25 އެޕްރީލް 2017 - 06:30
"ކުއަންޓިކޯ" ގެ ޝޫޓިންގައި ބުރަކޮށް އުޅުމަށްފަހު ޕްރިޔަންކާ ޗޯޕްރާ މިވަގުތު ހުރީ މުމްބާއީގަ އެވެ. ބެލެވޭ ގޮތުގައި އޭނާގެ މިފަހަރުގެ ދަތުރަކީ ވަކި ޚާއްސަ ކަމެއް ކުރަން ކުރާ ދަތުރެކެވެ. އެއީ ފިލްމެއްގައި ސޮއިކުރުމެވެ.
ހިންދީ ފިލްމެއް ކުޅެން ސޮއި ނުކުރާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު ޕްރިޔަންކާގެ މި ދަތުރުގައި ސޮއިކުރީ އެސްޓްރޮނޯޓް ކަލްޕަނާ ޗައުލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއް ކުޅުމަށެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ މުޅިން އަލަށް އެ މަސައްކަތް ފަށާ ޕްރިޔާ މިޝްރާ އެވެ. މިޑް-ޑޭ ނޫހަށް ޕްރިޔާ ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރަން ހަތް އަހަރު ނެގި ކަމަށެވެ. އަދި މި ފިލްމު ޕްރޮޑިއުސްކުރަނީ މުޅިން އާ ޕްރޮޑަކްޝަން ހައުސް އަކުން ކަމަށް ވެސް ޕްރިޔާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ ގޮތުން އޭނާ ވަނީ ކަލްޕަނާ ޗައުލާގެ މައިންބަފައިންނާ ވެސް ބައްދަލުކޮށްފަ އެވެ. މީގެ ކުރިން ޓީވީ ޗެނަލެއްގެ ކްރިއޭޓިވް ހެޑެއްގެ ގޮތުގައި މަސައްކަތް ކުރި ޕްރިޔާ އެ މަސައްކަތް ދޫކޮށްލީ ފިލްމު އުފެއްދުމަށް ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ.
ކަލްޕަނާ ޗައުލާ އަކީ ފުރަތަމަ ޖައްވަށް ދިޔަ އިންޑިއާގެ އަންހެން އެސްޓްރޮނޯޓެވެ. އިންޑިއާގެ ހަރްޔާނާ އަށް ނިސްބަތްވާ ކަލްޕަނާ ވަނީ ޖައްވީ ދިރާސާތައް ކުރުމުގައި ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބުތަކެއް ހޯދާފަ އެވެ. އޭނާ ވަނީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޖައްވުން ދުނިޔެއަށް އަންނަން ކުރި ދަތުރުގައި ސްޕޭސް ޝަޓްލް ގޮވުމުގެ ސަބަބުން މަރުވެފަ އެވެ. މިއީ ޖައްވަށް އޭނާ ކުރި ދެ ވަނަ ދަތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy