ޑޭވިޑް ބެކަމް: "ކިންގް އާތާ" ގައި ވަަރަށް ތަފާތު ގޮތަކަށް ފެނިގެން ދާނެ.
31 މާޗް 2017 - 06:44
އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްއަކީ ބޮޑު ސްކްރީނަށް އާ މީހެއް ނޫނެވެ. އޭނާ ވަނީ ކުރިން ވެސް ފިލްމެއްގެ ހާއްސަ ފެނިލުމަކުން އެކްޓިން ހުނަރު ދައްކާލައިފަ އެވެ.
އެކަމަކު މި ފަހަރު މިއޮތީ ކުރިއަށް ވުރެ މާ ހާއްސަ އަދި މާ ބޮޑު ޕްރޮޖެކްޓެކެވެ. މި ފަހަރު ވެސް ހަމަ "ޝާލޮކް ހޯމްސް" ފަދަ ފިލްމްތައް ގެނެސް ދީފައިވާ ގައި ރިޗީގެ ފިލްމެކެވެ.
ބެކަމް ވަނީ ގާތް އެކުވެރިޔާ ގައި ރިޗީ 2015 ވަނަ އަހަރު ގެނެސްދިން ފިލްމް "ދަ މޭން ފްރޮމް އަންކަލް" ގެ ކެމިއޯއަކުން ފެނިލައިފަ އެވެ.
މި ފަހަރު އޭނާ ފެންނާނީ ގައި ރިޗީގެ އެޑްވެންޗަ ފިލްމް "ކިންގް އާތާ: ދަ ލެޖެންޑް އޮފް ދަ ސްވޯޑް" އިންނެވެ. އެ ފިލްމުގެ މުހިއްމު އެހެން ނަމަވެސް ކުރު ރޯލަކުން ބެކަމް ފެނިގެންދާ އިރު، އޭނާ ވަނީ ފިލްމުގައި ހުންނާނެ ގޮތް މިހާރު އާންމުންނަށް ދައްކާލައިފަ އެވެ.
ފިލްމްގެ ސެޓްގައި ނަގާފައިވާ ފޮޓޯއެއް އިސްޓަގްރާމްގައި ބެކަމް ޕޯސްޓް ކުރި އިރު، އެއިން އޭނާ ފެންނަނީ މޫނުމަތީގެ ވާތް ފަރާތުން ވަރުގަދަ ޒަހަމްތަކެއް ލިބި، ފަހާފައި ހުރި ކަހަލަ ގޮތަކަށެވެ. އަދި ދަތްޕިލަ ވެސް ހުރީ ވަރަށް ހަޑިކޮށެވެ.
"ކިންގް އާތާ: ދަ ލެޖެންޑް އޮފް ދަ ސްވޯޑް" ގައި ބެކަމްގެ ކެރެކްޓާގެ ނަމަކީ ބްލެކްލެގް ލީޑަ އެވެ.
"ކިންގް އާތާ: ދަ ލެޖެންޑް އޮފް ދަ ސްވޯޑް" ގައި ބެކަމް ފެންނާނެ ގޮތް.
"ކިންގް އާތާ: ދަ ލެޖެންޑް އޮފް އާތާ" ސިނަމާތަކަށް އަންނާނީ މެއި މަހުގެ 12 ގަ އެވެ.
އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ސްޕައިސް ގާލްސް" އިން ވިދާލި ވިކްޓޯރިއާ ބެކަމްއާ ކައިވެނިކޮށް ފަސް ދަރިން ވެސް ތިބި ބެކަމް ބުނީ އެކްޓް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"މިއީ އަސްލު ވަރަށް ޑިސިޕްލިންވެގެން ވަރަށް، ގިނަ ހުނަރުތައް ވެސް ހުރެގެން ކުރެވޭނެ ކަމެއް،" އޭނާ ބުންޏެވެ.
ބެކަމް އަދި ބުނީ މީގެ ކުރިން ވެސް މަޝްހޫރު ބައެއް ކުޅިވަރު ތަރިން އެކްޓިންގެ ތެރެއަށް ނިކުމެ ފެެއިލްވެފައިވާ ތަން ފެނިފައިވާ ކަމަށެވެ.
"އެހެންވެ އަހަރެން ބޭނުން އިތުރަށް އެކްޓިން ދަސްކޮށްގެން މީގެ ތެރޭގައި އުޅެލަން،" ބެކަމްމ 41، ބެކަމް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy