މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ: އަންޖަލް

(ބުދަ ދުވަހާ ގުޅޭ)

ކޮޓަރީގެ ފަނޑު އަލީގެ ތެރެއިން އަންޖަލްއަށް އިވެނީ ބީރައްޓެހި އަޑެކެވެ. ކަށި ހަފާ އަޑެވެ. އެއްޗެއް ކާ އަޑުހެން ވެސް ހީވެއެވެ. ލޮންނަ އަޑުހެން ވެސް ހީވެއެވެ. ހައިރާންކަމާ އެކުގައި އަންޖަލް ތެދުވިއެވެ.

ހަޅޭއްލަވައިގަތެވެ. ސަމްރަތު އިން ގޮތް ފެނިފައި އަންޖަލް މާ ބިރުގަތީއެވެ. ސަމްރަތު އިނީ އެނދުގެ ކަނުގައި ކުރުގެޅިގެންނެވެ. ދިގު އިސްތަށިގަނޑު އޮތީ ހާވައިލައިފައެވެ. އަތްތިލައިގެ އެއްބައި އޮތީ އަނގަ ތެރޭގައެވެ. އެ ވަރަށް މަންމަ އަނގަ ހުޅުވީ ކިހިނެއް ކަމެއް، ކަނީ ކޯޗެއް ކަމެއް އަންޖަލްއަކަށް ނޭނގެއެވެ. އަންޖަލް ބަލައިލުމުން ސަމްރަތު ވެސް އަންޖަލްއާ ދިމާއަށް ބަލައިލިއެވެ. އަންޖަލްއަށް މަންމަގެ ލޯ ފެނުނީ ހުދުކުލައިގައި ހުއްޓައެވެ. އަންޖަލް ވަގުތުން އެނދުން ފުންމައިލައިގެން ކޮޓަރިން ނުކުތެވެ. ފަހަތުން ސަމްރަތު ދުއްވައިގަތެވެ. އަންޖަލްއަށް ދުވެވުނުހައި ބާރަކަށް ދުވެފައި ގޮސް މާމަ ކޮޓަރިއަށް ވަދެ، މާމަގެ ބިއްދޮށަށް އެރިއެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ސިއްސައިގެން ގޮސް ހޭލައިފައި މާމަ އެހިއެވެ.

"މާމާ! މަންމައަށް ހުރީ ކޮންމެވެސް ގޮތެއް ވެފަ،" އަންޖަލްއަށް ބުނެވުނީ އެހެންނެވެ. "އެއީ މަންމައެއް ނޫން. އެހެން މީހެއް. ކޮންމެވެސް އެއްޗެއް ކަމުންކަމުން އޭނަ އެބަ އާދޭ މި ކޮޅަށް. އަހަރެން ފޮރުވާ މާމާ!"

ވެގެންއުޅޭ ގޮތެއް މުހުސިނާއަކަށް ނޭނގެއެވެ. އަވަހަށް ރަޖާގަނޑު ދަށަށް ލައި އަންޖަލް ފޮރުވިއެވެ. ހަމަ އެ ވަގުތު ސަމްރަތު ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ އަލިމަޑުކަމުން މުހުސިނާއަކަށް ސަމްރަތުގެ މޫނެއް ރަނގަޅަކަށް ނުފެނެއެވެ. ސަމްރަތު ނިކަން ހަލުވިކޮށް ކޮޓަރީގެ ކޮޅުކޮޅަށް އެނބުރި ބަލައިލިއެވެ.

"އަންޖަލް އައިތަ؟" ސަމްރަތު އާންމުކޮށް ވާހަކަ ދައްކާ އަޑުން އެހިއެވެ.

"މި ތާކަށް ނާދޭ!" މުހުސިނާ ބުންޏެވެ. "ކިހިނެއްތަވީ؟ ކިހިނެތް ވެގެންތަ ތި އުޅެނީ؟"

"ކަމެއް ނުވޭ!" ސަމްރަތު ބުންޏެވެ. "އޭނަ ދުވެފަ ނުކުތީމަ އަހަރެން ވެސް ފަހަތުން މި އައީ. ހީވަނީ އޭނައަށް ބިރުގަންނަ ހުވަފެނެއް ފެނުނީހެން. އަންޖޫ!"

އަންޖަލްއަށް ގޮވަމުން ސަމްރަތު ނުކުތެވެ. ދޮރު ލެއްޕިއެވެ.

"ދަރިފުޅު ޝަހާދަތް ނުކިޔާތަ ނިދީ؟" ރަޖާގަނޑު އެއްފަރާތް ކޮށްލަމުން މުހުސިނާ އެހިއެވެ.

"އަހަންނަކަށް ހުވަފެނެއް ނުފެނެއޭ މާމާ!" އަންޖަލް ބުންޏެވެ.

ވީ ގޮތް އަންޖަލް ކިޔައިދިނެވެ. އެހެނަސް އެއްވެސް ވާހަކައެއް މުހުސިނާ ގަބޫލު ކުރިހެނެއް، މުހުސިނާގެ މޫނުމައްޗަކުން ހިޔެއް ނުވެއެވެ. އެ ހުރިހައި ކަމެއް ހިނގި އިރު ވެސް ނިޒާރު އޮތީ ނިދައިފައެވެ. ނޫނެކެވެ. އޭނަ އޮތީ ނިދި ކަމަށް ހެދިގެންނެވެ. ސަމްރަތަށް އަންނަމުންދާ ބަދަލުތަކާއި، ނޫމާނު ކިޔައިދިން ވާހަކަތަކާ ދިމާވާ ތަން ނިޒާރަށް ފެނެއެވެ.

ކުދީން ޖިންނިމޮޔަވުމަކީ، އެ ޒަމާނުގައި ނާދިރުކަމެއް ނޫނެވެ. އެ ކަން ތަޖުރިބާނުކުރާ އާއިލާއެއް ނެތެވެ. ކުއްޖަކު މާ ގިނައިން ރުޔަސް، މާ ގިނަ ދުވަސްވަންދެން ތަނަކަށް ތަދުވިޔަސް، ކެއުމާ މާ ބޮޑަށް ދުރުވިޔަސް ހައްލަކީ ފަންޑިތައެވެ. ނުކިޔެވިޔަސް، މާ ރުޅިގަދަވިޔަސް، ބަސްމަދުވިޔަސް ގެންނާނީ ފަންޑިތަހަދާ މީހެކެވެ. ގިނަ ފަހަރަށް، އެ މީހާ ކުރާ ކަންތަކުން ކުއްޖާ ރަނގަޅުވެއެވެ. ސަމްރަތުގެ ފަރާތުން ފެންނަ ކަންތައްތަކާ މެދު މުހުސިނާ ހައިރާނެއް ނުވެއެވެ. ބިރެއް ވެސް ނުގަނެއެވެ. ޖިންނިމޮޔަވީމައި އުޅޭނީ އެހެންނޭ ބުނެލައިފައި ނިންމައިލަނީއެވެ. ސަމްރަތު ރަނގަޅު ކުރުމުގެ ޒިންމާއާ ހަވާލުވެގެން އުޅުނީ ނޫމާނެވެ. ކޮންމެ ރެޔަކަށް ވެސް އޭނަ ލިސްޓެއް ދީފައި އޮވެއެވެ. އެ އެއްޗެހިތައް ގަނެ ހަމަކުރުމުން ނޫމާނު އައިސް އެ ކުރާ ކަމެއް ކުރެއެވެ. އެއީ ވެސް ބޮޑު ކުޅިވަރެކެވެ. ބަލަން އަވަށްޓެރީން އާދެއެވެ. އަންނަ މީހުން ބުނާ ސުވާލުތައް ސަމްރަތާ ކުރެއެވެ. ސަމްރަތު އޮށޯވެގެންއޮވެ، އޭނަޔާ ކުރާ ހުރިހައި ސުވާކަށް ބަރާބަރަށް ޖަވާބުދެއެވެ.

"މީ އަސްލު ކިހިނެއް ފެށިގެން އުޅޭ ކަމެއް؟" އެއް ރޭ ނޫމާނު އެހިއެވެ.

ސަމްރަތު ބުނި ގޮތުގައި އެ ކަމެއް ފެށުނީ އިންޑިޔާގެ ފެނާރެއް ކައިރިންނެވެ. ހާމަ ތަންތަނުގައި ކުރާ ބައެއް ކަހަލަ ކަންކަމުގައި، ބައެއް ފަހަރު އެހެން ކިޔާނެއް ބައިވެރިވެދާނެއެވެ. އިންސާނާއަށް އެ ކަން އެނގޭނެއެވެ. ނޭނގި ވެސް ހިނގައިދާނެއެވެ. ސަމްރަތު ދިނީ އެ ކަހަލަ ކުރު ޖަވާބެކެވެ.

ހަގީގަތުގައި އިންސީންނާއި ޖިންނީންގެ، ވަރަށް ގިނަ އާދަތައް އެއްގޮތެވެ. ޖިންނީންނަކީ ދިރިއުޅުމަށް މަސައްކަތްކުރާ، ކައިވެނިކުރާ، ދަރިން ވިހާ ބައެކެވެ. އެކި ދީނަށް ތަބާވުމާއި، މަކަރުހެދުމާއި، އަނިޔާކުރުމާއި، ސިހުރު ހެދުން ވެސް އޮވެއެވެ. އިންސާނުން ފަދައިން އިސްކޮޅާއި، ބާރާއި، ފެންވަރުގެ ގޮތުން ތަފާތު ޖިންނީން ވެސް އުޅެއެވެ. ބައެއް އިންސާނުން ޖަނަވާރާއި ގައިގޯޅިވެ އުޅޭ ފަދައިން، ބައެއް ޖިންނީން އިންސާނުންނާ ވެސް އެ ފަދަ ގުޅުން ބާއްވައެވެ. ޖިންނިއެއް އަވަލަވައިފިކަން އެނގޭނީ، އިންސާނާއަށް ފަހުން އަންނަ ބަދަލުތަކުންނެވެ.

ސަމްރަތުގެ ދުނިޔެއަކީ ކޮޓަރިއެވެ. އޭނައަށް ދުވާލަކީ ރޭގަނޑެވެ. އެކުވެރިޔަކީ އެކަހެރިކަމެވެ. މީހުންގެ ފައިހިލަވަޅު އޮބުމުން ނޫނީ ސަމްރަތު ކޮޓަރިއަކުން ނުނިކުމެވެ. ފެންބޮއެވެ. ކެއުމެއް ނޯވެއެވެ. މައިންބަފައިންނަށް އެ ކަން ވީ، ވޭންދެނިވި ކަމަކަށެވެ. ރޮއި އާދޭސް ކުރީމައި ވެސް ސަމްރަތު އެއްޗެއް ކަނީ ނަމަކަށެވެ.

މެންދުރުގެ ވަގުތެވެ. ނިޒާރުއާއި މުހުސިނާ ކައިނިމުނު އިރު ވެސް ސަމްރަތުގެ ޚަބަރެއް ނުވެއެވެ. އޭރު ވެސް މުހުސިނާ އެތައް ފަހަރަކު ސަމްރަތަށް ގޮވައިފިއެވެ. ހަމަ ގޮވައިލާ އިރަށް ޖަވާބު ދެއެވެ. ކާން އަންނަން ބުނީމަކާ ރައްދެއް ނުދެއެވެ. ނާންނާނަމެކޭ ވެސް ނުބުނެއެވެ. ކައި ނިމިގެން، އާދައިގެ މަތީން ދަރިފުޅަށް އާދޭސްކުރަން ނިޒާރު ދިޔައެވެ. ކޮޓަރީގެ ދޮރުހުޅުވައިލި އިރު ސަމްރަތު އެނދުގައި އޮށޯވެލައިގެން، ކޮޓަރީގެ ކަނަކަށް ބަލަހައްޓައިގެން އޮތެވެ. ވާހަކައެއް ނުދައްކައެވެ. ހަމަ އޮތީއެވެ. އެހެނަސް، ބޯޖަހާހެން ނިޒާރުއަށް ހީވިއެވެ.

"ދަރިފުޅާ!" ދޮރުމަތީގައި ހުރި ނިޒާރު ގޮވައިލިއެވެ.

"އޯއި ބައްޕާ!" ސަމްރަތު ވަގުތުން ޖަވާބުދިނެވެ.

"ހިނގާ ކާން،" އެތެރެއަށް ވަންނަމުން ނިޒާރު އެދުނެވެ. "ކައިގެން އައިސް ވެސް ތި ކުރާ ކަމެއް ކުރެވިދާނެއްނު ދަރިފުޅާ! މަންމަ އެބަ ހުރި ބަނބުކެޔޮބަތާ ރިހާކުރުދިޔަ ހަދާފަ. ތެއްލިމަސް ވެސް އެބަ ހުރި."

"އެކަމަކު ބަނޑަކު ނެތޭ ތަނެއް ބައްޕާ!" ސަމްރަތު ބުންޏެވެ. "ހަމަ ދެންމެ ކާން ގެނައީ."

"އަނެއްކާ ވެސް ބުނީއޭ!" ޗޮކެއް ކަނޑައިފައި ނިޒާރު ބުންޏެވެ. "ކާން ގެނައި ނަމަކާ މަންމައެއް ނުބުނާނެއްނު ކާން ގޮވާށެކޭ ދަރިފުޅާ! ދަރިފުޅު އާދޭތޯ މިހާރު ވެސް މަންމަ އެބަ އިން މޭޒުދޮށުގަ. ހިނގާ ދެން."

ސަމްރަތު ތެދުވެ އެނދުގައި އިށީނދެލިއެވެ. އެހެނަސް، ކޮޓަރީގެ ކަނާތްފަރާތު ކަނަށް ވައްކަޅީން ބަލައެވެ.

"ކާން ގެންނަނީ މަންމައެއް ނޫނޭ!" ސަމްރަތު ބުންޏެވެ. "އޭނަ ގެންނަނީ."

ސަމްރަތު އެ ފަހަރު އިޝާރާތްކުރީ ވައަތްފަރާތު ކަނަށެވެ. އެ ތަނުގައި އެއްޗެއް ނެތީމައި ނިޒާރު އެ ދިމާއަކަށް ނުވެސް ބަލައެވެ.

"ބަލަ އުހުނ!" ހެދުން މަތީން ބަނޑުގައި އަތް އުނގުޅައިލަމުން ސަމްރަތު ބުންޏެވެ.

އެ ބަނޑު ކުޑައެއް ނޫނެވެ. ނިޒާރު އެ ކަން ގަބޫލުކުރެއެވެ. އެހެނަސް، ނިޒާރު ދެކޭ ގޮތުގައި ބަނޑު އެ ވަރަށް ފުއްޕާފައި ހުންނަނީ ސަމްރަތު ފެންބޯ ވަރުންނެވެ. ވަޔާއި، ވެއްޔާއި، ފެނުގެ ކިޔާނު އުޅޭކަމެއް ނިޒާރު ހަނދާނެއްނެތެވެ. ވަރަށް މަސައްކަތްކުރުމަށް ފަހު، އެ ދުވަހު ވެސް ނިޒާރު ނާކާމިޔާބުވެގެން ނުކުތީއެވެ. ސަމްރަތަކަށް ނުވެސް ނިދެއެވެ. ޖެހެނީ ނިދާބޭސްކާށެވެ. މީހުން ގާތުގައި އެ ވާހަކަ ނުދެއްކި ނަމަވެސް، އޭގެ ފަހަތުގައި ވެސް ސަބަބެއް އޮތެވެ. ސަމްރަތަށް އިރުއިރުކޮޅާ ގޮވާ އަޑުއިވުމެވެ. ވައި އަޑަކުންނެވެ. ސަމްރަތު ބަލައިލާ އިރު މީހަކު ނުހުރެއެވެ. ގޭގައި މީހަކު ސިއްރުން ވާހަކަ ދެއްކިޔަސް ސަމްރަތަށް އިވެއެވެ. ގޭގެ އެންމެނަށް ވެސް އެ ކަން އެނގެއެވެ. ސަބަބު ވެސް އެނގެއެވެ. ސަމްރަތު ޖިންނިމޮޔަވެފައި ހުންނާތީއެވެ. މައްސަލައަކީ، ދޭތެރެއަކުން އެ ކަން ހަނދާން ނެތޭ ކަމެވެ. ސަމްރަތަށް އިވެން ނުވާ ކޮންމެވެސް ވާހަކައެއް ދެއްކޭ ކަމެވެ.

އާންމު އިންސާނުންގެ ނުހުންނަ އެތައް ސިފައެއް ސަމްރަތު ހުރެއެވެ. ނުކެޔަސް ހަށިގަނޑު އަނަރޫފަނުވުމާއި، ދުރުން އަޑުއިވުމާއި، އަނދިރީގައި ފެނުމެވެ. އެހެނަސް، އެންމެ އަޖައިބުކުރަނިވި ކަންތައް ހިނގީ އިރާދަމަކުއެވެ. އެ ރެއަކީ، މުހުސިނާގެ ގައިގަ ރިއްސާތީ ތެޔޮދަމާ މީހަކު ގެނެސްގެން އުޅުނު ރެއެކެވެ. މުހުސިނާގެ ކޮޓަރި ހުރީ ތަޅުލައިފައެވެ. ސަމްރަތު އުޅުނީ އެ ކޮޓަރިއަށް ނުވަދެވިގެންނެވެ. އިރުއިރުކޮޅާ ޓަކިޖަހާފައި ގޮވައެވެ.

"އަޅެ ދޮރު ހުޅުވަބަލަ މަންމާ!" ސަމްރަތު ބުނެއެވެ. "ކީއްތަ ތި ކުރަނީ؟ ހާދަ އިރެއްވެއްޖޭ!" "ބުނެފީމެއްނު ކަމެއްކުރަނީއޭ ދަރިފުޅާ!" މުހުސިނާ އެތައް ފަހަރަކު އެ ޖަވާބުދީފިއެވެ. "އިރުކޮޅަކުން ހުޅުވާނަމޭ!"

"ހުރެބަލަ ނިކަން." ސަމްރަތު ބުނި އަޑުއިވުނެވެ.

ސަމްރަތު ދޮރުގައި ތަޅަން ފަށައިފިއްޔާ، އިރުކޮޅެއް ނުވަނީހެއް ހުއްޓައެއް ނުލާނެއެވެ. އެކަމަކު އެ ފަހަރު ދެނެއް އަޑެއްބަޑެއް ނީވެއެވެ. އެއީ މައްސަލައެކެވެ. އެ ހަމަހިމޭންކަން މުހުސިނާގެ ކަންފަތް ބައްކޮށްލިއެވެ. ހިތުވިންދު ބާރުކޮށްލިއެވެ.

"އަވަސްކޮށްލާ!" ތެޔޮދަމާ މީހާ ގާތުގައި މުހުސިނާ ބުންޏެވެ. "އޭނަ ކޮށްފާނެ ކޮންމެ ފަދަ ކަމެއް ވެސް." "މަންމާ!" ސަމްރަތުގެ އަޑުއައީ މަތީންނެވެ. "ކުރާ ކަމެއް ބަލައިލީ!"

މުހުސިނާ ބަލައިލި އިރު ސަމްރަތު އޮތީ ފެންލައިޓުގައި ބަނޑު އަޅުވައިލައިގެންނެވެ. ޖޯއްޔަށް ކޮޅަށް އަރަން ނުކެރޭ ކުއްޖަކު، އެގާރަ ވަރަކަށް ފޫޓު އުހުގައި ހުރި ފެންލައިޓެއްގައި ބަނޑު އަޅައިގެން އޮންނާނީ ކިހިނެއް ހެއްޔެވެ؟ އަރާނެ އެއްޗެއް ނެތެވެ. ފެންލައިޓު ހުރީ ފާރުގެ މެދުގައެވެ. އޭނަ އެ ތަނުން ބޭލީ ހަރުގަނޑެއް ބަހައްޓައިގެންނެވެ.

އޭގެ ފަހުން ސަމްރަތު އަނބު ގަހަށް އަރައެވެ. އަރާ ތަނެއް އެކަކަށް ވެސް ނުފެނެއެވެ. ފެންނަނީ ގަހުކުރީގައި އޮއްވައެވެ. ގަހުން ބާލަން އަނިލް ނުވަތަ ނިޒާރު ޖެހެނީ ގަހަށް އަރާށެވެ. އެ މައްސަލަ ވަރަށް ބޮޑުވިއެވެ. އަނިލް ބުނި ގޮތުގައި ސަމްރަތު ޖިންނިމޮޔައެއްނުވެއެވެ. އެއީ ހަމަ ހެދިގެން އުޅޭ ގޮތެކެވެ. އެ ކަން ނުހުއްޓައިފި ނަމަ، ކިތަންމެ ލޯބިވިޔަސް ސަމްރަތާ އިނދެގެނެއް އަނިލްއަކަށް ނޫޅެވޭނެއެވެ.

ސަމްރަތަކަށް ބަދަލެއް ނައެވެ. ވީމާ، އޭނަ ވަރިކޮށްފައި އަނިލް ދިޔައީ އެވެ. ކުދިން ތިބީ ސަމްރަތު ކައިރީގައެވެ. ސަމްރަތުގެ ހޭބުއްދިފިލީ އެ ހިސާބުންނެވެ. ދެން ފެންނަން ފެށީ، ވިއްސާރަ ދުވަސްދުވަހު މަގުމަތީގައި އޮންނަ ފެންގަނޑަށް އެރި އިންނަ ތަނެވެ. ފެނާއި ސަމްރަތާ އޮންނަނީ އާދަޔާ ހިލާފު ގުޅުމެކެވެ. އަވައްޓެރީންގެ ޝަކުވާ އިންތިހާއަށް ބޮޑުވިއެވެ. ސަމްރަތު ނުބެލެހެއްޓިގެން ގުރައިދޫއަށް ގެންދިޔައެވެ. އެ ތަނުގައި ސަމްރަތުގެ ހާލު އިތުރަށް ގޯސްވިއެވެ. ނިޔާވީ ވެސް އެ ތަނުގައެވެ. ސަމްރަތު މަރުވީ އަޖައިބު ގޮތަކަށެވެ. (ނުނިމޭ)

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 67%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުލޫ

24 August 2025

"ލޮންނަ" އަޑުގެ މާނަ އެއްވެސް ކުއްޖަކު ކިޔާ ދީފާނަންތަ؟ ރަދީފުން ނުފެނިގެން

The name is already taken The name is available. Register?

‫މަހޫ

24 August 2025

‫އަހަރެން ބޭނުންވީ ގޮތައް މިވާހަކަ މިދަނީ. އަންޖަލްވެސް އެގޮތްނުވާނެ ދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454