ސޭން އެސްމައިލް: ބާމިއުޑާ ޓްރެއިންގަލްގެ ފިލްމް ޑައިރެކްޓް ކުރާނެ.
28 ޖުލައި 2017 - 06:45
މަތިންދާބޯޓާއި ކަނޑު ބޯޓުފަހަރު ވީނުވީ ގޮތެއް ނޭނގި ގެއްލިފައިވާ ކަމުގެ ވާހަކަތައް ބިނާވެފައިވާ މަޝްހޫރު ސަރަހައްދު ބާމިއުޑާ ޓްރެއިންގަލް އަށް ބިނާކޮށް ފިލްމެއް ހަދަން ހޮލީވުޑުން ތައްޔާރުވެއްޖެ އެވެ.
ޔުނިވާސަލް ޕިކްޗާޒް އިން ހަދާ މި ފިލްމު ލިޔެ، ޑައިރެކްޓް ކުރަނީ މަޝްހޫރު ޓީވީ ސިލްސިލާ "މިސްޓަ. ރޮބޮޓް" ގެ ޑައިރެކްޓަރު ސޭމް އެސްމައިލް އެވެ.
ބާމިއުޑާ ޓްރެއިލްގެ ސިއްރުން ފުރިފައިވާ ކަންތައްތަކަށް ބިނާކޮށް ހަދާ ފިލްމެއް ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ފިލްމްގެ ނަން ވެސް އޮތީ ސިއްރެއްގެ ގޮތުގަ އެވެ.
މި ފިލްމް ޕްރޮޑިއުސް ކުރަނީ "ޕްލެނެޓް އޮފް ދި އޭޕްސް" ގެ ސީރީޒްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިލަން ކްލާކް އާއި ޔުނިވާސަލް ގުޅިގެންނެވެ.
ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި މި ފިލްމުގެ ޑައިރެކްޓަރު ސޭމް ވެސް ހިމެނެ އެވެ.
ބާމިއުޓާ ޓްރެއިންގަލްގެ ޝައުގުވެރި ވާހަކަތަކަށް ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، ތުންތުންމަތިން ދެކެވޭ ވާހަކަތަކުގައި ބުނަނީ ބާމިއުޑާ ޓްރެއިންގަލަކީ ނުރައްކާތެރި ސަރަހައްދެއް ކަމަށެވެ. އެ ހިސާބުން ގޮތް ނޭނގޭ ގޮތަށް މަތިންދާބޯޓާއި ކަނޑު ބޯޓުފަހަރު އެކި ދުވަސްވަރު ގެއްލިފައިވާ ކަމަށް ވާހަކަ ދެކެވެ އެވެ. އެކަމަކު އެގޮތަށް ދައްކާ ގިނަ ވާހަކަތަކަކީ ޔޯލަޔޯލަ ކަމަށް ސައިންސްވެރިން ބުނެ އެވެ.
ބާނިއުމާ ޓްރެއިންގަލްގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރަައްދު ޗާޓަކުން ފާހަގަކޮށްފައި.
ދުނިޔޭގައި އެންމެ ގިނައިން އާގުބޯޓުފަހަރު ދަތުރު ކުރާ އެއް މަގަކީ ވެސް މި އެވެ. އެމެރިކާ، ޔޫރަޕް އަދި ކެރީބިއަން އަށް ދަތުރު ކުރާ ބޮޑެތި އުޅަނދުފަހަރު އެ ސަރަހައްދުން ކޮންމެ ދުވަހަކު ވެސް ދަތުރު ކުރެ އެވެ. މި ސަރަހައްދުގައި ދާދި ފަހުން ވަނީ ކުއްލި ގޮތަކަށް މޭލެއްހާ ދިގު ރަށެއް ވެސް އުފެދިފަ އެވެ.
އެހެންވެ ބާމިއުޑާ ޓްރެއިންގަލްގެ ވާހަކަ ކޮންމެވެސް ސިފައެއްގައި ބޮޑު ސްކްރީނުން ބަލާލަން ލިބުމަކީ އެ ސަރަހައްދުގެ ސިއްރުތަކާ ބެހޭ ގޮތުން އިތުރު ކަންތައްތަކެއް އާންމުންނަށް އެނގިގެން ދާނެ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރަންގު
28 July 2017
ވާއު... ވަރަށް ބަލާލާހިތްވެއްޖެ. ސޭމް އިސްމާއިލް އަކީ ވަރަށް މޮޅު ޑައިރެކްޓަރެއް.