17 ސެޕްޓެމްބަރ 2025 - 06:24
(އާދިއްތަ ދުވަހާ ގުޅޭ)
"އަންޖަލް ޖެހޭނެ އަހަންނަށް ކަމެއް ކޮށްދޭން." ބަތޫރު ޖަވާބުދިނެވެ.
އަންޖަލް ހިތަށް އެރިއެވެ. ބަތޫރު އެ ބުނީ ތެދެކެވެ. ރަހުމާއި ކުލުނަކީ ބަތޫރުގެ ކިބައި ހުންނަ ކަމެއް ނޫނެވެ. ފުރަތަމަ ދިމާވި ފަހަރު ވެސް އޭނަ އުޅުނީ އަންޖަލްއަށް އޮޅުވައިލާށެވެ. ގެއްލުމެއް ދޭށެވެ. ބަތޫރަކީ، އިންސާނެއްގެ ކިބައިން އެހީއަކަށް އެދޭ ވަރަށް ވުރެ ބާރުގަދަ ކިޔާނެކެވެ. އޭނައަށް ނުކުރެވޭ އެކަމަކު އަންޖަލްއަށް ކޮށްދެވޭ އޮންނާނީ ކޮން ކަމެއްބާއެވެ؟
"ވިސްނަން ތިހާ ގިނަ އިރު ނުނަގާ!" ނަސޭހަތުގެ ރާގެއްގައި ބަތޫރު ބުންޏެވެ. "އެކަކު އުޅެނީ ލޯބިވާ ކަމަށް ހެދިގެން. ބައްޕައަކަށް ވެގެން. އެކަމަކު އޭނަގެ ހިތް ކިހާ ނުބައި؟ އެއްވެސް ކަމަކާ ނުލާ ރާއިފު މަރާލާށޭ އެ އުޅުނީ. އަހަރެން ވާ ރަނގަޅުތާ! ދިމާއަށް މި ބުނަނީ އަހަރެން ނުވާނެ ހެވެއް. އަންޖަލް އަޅެ ބުނެބަލަ! ކާކު ރަނގަޅީ؟ ކަލޭމެން އިންސާނުންނަކީ ނުލާހިކު ވިސްނޭ ކަމަށް ދައުވާ ކުރާ، މޮޅު ބައެއް. އެއް ތަނުގަ ހުންނަ އެއްޗެއް ނަގައިގެން ގެންގޮސް އަނެއް ތަނުގަ ބެހެއްޓުމަކީ ވެސް ކަލޭމެންނަށް އެއްވެސް ކަމެއް ނޫން. ޖަދުވާން އަދި ކަލޭ ފަހަތުން އަންނާނެ. ލޯބިވެރިޔާ ފަހަތުން ވެސް އަންނާނެ. ކަލޭމެން ސަލާމަތްކުރެވޭނީ ހަމަ އެކަނި އަހަންނަށް. އަންޖަލް ވަރަށް އުފާވާ ވާހަކައެއް ވެސް ބުނެފާނަމޭ! އޭނަ ހޭއަރައިފި!"
އެ ވަގުތު ރާއިފު ހަރަކާތްކުރިއެވެ. ދެއަތަކަށް ފުރޮޅިލިއެވެ. ރާއިފުގެ އެންމެ ފަހުގެ ހަނދާނަކީ ރުކަށް އެރި ހަނދާނެވެ. ދެން ވީ ގޮތެއް ނޭނގެއެވެ. އަންޖަލް އުޅުނީ ރާއިފު ގާތަށް ދާށެވެ.
"އިހަށް މަޑުކުރޭ!" ބަތޫރުގެ އަޑުއިވުނެވެ. "އާނއެކޭ ބުނެފަ ދޭ! އެހެން ނޫނީ..."
"ކޮށްދޭނަމޭ ކޮށްދޭނަމޭ! ނިމުނީނު!" އަންޖަލް ހިތުން ބުނެލިއެވެ.
"ކޮން ތާކަށް ތަދުވަނީ؟" ގާތުގައި ހުރި ނިޒާރު އެހިއެވެ. "ކޮން ތަނެއް ޖެހުނީ؟"
އެކި ދިމަދިމާއިން ސުވާލުތައް އޮއްސައިލި ނަމަވެސް، އެއިން އެކައްޗެއް ވެސް ރާއިފުއަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. މަންމަ އައިސް ރާއިފު ގައިގައި ފިރުމަން ފެށިއެވެ. ރާއިފު ބަލައިލީ އަންޖަލްއަށެވެ. ލުއި ގޮތަކަށް ހިނިތުން ވެސް ވެލިއެވެ. ބުނި ކަހަލައެވެ. އަހަންނަކަށް އެއްވެސް ކަމެއް ނުވެއެވެ. އަންޖަލްއަށް ހިނިތުން ވެވުނެވެ. ކަރުނުން ދެލޯ ފުރުނެވެ. ބޭނުންވީ އަންޖަލްގެ ވެލަވަރު ތެރޭގައި ރާއިފު ހައްޔަރު ކޮށްލާށެވެ. ދޫކޮށް ނުލައި އިރު އަރަންދެން ހުންނާށެވެ. އެކަމަކު ހާލަތު ތަނެއް ނުދިނެވެ. ރާއިފު މަޑުމަޑުން އެނދުން ފޭބިއެވެ. ނިޒާރު ހީކުރީ ރާއިފު ކާލި އަޅާނެ ކަމަށެވެ. އަރިއަޅާލައިފި ނަމަ، ހިފަހައްޓަން ވެސް ނިޒާރު ހުރީ ތައްޔާރު ވެގެންނެވެ.
"ފެންތަށްޓެއް ދީފާނަން؟" ރާއިފު ބުންޏެވެ.
"އެހާ މަތިން ވެއްޓުނީމަ ވެސް އެއްވެސް ކަމެއް ނުވޭ؟" ނިޒާރު އެހިއެވެ. "ތީ ކިހާ ބޮޑު އަޖައިބެއް. ހަމަ އެއްވެސް ކަމެއް ނުވޭތަ؟"
"ދެން ސާބަހޭ ކާފާ!" އަންޖަލް ބުންޏެވެ. "އޭނަ ނޭވާލިޔަދީބަލަ!"
ފަޅުރަށަށް އިރާދަމެވެ. އެހެން ތަނަކަށް ނިރުމަލަދަމެވެ. އެއީ އިންސާނުންގެ ދުނިޔޭގައި އަންނަ ވަގުތެއް ނޫނެވެ. އާދަކާދަ އޮންނަ ގޮތުން، ނިރުމަލަދަމަކީ އެންމެ ހަމަހިމޭން ވަގުތެވެ. ބިރުވެރިކަން ރަސްކަން ކުރާ ވަގުތެކެވެ. ވަރަށް މުހިންމު ބޭނުމެއް ޖެހިގެން ނޫނީ ނިރުމަލަ ވަގުތުގައި އެއްވެސް ކިޔާނެއް ބޭރަކަށް ނުނިކުންނާނެއެވެ. ހުރިހައި އެންމެން ތިބެނީ ހޮރުހޮރަށް ވަދެ ފިލައެވެ. ކޮންމެވެސް ބަލާވެރިކަމެއް ނުވަތަ ބައްޔެއް ފާވެދާނެތީއެވެ. މާޒީގައި ހުރިހައި ވަބާއެއް ވެސް ކުރިމަތިވެފައިވަނީ އެ ވަގުތުއެވެ. އަތީލާ އިނީ، ނިދަން އަރާ ގަހުގެ ތޮފަޅައިގެ ތެރޭގައި އުޑަފައިން އިށީނދެގެންނެވެ. އެއީ އިންސާނުން އާންމުކޮށް ތަނެއްގައި އިށީނދެލައިގެން އިނުން ފަދަ ކަމެކެވެ.
"އަތީލާ!" ޖަދުވާން ހަޅޭއްލަވައިގަތް އަޑުއިވުނެވެ.
ދެވަނަ ސިކުންތުގައި އަތީލާ އިނީ ބައްޕަ ގާތުގައެވެ. ކުރިކީލައިން ޒީނަތްތެރިކޮށްފައިވާ ގަނޑުވަރުގައެވެ. ޖަދުވާން ރުޅި އައިސްގެން ތުރުތުރުއަޅައެވެ. ދެބަފައިން ވާހަކަ ދެއްކީ އާންމުކޮށް ވާހަކަ ދައްކާ ގަދީމީ ބަހުރުވައިންނެވެ.
"އަހަރެން ބުނީ އަންޖަލް މި ތާ ބަހައްޓާށޭ!" އަނގުރުގަނޑެއް ކަހަލަ ދެލޮލުން ބަލައިލަމުން ޖަދުވާން ބުންޏެވެ. "އޭނަގެ ގެއަށް ފޮނުވާށެކޭ ނޫން! ކީއްވެ އަހަރެންގެ އަމުރަށް ކިޔަމަން ނުވަނީ؟ ކިހިނެއް އެ ބާރު ލިބުނީ؟"
"ބައްޕައަށް މާ ރަނގަޅަށް އެނގޭނެ ކީއްވެކަން،" އަތީލާ މަޑުމަޑުން ބުންޏެވެ. "މި ތާ ހައްޔަރު ކޮށްގެން ގެންގުޅެވޭނީ އެންމެ ބައެއް. ކުށްވެރީން. ދައްތަ ކުށެއް ނުކުރޭ! އަހަރުމެންގެ ގާނޫނާ ހިލާފު އަމުރެއް ބައްޕަ ކުރިޔަސް އެ އަށް ތަބާވާކަށް ނުޖެހޭނެ. ބައްޕައެއްނު އެހެން..."
"އެނގެޔޭ އެނގެޔޭ!" ބާކީ ބައި އަޑުއަހަން ބޭނުން ނުވާތީ ޖަދުވާން ބުންޏެވެ.
ދެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. ޖަދުވާންގެ ރުޅިގަނޑު މަޑުމަޑުން ފިނިވިއެވެ.
"އަންޖަލް ދެކެ ބައްޕަ ވަރަށް ލޯބިވޭ!" ޖަދުވާން މަޑުމަޑުން ބުންޏެވެ. "ކުރި ހުރިހާ ކަމެއް ވެސް ކުރީ، ލިބެން އުޅޭ ދެރަޔަކުން އޭނަ ސަލާމަތް ކުރަން."
އަތީލާގެ ދުލު ކުރިޔަށް އައި ޖުމުލަ ބުނުމުގެ ކުރިން ދެ ފަހަރަށް ވިސްނައިލިއެވެ. ޖަދުވާންއަށް ވިސްނައި ދިނުމަށް ޓަކައި، އެ އަށް ވުރެ ކުރު އެހެން މަގެއް އަތީލާއަކަށް ނުވިސްނުނެވެ.
"މަންމަ ސަލާމަތް ކުރަން ބައްޕަ އުޅުނު ގޮތަށް؟" އަތީލާ ސުވާލުކުރިއެވެ.
އެއީ ޖަދުވާންގެ ބަލިފައެކެވެ. މުޅި ހަޔާތުގައި ވެސް ކުރެވުނު އެންމެ ދެރަކަންތަކެވެ. ޖަދުވާން ބޭނުންވީ ސަމްރަތު ގެނެސް ޖަދުވާން ގާތުގައި ބަހައްޓާށެވެ. ސަމްރަތުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ. ނަސޭހަތްދީ، އާދޭސްކޮށް، ބިރު ވެސް ދެއްކިއެވެ. ނަތީޖާއަކަށްވީ ސަމްރަތުގެ ހޭބުއްދި ފިލައި ދިޔުމެވެ. މަރުބައްޔަށް ސަމްރަތު ހުށައެޅުމުގެ ސަބަބަކަށް އެ ކަން ވުމެވެ. އެ ހުރިހައި ކަމެއް ހަނދާން ވުމުން، އަބަދު ވެސް ގޮތްދޫނުކުރުން މޫނުމަތިން ފާޅުވެފައި ހުންނަ ޖަދުވާންގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ. އެއީ، ކުށްވެރިޔަކު ކުށަށް އިއުތިރާފުވާ ވަގުތު މޫނުމަތިން ފާޅުވާ ކަހަލަ މާޔޫސް ކަމެކެވެ. އެ މަންޒަރު ފެނި، ހިތަށް ތަދުވެގެން އަތީލާ އައިސް ބައްޕަ ގައިގައި ބައްދައިލިއެވެ. ބައްޕަ ދެރަވާ ކަހަލަ އެއްޗެއް ބުނެވުނީތީ މާފަށް އެދުނެވެ. ދެބަފައިން އިރުކޮޅަކު ހިތާމަކުރިއެވެ.
"ތި ހެދީ ރަނގަޅަށް،" ޖަދުވާން ބުންޏެވެ. "ނަސީބެއް ދަރިފުޅު ތިހެން ހެދިކަން. ބައްޕައަކީ ވަރަށް އަމިއްލަ އެދުން ބޮޑު ސިލަތެއް. އަބަދު ވެސް ވިސްނެނީ އަމިއްލަ ފައިދާއަށް. ކީއްކުރާނީ ދަރިފުޅާ؟ ލޯބިވާ މީހަކަށް ދެރައެއް ލިބެން ކާކު ބޭނުންވާނީ؟ އަންޖަލް އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާ! އަހަރުމެން ދެން އަންޖަލްގެ ކަންކަމާ ނުބެހެމާ ހިނގާ!"
އަތީލާއަށް ވަރަށް ރަނގަޅަށް ބައްޕަ އެނގެއެވެ. ދެރަ ގަބޫލުކޮށް، ގޮތްދޫކުރުމަކީ ބައްޕަގެ މިޒާޖުގައި ހުންނަ ސިފައެއް ނޫނެވެ.
"އަސްލު ވެސްތަ ބައްޕާ؟" ބައްޕަޔާ ހަތަރުކަޅި ހަމަކޮށްފައި އަތީލާ އެހިއެވެ. "ތީ ހާދަ ރަނގަޅު ނިންމުމެކޭ! ދައްތަ އިންނާނެ މީހަކާ އިންނަން ދޫކޮށްލާ!"
ޖަދުވާން ބޯޖަހައިލިއެވެ. މާނައިން ފުރިގެންވާ ކަހަލަ ގޮތަކަށެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުގައި ވެސް ހުރީ ދާދި އެއްކަހަލަ ސިފައެކެވެ. ބައެއް ރާޅު ތަންކޮޅެއް އެއްގަމަށް އައިސް އަންޖަލްގެ ފައިތިލައިގައި ބޮސްދެއެވެ. އަނެއްބައި ރާޅު ވަކި ހިސާބަކަށް އައިސްފައި، ބޮސްދޭން ފަސްޖެހުމަށް ފަހު އޮބެނީއެވެ.
އަތިރިމަތީގައި އިށީނދެލައިގެން ތިބި ދެ އިންސާނުންގެ ދުލުން ބަސް ހުސްވެފައިވާ ކަހަލައެވެ. ފިކުރެއް ހިޔާލެއް ނެތް ކަހަލައެވެ. ރާއިފު ހިތަށް އަރައެވެ. ރުކުން ވެއްޓި، އެއްވެސް އަނިޔާއެއް ނުވީ ކީއްވެގެން ހެއްޔެވެ؟ އަންޖަލް ހިތަށް އަރައެވެ. ބަތޫރު ކުރި ޝަރުތު ނޭނގި އެއްބަސްވެވުނީ ކީއްވެގެން ހެއްޔެވެ؟ އެއީ ހެދުނު ގޯހެކެވެ.
"އަންޖޫ ބިރުގަނޭތަ؟" ރާއިފު އެހިއެވެ.
"ކޮން ކަމަކާ؟" އަންޖަލް ބުންޏެވެ.
"އެކި ކަންކަމާ!" ރާއިފު ފަހަތް ބަލައިލަމުން ބުންޏެވެ. "އެހެން މީހަކަށް އަހަރުމެން ފެނިއްޖެއްޔާ ކިހިނެއް ވާނީ؟ ކީކޭ ހިތަށް އަރާނީ؟ އަހަރެންގެ މަންމަ އެބަ އުޅޭ! އަންޖޫގެ މާމަޔާ ކާފަ އެބަ އުޅޭ! އަހަންނާ ހެދި އަންޖޫއާ ދިމާއަށް މީހަކު އެއްޗެއް ބުނާކަށް އަހަރެން ބޭނުމެއް ނޫން."
"އެ ކަމާތަ ބިރުން ތި އުޅެނީ؟" ވަރަށް ހަމަޖެހިލާފައި އަންޖަލް ބުންޏެވެ. "އަހަރެން ހީކުރީ..."
އެ ވަގުތު މޫދުން އެއްޗެއް މައްޗަށް އަރާފައި މޫދަށް ޖެހިގަތެވެ. ދެ މީހުންނަށް ވެސް އެ މަންޒަރު ފެނުނެވެ. ހީވީ މަހެއް ހެންނެވެ. ވީމާ، އެކަކު ވެސް އެ ވާހަކައެއް ނުދައްކައެވެ.
"ދެން ކޮން ކަމަކާ ބިރުގަންނަންވީ؟" ރާއިފު ސުވާލުކުރިއެވެ. "ޖިންނިއެއް އަތުވެދާނެތީ؟ އެއީ އުޅޭ އެއްޗެއްތަ؟ އަހަރެން ކައިރީގަ މީހަކު ބުނި އެއްޗެއް ބުނަން؟ އޭނަ ބުނީ، ޖިންނިއެއް ފެނިދާނެތީ ބިރު ގަންނާނެކަމެއް ނެތޯ! ގިނަ މީހުން މަރުވާނީ އެންމެ ފަހަރަކު ވެސް ޖިންނިއެއް ނުފެނިޔޯ! އަންޖޫ ހާސްނުވޭ! އަހަރެން ހުއްޓާ ޖިންނިއަކަށް ލާހިކެއް ނޫން އަންޖޫ ގައިގަ އަތްލާކަށް. އަހަރެން އަންޖޫ ސަލާމަތް ކޮށްދޭނަން."
"ތިއެއް ބަލާލަފާނަމޭ!" ބަތޫރުގެ އަޑު އަންޖަލްއަށް އިވުނެވެ.
"އަޅެ ނޫން!" އަންޖަލްއަށް ބުނެވުނެވެ.
"ކީކޭ؟" ރާއިފު އެހިއެވެ.
ކުއްލިއަކަށް ބޮޑު އަލިގުޅައެއް އައިސް ގަސްތަކު ތެރެއަށް ޖެހިގަތެވެ. މުޅި ތަން އަލިވެގެންދިޔައެވެ. ރާއިފު ހައިރާންވެފައި އަންޖަލްއާ ދިމާއަށް ބަލައިލިއެވެ. އަންޖަލް އިނީ ވަރަށް ހަމަޖެހިފައެވެ. އެއްވެސް ހާސްކަމެއް އަންޖަލްގެ މޫނުމައްޗަކުން ނުފެނެއެވެ.
"ހިނގާ ދަމާ!" ރާއިފު ތެދުވިއެވެ. "ޕްލީޒް!"
"ތީ އަހަރެން ސަލާމަތްކޮށްދޭ މީހާ؟" އިށީނދެގެން އިން އަންޖަލް ބުންޏެވެ. "އިށީނދެބަލަ!"
"އެހެން ވެގެންނޭ މި ބުނީ! ހިނގާ ދަމާ!" އަންޖަލްގެ އަތުގައި ހިފައި ނަގަމުން ރާއިފު ބުންޏެވެ. ރާއިފުގެ އަތް ހުރީ ފިނިވެފައެވެ. އަންޖަލްއަށް އެ ކަން އިހުސާސް ކުރެވުނެވެ. ރާއިފުގެ ބިރުފިލުވައިދިނީ އަންޖަލްއެވެ. އުޑުގައި ބަބުޅަމުން ދިޔަ ތަރިތަކާއި ދިޔަރެހުގައި ސަމާސާ ކުރަމުންދިޔަ ރާޅުތަކާއި ގައިގައި ބީހެމުންދިޔަ ރޯޅިތައް އެ ކަމަށް ހެކިވިއެވެ. ޖައްވަށް ފެތުރުނު ނާމާންކަމުގެ ޑަނޑޫރައިގެ އަޑު، އިސާހިތަކު މަޑުވަމުން ގޮސް ފަނޑުވެ، ހަމަހިމޭންވިއެވެ.
ބަހެއް ބުނަން އެކަކު ވެސް ބޭނުންނުވާ ކަހަލައެވެ. ތަރިތަކަށް ނަޒަރު ހުއްޓާލައިގެން، ފިކުރާއި ހިޔާލު އޮޔާދާން ދޫކޮށްލައިގެން ތިބީއެވެ. އަންޖަލް ހޯދަން، މީހުން ގޮވައިގެން ނިޒާރު ނުކުތް ކަމެއް އަންޖަލް ނުދެނަހުއްޓެވެ.
"ނެތޭ ތިހެން އޮވެވޭކަށް،" ބަތޫރުގެ އަޑު އަންޖަލްގެ ކަންފަތުގައި ގުގުމައިލިއެވެ. "ތެދުވޭ!"
"ކީއްތަ އަހަރެން ކޮށްދޭންވީ؟" ހަމަހިމޭން ބަހުރުވައިން އަންޖަލް ޖަވާބުދިނެވެ.
"ޖަދުވާން ބުނާ މީހަކާ އިނދޭ!" ބަތޫރު އެދުނެވެ.
އަންޖަލް ފުންމައިގެން ތެދުވިއެވެ. ރާއިފު ދިޔައީ ސިއްސައިގެންނެވެ.
"އޭރުން އޭނަ ދޭނެ އަނގޮޓިއެއް،" ބަތޫރު ތަފުސީލު ކޮށްދިނެވެ. "އެ އަނގޮޓީގެ ކެއުޅަން ތެރޭގަ އޮންނަ އެތި އަހަންނަށް ދިނީމަ ނިމުނީ." (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުޑުލަކުމުނިޔާ
17 September 2025
ޖަދުވާނުގެ ކިބައިން ގުޑުލަކުމުނިޔާ ސަލާމަތްކުރަން ޑެބީއައީ ބަތޫރުގެ ބުރަކަށީމަތީއޮވެގެންނެވެ. ބަތޫރު ހުރީ ނިކަންފޮނިވެފައެވެ. ޖަދުވާނުއަށް ރޭކާވެސްނުލާގޮތަށް ޑެބީމެން ގުޑުލަކުމުނިޔާ ގޮވައިގެން ދުނިޔެއަށް ފޭބިއެވެ. އެއާއެކު ބަތޫރުކައިރީ ދޮގުތަކެއްހަދާފައި އެތަށްކަރައެއް ފަޅާލުމަށްފަހު އެތަނުން ފޮނުވާލިއެވެ. އެދަނޑިވަޅުބަލާފައި ވުޑީ އެތަނުން ބަޗައިފިއެވެ. ރާއިފުފެނޭތޯއެވެ. ޑެބީގެ ރުޅި އިންތިހާއަށް ދިޔަ އެވެ. ވަގުތުން ޖާދުއާއި އަޒޫއަށްގުޅާލިއެވެ.
ޑެބީދައްތަގެ ބިގެސްޓް ފޭން
17 September 2025
ޑެބީގެ ރައްދުގެ އިންތިޒާރުގައި އިންނަ ތާ 3 ދުވަހެވެ
ޑެބީ
17 September 2025
ޑެބީ ވަރަށް އުފާވޭ ޑެބީއަށް ސަޕޯޓުކުރާ ޑެބީގެ ފޭނުން އުޅޭތީ. ހިތުގެ އަޑިން ޝުކުރިއްޔާ. ބިންމާ ވަހީދު ރިޓަޔަރ ކުރީމަ 'މިހާރު'ގެ ވާހަކަ ސެގްމަންޓާ ޑެބީ ހަވާލުވުމުގެ ވިސްނުން އެބަހުރި.
ދެރަމަކެއް
17 September 2025
އަދިވެސް މަށަށް ކިޔެނީ ހަމަ ރާފިއު އޭ
ސޮމްބަރ
17 September 2025
ތިޔަހެން ބުނި ފަހުން މަށަށް ވެސް ކިޔެނީ ރާފިއުއޭ. :(
2025
17 September 2025
ޔޭ މަ ☝️8:20....... ބޮއިހަލަކި
ތެފައާސާ.
17 September 2025
ބިންމާބެ އަވަހަށް މި ވާހަކަ ނިންމަން އުޅޭށޭ، މީޑިއާ ރެގިއުލޭޓު ކުރާ ބިލު ފާސްކޮށްފިއޭ ރަށުތެރޭގައި އެބަކިޔައޭ، އެ ތަސްދީގުކޮށް ގާނޫނަކަށްވާ ހިސާބުން މިކަހަލަ ހާސަރުތަކެއް ނުލިޔެވޭނެއޭ، ދޮގަކަށް ވެދާނޭ ބައިވަރު ކަންކަން މީގައި އެބަހުއްޓޭ، އެކަހަލަ ކަންކަން ލިޔަންޏާ ކޮމިޝަނަށް ހާޒިރުކޮށްފައި މިހާރު ނޫހުގެ ވާހަކަ ޕޭޖު ބަންދު ކޮށްފާނެއޭ އޭރަށް އަހަރެމެން ތިބެންޖެހޭނީ ވާހަކަ ނުކިޔާނޫންހޭ؟
ޑެބީ
17 September 2025
ދުރުގައި ބަލަންހުރި ގުޑުލަކުމުނިޔާ ގިސްލަ ގިސްލާފައި ރޮނީއެވެ. ރާއިފުކައިރީ އެތާ އިންނަންޖެހޭނީ އަންޖަލްއެއްނޫނެވެ. ތިމަންނައެވެ. އެހެން ހިތަށްއަރާ ކޮންމެފަހަރަކު ގުޑުލަކުމުނިޔާގެ ގިސްލުން އިތުރުވެއެވެ. ނަފްރަތުގެ ހުޅުރޯވެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. އަންޖަލްގެ ދުވަސް ދުއްވާލަން ދުވެފައި ގޮސް އަންޖަލްގެގައިގަ ޖަހަން އަތް މަޅާލިތަނާ ވިދުވަރެއްހެން ޖަދުވާނު އައިސް ގުޑުލަކުމުނިޔާ ޖަހައިގަނެގެން ގެންގޮސް އެމީހުންގެ ދުނިޔޭގައި ހަތްޔަރުކުރިއެވެ.
މިންމި
17 September 2025
ބިންމާ ރިޓަޔަރ ވެފަ ޑެބީއައް މި ވަޒީފާ ދޭން ވީނު؟؟
ރެހެންދި
17 September 2025
އަންޖަލްއާއި ރާއިފްގެ ކައިވެނި ކުރެވުނެވެ. ޖަދުވާނު އެބުނާ އަނގޮޓިއެއް ދިނެވެ. އަންޖަލް ވަގުތުން އެއަނގޮޓި ބަތޫރުއާއި ހަވާލުކޮށްލިއެވެ. ވަގުތުން ބަތޫރުގެ ގުނުމުގެ އަޑު މުޅިފަޒާގެތެރޭގުގުމާލިއެވެ. އަންޖަލް ގެ ފޫޅުންތިރި މަހެއްގެ ސިފައަށް ބަދަލު ވެއްޖެއެވެ. ކުއްލިއަކަށް ދިލިޓޓްލްމާމެއިޑުގެ ފަހު ބައިން ވާގޮތަށް ބަތޫރުބޯވަޔަކަށްވެ ޖަދުވާނުގެ ބާރު ކެނޑި ތައްޔާރުވެއްޖެއެވެ. ރާއިފު ހީރޯއަކަށްވެ އެއެންމެން ބަތޫރުގެކިބައިން ސަލާމަތްކޮށްދިނެވެ.