ޕްރިޔަންކާ ހޮލީވުޑާއި ބޮލީވުޑްގައި ވެސް މިހާރު ވަރަށް ވިދާ ބަތަލާއެއް
28 އެޕްރީލް 2017 - 06:08
ހޮލީވުޑްގައި މަޝްހޫރުކަން ހޯދުމަށް ފަހު ޕްރިޔަންކާ ޗޯޕްރާ މިހާރު ވަނީ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ތަރިއަކަށް ވެފަ އެވެ. އަދި މި ދުވަސްކޮޅު އޭނާ ހުރީ 10 ދުވަހުގެ ޗުއްޓީއެއްގައި އިންޑިއާގަ އެވެ.
އިންޑިއާގައި ހޭދަކުރާ ދުވަސްތަކުގައި އޭނާ ހިތްހަމަޖެހޭ ބޮލީވުޑް ފިލްމެއް ކުޅުމަށް ޕްރިޔަންކާ ވަނީ އެއްބަސް ވެފަ އެވެ. ނަމަވެސް އެ ފިލްމުތަކުގެ ނަންތައް ހާމަކުރެވޭނީ އޭނާ ކުޅޭ އެމެރިކަން ސީރީޒް "ކުއަންޓިކޯ 2"ގެ ޝެޑިއުލް އޮތް ގޮތެއް ބަލާފައި ކަމަށް ޕްރިޔަންކާ ބުންޏެވެ.
ބުދަ ދުވަހު އޮތް ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ޕްރިޔަންކާ، 34، ބުނީ އޭނާ ކުޅެން އެއްބަސްވި ފިލްމުތަކުގެ މައުލޫމާތު ހާމަކުރެވޭ ވަރު ވާނީ އަންނަ ޖޫން ހިސާބުގައި ކަމަށެވެ.
ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ ފިލްމެއް ކުޅުމާ ބެހޭ ގޮތުން ބާންސާލީ އާ ވާހަކަ ދެއްކިންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޕްރިޔަންކާ ބުނީ އަދި ބާންސާލީއާ ވާހަކަ ނުދައްކާ ކަމަށެވެ. ތަންކޮޅެއް ކުރިން ބައެއް ފިލްމުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި ކަމަށާއި ނަމަވެސް މިހާރު އަޑު އަރައިގެން އުޅޭ ގޮތަށް ބާންސާލީ މިހާރު ތައްޔާރުކުރަމުންދާ "ޕަދްމާވަތީ" ގައި ބައިވެރިވުމާ މެދު އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އޭނާ ބުނީ "ޕަދްމާވަތީ"ގެ މިހާރު ޝޫޓްކޮށްފައިވާ ބައެއް ތަންތަންކޮޅު ބަލާލުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
މުމްބައި އަށް ދިއުމަށް ފަހު ޕްރިޔަންކާ ވަނީ އޭނާ ޕްރޮޑިއުސްކުރި މަރާޓީ ފިލްމު "ވެންޓިލޭޓާ"އަށް ނެޝަނަލް އެވޯޑު ލިބުން ފާހަގަކުރުމުގެ ގޮތުން ޕާޓީއެއް ބާއްވާފަ އެވެ. އަދި މި ދަތުރުގައި، މޭ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ޕްރޮމޯޓްކުރުމުގެ މަސައްކަތް ތަކެއް ވެސް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy