ރިޝްމީ އާއި ރަވީގެ ގުޅުމެއް ނެތް، އެކަމަކު އެކުގައި

ބަތަލާ ރިޝްމީ ރަމީޒާއި އެކްޓަރު/ޑައިރެކްޓަރު ރަވީ ފާރޫގް ރަށްޓެހިވެގެން އުޅުނު ވާހަކަ މި ދޭތެރެއަކުން ވަރަށް ގަދައަށް ދެކެވުނެވެ. އެހެންވެ ފޭނުން އުންމީދުކޮށްގެން ތިބީ އެ ދެ މީހުން ކައިވެނި ކުރާނެ ކަމަށެވެ.


އެކަމަކު އެ ހިސާބަށް ނުދަނީސް ގުޅުން ޖެހުނީ ނިމުމަކަށް ގެންނާށެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވާ މި ދެ ތަރިން ޑޭޓް ކުރި ކަމަށް ރަވީ އާއި ރިޝްމީ ވެސް އެއްބަސްވެ އެވެ. އެކަމަކު ކައިވެންޏަކާ ހަމައަށް އެ ގުޅުން ދާ ވަރެއް ނުވި އެވެ.

ސަބަބަކީ ކޮބައި ހެއްޔެވެ؟ ސެލެބްރިޓީންގެ ކައިވެނި މާ ގިނަ ދުވަހަކަށް ދެމެހެއްޓޭ ތަނެއް ރާއްޖެއަކުން ވެސް ނުފެނެ އެވެ. ހާއްސަކޮށް ފިލްމީ ތަރިންގެ ކައިވެނީގެ ހަޔާތަކީ ވަރަށް ކުރު، ވަރަށް ނާކާމިޔާބު ގުޅުންތަކެެއް ކަމަށް ބުނެވިދާނެ އެވެ. މިހާތަނަށް ފެންނަން އޮތީ އެ މަންޒަރެވެ.

ރަވީ އާއި ރިޝްމީ ބުނި ގޮތުގައި އެ ދެ މީހުންގެ ގުޅުން ނިމުމަކަށް އައީ އުންމީދުކުރި ގޮތަށް އެ ގުޅުން "ވޯކްއައުޓް" ނުކުރުމުންނެވެ.

ޓީވީއެމްގެ "ސެލެބްރިޓީ ޓައިމް" ގައި އެ ދެ ތަރިން ބުނި ގޮތުގައި ޑޭޓަކަށް ދިޔައީ ދެ މީހުންގެ ކުރީގެ ކައިވެނި ވެސް ރޫޅިފައި އޮތުމުން ގުޅުމަކާއިގެން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން އޮތުމުންނެވެ.

ރިޝްމީ އާއި ރަވީ "ސެލެބްރިޓީ ޓައިމް" ގައި: ދެ މީހުން މިހާރު ތިބީ ހުސްކޮށް.

ރިޝްމީ ކުރިން ކައިވެނިކޮށްގެން އުޅުނީ އެކްޓަރު އަހުމަދު އަޒްމީލް (އަޒޭ) އާ އެވެ. ދަރިއަކު ވެސް ލިބުނު ފަހުން ކައިވެނީ ރޫޅުނީ އެވެ.

ރަވީގެ ދެ ކައިވެނި ވެސް ރޫޅި އޭނާ މިހާރު ހުރީ ހުސްކޮށެވެ. ރަވީ ފުރަތަމަ ކައިވެނިކުރީ ލަވަ ކިޔުންތެރިޔާ ލަހްފާ ފާއިޒާ އެެވެ. އެ ކައިވެނި ރޫޅުމުން، ކުރި ދެވަނަ ކައިވެންޏަށް ދެ ދަރިން ލިބުނު ފަހުން އެ ކައިވެނި ވެސް ރޫޅުނުތާ މިހާރު ކިތަންމެ ދުވަހެކެވެ.

ރިޝްމީ އާއި ރަވީ ދުވަސްތަކެއް ވަންދެން ޑޭޓް ކުރުމަށް ފަހު، ދެ މީހުން މިހާރު ތިބީ ހުސްކޮށެވެ. އެކަމަކު ލޯބީގެ ގުޅުމުގައި ސިއްކަ ޖެހުނަސް، ޕްރޮފެޝަނަލް ގުޅުމަކަށް އެކަމަކުން އެއްވެސް އަސަރެއް ނުކުރެ އެވެ.

"ލަވް ސްޓޯރީ" އާއި "14 ވިލޭރޭ" ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ބުނީ ރަވީއަކީ ވަރަށް "ކެއަރިން" މީހެއް ކަމަށެވެ. އަދި ރަވީ އެހާމެ "ސްވީޓް" ކަމަށް ވެސް އޭނާ ބުންޏެވެ.

ރިޝްމީ

"ދެ މީހުންގެ ކައިވެނި ރޫޅިފައި އޮތީމަ އޭރު ދެން އިންޓްރަސްޓް ހުރީމަ ޑޭޓް ކުރަން ފެށީ." ރިޝްމީ ބުންޏެވެ. "އެކަމަކު ދެން އޭތި ވޯކްއައުޓް ނުކުރީމަ ކްއިޓް ކުރަން ޖެހުނީ."

ކުރީގެ ފިރިމީހާ އަޒޭއާ ބެހޭ ގޮތުން ރިޝްމީ ބުނީ "އަޒޭ އާ އަލުން ގުޅެން ހިތަކު ނެތް" ކަމަށެވެ. އެހެން ނަމަވެސް ދެ މީހުންގެ ދަރިއަކު ހުރީމަ، ޕޭރަންޓުންގެ ގޮތުގައި އޮންނަން ޖެހޭ ގުޅުން ވަރަށް ރަނގަޅަށް އަބަދުވެސް އޮންނަ ކަމަށް އޭނާ ބުންޏެވެ.

"ހުރީމޭ އިންތިޒާރުގައި" އިން ފިލްމީ ދާއިރާ އަށް ނިކުތް ރަވީ ސިފަކުރި ގޮތުގައި ރިޝްމީއަކީ ވަރަށް "ބިއުޓިފުލް" އަދި އެހާމެ "ކެއަރިން" އަންހެނެކެވެ. އަދި އޭނާއަކީ ސާފު ތާހިރު ކަމަށް ލޯބި ކުރާ މީހެކެވެ.

ރަވީ ބުނީ ރިޝްމީއަކީ ވަރަށް އަވަހަށް ނިދޭ މީހެއް ކަމަށާއި ނިދީގައި ކުރެވޭ ކަންކަން ހަނދާން ވެސް ނެތޭ މީހެއް ކަމަށެވެ.

ރަވީ: ދެވަނަ ކައިވެނި ވެސް ރޫޅި އޭނާ ވެސް މިހާރު ހުރީ ހުސްކޮށް.

ރަވީ އާއި ރިޝްމީގެ ލޯބީގެ ގުޅުން ނިމުމަކަށް އަޔަސް ފޭނުން އަދި މާޔޫސްވާކަށް ނުޖެހެ އެވެ. އެ ދެ މީހުން އެކުގައި ކުޅެފައިވާ ފުރަތަމަ ފިލްމް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ސިނަމާ އަށް އަންނާނެ އެވެ.

އެއީ ރިޝްމީ ޕްރޮޑިއުސްކޮށް، ރަވީ ޑައިރެކްޓްކޮށްފައިވާ "ވިޝްކާ" އެވެ. މި ފިލްމުގެ ފުރަތަމަ ޓީޒާ ވެސް ބެލުންތެރިންނަށް މިހާރު ވާނީ ފެނިފަ އެވެ. އެހެންވެ މި ދެ ތަރިންގެ ކެމިސްޓްރީ ހުރި ގޮތެއް ވެސް އެނގި ދާނެ އެވެ.

"ވިޝްކާ" ގައި ދައްކުވައި ދޭނީ ވަރަށް ވިޔާނުދާ، އުޅުމެއް ނެތް ފިރިހެނަކާ ހިތާވެވި، ލޯތްބަށްޓަކައި އޭނާ ހަމަ މަގަށް އަޅުވަން މަސައްކަތް ކުރާ އަންހެނަކު އެތައް މަޅިއެއްގައި ބެދި އޭނާގެ ދިރިއުޅުން ހަލާކުވެގެންދާ ގޮތެވެ.

ފިލްމްގެ ޓައިޓްލް ރޯލުން ފެނިގެން ދާނީ ރިޝްމީ އެވެ. "ވިޝްކާ" އަކީ ރަވީ އާ އެކު ރިޝްމީ ކުރި މަސައްކަތެއް ނޫނެވެ. އޭނާ މީގެ ކުރިން ރަވީ އާ އެކު ވީޑިއޯ ލަވަ ވެސް ކުޅެފައި އެވެ.

"ވިޝްކާ" ގެ ޓީޒާ: މިއީ ރަވީ އާއި ރިޝްމީ އެކުގައި ކުޅުނު ފުރަތަމަ ފިލްމް

އަދި ރަވީ އެންމެ ފަހުން ޑައިރެކްޓް ކުރި "މިކޮއެ ބައްޕަ ބައޭބައޭ" ގެ ބަތަލާއަކީ ވެސް ރިޝްމީ އެވެ. "ވިޝްކާ" އަކީ ރިޝްމީ އާއި ރަވީ ފީޗާ ފިލްމަކުން އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ.

ފިލްމަށް އިންތިޒާރު ކުރަމާ ހިނގާށެވެ. ޔާރާ ޕްރޮޑަކްޝަނުން އުފައްދާފައިވާ "ވިޝްކާ" އޮގަސްޓް މަހުގެ ކުރީކޮޅު ސިނަމާ އަށް އަންނާނެ އެވެ. އެ ޔަގީންކަން ރަވީ އާއި ރިޝްމީ ވެސް ދެ އެވެ.