ޖޫޑީ ޑެންޗާއި އަލީ ފަޒަލް "ވިކްޓޯރިއާ އެންޑް އަބްދުލް" ގެ މަންޒަރެއްގައި.
01 ޖޫން 2017 - 07:31
އޮސްކާ ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު އަދި ދުވަސްވީ ބަތަލާ ޖޫޑީ ޑެންޗާއި ބޮލީވުޑްގެ ޒުވާން އެކްޓަރު އަލީ ފަޒަލް ޓައިލްޓް ރޯލް ކުޅެފައިވާ ފިލްމް "ވިކްޓޯރިއާ އެންޑް އަބްދުލް" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.
މިއީ އަލީގެ ދެވަނަ ހޮލީވުޑް ފިލްމެވެ. އޭނާ މީގެ ކުރިން ވަނީ 2015 ގައި ރިލީޒް ކުރި "ފާސްޓް އެންޑް ފިއުރިއަސް 7" ގެ ރޯލެއް ކުޅެފަ އެވެ.
އިނގިރޭސިވިލާތާއި އިންޑިއާގައި ޝޫޓްކޮށްފައިވާ "ވިކްޓޯރިއާ އެންޑް އަބްދުލް" އަކީ އިނގިރޭސިވިލާތުގެ ކުރީގެ ރާނީ ވިކްޓޯރިއާ އާއި އޭނާގެ ނޯކަރު އަބްދުލް ކަރީމާ ދެމެދު އޮންނަ ވަރުގަދަ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މި ފިލްމް ބިނާކޮށްފައި ވަނީ ޝްރަބާނީ ބާސޫ ލިޔެފައިވާ ވާހަކަ "ވިކްޓޯރިއާ އެންޑް އަބްދުލް: ދަ ޓްރޫ ސްޓޯރީ އޮފް ދަ ކްއީންސް ކްލޮޒެސްޓް ކޮންފިޑަންޓް" އަށެވެ.
ފިލްމްގެ ސްކްރީންޕްލޭ ބިލީ އެލިއަޓް (2000) ގެ ސްކްރީން ރައިޓަރު ލީ ހޯލް ލިޔެފައިވާ އިރު، ޑައިރެކްޓްކޮށްފައި ވަނީ ސްޓެފެން ފްރެއާސް އެވެ. އޭނާއަކީ 2006 ވަނަ އަހަރު ހެލެން މިރެން ލީޑް ރޯލް ކުޅުނު "ދަ ކްއީން" ގެ ޑައިރެކްޓަރެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 22 ގައި ރިލީޒް ކުރާ ފިލްމުގެ ފުރަތަމަ ޓްރެއިލާ އިން ފެންނަ ގޮތުގައި މިއީ ޝާހީ ގޮތްގަނޑު ވަރަށް ބޮޑަށް ދައްކުވައި ދޭނެ ވަރަށް އަސަރު ގަދަ، ޝައުގުވެރި ފިލްމަކަށް ވާނެ އެވެ.
ޖޫޑީ، 82، ވަނީ މީގެ ކުރިން ވެސް ފިލްމެއްގައި ކްއީން ވިކްޓޯރިއާގެ ރޯލް ކުޅެފަ އެވެ. އެއީ 1997 ވަނަ އަހަރު ރިލީޒް ކުރި "މިސިޒް ބްރައުން" ގަ އެވެ.
"ފުކްރޭ" އާއި "3 އިޑިއަޓްސް" ފަދަ ފިލްމްތަކުން ފެނިފައިވާ އަލީ، 30، ވަނީ ޖޫޑީއާ އެކު ސްކްރީން ހިއްސާކޮށްލަން ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށް ބުނެފަ އެވެ. އަދި އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy