެނގެއެވެ.
"މާޒީގެ ލޯބި ހިތުގަ ބޮގޮބޮގޮޖަހަން ފެށީ ދޯ؟" މަޑުމަޑުން ތެދުވަމުން، ދެ ފަހަރަކު ކެއްސައިލާފައި މާދަރީ ބަހުން ބަތޫރު ބުންޏެވެ. "އާނ އަހަރެން މަރާލެވިދާނެ. އެކަމަކު ހަގީގަތް މަރައެއްނުލެވޭނެ. ކަލެއަކީ ދަހި، ގޮތްދޫނުކުރާ، ރުންކުރު ސިލަތެއް. އަހަރެން ކައިރީގަ ދަހިވެތިވާކަށް ނުވާނޭ ބުނާ އިރު ކަލޭ މި ރަށް ވެރިކޮށްލީ ކިހިނެއްކަން ހަނދާން އެބަހުރިތަ؟ އެއްބަނޑުއެއްބަފާ މީހަކަށް ވިހައެއް ދީގެން މަރާލައިގެން."
ކުރިޔަށް ވުރެ ބާރަށް ޖެހިޖެހީނުން، ދެތިން ގަހެއް ބިންދައިލާފައި، އެކަތައިގެ ފާރެއްގައި ޖެހިފައި ބަތޫރު ވެއްޓުނެވެ.
"ކީއްވެތަ އަހަރެން މަރު ނުވާ ވަރަށް ތި ޖަހަނީ؟" ހެމުންހެމުން ބަތޫރު ބުންޏެވެ. "އެއްފަހަރުން މި ކަން ނިންމާލަބަލަ! އެހެން ވެސް ހެދޭކަށް ނެތް. ބޮޑުބޭބެ މަރައިލި ސިލަތަށް ތިމާ ވާނީ ކިހިނެއް؟"
"ކުރަން ޖެހިއްޖެއްޔާ އެ ކަން ވެސް ކުރާނަން،" އެއްވެސް ޖެހިލުމެއް ނެތި ޖަދުވާން ބުނެލިއެވެ. "ކަލޭ މަރުވެގެން ރޯނެ އެކަކު ވެސް ނުހުންނާނެ. ރަނގަޅު ފިރިއެއް ނޫން، ރަނގަޅު ބައްޕައެއް ނޫން. ފާޑުފާޑުގެ އެއްޗިހި ކާން ދީގެން ދިރޭ އެއްޗެހި މަރަނީ ކަލޭ. އެހެންވެ ކަލެއަށް ހީވާނެ އަހަރެން ވެސް އުޅެނީ އެހެންނޭ! ފަހު ފަހަރަށް މި ބުނަނީ. އަހަރެންގެ ދަރިންނާ ދުރުގަ ހުރޭ!"
ނަގޫރޯޅިއެއްގެ ނަގޫހެން އޮޅެމުން ޖަދުވާން މައްޗަށް އަރައިގެން ގޮސް ގެއްލުނެވެ.
"އަހަންނަށް ކަލޭގެ ބަލިފައި ފެނިއްޖެ!" އެހެން ބުނެފައި ނިކަން ބާރަށް ބަތޫރު ހީނގަތެވެ. "ތި ހެދުނީ ވަރަށް ބޮޑު ގޯހެއް."
ދުރުގައި ކޮރާ ކުޅެން ތިބި ކުދިންގެ ގެތެރެއިން އަންޖަލްގެ ހަރަކާތްތަކަށް ސަމާލުކަންދީގެން، ޖޯލީގައި އޮށޯވެލައިގެން ނިޒާރު އޮތެވެ. އަންޖަލް ގެއްލޭނެއެވެ. ނިޒާރުގެ ހިތް ބުނަނީ އެހެންނެވެ. ނޭނގެނީ ގެއްލޭނެ ދުވަހެކެވެ. ދުވަސްވަރަކީ އަނބު މޫސުމެވެ. މާފިލާފުށީގައި ހުރި އަނބުގަހެއްގައި ރިއްސެޔޮލީ އަނބާއި ދޮން އަނބު ހުއްޓެވެ. އަނބަކީ ނިޒާރަށް ވަރަށް އެހެން ކަހަލަ ހަނދާންތަކެއް ގެނެސްދޭ މޭވައެކެވެ. އެއީ ސަމްރަތު ދުނިޔޭގައި ހުރި އިރު ހިނގި ހާދިސާއެކެވެ. އެ ހަނދާންތަކުން ސިކުނޑި ތާޒާވަމުންދިޔަ އިރު، ދަތުރުވެހީގެ ދޮރުކަނީގައި ހުރި މޮހޮރެއްގައި އަޅުވާލައިފައިވާ އަނބުކޯޅިއެއް ނިޒާރަށް ފެނެއެވެ. މާޒީގެ ހާދިސާ ވެސް ދިޔައީ ލޮލަށް ސިފަވަމުންނެވެ.
ދުވަސްވަރަކީ އަނބު މޫސުމެވެ. މާލޭގައި އަނބުގަސް ވަރަށް ގިނައެވެ. ހުރިހައި ގަހެއްގައި އަނބުއަޅައި ބަރާވެފައި އޮތެވެ. ބޮޑެތި އަނބުގަސް ހުންނަ ގޭގޭގައި ރިހަ އާއި ފަންޏަކަަށް ވެސް ހުންނާނީ އަނބެވެ. އަނބު ތިޔާގިކަމުން ވިއްކުމެއް ނޯވެއެވެ. ބޭނުންވާ މީހާ ހުއްދަ ހޯދައިގެން، ބޭނުން ވަރަކަށް ބިނދެގެން ދާންވީއެވެ. ރޭގަނޑު ނިދުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ޓިނު ފުރާޅުގެ މައްޗަށް އިރުއިރުކޮޅާ އަނބު ވެއްޓޭ ވަރުންނެވެ.
ހަވީރުގެ ވަގުތެވެ. ތިން ބެއިން ތިބީ އުނދޯލީގައި އަނބުކާށެވެ. އުނދޯލި ކައިރީގައި ބޮޑު އަނބު ގޯންޏެއް ހުއްޓެވެ. ކުރީ ފަހަރަކު ހިނގި ހާދިސާއަށް ފަހު، ކުދިވެރިން ސަމްރަތު ދެކެ ބިރުގަނެއެވެ. އެ ކުދީން ބަލަނީ މަންމައާ ތަންކޮޅެއް ދުރުދުރުން އުޅެވޭތޯއެވެ. ވާނީ ވެސް އެހެންނެވެ. ސަމްރަތު ނެރުނު އަޑާއި ޖެއްސި ވައްތަރުން ބޮޑެތި މީހުން ވެސް އެ ރޭ ކަންބޮޑުވިއެވެ. މައްސަލަ ހައްލުކުރީ ފަންޑިތަ ހަދައިގެންނެވެ. ނިޒާރު ބޭރުން އައިސް ވަދެފައި، ސަމްރަތު ފެންނަން ނެތުމުން މުހުސިނާއަށް ނިތްއެލިއެވެ. ބޮލުގެ އިޝާރާތުން "ކޮބައިހޭ" އެހިއެވެ.
"ކޮޓަރީގަ،" މުހުސިނާ ބުންޏެވެ. "އަނބު ކާން ނުކުންނާށޭ ބުނީމަ ވެސް އަޅައެއް ނުލި."
ސަމްރަތުގެ ކޮޓަރި ހުޅުވައިލި އަޑަށް އެންމެން އެ ދިމާ ބަލައިލިއެވެ. ސަމްރަތު ނުކުތެވެ. އޭނަ ހުރީ ކޮންމެވެސް ކަމެއް ވެފައިކަން، ބަލައިލި ކޮންމެ މީހަކަށް އެނގެއެވެ.
"މިރޭ އަންޖޫ ނިދަން ވާނީ މަންމަ ކައިރީގަ." ސަމްރަތު ބުންޏެވެ.
އަންޖަލްގެ އުމުރުން އޭރު ދިހަ އަހަރެވެ. މަންމަ ބުނާ އެއްޗަކަށް އިންކާރު ކުރާކަށް އަންޖަލްއަކަށް ނޭނގެއެވެ. އެއްބަސްވުމުގެ ގޮތުން ބޯޖަހައިލާފައި، ނިދާ ގަޑި ޖެހުމުން މަންމަގެ އެނދުގައި އަންޖަލް އޮށޯތެވެ. އެ އެނދު ހުންނަނީ ކޮޓަރީގެ ކަނެއްގައެވެ. މުޅި ކޮޓަރިއަށް އަލިކުރަން ހުންނަނީ ފަސް ވޯޓުގެ އެންމެ ރަތް ބޮތްކެކެވެ. އޭރު ސަމްރަތު ވެސް އެނދުގައި އޮތެވެ. އެހެން މީހުންނާ އެކަހެރިވެގެން، އެކަނިމާއެކަނި ތަންތަނުގައި އިށީނދެ ނުވަތަ އޮށޯވެގެން އޮތުމަކީ ސަމްރަތުގެ އާދައެކެވެ. ލޯ މަރާލައިގެން ސަމްރަތު އޮތް އިރު، އަތުގެ ނިޔަފަތިތަކުން އެނދުގެ ފޮތިގަނޑު މަތީގައި ހާކަމުން ގެންދިޔައެވެ.
"ނިދާފަ އޮވެގެން މަންމަ ގައިގަ ފައިން ނުޖަހައްޗޭ އިނގޭ!" ސަމްރަތު އެދުނެވެ.
އަންޖަލްއަކީ ނިދީގައި އެ ކަހަލަ ކަންތައް ކުރާ ކުއްޖެއް ވެސް ނޫނެވެ. އެހެން ނަމަވެސް، މަންމަ އެހެން ބުނުމުން އަންޖަލް އެ ކަމާ އެއްބަސްވިއެވެ. އިސާހިތަކު އަންޖަލްއަށް ނިދުނެވެ. އިރުކޮޅެއް ހޭދަވެފައި، ދަންވަރު ކުއްލިއަކަށް ހޭލެވުނެވެ. ހޭލެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭރު ސަމްރަތު އެނދަކު ނެތެވެ. ކޮޓަރީގެ ފަނޑު އަލީގެ ތެރެއިން އަންޖަލްއަށް އިވެނީ ބީރައްޓެހި އަޑެކެވެ. ކަށި ހަފާ އަޑެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯ ޏުމެރޭނެ މީހާ
20 August 2025
މިރޭ ނިދާކައް ނުކެރޭނެ މަށައް.
2025
20 August 2025
ޔޭ މަ ☝️ 8:42..... ބޮއިހަލަކި
ނަންމެތް
20 August 2025
ކިހިނެއް އެވީ