ބޮލީވުޑްގައި މަސައްކަތްކުރާ ބަަތަލާއިންގެ ތެރެއިން އަދިވެސް އެންމެ ރީތީ އައިޝްވަރިޔާ ރާއީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ޚާއްސަކޮށް އައިޝްވަރިޔާއާ އެކު ލޯބީގެ ފިލްމުތައް ކުޅެފައިވާ އެކްޓަރުންނަށް އޭނާގެ ރީތިކަން މާ ބޮޑަށް ފާހަގަ ކުރެވެ އެވެ. މި ވާހަކަ މީޑިއާގައި ބުނެލަން ކެރޭ މަދު އެކްޓަރުންގެ ތެރޭގައި އަކްޝޭ ކަންނާ ވަނީ ހިމެނިފަ އެވެ.
އަކްޝޭގެ އާ ފިލްމު "އިއްތިފާގު" ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓެއްގައި ޝޯގެ ހޯސްޓް ކަރަން ޖޯހަރް ވަނީ ބޮލީވުޑް ބަތަލާއިންގެ ތެރެއިން އެންމެ ރީތީ ކާކުތޯ ސުވާލުކޮށްފަ އެވެ. އަކްޝޭ ބުނީ އެއީ އައިޝްވަރިޔާ ކަމަށެވެ.
"އައިޝްވަރިޔާއާ ބައްދަލުވާ ކޮންމެ ފަހަރަކު އަހަންނަށް އޭނާޔާ ދިމާލަށް ނޫނީ ނުބެލޭ،" އަކްޝޭ ބުންޏެވެ. މި އިވެންޓުގައި ތިބި އެންމެން ވެސް އަކްޝޭގެ ޖަވާބާ އެއްބަސްވެ އޭނާއަށް ތަރުހީބު ދިނެވެ.
އަކްޝޭ އާއި އައިޝްވަރިޔާ ދެ ފިލްމެއް އެކުގައި ކުޅުނެވެ. އެއީ "އާ އަބް ލޯޓު ޗަލޭ" އާއި "ތާލް" އެވެ. މީގެ ތެެރެއިން "ތާލް" އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.
އަކްޝޭ ބުނި ގޮތުގައި އައިޝްވަރިޔާއާ ދިމާލަށް ބެލޭވަރުން އޭނާ ވަރަށް ލަދުވެސް ގަނެ އެވެ. އެކަމަކުވެސް ބެލުން ހުއްޓައެއް ނުލެވެ އެވެ.
"އަހަންނަކީ އެގޮތަށް މީހުންނާ ދިމާލަށް ބަލާ ހަދާ މީހެއް ނޫން. އެކަމަކު އައިޝްވަރިޔާ ފެނުނީމަ މޮޔައެއްހެން އޭނާއާ ދިމާލަށް އަބަދު ބަލަހައްޓައިގެން ހުރެވެނީ،" އަކްޝޭ ބުންޏެވެ.
އަކްޝޭގެ ވާހަކައަށް އޭނާއާ އެކު "އިއްތިފާގު" ގައި ބަތަލާގެ ރޯލު އަދާކުރާ ސޮނާކްޝީ ސިންހާ ވެސް އެއްބަސްވި އެވެ. ސޮނާކްޝީ ބުނި ގޮތުގައި އެއީ ހަމައެކަނި ފިރިހެނުންނަަށް ދިމާވާ ކަމެއް ނޫނެވެ. ޚުދް އޭނާއަށް ވެސް އައިޝްވަރިޔާ ފެނުނީމާ އެހެން ދިމާލަކަށް ނުބެލެ އެވެ. އެހާވެސް އައިޝްވަރިޔާ ރީތިކަމަށް ސޮނާކްޝީ ވެސް އެއްބަސްވި އެވެ.
ސިދާރްތު މަލްހޯތުރާ އާއި ސޮނާކްޝީ އަދި އަކްޝޭ ކުޅެފައިވާ "އިއްތިފާގު" ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ. މިއީ 1969 ގައި ޔާޝް ޗޯޕްރާ ޑައިރެކްޓްކުރި ރާޖޭޝް ކަންނާ އާއި ނަންދާ ލީޑް ރޯލު ކުޅުނު "އިއްތިފާގު"ގެ ރިމޭކް އެކެވެ. މިފަހަރުގެ ފިލްމު ޑައިރެކްޓްކުރަނީ ޔާޝް ޗޯޕްރާއަށް ބޮޑުބޭބެ ކިޔާ އަބޭ ޗޯޕްރާ އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ޝާހްރުކް ޚާނާއި ކަރަން ޖޯހަރް އެވެ.