10 ސެޕްޓެމްބަރ 2025 - 05:52
(އާދިއްތަ ދުވަހާ ގުޅޭ)
ރާއިފު ދޮރުލައްޕައިލިއެވެ. ދަނޑިވަޅު ރަނގަޅެވެ. ރާއިފަކީ ކަންކަމާ ފަސްޖެހޭ ޒުވާނެއް ނޫނެވެ. އަންޖަލް ފުރަތަމަ ފެނުނު ވަގުތުން ފެށިގެން ރާއިފު ކަމެއް ހިތުލިއެވެ. އެ މަގުސަދު ހާސިލު ކުރުމަށް ޓަކައި ރާއިފު ކުރިޔަށް ފިޔަވަޅެއް އެޅިއެވެ. އަންޖަލް ހުރީ ފުރަގަސްދީގެންނެވެ. އެއްޗެއް ހޯދާ ކަމަށް ހެދިގެންނެވެ.
ދޮރުލެއްޕި ކަމާއި ފަހަތުން ރާއިފު އަންނަކަން އަންޖަލަށް އެނގެއެވެ. ނިންމަން ނޭނގުނީ ދެން ހަދާނެ ގޮތެކެވެ. ހިތަށް އެރިއެވެ. ވާ ގޮތެއް ވާން ދޫކޮށްލަންވީ ހެއްޔެވެ؟ ހުއްޓުވަންވީ ހެއްޔެވެ؟ އަންޖަލްގެ ހިތުވިންދު ބާރުކަމުން ގޭގެ ފާރުތަކަށް ވެސް ގުޑުން އަރާ ކަހަލައެވެ.
ލޯތްބަކީ އަންޖަލްގެ ހިތަށް ބީރައްޓެހި ރަހައެކެވެ. ދުރުދުރުން ފެނިފައި ވަނީ އޭގެ ކުލައެވެ. ތުންތުންމަތިން އިހުސާސްކުރެވިފައިވަނީ އޭގެ ވަހެވެ. ރާއިފު އައިސް އަންޖަލްގެ އަތުގައި ހިފިއެވެ. ހީވީ ގޭގެ ފުރާޅު މައްޗަށް ކުރުނބާ އިހަލެއް ވެއްޓުނު ހެންނެވެ. ދެ މީހުން ސިއްސައިގެން ގޮސްފައި، ދުވެފައި ގޯތިތެރެއަށް ނުކުތެވެ. ރާއިފު ނިކަން ހަލުވިކޮށް ދިއްގާގަ ހަށް އަރައިގެން ގޮސް ފުރާޅަށް އެރިއެވެ. ވެއްޓުނީ ކޯޗެއްތޯ ބެލުމަށެވެ. އަންޖަލް ހުރީ ރާއިފަށް ބަލަހައްޓައިގެންނެވެ. ފަތް ފިޔަވައި އެހެން އެއްޗެއް ފުރާޅަކުން ރާއިފަކަށް ނުފެނުނެވެ. ރާއިފު ތިރިއަށް ބަލައިލައިފައި، ދެއަތަކަށް ބޯ ހޫރައިލިއެވެ. އެކައްޗެއް ވެސް ނެތޭ ބުނާ ކަހަލަ ގޮތަކަށެވެ. ދެ މީހުންނަށް ވެސް ބާރު އަޑެއް އިވުނެވެ. އެއީ ޔަގީން ކަމެކެވެ. ޖެހުނު އެއްޗެއް ޖެހުނުލެއް ބާރު ކަމުން ތިރިޔަށް ހިރަފުސް ވެސް ފޭބިއެވެ. އެހެނަސް ފުރާޅުގައި އެއްޗެއް ނެތުމުން ބުނާނެ އެއްޗެއް ނޭނގުނެވެ.
ރާއިފު ކުރަން އުޅުނީ ކީއްހެއްޔެވެ؟ ބުނަން އުޅުނީ ކީކޭ ހެއްޔެވެ؟ ފަހުން އެ ކަން ހަނދާން ނެތުނީ ހެއްޔެވެ؟ އަންޖަލް ބޭނުންވީ އެ ސުވާލުތައް ނާހައި ޖަވާބު ހޯދާށެވެ. ފަޅުރަށާ ދިމާއަށް ދޯނި ދަތުރުކުރަމުން ދިޔަ އިރު އަންޖަލް އިސްޖަހާލައިގެން އިނެވެ. ޖެހިގެން ރާއިފު އިނެވެ. ޖެހެމުން ދިޔަ ފިނި ރޯޅިއަކުން އަންޖަލްގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ. ރާއިފު ލައްވައި ކިތަންމެ ކަމެއް އަންޖަލްއަށް ކުރެވިދާނެއެވެ. އަންޖަލް ޖެހޭނީ އެންމެ ފަހަރަކު ރާއިފަށް ބަލައިލާށެވެ. ކޮންމެ ސުވާލެއް އަންޖަލް ހިތުލިޔަސް، އެ ސުވާލަކަށް ޖަވާބު ދޭން ރާއިފަށް މަޖުބޫރު ވާނެއެވެ. އެހެން ހަދަން އަންޖަލްއަށް ނުކެރުނީއެވެ.
"އަހަރެން ލާފަ ރަށަށްތަ ދަނީ؟" އިސްޖަހާލައިގެން އިން އަންޖަލް މަޑުމަޑުން ސުވާލުކުރިއެވެ. ރާއިފުއަށް އެ ވަރުން ފުދިއްޖެއެވެ. ދުށްތާ މާ ގިނަ އިރެއް ނުވާ ފިރިހެނެއް ގާތުގައި އެ ފަދަ ސުވާލެއް ކުރާނީ އެންމެ ސަބަބަކާ ހެދިއެވެ. ވަކިވާން ބޭނުން ނުވާތީއެވެ. ދެކޭ ހިތްވާތީއެވެ.
"މަޑުކުރަންވީ؟" ރާއިފު ވެސް ކުރީ ސުވާލެކެވެ.
އަންޖަލް ޖަވާބު ދޭން ބޭނުންވިއެވެ. މަޑުކުރާށޭ ބުނަން ހިތް އެދުނެވެ. ހިތްނުފުރޭތީއެވެ. އެހެނަސް އެ ދެމެދަށް ވެރިވި ލަދުވެތިކަމުގެ ފަރުދާ މާ ބޮލެވެ. އެއްޗެއް ބުނަން ނުކެރި އިރުކޮޅެއް ވެއަތުވިއެވެ.
"ބުނޭ!" ރާއިފު ބުންޏެވެ. "އަންޖޫ ބުނެފިއްޔާ މަޑުކުރާނަން. އެހެން ނޫނީ ނުކުރާނަން."
އަންޖަލް ބުނަން ބޭނުންވެފައިވާ ވާހަކަ ބުނާނެ ގޮތަކާ މެދު ވިސްނައިލިއެވެ.
"އެހެން ބުނަން އަހަރެން މީ ކާކު؟" އަންޖަލް ދެން ވެސް ވާހަކަ ދެއްކީ އިސްޖަހާލައިގެން އިނދެއެވެ.
"އަހަންނަކަށް ވެސް ނޭނގެ،" ރާއިފު ހީނލައިފައި ބުންޏެވެ. "އަހަރެން އައީ މަންމަޔާ މީޓް ކޮށްލަން. ހީ ވެސް ނުކުރާ ކަހަލަ ގޮތެއް މި ވީ. ހަބޭހަށް ލޯބި ވެވިއްޖެ!"
ހިނިތުންވެލުން ނޫން ކަމެއް އަންޖަލްއަކަށް ނުކުރެވުނެވެ. ކަންފަތަށް ހީވީ ހިތްގައިމު ރާގެއް އިވުނު ހެންނެވެ.
"އަދި އެއް ފަހަރު ބުނެބަލަ!" އަންޖަލް އެދުނެވެ.
"ވަރަށް ލޯބި ވެވިއްޖޭ!" ޖެހިލުމެއް ނެތި ރާއިފު ބުނެލިއެވެ.
"ތިހެނެއް ނޫން،" އަންޖަލް ރަކިވެފައި ބުންޏެވެ. "ކުރިން ބުނި ގޮތަށް."
"ކީކޭތަ އަަހަންނަށް ބުނެވުނީ؟" ރާއިފު ވިސްނައިލަމުން ބުންޏެވެ. "މިހާރު ނެތް ހަނދާނެއް. ފައްކާ ގޯލްޑްފިޝްއެއް."
ރާއިފު ވާހަކަ ދައްކާ ގޮތާއި ބުނެލާ އެއްޗެހި އަންޖަލްއަށް ވަރަށް މަޖައެވެ. ނުހޭން ހުއްޓަސް ހެވެއެވެ. ދޯނި ލެފުމުން އަންޖަލްއާއި ރާއިފު ފޭބިއެވެ. ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
"އަންޖޫ ކިހާ ދުވަހެއް ވެދާނެ ފިލާ އުޅޭތާ؟" ރާއިފު އެހިއެވެ.
"ފިލައޭ؟" ހައިރާން ވެފައި އަންޖަލް އެހިއެވެ.
"އެހެން ނޫން ނަމަ ތިހާ ލޯބި ކުއްޖަކު މީހަކު ރިޒާވް ނުކޮށެއް ނުހުންނާނެއެއްނު،" ރާއިފު ބުންޏެވެ.
"އަހަންނަށްތާ ފިރިހެނުންގެ ގޮތް އެނގޭނީ. މިހާރު ތި ކަހަލަ ކުދިންނެއް ނޫޅޭނެ."
ރާއިފު ކަހަލަ މީހަކު ވެސް ނޫޅޭނޭ ބުނަން އަންޖަލް ހިތަށް އެރިއެވެ. އެކަމަކު، ކާފަ އަންނަ ތަން ފެނުމުން ފަސްކޮށްލީއެވެ.
"ތެދެއް ރާއިފު؟ ކެރޭނެތަ ރުކަށް އަރަން؟" ޅާނބެއް ހިފައިގެން ހުރި ނިޒާރު އެހިއެވެ. "މަންމަ ބުނި ވަރަށް ފަރިތަވާނޭ!"
"އެއްވެސް ކަމެއް ނޫނެއްނު!" ރާއިފު ވަގުތުން ބުންޏެވެ. "ހުއްދަ ނަގާކަށް ނުޖެހޭނެތަ؟"
"އެ ހުރިހާ ކަމެއް ކޮށްފިން،" ނިޒާރު ބުންޏެވެ. "އިރުއޮއްސުމުގެ ކުރިން އެބަ ޖެހޭ ކުރުނބާކޮޅެއް އަޅާލަން. ރުއް ވަރަށް ދިގު. އެ ކަހަލަ ކަންތައް ނުކޮށްނުކޮށް މިހާރަކު ނުކެރޭ އަރާކަށް،" އަދި އަންޖަލްއަށް ބުންޏެވެ.
"މާމަ ފެންނަ ހިސާބުގަ ދަރިފުޅު އިންނާތި!"
ނިޒާރު ވާހަކަ ދައްކަމުން ރާއިފުއާ އެކުގައި ވަލުތެރެއަށް ހިނގައިގަތެވެ. އަންޖަލް ގެނައި ކޮތަޅު ހިފައިގެން، މާމައަށް ގޮވަމުން ގެއާ ދިމާއަށް ހިނގައިގަތެވެ. ވަލުތެރެއަށް ވަން އިރު ވެސް ނިޒާރުގެ ވާހަކައެއް ނުހުއްޓެއެވެ.
"... އެހެންވެގެން އެ ޒަމާނުގެ މީހުން މުރާލީ!" ނިޒާރުގެ ވާހަކަ ދިޔައީ ހައްތަހާ އޮލަވަމުންނެވެ. "އަހަރެން ވެސް ވަކި ދުލެއް ނުކުރަމޭ! ފެތުމާ، ފުންމުމާ، ބައިސްކަލް ރޭސްޖެހުމާ، އަތާއަތާލުމުން ތިންވަނަ ހޯދިން. ރުކަށް އެރުމުން އެއްވަނަ ލިބުނު. އެންމެ އަހަރަކު ނޫނޭ! ޖެހިޖެހިގެން ދެ އަހަރު."
ނިޒާރު އާއި ރާއިފުއަށް މަތީން ލޯތަކެއް އަމާޒުވެފައި ހުއްޓެވެ. އެންމެ ދިގު ރުކަށް ވުރެ ވެސް މާ މަތިންނެވެ. މަތި ބެލި ނަމަވެސް އިންސާނުންނަކަށް އެ މަހުލޫގުންނެއް ނުފެންނާނެއެވެ. ފައިތިލަޔާ ހިސާބުންނާއި ގަސްތަކު ތެރެއިން ވެސް ރާއިފުއަށް ފާރަލީ ބަޔަކު އެ ކަމުގައި ދެމިތިއްބެވެ. ބޭނުން ނަމަ ކޮންމެ ކަމެއް ވެސް ކުރެވޭ ވަރުގެ ބާރުގަދަ ބައެކެވެ. އެހެނަސް، ކަން ކުރަން އޯޑަރު އައިސްފައިވަނީ ވަކި ގޮތަކަށެވެ. ވަކި ވަގުތެއް ޖެހުނީމައެވެ. އެ ވަގުތެއްގެ އިންތިޒާރުގައި އެ ބަޔަކު މަޑުކޮށްލައިގެން ތިބީއެވެ.
"މިހިރީ ރުއް." ވަރަށް ދިގު ރުކަކަށް އިޝާރާތްކޮށްފައި ނިޒާރު ބުންޏެވެ. "ވާނެ؟"
"އެހެންޏަ!" ރާއިފު ހަމަޖެހިލާފައި ބުންޏެވެ. "ތީ މެޓައެއްނު!"
ނިޒާރު ދެއްކީ ވަކި ހާއްސަ އިހަލެކެވެ. އެހައި މަތިން ވެއްޓި ޖެހުނަސް ފަޅައިގެން ނުދާނެ ވަރުގެ ކުރުނބާ ހުރީ އޭގައެވެ. އެއީ ނިޒާރަށް ފެންނަ ގޮތެވެ. އެ އަށް ވުރެ ފަސޭހައިން އެޅޭ ވަރުގެ ކުރުނބާ ހުއްޓެވެ. އެހެނަސް ކަންތައް ރޭވި، ތަރުތީބުވަމުން ދިޔައީ ކުރިއްސުރެ ހަމަޖެހިފައިވާ ގޮތަށެވެ. ބަދިގެ ދޮށުގައި ވަރަށް ފޯރިގަދައެވެ. އެއްބަޔަކު މުރަނަ ރޮށްޓާއި ރިހާކުރު ކަނީއެވެ. އަނެއް ބަޔަކު ތާސްކުޅެނީއެވެ.
ސަޅިބައިސާކެނޑުމާއި ތުންގުޅުވުން ވެސް ކުރިޔަށް ދިޔައެވެ. ތަންކޮޅެއް ދުރުގައި ހުރި ޖޯއްޔެއްގައި އަންޖަލް އެކަނިމާއެކަނި އޮށޯވެލައިގެން އޮތެވެ. އެއީ އަންޖަލް ވަރަށް ގިނައިން އޮންނަ ގޮތެކެވެ. މުހުސިނާ ދޭތެރެއަކުން އެ ދިމާއަށް ކަޅިއެއްލައެވެ. ނިޒާރު އެ ކަން ހަވާލުކޮށްފައިވާތީއެވެ. އަންޖަލް ފެންނަން އޮތުމުން މުހުސިނާއަށް ފުދެއެވެ. އެއީ ކިހައި ބޮޑު އަވާމެންދުރެއްކަން މުހުސިނާއަށް އެނގުނީހީ، އެ އަންޖަލް ގާތަށް މުހުސިނާ އައި ނަމައެވެ. އަނގައިންބުނެލި ނަމައެވެ.
މުހުސިނާގެ ހަގީގީ މާމަދަރި ހުރީ ފެންގަނޑަށް ބަލަހައްޓައިގެންނެވެ. އެއީ އަސްލު ފެނެއް ނޫނެވެ. ވަރަށް ތުނި، ދަޅަ ގަދަ ވެލިފޮތިތަކެއް ކަހަލަ އެއްޗެހިތަކެކެވެ. އެ ފެނުގައި ބާނި ހުއްޓެވެ. ރިވެލިވެއެވެ. އަތްލިޔަސް، އަތްގޮށިން ފެން ނެގިޔަސް އަތެއް ނުތެމެއެވެ. އެތިފޮދެއް ދުރުގައި ބަހައްޓައިފިއްޔާ، ދިރޭރަހަ ތިކިތަކެއް ފަދައިން ފުރޮޅެން ފަށައެވެ. ނެގި ތަނަށް ރުޖޫއަވެއެވެ.
"އެ ކީއްވެ އެހެން ވަނީ؟" ގާތުގައި އިން އަތީލާ ގާތުގައި އަންޖަލް އެހިއެވެ.
"އަތުން ނަގާފަ ބޯލަބަލަ!" އަލިގަނޑަކުން އިންސާނެއްގެ ސޫރަ ފާޅުވެފައިވާ އަތީލާ ބުންޏެވެ. "ތީ ވެސް ފެނެކޭ!"
އަންޖަލް ވަރަށް ހައިރާންކަމާ އެކުގައި އަތީލާއަށް ބަލައިލިއެވެ. ހަމަ އަސްލު ވެސް ބޯލަންވީހޭ އަހާ ކަހަލަ ގޮތަކަށެވެ. އަތީލާ އަތުން އަތްގޮށްޓެއްގެ ފެން ނެގިއެވެ. އަންޖަލްއަށް ދިއްކޮށްލިއެވެ. އަތީލާއަށް އަންޖަލް އިތުބާރު ކުރެއެވެ. ފެންފޮދެއް ބޮއިލިއެވެ. ކުއްލިއަކަށް އަންޖަލްއަށް ފެނުނީ އަންޖަލްގެ މާޒީއެވެ. އުމުރުން އެންމެ ފަސް އަހަރެވެ. އަތީލާ އާއި އަންޖަލް ތިބީ ކުޅޭށެވެ. އަތީލާގެ އަޖައިބު ދުނިޔޭގައެވެ. އަންޖަލްއަށް ހޭވެރިކަންވީ އަތީލާ އަތުން އަންޖަލްގެ ކޮލުގައި ޖަހައިލުމުންނެވެ.
"ކިހިނެއް އެ ވީ؟" އަންޖަލް އެހިއެވެ.
"އެއީ ތި ފެނުގަ ހުންނަ ސިފައެއް،" އަތީލާ ބުންޏެވެ. "ފެންބޯ ވަރަކަށް މާޒީ ފެންނާނެ. މާޒީ ބަލަން މާ ގިނަ އިރު އިނދެއްޖެއްޔާ، މިހާރުގެ ހަނދާނެއް ފުހެލާފަ އެ ތަނުގަ މާޒީގެ ހަނދާން އުމުރަށް ހަރުލައި ވެސް ފާނެ. ދެން ހިނގާ ދަމާ! ބައްޕަ އެބަ އިން ދައްތަގެ އިންތިޒާރުގަ."
ދެބެން އެކުގައި ހިނގައިގަތެވެ. އިންސާނަކު ހިނގާހެން ހިނގީ އަންޖަލްއެވެ. އަތީލާ އަލިގަނޑެއްހެން ގަސްތަކާއި ފަތްތަކަށް އެޅެމުން ދިޔައީއެވެ. ބައެއްް ފަހަރު ގެއްލެއެވެ. ބައެއް ފަހަރު އަލިގަދަވެއެވެ. އިސާހިތަކު މުޅި ތަން އަނދިރިވާން ފެށިއެވެ. އެކި ދިމަދިމާއިން އަލިތައް ދިއްލެން ފެށިއެވެ. އެއީ މުޅީން އެހެން ދުނިޔެއެކެވެ. ދުވާލު އެ ތަން ހީވަނީ ކޮންމެ މީހަކަށް ވެސް ހުޅުވައިލެވިފައިވާ ބަގީޗާއެއްހެންނެވެ. އެ ތަނެއްގެ ދިރުންތައް ހެލިފެލިވާ، ސިއްރުސިއްރުން ވާހަކަދައްކާ ޖާދޫގެ ބޮޑު ދަރުބާރެއްހެންނެވެ. އެހެނަސް ރޭގަނޑު އެ ގަނޑުވަރުގައި ފާރަވެރިވަނީ ހިޔަންޏެވެ. ދުވާލުގެ ބައެއް މަގުތައް ފަރުދާވެ، ރޭގަނޑަށް އާ މަގުތައް ފާޅުވެއެވެ. އެ މަންޒަރު އަންޖަލްއަށް ފެނުނެވެ. އަންޖަލް ގޮވައިގެން އަތީލާ ވަނީ ކުރިން ވަން ތަނަކަށް ނޫނެވެ. އެއީ ދިއްލިފައިވާ ބިއްލޫރި ބޮތްކެއް ކަހަލަ ތަނަވަސް ތަނެކެވެ. ހުދު ދޫލައެއް ފިޔަވައި އެހެން އެއްޗެއް ނެތެވެ. އަންޖަލް ގާތުގައި އަތީލާ މަޑުކުރިއެވެ.
"ތި އުޅެނީ އަހަރެން ރުޅި އަރުވަންތަ؟" ފުސް ވަރުގަދަ އަޑެއް އަންޖަލްއަށް އިވުނެވެ. "އެހެން ނަހަދާ ދަރިފުޅާ! ދެން އޭނަ ރުކުން ވެއްޓި މަރުވެއްޖެއްޔާ ކާކު ޒިންމާ ވާނީ؟"
"އެހެން ނަހަދައްޗޭ!" އާދޭހުގެ ރާގުގައި އަންޖަލްއަށް ބުނެވުނެވެ.
ދެން އިވުނީ ރާއިފު ހަޅޭއްލަވައިގަތް އަޑެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
10 September 2025
ޔޭ މަ ☝️ 8:35...... ބޮއިހަލަކި
ގުޑުލަކުމުނިޔާ
10 September 2025
ރާއިފު ރުކުން ވެއްޓި މަރުވި ހަބަރު އަންޖަލްއަށް ލިބުނެވެ. ޖާދޫގެ ފެންގަނޑުން ފެންފޮދެއް ބޯލުމަށްފަހު ރާއިފުއާއި އަންޖަލް ހޭދަކުރި ކުޑަކުޑަވަގުތުކޮޅުގެ މާޒީގެ ތެރެއަށް އަންޖަލް ގެނބިއްޖެއެވެ. އެވަގުތު މާމަ އައިސް ޑެބީއަތުން ރިމޯޓުއަތުލައި ޓީވީ ނިއްވަލިއެވެ. "މިހާރު މާގިނައިން ފިލްމު ބެލެނީއޭދޯ! އަދި ތާކުންތާކުނުޖެހޭ ފިލްމުތައް މީނާމިބަލަނީވެސް، ފައިދާހުރި އެއްޗެއްނަމަ ނަމަވެސް ރަނގަޅު!"