ޝަލަބީގެ "ހިދާއީ ނޫރު" ނެރެފި، ކޮންމެ އަހަރަކު މަދަހަ ސީޑީއެއް ނެެރޭނެ

"މޯލްޑިވިން އައިޑޮލް" އިން ވިދާލި ލަވަ ކިއުންތެރިޔާ ޝަލަބީ އިބްރާހީމްގެ ފުރަތަމަ މަދަހަ ސީޑީ "ހިދާއީ ނޫރު" މިރޭ ރަސްމީކޮށް ނެރެފި އެވެ.


ޗަމްޕާ ހޮޓެލްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މަދަހަ ސީޑީ ނެރެދެއްވީ، އެއަށް މަދަހައެއް ވެސް ހައްދަވައި ދެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ސީޑީ ނެރުމުގެ ރަސްމިއްޔާތުގައި "މޯލްޑިވިއަން އައިޑޮލް" އިން ދެވަނަ އަށް ދިޔަ ޝަލަބީ ބުނީ އޭނާ ބޭނުންވީ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ފޭނުންނާ ހަމައަށް އެންމެ ފުރަތަމަ ވެސް އޭނާގެ އަޑުން މަދަހަ ސީޑީއެއް ގެނެސްދިނުން ކަމަށެވެ.

އެހެންވެ އެކަން މިރޭ ހާސިލްވެގެން ދިއުމުން ވަރަށް އުފާވެއްޖެ ކަމަށް އޭނާ ބުންޏެވެ. ޝަލަބީ އަދި ބުނީ އުންމީދަކީ ކޮންމެ އަހަރަކު ވެސް އެހުންތެރިންނާ ހަމައަށް މަދަހަ ސީޑީއެއް އޭނާގެ އަޑުން ގެނެސްދިނުން ކަމަށެވެ.

ކޮންމެ އަހަރަކު މަދަހަ ސިޑީއެއް ނެރޭނެކަން ޝަލަބީ މިރޭ އިއުލާން ކުރުމުން ރައީސް މައުމޫން ވަނީ ޝަލަބީ އަށް މަރުހަބާ ވެސް ވިދާޅުވެ ހިތްވަރު ދެއްވައިފަ އެވެ. އަދި މިރޭގެ ހަފުލާ ޝަލަބީގެ ޤުރުއާން ކިޔެވުމާ އެކު ފެށުމުން މައުމޫން ވަނީ އޭނާގެ ޤުރުއާން ކިޔެވުމުގެ ހުނަރަށް ވެސް ތައުރީފު ކުރައްވައިފަ އެވެ.

ހަތް މަދަހަ ހިމެނޭ "ހިދާއީ ނޫރު" މިރޭގެ ހަފުލާގައި ހާއްސަ ފަރާތްތަކަށް ހަދިޔާކޮށް ދިނީ ޝަލަބީގެ ބައްޕަ އެވެ.

ޝަލަބީ ވަނީ އޭނާގެ ހަރަދުގައި ކެއާ ސޮސަޓީގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އެއް އަހަރުގެ ކިޔެވުމުގެ ހަރަދު ވެސް ދީފަ އެވެ. އޭގެ ރަމްޒީ ލިއުމާ ކެއާ ސޮސައިޓީގެ ފަރާތުން ހަވާލުވި އެވެ.

ޝަލަބީގެ މަދަހަ ސީޑީ "ހިދާއީ ނޫރު" ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މުހައްމަދު ހަމްދޫން

ޝަލަބީގެ އަމިއްލަ ރާގަށް އަދި އޭނާ ކިޔަފައިވާ މަދަހަތަކުގެ މާސްޓަ އާއި ރެކޯޑިން ހެދީ ހުސައިން ސޮބާހްގެ އިލެވެން އިލެވެން ސްޓޫޑިއޯއިންނެވެ.

މަދަހަ ސީޑީ ވުޖޫދަށް ގެނައުމުގައި ޝަލަބީ އަށް އެހީތެރިކަން ފޯރުކޮށް ދިން ތިން ފަރާތަކަށް އޭނާ ވަރަށް ހާއްސަ ޝުކުރެއް ވެސް އަދާ ކުރި އެވެ.

އެއީ އަބްދުﷲ ޝަފީގް (ސައްޕެ) އިސްމާއީލް ޝިޔާމް (އިއްސެ) އަދި މުހައްމަދު ޝަހީބެވެ.

އީދު ހަދިޔާއެއްގެ ގޮތުގައި ޝަލަބީގެ ފޭނުންނަށް ހިލޭ ދޭ ހަދިޔާ މަދަހަ ސީޑީގެ މަދަހަތައް ހައްދަވާފައި ވަނީ ރައީސް މައުމޫންގެ އިތުރުން އުތީމު އާދަމް އަބްދުއްރަހުމާނާއި އާދަމް ނަސީރު އިބްރާހީމްގެ އިތުރުން ހަސަން ޝާކިރު މުހައްމަދެވެ.