"ގިލަން" ގެ މަންޒަރެއް: މި ފިލްމް އަންނަ އަހަރު ރިލީޒް ކުރާނެ.
26 އޯގަސްޓް 2017 - 07:48
އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ފިލްމް "ގިލަން" އަކީ އޭނާ އަށް ވަރަށް ހާއްސަ ފިލްމެކެވެ. ދެހާސް ސާދައިގައި މަސައްކަތް ފެށި މި ފިލްމަކީ އެންމެ ފުރަތަމަ 2015 ގައި ރިލީޒް ކުރަން އަމާޒު ހިފި ފިލްމެކެވެ. ބޭނުމަކަށްވީ އަމްޖޭގެ 50 ވަނަ ފީޗާ ފިލްމަށްވާތީ، އޭރު ރާއްޖޭގެ މިނިވަން 50 އާ ދިމާކޮށް ފިލްމް ބެލުންތެރިންނާ ހަމައަށް ގެންނާށެވެ.
އެކަމަކު ކަން ދިމާ ކުރި ގޮތުން އެހެން ނުވީ އެވެ. "ގިލަން" އަކީ ސީދާ އަމްޖޭގެ ޖީބުން ހަރަދުކޮށްގެން ހަދާ ފިލްމަކަށްވާތީ، ފިލްމް ރިލީޒް ނުކުރެވި ދިގުލައިގެން ދިޔައީ އޭނާ އަށް ކުރިމަތިވި މާލީ ބައެއް ދަތިތަކާ ވެސް ހެދި އެވެ. ފިލްމްގެ އެންމެ ލަވައެއްގެ ޝޫޓިން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް އޮތީ ނިމިފަ އެވެ.
އެކަމަކު އަމްޖޭ މިހާރު ވަނީ އަންނަ އަހަރު ރިލީޒް ކުރާ ފުރަތަމަ ފިލްމަކީ "ގިލަން" ހެދުމުގެ އަމާޒު ހިފައިފަ އެވެ.
"ޖެނުއަރީ ފަހުކޮޅު ފިލްމް ސިނަމާ އަށް ގެންނަން އެބަ މަސައްކަތް ކުރަން. އަހަރުގެ ފުރަތަމަ ފިލްމަކަށް ގިލަންވޭތޯ މިހާރު ބޭނުމަކީ،" އަމްޖޭ ބުންޏެވެ. "އެބަ ބަލަން ޖެނުއަރީ އެއްތިރީސް ހިސާބުގައި ފިލްމް ސިނަމާ އަށް ގެންނަން. މިހެން ބުންޏަސް އަދި ސީދާ ޑޭޓެއް ފައިނަލެއް ނޫން. މަސައްކަތް އެބަ ކުރަން ޖެނުއަރީގައި ފިލްމް ރިލީޒް ކުރަން."
އޭނާ ބުނީ އެ ފިލްމަކީ 50 ވަނަ ޑައިރެކްޝަނަށްވާތީ ފިލްމް ރިލީޒް ކުރަން ބޭނުން ވަނީ ވެސް ވަރަށް ގްރޭންޑްކޮށް ކަމަށެވެ. އެހެންވެ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވާނެ ކަމަށް ބުންޏެވެ.
"ގިލަން" ގެ ޓީޒާއެއް.
"ގިލަން" އަކީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ލިޔުނު ވާހަކައަށް ބިނާކޮށް ހަދާފައިވާ އަސަރު ގަދަ ލޯބީގެ އަދި ބިރުވެރި ކަންތައްތަކެއް ވެސް ކިޔައިދޭ ފިލްމެކެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތުމަތު އާޒިފާ (އަޒޫ)، މަރިޔަމް ނޫރާ، އަލީ އާޒިމް (ދޮންއައްޔަ)، އަހުމަދު ސައީދު، މުހައްމަދު ރަޝީދު (ދަރާ) އަދި މަރިޔަމް ޝަކީލާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހާގްރާތު
27 August 2017
ތި ނާނަްނާނެ ތޯއްޗެ އަންނަ އަހަރަކުވެސް. ތީ ހަމަ ގިލަންވެރި ކަމެއް
ޑިންޗަކް ޕޫޖާ
26 August 2017
އަމާޒު ޔަގީންދޯ..!! އަބަދު އެއްބަޔަކު ލައިގެން ސޭމް ސްޓޯރީއައް ފިލްމު ކުޅެ ފޫސްސެއް ނުވޭތަ އަޅެ.. ނުވާ ވަރުން ކަންތައްތައް ކުރަން ނޫޅެބަލަ.. ތިވެސް ވާނީ ކޮންމެ ވެސް ހިންދީ ދެތިން ފިލްމެއް ކޮށާ މަށާ އިރާލާފަ އޮންނާނީ އާޙިރަތުގަ،،.. ދެން އަނގަ ފުޅާ ކޮއްފަ ބުނާނެ އަމިއްލަ ވާހަކައެކޭ އަނެކެއްޗެކޭ ފަޅޮލޭ..!! ހަމަ ބުނެލީ.. ވަރަށް ސަލާމް.