މިރޭ ނޯޓީ 40 އަޅުވާއިރު ޔޫއްޕެ ޔަގީންކަމުގައި

މިރޭ އޮލިމްޕަހުގައި "ނޯޓީ 40" ޕްރިމިއާ ކުރުމަށް ފަހު، 15 ޝޯ ދައްކާނެ.

އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ "ނޯޓީ 40" މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާ އިރު ޑައިރެކްޓަރު/އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ދޭން އޮތް ޔަގީން ކަމަކީ އަދި ފަހު ބަހަކީ ވެސް މި އެވެ؛ މި ފިލްމް ވަރަށް ފުރިހަމަ ވާނެ އެވެ. "ނޯޓީވެފައި" ބެލުންތެރިން ފިލްމާ ގަޔާވާނެ އެވެ.


ޔޫއްޕޭގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ނޯޓީ 40" ގެ އެންމެ ހާއްސަ އެއް ކަމަކީ އެއް ފިލްމަކުން ގިނަ ރަހަތަކެއް ލެއްވުމެވެ. އެގޮތުން ފިލްމުގައި ކޮމެޑީ އާއި ލޯތްބާއި ހިތާމައިން ފެށިގެން ގޮސް ދެކޮޅުވެެރިކަމާއި އާއިލީ ގުޅުންތައް ފަދަ ރަތަހައް ހިމެނެ އެވެ.

ޔޫއްޕެ ބުނީ މި ފިލްމާ ދޭތެރޭ އޭނާ އެންމެ ހިތްހަމަޖެހޭ އެއް ސަބަބަކީ ވެސް ބޮޑު ކާސްޓަކާ އެކު، ގިނަ ރަހަތަކެއް ގެނެސްދެވޭތީ ކަމަށެވެ.

"މީގައި މަސައްކަތް ކުރި ކޮންމެ އެކްޓަރަކު އެބަހުރި އެ މީހުންގެ މެކްސިމަމް ދީފައި. އެހެންވީމާ އެކްޓިން ވަރަށް ފުރިހަމަ ވާނެ. ގިނަ ތަރިންތަކެއް އެއް ފިލްމަކުން ފެނުމަކީ ވެސް އެހާ ކަމެއް ނޫން. އަދި އެހާ ފަސޭހަ އިން ކުރެވޭނެ ކަމެއް ވެސް ނޫން،" މިދިޔަ އަހަރު "ބައިވެރިޔާ" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "އެހެންވެ މިއީ ކޮންމެ ކޮންމެ މީހަކަށް ހަދާލެވޭ ކަހަލަ ޒާތުގެ ފިލްމެއް ވެސް ނޫން. އުނދަގޫ އަދި ބޮޑު މަސައްކަތެއް."

ށ. މިލަންދު އާއި މާލެ އާއި ހުޅުމާލޭގައި މަންޒަރުތައް ނަގާފައިވާ "ނޯޓީ 40" ގެ ތަރިންގެ ތެރޭގައި ޔޫއްޕެ، އަލީ ސީޒަން، ނިއުމާ މުހައްމަދު، މުހައްމަދު މަނިކު އަދި އަހުމަދު ސައިދާ އެކު، މިހާރުގެ އެންމެ ވިދާ ބައެއް ތަރިން ވެސް ހިމެނެ އެވެ.

އޭގެ ތެރޭގައި މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ހިމެނެ އެވެ. އަދި ފިލްމުން އާ އެކްޓަރުންތަކެއް ވެސް ތައާރަފުވެގެން ދާނެ އެވެ.

ޔޫއްޕެ ބުނީ "ނޯޓީ 40" ގައި ވަރަށް ބައިވަރު ސަޕްރައިޒްތައް ވެސް ހުންނާނެ ކަމަށެވެ. އެގޮތުން އޭނާ އާއި މަނިކާއި ސައީދު އަދި ސީޒަން ވަރަށް ތަފާތު ގޮތަކަށް ފިލްމުން ފެންނާނެ ކަމަށް ބުންޏެވެ.

"އެއީ މި ފިލްމް ބަލަން ދާން ޖެހޭ އެއް ސަބަބަށް ވާނެ. އެކްޓަރުންތަކެއްގެ މީގެ ކުރިން ނުފެންނަ ސައިޑެއް މި ފިލްމުން ފެނިގެން ދާނެ." ބާޗީ ބެކް މިއުޒިކް ހަދާފައިވާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "ހަމަ ޔަގީނުން ވެސް މިއީ ބެލުންތެރިން ވަރަށް އެންޖޯއި ކުރާނެ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު."

އޮލިމްޕަހުގައި 15 ޝޯ ދައްކަން ހަމަޖެހިފައިވާ "ނޯޓީ 40" އަކީ ބަތަލާ ނިއުމާ އާއި އިސްމާއީލް ޝަފީގް ގުޅިގެން ޕްރޮޑިއުސް ކުރި ދެވަނަ ފިލްމެވެ.

މި އަހަރު އަޅުވާ ފަސް ވަނަ ފިލްމް ވަރަށް ގިނަ ރަށްރަށުގައި ވެސް ދައްކަން ވަނީ ހަމަޖެހިފަ އެވެ.