"ވަކިން ލޯބިން"ގެ ލަވަތައް ވެސް ލޯބި

ޑާކް ރެއިން އެންޓަޓައިމަންޓްގެ ފިލްމްތަކުން ހިތްގައިމު އަމިއްލަ ރާގުގެ ލަވަތައް އިވޭނެ އެވެ. އެ ސްޓޫޑިއޯ އިން މިހާރު ހަދަމުން އަންނަ ފިލްމް "ވަކިން ލޯބިން" އަކީ ވެސް އަމިއްލަ ރާގުގެ ލަވަތައް އިވިގެން ދާނެ ފިލްމެކެވެ.


އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ ފިލްމުގެ ހައެއްކަ ލަވަ ހިމެނޭ އިރު، އޭގެ ތެރެއިން ބައެއް ލަވަތައް މިހާރު ވަނީ ސައުންޑްކްލައުޑަށް ދޫކޮށްލައިފަ އެވެ.

މި ތިން ލަވައިގެ ތެރެއިން އެއް ލަވައަކީ "ލޯބިން" އެވެ. މިއީ ބޭންޑް ސްކޯޒް އޮފް ފްލެއާޒްގެ ލަވައެކެވެ. އަނެއް ލަވައަކީ "ޕަރީ" އެވެ. މި ލަވައަކީ މަޝްހޫރު ބޭންޑް އިކްއޭޓިކް ވައިބްގެ ލަވައެކެވެ.

"ރަންކޮކާލާ ލަވަ"

ފުރަތަމަ އިއްވާލި ތިން ލަވައިގެ ތެރެއިން ފަހު ލަވައަކީ "ރަން ކޮކާލާ" އެވެ. މި ލަވައަކީ ވެސް ސްކޯޒް އޮފް ފްލެއާޒްގެ ލަވައެކެވެ.

ފިލްމްތަކަށް ޑާކް ރެއިނުން ލަވަ ހޮވުމުގައި ގެންގުޅޭ އެއް އުސޫލަކީ ފިލްމްގެ ވާހަކައާ ވީހާ ވެސް ބޮޑަށް ގުޅުން ހުރި ލަވަތައް އެކި ދިމަދިމާލުން ހޮވުމެވެ. މީގެ ސަބަބުން ބޭންޑްތަކުން އުފައްދާފައި ހުންނަ އެކަމަކު އާންމުންގެ ތެރޭގައި އެހާ ބޮޑަށް މަޝްހޫރު ނުވެ ހުންނަ ލަވަތައް، ފިލްމުން މަންޒަރުތަކާ އެކު ދައްކައިލުމުން އެ ލަވަތަކުގެ މަގުބޫލުކަން ވަރަށް ބޮޑުވެގެން ދެ އެވެ.

މި ފަހުން ޑާކް ރެއިނުން ހެދި ހުރިހާ ފިލްމަކަށް ވެސް ލަވަތައް ހޮވާފައި ވަނީ އެގޮތަށެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެ ސްޓޫޑިއޯތަކުގެ ފިލްމްތަކުން އާންމުކޮށް ލަވަތައް ލިޕް ސިންކް ވެސް ނުކުރާކަމެވެ. ލަވަތައް ގެނެސް ދީފައި ހުންނަނީ ވާހަކައިގެ ތެރެއިންނެވެ.

ލަވަ "ލޯބިން"

"ވަކިން ލޯބިން" ގެ މުޅި ޓްރެކް ލިސްޓް އަދި އާންމުކޮށްފައި ނެތަސް، މި ފިލްމުން މި ފަހަރު މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ދެވަނަ ހޯދި ހަމޫދު އަހުމަދު ކިޔާފައިވާ ލަވައެއް ވެސް ހިމެނޭނެ އެވެ. އެއީ "ހިތުގެ ނަށާ ރާނީ" އެވެ.

ލަވަ "ޕަރީ"

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާ "ވަކިން ލޯބިން" ގެ ލީޑް ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

މި ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މާޗް 5، 2018 ގަ އެވެ.