ޑައިރެކްޓަރު ޗަކް ރަސަލް: އޮކްޓޯބަރުގައި އިންޑިއާ އަށް ދާނެ.
02 އޯގަސްޓް 2017 - 06:47
ބޮލީވުޑްގެ ތަރިން ހޮލީވުޑާ ދިމާއަށް މިސްރާބު ޖަހާފައިވާ ޒަމާނެއްގައި ހޮލީވުޑްގެ ޑައިރެކްޓަރަކު ބޮލީވުޑް ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވެއްޖެ އެވެ.
ޖަންގްލީ ޕިކްޗާސް އިން އުފައްދާ ފިލްމް "ޖަންގްލީ" ޑައިރެކްޓަރަކީ ދަ މާސްކް (1994) އާއި ސްކޯޕިއަން ކިންގް (2002) ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ އެމެރިކާގެ ޑައިރެކްޓަރު ޗަކް ރަސަލް އެވެ.
މި ޕްރޮޖެކްޓާ ބެހޭ ގޮތުން ޖަންގްލީގެ ރައީސާ ޕްރިތީ ސަހާނީ ބުނީ ހޮލީވުޑްގެ ޑައިރެކްޓަރަކު ލައްވައި "ޖަންގްލ" ޑައިރެކްޓް ކުރުވަން ނިންމި މައިގަނޑު ސަބަބަކީ މި ފިލްމަކީ އިންޓަނެޝަނަލް އޯޑިއަންސަކަށް ތައްޔާރު ކުރާ ފިލްމަކަށްވާތީ، އެ ރަހަ ވީހާ ވެސް ބޮޑަށް ފިލްމުން ގެނެސް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
"ޖަލްގްލީ" އަކީ އިންސާނުންނާއި ޖަނަވާރުންނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މިފަދަ ބައެއް ފިލްމްތައް މީގެ ކުރިން ވެސް ބޮލީވުޑްގައި ހަދާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކަށް ރާޖޭޝް ކަންނާ އާއި އެތެއްގެ ގުޅުން ކިޔައިދޭ ފިލްމް ހާތީ މޭރީ ސާތީ (1971) ފާހަގަކޮށްލެވޭނެ އެވެ.
ޕްރިތީ ބުނީ "ޖަންގްލީ" ޑައިރެކްޓް ކުރަން ހޮލީވުޑްގެ ޑައިރެކްޓަރަކާ ހަވާލު ކުރި ނަމަވެސް، ބޮލީވުޑްގެ ފިލްމްތަކުގެ މައިބަދައިގެ ގޮތުގައި ބެލެވޭ ލަވަ އާއި ނެށުންތައް ފިލްމްގައި ހިމެނޭނެ ކަމަށެވެ. އަދި އެކަމާ ޗަކް ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.
ޗަކް ރަސަލް "ޖަންގްލީ" ގެ އެކްޓަރު ވިދުޔަތު ޖަމްވަލްއާ އެކު.
ރިތޭޝް ޝާހްގެ ސްކްރީންޕްލޭއަކަށް "ޖަންގްލީ" ގެ ލީޑް ރޯލަށް ނަގާފައި ވަނީ އެކްޝަން އެކްޓަރެއްގެ ގޮތުގައި މަޝްހޫރު "ކޮމާންޑޯ" ގެ ތަރި ވިދުޔަތު ޖަމްވަލް އެވެ. ރިޕޯޓްތައް ބުނާ ގޮތުން ކެރެލާގައި ބޮޑު ބައި ޝޫޓް ކުރާ ފިލްމުގެ ވާހަކަ އެނބުރެނީ އިންސާނަކާ އެތަކާ ދެމެދު ހިނގާ ކަންތައްތަކެއްގެ ވަައިގެންނެވެ.
ފިލްމުގެ ޝޫޓިން ފެށުމަށް ޗަކް އަންނަ އޮކްޓޯބަރު މަހު އިންޑިއާ އަށް އަންނާނެ އެވެ. "ޖަންގްލީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ހޫނު މޫސުމްގަ އެވެ.
ޗަކް، 59، އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ ޖޯން ޓްރެވަލްޓޯ ލީޑް ރޯލް ކުޅެ މިދިޔަ އަހަރު ރިލީޒް ކުރި "އައި އެމް ވްރެތު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy