ކްރިސްޓިއަން ބޭލް: ޑިކް ޗޭނީގެ ރޯލް ކުޅެން އޭނާ އަށް ވަނީ ހުށަހަޅާފައި.
07 އެޕްރީލް 2017 - 06:46
އެމެރިކާގެ ކުރީގެ ނައިބް ރައީސް ޑިކް ޗޭނީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުގައި، އޭނާގެ ރޯލް ކުޅެން، މަޝްހޫރު އެކްޓަރު ކްރިސްޓިއަން ބޭލް އަށް ހުށަހަޅައިފި އެވެ.
ޕެރަމައުންޓުން އުފައްދާ އަދި ވަކި ނަމެއް ދީފައިވާ ނުވާ ފިލްމަށް ބޭލްއާ ވާހަކަ ދައްކަމުން އަންނަ އިރު، ފިލްމުގެ މުހިއްމު ރޯލްތަކަށް ސްޓީވް ކެރެލް އާއި އެމީ އެޑަމްސް ވެސް ގެންނަން އަންނަނީ ވާހަކަ ދައްކަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗޭނީގެ ބައޮޕިކް ޑައިރެކްޓް ކުރަން ހަމަޖެހި ވަނީ މިދިޔަ އަހަރުގެ އޮސްކާ އަށް ނޮމިނޭޓްވި ފިލްމް "ދަ ބިގް ޝޯޓް" ގެ ޑައިރެކްޓަރު އެޑަމް މެކޭ އެވެ. އެ ފިލްމުގައި ވެސް ބޭލް އާއި ސްޓީވް ވަނީ އެޑަމްއާ އެކު މަސައްކަތްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޗޭނީގެ ބައޮޕިކްގައި އެމީ ކުޅޭނީ އޭނާގެ އަނބިކަނބަލުން ލީން ޗޭނީގެ ރޯލެވެ. އަދި ސްޓީވް ފެނިގެން ދާނީ ސެކްރެޓަރީ އޮފް ޑިފެންސް ޑޮނަލްޑް ރަމްސްފެލްޑްގެ ރޯލުންނެވެ.
އެމެރިކާގެ ކުރީގެ ނައިބް ރައިސް ޑިކް ޗޭނީ.
އެމެރިކާގެ ރައީސްކަން ޖޯޖް ޑަބްލިއު ބުޝްގެ ކުރެއްވި ދުވަސްވަރު ޗޭނީ، 76، ވަނީ އެ ގައުމުގެ ނައިބް ރައީސްކަން 2001-2009 އަށް ކުރައްވައިފަ އެވެ. އަދި އޭނާއަކީ އެމެރިކާ އިން އިރާގުގައި ހިންގި ހަނގުރާމަ ރޭވުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.
ޗޭނީއަކީ ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އޭނާ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު އަމާޒުވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy