ސޯނޫ ނިގަމް ބޯ ބާލައިފި، ބުނަނީ މުސްލިމުންނާ ދެކޮޅު ނޫން ކަމަށް

ފަތިސް ނަމާދު ބަންގީގެ އަޑަށް ހޭލެވޭތީ އެކަމާ ރުޅި އައިސްގެން ކުރި ޓުވީޓްތަކާ އެކު ދީނީ ބޮޑު ބަހުސެއް ފެށި ހޫނު ފެނަށް ވެއްޓުނު އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އެކަމާ ގުޅުވައިގެން ބޯ ބާލައި، މުސްލިމުންނާ ދެކޮޅު ނޫން ކަމަށް ބުނެފި އެވެ.


މައްސަލަ ބޮޑުވީ ބަންގީގެ އަޑު އެންމެންނަށް އިއްވުމަކީ ވަކި ދީނެއްގެ ކަންކަން، އެ ދީނަކަށް ނޫޅޭ މީހުންނަށް ވެސް މަޖުބޫރު ކުރުން ކަމަށް ބުނެ ކުރި ޓްވީޓްތަކަކާ އެކުގަ އެވެ.

މި ވާހަކަތަކާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދިނުމަށް ސޯނޫ މިއަދު އޭނާގެ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އޭނާ ބުނީ ވަރަށް އާދައިގެ ވާހަކައެއް ކަމަށާއި މިއީ މިހާ ބޮޑު މައްސަލައަކަށް ވާނެ ކަމަށް ހީނުކުރާ ކަމަށެވެ. ލަވަކިޔުމުގައި ނަމޫނާއަކަށް ބަލަނީ މުސްލިމެއް ކަމަށްވާ މުހައްމަދު ރަފީ ކަމަށާއި އަމިއްލަ ޑްރައިވަރެއްގެ ގޮތުގައި ވެސް ގެންގުޅެނީ މުސްލިމެއް ކަމަށް ސޯނޫ ބުންޏެވެ.

"ކޮންމެ ބަޔަކު ވެސް އަނެއް ބަޔަކާ މެދު ވިސްނާލަން ވާނެ،" ބަންގީގެ ވާހަކަ ދެއްކީ ދީނީ ކަމެއްގެ ގޮތުގައި ނޫން ކަމަށާއި އިޖުތިމާއީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް ފާހަގަކޮށް ސޯނޫ ބުންޏެވެ.

ސޯނޫ މިހެން ވާހަކަ ދެއްކި ނަމަވެސް މިއަދުވެސް ބުނީ ބަންގީގެ އަޑާ ހެދި އޭނާއަށް އުނދަގޫވާ ކަމަށެވެ. އެކަމަކު ބުނީ މިއީ ދީނަކަށް ފުރައްސާރަކުރުން ނޫން ކަމަށެވެ.

ސޯނޫ ނިގަމް

އެއްވެސް ދީނެއް ގަބޫލު ނުކުރާ ކަމަށް ބުނާ ސޯނޫ މިއަދު އޭނާގެ ބޯ ވެސް ބޭލީ ނޫސްވެރިން ތިއްބަ އެވެ. އޭނާ މިކަން ކުރީ ބަންގީގެ އަޑާ ހެދި އުނދަގޫވެގެން ސޯނޫ ދެއްކި ވާހަކަޔާ މެދު ހިތްހަމަނުޖެހުނު މުސްލިމުންގެ ލީޑަރަކު، ސޯނޫގެ ބޯ ބޭލި މީހަކަށް 10 ލައްކަ ރުޕީސް ދޭނެ ކަމަށް ބުނެފައި ވާތީ އެވެ. ސޯނޫ ބުނީ އޭނާގެ ހެއާ ސްޓައިލިސްޓަކީ ވެސް މުސްލިމެއް ކަމަށާއި ބޯ ބޭލީ ރަމްޒީ ކަމެއްގެ ގޮތުގައި ކަމަށެވެ.

ބަންގީގެ މައްސަލާގައި ފާޑު ކީ ބައެއް މީހުން ވަނީ، ހިންދޫން ގެރީގެ ހިމާޔަތަށް އިންސާނުން މަރާތީ އާއި ގެރިމަސް ކެއުން އެންމެންނަށް މަނާކުރާތީ އެއީ ވެސް ދީނީ ކަމެއް މަޖުބޫރުކުރުން ނޫންތޯ ސުވާލުކޮށްފަ އެވެ.

މި ބަހުސްގެ ތެރޭގައި، ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ މީގެ ކުރިން ބަންގިއާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތެއްގެ ވީޑޯއެއް ވަނީ ދައުރުވާން ފަށައިފަ އެވެ.

ޕްރިޔަންކާ ބުނަނީ ފަތިހު ބަންގީގެ އަޑު އަހަން އޭނާ ވަރަށް ޝައުގުވެރިވާ ކަމަށާއި އެއީ ވަރަށް ގަޔާވާ އަޑެއް ކަމަށެވެ.

ބަންގިއާ ބެހޭ ގޮތުން ޕްރިޔަންކާ ދައްކަފައިވާ ވާހަކަތައް

ޕްރިޔަންކާގެ މި އިންޓަވިއު އަކީ މިދިޔަ އަހަރު އޭނާ އިންޑިއާގެ ބޯޕާލްގެ "ގަންގާޖަލް 2" ޝޫޓިންގައި އުޅުނުއިރުގެ ވީޑިއޯ އެކެވެ.

މައްސަލަ ހޫނުވުމުން ސޯނޫ ކުރި ޓުވީޓެއް

ތާޅަފިލިން ބަންގި ގޮވާ އަޑު މާ ބާރަށް އިވޭތީ ސޯނޫ ހިތްހަމަނުޖެހިގެން ކުރި ޓުވީޓާ ދެކޮޅަށް އެންމެ ފުރަތަމަ ޖަވާބު ދީ ޓުވީޓް ކުރީ ކުރިން ވަރަށް މަޝްހޫރުވި ބަތަލާ ޕޫޖާ ބަޓް އެވެ. ޕޫޖާ ބުނި ގޮތުގައި ބަންގީގެ އަޑަކީ އޭނާގެ ހިތަށް ވަރަށް ހަމަޖެހުން ގެނުވާ އަޑެކެވެ.

ސޯނޫގެ ޓުވީޓްތަކާ ހެދި މީހުންތައް ކެކި އަރަން ފެށުމުން އޭނާ ފަހުން ކުރި ޓުވީޓެއްގައި ބުނީ އޭނާގެ މައްސަލައަކީ ލައުޑްސްކީޕަރުތައް ކަމަށެވެ. ސޯނޫ ބުނީ މައްސަލައަކީ ހަމައެކަނި ބަންގީގެ އަޑު ނޫން ކަމަށާއި ފައްޅިތަކާއި އެނޫން ވެސް އެކި ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނުން އިވޭ ރަނގަބީލާއި ތަފާތު ގޮވެލިތަކުގެ އަޑު ކަމަށެވެ. އަދި އޭނާ ޓްވީޓްކުރީ އިސްލާމްދީނާ ދެކޮޅަށް ނޫން ކަމަށް ވެސް ފަހުން ބުނެފައިވެ އެވެ.