މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް މިހާތަނަށް އައި އިރު، މުބާރާތުގައި މިހާރު ތިބީ ގަދަ ހަ ބައިވެރިންނެވެ.

ގާލާ ރައުންޑް 12 ބައިވެރިންނާ އެކު ފެށި، މުބާރާތް މިހާތަނަށް އައި ހަ ބައިވެރިއަކު ކަޓައިގެން ދިޔައީ އެވެ. މިހާރު ތިބޭނީ އެންމެ މޮޅު ހަ ބައިވެރިންނެވެ.

އެކަމަކު މިހާރު އައިޑޮލްގައި ތިބި ބައިވެރިންގެ ހުނަރާއި ކުޅަދާނަކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ. އެ މީހުންނަށް ހަމަ ލަވަ ކިޔޭތޯ އެއީ ބޮޑު ސުވާލެކެވެ.

ވޯޓު ދިނުމުގެ ފުރުސަތު އާންމުންނަށް ވެސް އޮތް އިރު، މިއީ މޯލްޑިވިއަން އައިޑޮލް ބަލާ މީހުން މިހާރު ސީރިއަސްކޮށް ވިސްނަންވެއްޖެ ކަމެކެވެ. ލަވަ ނުކިޔޭ ބަޔަކު ޝޯގައި ބައިތިއްބާނެ ކަމެއް ނެތެވެ. ވޯޓު ދޭންވީ އެގޮތަށް ބަލައިގެން އިންސާފުންނެވެ.

މިހާރު އައިޑޮލްގައި ތިބި ހަ ބައިވެރިންނަށް ލަވަ ކިޔޭކަމާ ދޭތެރޭ ސުވާލު އުފައްދަނީ އެންމެ އާދައިގެ މީހާއެއް ނޫނެވެ. ޝޯގެ ޖަޖުންނެވެ. އެކަން މިރޭގެ ޝޯއިން ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފަ އެވެ.

ޝޯގެ މި ސީޒަނުގައި އަލަށް، ޖަޖެއްގެ ގޮތުގައި ގުޅުނު އިސްމާއީލް އައްފާން ޝޯ ނިމުމަކާ ގާތްވެފައި ވަނިކޮށް ނިކުމެގެން ދިޔައީ ވަރަށް ހިތްހަމަނުޖެހި، ރުޅި ގަދަވެފައި ހުރެގެންނެވެ. އޭނާ ވަނީ މިހާރު ތިބި ހަ ބައިވެރިންނަށް ލަވަ ކިޔޭކަމާ ދޭތެރޭ ސުވާލު އުފައްދައިފަ އެވެ. އެކަން އެގޮތަށް ދިމާވީ މި މުބާރާތް މިހާތަނަށް އައި އިރު، ބައިވެރިންގެ ފަރާތުން އުންމީދު ކުރި ވަރުގެ ކުރިއެރުމެއް ނުފެނި، އަނެއްކާ މި ރޭގެ ޝޯގައި ބައިވެރިން ކީ ލަވަތަކަށް ބަލާ އިރު، ގިނަ ގޯސްތަކެއް ހަދާފައި ހުރުމުންނެވެ.

"އަހަރެން ބޭނުމެއް ނޫން ތި މީހުންނަށް ސަނާ ކިޔައި، ތައުރީފުކޮށްފައި ނަސޭހަތް ދޭކަށް،" އައްފާން ބުންޏެވެ. "އެ ވަރުގެ ބައެއް ނޫން ތިއީ."

ރާއްޖޭގެ ރީތިކަން ތީމަކަށް ލައިގެން މިރޭ ބައިވެރިން މުޅިން ވެސް ހުށަހެޅީ ރާއްޖޭގެ ރީތިކަމާ ބެހޭ ގޮތުން އިވިފައި ހުރި ލަވަތަކެވެ. އެ ތީމާ ތަންކޮޅެއް ދުރު ލަވައެއްކީ ހަމައެކަނި ހަމޫދު އަހުމަދެވެ.

ޖަޖުންނަށް އެންމެ ކަމުދިޔަ ލަވައަކީ ވެސް އޭނާ ކީ ލަވަ އެވެ. މޫޝާން މުބާރިކްގެ "ރަންނަމާރި" ލަވަ ކިޔައިގެން ހަމޫދު ތިން ޖަޖުން ކޮޅަށް ނެގި އެވެ.

ބައިވެރިންގެ ހުނަރާ މެދު އެންމެ ބޮޑަށް ސުވާލު އުފެއްދި އައްފާން ހަމޫދުގެ ހުށަހެޅުމަށް ކޮމެންޓް ކުރަމުން ބުނީ ހަމޫދުގެ އެ ލަވައަކީ އައިޑޮލް އިން މިހާތަނަށް އިވުނު އެންމެ ފުރިހަމަ ލަވަ ކަމަށެވެ. އެހެންވެ ހަމޫދުކޮށްފައި ހުރި މަސައްކަތަށް އޭނާ ވަރަށް ބޮޑަށް ތައުރީފް ކުރި އެވެ.

ހަމޫދް މިރޭ ލަވަ ކިޔަނީ.
ހަމޫދް މިރޭ ލަވަ ކިޔަނީ.

އެކަމަކު ރުޅިގަދަވެފައި ފަހުން އައްފާން ބުނީ މިހާރު ތިބި ހަ ބައިވެރިންނަށް ތައުރީފުކޮށް، ސަނާ ކިޔަން ނުޖެހޭ ކަމަށެވެ. އަދި ޖަޖުން ނަސޭހަތް ދޭން ނުޖެހޭ ކަމަށާއި މިހާތަނަށް އައި އިރު، ޝޯ އިން ފެންނަން ޖެހޭ ވަރުގެ ކުރިއެރުމެއް ބައިވެރިންގެ ފަރާތުން ނުފެންނަ ކަމަށް ބުންޏެވެ.

އޭނާގެ އެ ވާހަކަތަށް، އައިޑޮލްގެ އެކެއްގެ ޖަޖްކަން ވެސް ކުރި އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ވެސް ތާއިދު ކުރި އެވެ. އޭނާ ވެސް ބުނީ މުބާރާތުގެ ބައިވެރިންގެ އަދަދު މި ހިސާބަށް އައި އިރު، ފެންނަން ޖެހޭ ވަރުގެ ކުރިއެރުމެއް ނުފެންނާތީ ހިތާމަ ކުރާ ކަމަށެވެ.

"އަހަރެމެން ޖަޖުން ނުޖެހޭނެ ދޯ ތި މީހުންގެ ކައިރި އަށް ގޮސް މިހެންނޭ އެހެންނ މި ލަވަ ކިޔާނީ ބުނާކަށް. އަދި ޗޫޒް ކުރަން ޖެހޭނީ މިވެނި ލަވައެކޭ ބުނާކަށް. ބައިވެރިންނަށް މިހާރު އެކަންކަން އަމިއްލަ އަށް އެނގެން ޖެހޭނެ،" އިއްބެ ބުންޏެވެ. "ނަސޭހަތްދީ ބުލްބުލްވާކަށް ނުޖެހޭ މި ހިސާބަށް އަންނަ އިރަކު."

މި ރޭ ބައިވެރިންގެ ހުށަހެޅުންތައް ނިމުމުން ދެއްކި ވާހަކައިގައި މިދިޔަ އަހަރު ވެސް އައިޑޮލްގެ ޖަޖްކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) ބުނީ އެހެން ޖަޖުންގެ ވާހަކަތަކަށް އޭނާ އިހުތިރާމް ކުރާ ކަމަށެވެ.

އެކަމަކު އައްފާނާއި އިއްބެ އަށް ވުރެ ކުރިން ވާހަކަ ދައްކަމުން ކިޑީ ބުނީ ޝޯގައި މިހާރު ދެމި ތިބި ހަ ބައިވެރިންނަކީ ވެސް ވަރަށް މޮޅެތި ބައިވެރިން ކަމަށާއި ރާއްޖޭގެ އެތައް ބަޔަކު އެ މީހުން ދެކެ ލޯބިވާ ކަމަށެވެ. އަދި ކޮންމެ ބައިވެރިއަކީ މިހާރު ވަރަށް މޮޅަށް ލަވަ ކިޔާ މީހެއް ކަމަށް އޭނާ ބުންޏެވެ.

މޯލްޑިވިއަން އައިޑޮލް 2 ގެ ގަދަ ހައެއް:

1. މުހައްމަދު ތަސްނީމް (ބޮބް) 2. އިބްރާހީމް ވަހީދު (ބޮޑުބެ) 3. ޝަމްވީލް މުހައްމަދު (ބޮރޯ) 4. ހަމޫދު އަހުމަދު (އަލްވިން) 5. އަހުމަދު ނަބީލް މުހައްމަދު 6. އަބްދުﷲ ހިޝާން

ކިޑީ އަދި ބުނީ ކޮންމެ ބަޔަކަށް ވެސް ގޯސް ހެދޭނެ ކަމަށާއި ކިޔާ ފާޑު ކިޔުންތައް ނެގަޓިވްކޮށް ނެގުމުގެ ބަދަލުގައި ބައިވެރިން އެކަންކަން ޕޮޒިޓިވް ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އޭނާ ބުނީ ކުރިއެރުންތަކެއް މިހާރު ހުރިހާ ބައިވެރިންގެ ފަރާތުން ވެސް ފެންނަ ކަމަށާއި އަބަދު ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށް ދެކިގެން ކުރިއަށް ދާން ޖެހޭ ކަމަށެވެ.

މޯލްޑިވިއަން އައިޑޮލް ދޭއްގެ ރޭގެ ޝޯގައި ތިން ޖަޖުން ލަވައެއް ކިޔަނީ.
މޯލްޑިވިއަން އައިޑޮލް ދޭއްގެ ރޭގެ ޝޯގައި ތިން ޖަޖުން ލަވައެއް ކިޔަނީ.

ޖަޖުންގެ ވާހަކަތަކަށް ބަލާ އިރު މި ފަހަރުގެ އައިޑޮލް އިން އެ މީހުން އުންމީދު ކުރި ވަރުގެ ކުރިއެރުމެއް އަދި ނުފެންނަކަން މިހާރު ބެލުންތެރިންނަށް ވެސް ކަށަވަރުވެ، ޔަގީން ވާނެ އެވެ. ޖަޖުންގެ އެ ވާހަކަތަކުން ދޭހަވާ އެކައްޗަކީ މި ފަހަރުގެ ސީޒަނަކީ މިދިޔަ އަހަރުގެ ސީޒަނަށް ވުރެ ފެންވަރު ދަށް ސީޒެނެކޭ ބުނެވޭނެ ޖާގަ މިހާރު އެބަ އޮތެވެ.

ޝޯ ބަލާ މީހުން މިކަމާ ދޭތެރޭ ދެކެނީ ކިހިނެއް ބާވަ އެވެ؟

މިއަދަކީ ވެސް ޝޯ ބަލާ އާންމުންނަށް ބައިވެރިންނަށް ވޯޓް ދެވޭ ދުވަހެކެވެ. އެހެންވެ ޖަޖުން ދެއްކި ވާހަކަތަކަށް ވިސްނާލައިފައި ވޯޓް ކުރަމާ ހިނގާށެވެ. މިއަދު މެންދުރު ފަހު 3:00 ހަމައަށް ބައިވެރިންނަށް ވޯޓް ކުރެވޭނެ އެވެ.

އެހެންވެ މިރޭގެ ޝޯ އިން އަނެއްކާ ވެސް އެއް ބައިވެރިއަކު ޖަޖުންގެ 50 ޕަސަންޓާއި އާންމުންގެ 50 ޕަސަންޓް ވޯޓް ނަތީޖާއާ އެކު މޯލްޑިވިއަން އައިޑޮލް އިން ވަކިވެގެން ދާނެ އެވެ.

މިރޭގެ ޝޯ ނިމިގެން ދާނީ ބައިވެރިންގެ އަދަދު ފަހެކަށް ތިރިކޮށްފަ އެވެ. އެ ބައިވެރިއަކަށް ވާނީ ކާކުތޯ ބަލާލަން މިރެއަށް މަޑުކޮށްލާނީ އެވެ.