ފިލްމްގެ ޓިކެޓް ވެސް ބުކްކޮށް ދެމުން އަންނަ އިރު، ފުރަތަމަ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލާފައި.
"ނޭދެން ވަކިވާކަށް" ގެ މަންޒަރެއްގައި ޔޫއްޕެ އާއި އަޒޫ.
11 އޯގަސްޓް 2017 - 06:13
އަންނަ މަހުގެ 27 ވަނަ ދުވަހުގެ ރޭ މުހައްމަދު އަބޫބަކުރު (މާއެބޫ) ގެ އާ ފިލްމް "ނޭދެން ވަކިވާކަށް" އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރާނީ ބޭރުގެ ފަންނާނުންތަކެއް ގެނެސް ވަރަށް ކުލަގަދަކޮށް ކަމަށް އޭނާ ބުނެފި އެވެ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް މާއެބޫ ޑައިރެކްޓްކޮށްފައިވާ ލޯބީގެ ވާހަކަތަކެއް ކިޔައިދޭ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން ފިލްމަކުން އަލަށް ފެނިގެންދާ ނެށުންތެރިޔާ/ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އަޒްމީލް (އަޒޭ)، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އާރިފާ އިބްރާހީމް، އަލީ ޝާހިދު (ސްޓެޕް އައްޔަ) އަދި އިބްރާހީމް ރިޔާޒް ހިމެނެ އެވެ.
އއ. ތޮއްޑު އާއި މާލޭގައި މަންޒަރުތައް ނަގާފައިވާ "ނޭދެން ވަކިވާކަށް" ގެ ފުރަތަމަ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
މާއެބޫ ބުނީ ފިލްމުގެ ޓިކެޓް ވެސް މިހާރު ބުކްކޮށް ދެމުން އަންނަ ކަމަށެވެ. ހޮޓްލައިން ނަމްބަރަކީ 7852824 އެވެ.
"ނޭދެން ވަކިވާކަށް" ގެ މަންޒަރެއްގައި ޖާދު: މިއީ އޭނާގެ ފުރަތަމަ ފިލްމް.
ބޭރުގެ ފަންނާނުންތަކެއް ގެނެސްގެން ސްޓޭޖް ޕަފޯމަންސްތަކާ އެކު "ނޭދެން ވަކިވާކަށް" ޕްރިމިއާ ކުރާތީ، ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓް ވިއްކާނީ 200ރ. އަށެވެ. ދެން ހުރި ޝޯތަކުގެ ޓިކެޓް 100ރ. އަށެވެ.
"ބޭރު ފަންނާނުންތަކަކާ ވާހަކަ ދައްކަމުން މި އަންނަނީ. އެކަމަކު އަދި އެއީ ކޮން ބައެއް ކަމެއް ބުނެވޭކަށް ނެތް،" މާއެބޫ ބުންޏެވެ. "ޔަގީންކަން ދޭ ކަމަކީ ޕްރިމިއާ އިން ބޭރުގެ ފަންނާނުންތަކެއްގެ ޕަފޯމަންސް ފެނގިގެން ދާނެކަން."
އޭނާ ބުނީ ފިލްމް އަޅުވާ ދުވަސް ކައިރިވަމުން އަންނަ އިރު، މިހާރު ކުރިއަށް ދަނީ ފިލްމް ޕޮލިޝް ކުރުމުގެ މަސައްކަތް ކަމަށާއި ބެލުންތެރިންނަށް ފިލްމު ވަރަށް ކަމުދާނެ ކަމަށެވެ.
"ފިލްމް ވަރަށް ތަފާތުވާނެއެކޭ ބުނާ ހިތެއް ނެތް. އެކަމަކު ބެލުންތެރިންނަށް ވަރަށް ރީތި، ގަޔާވާ ކަހަލަ ފިލްމަކަށް މި ފިލްމް ވާނެ. ކާސްޓަށް ބެލިޔަސް ރާއްޖޭގެ މަޝްހޫރު ތަރިންތަކެއް މީގައި އެބަ އުޅޭ،" މީގެ ކުރިން "ރަންދަރި" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ މާއެބޫ ބުންޏެވެ.
"ނޭދެން ވަކިވާކަށް" ގެ ޓްރެއިލާ.
އޭނާ ބުނީ "ނޭދެން ވަކިވާކަށް" އަކީ ފިލްމީ ކެރިއަރުގައި މިހާތަނަށް އެންމެ ބުރަކޮށް އަދި އެންމެ ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ކުރެވުނު ފިލްމް ކަމަށެވެ.
"އެހެންވީމަ މިއީ ބެލުންތެރިންނަށް މި އަހަރު ފެންނާނެ އެންމެ ރީތި އެއް ފިލްމަށް ވާނެ،" ފިލްމުގެ ޕްރޮމޯޝަން ވަރަށް އަވަހަށް ފަށާނެކަން ފާހަގަކޮށް މާއެބޫ ބުންޏެވެ.
މިއީ މި އަހަރު އަޅުވާ ހަތް ވަނަ ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެައަލީ
11 August 2017
ޖަސްޓިން ބީބާ ގެނޭ