"ދެވަންސޫރަ" ގެ ޓީޒާ ދައްކާލައިފި

ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރޭ.

ތަފާތު ލޯބީގެ ވާހަކައެއްގެ ތެރެއިން ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ ހާދިސާތަކެއް ދައްކުވައިދޭ ސަސްޕެންސް ތުރިލާ "ދެވަންސޫރަ" ގެ ފުރަތަމަ ޓީޒާ ރޭ ދައްކާލައިފަ އެވެ.


މި ފިލްމުގެ ޓީޒާއާ އެކު ރޭ ވަނީ ފިލްމްގެ ތިން ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ. ފިލްމްގެ ފަސްޓްލުކް ރޭ ލޯންޗްކޮށް ދިނީ ފިލްމީ ދާއިރާގެ ވަރަށް ތަޖުރިބާކާރު ފަންނާނެއް ކަމަށްވާ ރޯނު ހަސަން މަނިކު އެވެ.

"ދެވަންސޫރަ" އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް މުހިއްމު ރޯލަކުން ފެނިގެން ދާނެ ބޮޑު ކާސްޓެއް ވެސް ހިމެނޭ ފިލްމެކެވެ. ފިލްމީ ދާއިރާ އަށް މުޅިން އަލަށް ތައާރަފުވާ މަރިޔަމް ޝިފާގެ ބަތަލާގެ ރޯލުން ފެނިގެންދާ ފިލްމްގެ ކާސްޓުންގެ ތެރޭގައި މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، އަލީ ޝަޒްލީމް، އަހުމަދު އީސަ (އާނަންދު) ޖާދުﷲ އިސްމާއީލް (ޖާދު) އަދި ނާޝިދާ މުހައްމަދު (ނާއްކޮ) ފަދަ އެކްޓަރުން ހިމެނެ އެވެ.

މިހާރު ގާތްގަނޑަކަށް ޝޫޓިން ނިމިފައިވާ "ދެވަންސޫރަ" ގެ ޓީޒާ ދައްކައިލި ނަމަވެސް، ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަންނަ ޑިސެމްބަރުގައި ފިލްމް ސްކްރީނަށް ގެންނަން އަމާޒު ހިފާފައިވެ އެވެ.

ޔޫއްޕެ ބުނީ "ދެވަންސޫރަ" ދިވެހި މުޖުތަމައު ތެރޭގައި މިހާރު ހުރި ވަރަށް ގިނަ މައްސަލަތަކެއް ދައްކުވައި ދޭނެ، ބެލުންތެރިން ވަރަށް ގަޔާވާނެ ފިލްމެއް ކަމަށެވެ.

"ސަސްޕެންސް ތުރިލާއަކީ އަސްލު އަހަރެންގެ ސްޓައިލް. ދުވަސްތަކަކަށް ފަހު މި ވައްތަރުގެ ފިލްމެއް ހަދަން ފުރުސަތު ލިބުނީމަ ވަރަށް ހިތްހަމަޖެހިފައި މިހުރީ." ކޮމެޑީ ފިލްމް ނޯޓީ 40 އާއި ބައިވެރިޔާ ވެސް ގެނެސް ދިން ޔޫއްޕެ "މިހާރު" އަށް ބުންޏެވެ. މިއީ ޔޫއްޕެ ޕްރޮޑަކްޝަނާއި އެންވިޝަން އެންޓަޓައިންމަންޓް އަދި ގްރީން ސްޓޫޑިއޯ ގުޅިގެން ހަދާ ފިލްމެކެވެ.