"ވަކިން ލޯބިން" ގެ ޝޫޓިން ނިންމާލައިފި

ޑާކް ރެއިން އެންޓަޓައިންމަންޓުން އަންމަ މާޗް މަހު ރިލީޒްކުރާ ފިލްމް "ވަކިން ލޯބިން" ގެ ޝޫޓިން ނިންމާލައިފި އެވެ.


އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ ފިލްމްގެ ޝޫޓިން ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މި ފިލްމަކީ ވަރިފަށަށް އަރާ ޒުވާން ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފެމިލީ ޑްރާމާއެކެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމްގެ ބައެއް ލަވަތަކުގެ ބައެއް ތަންތަންކޮޅު އަދި ޝޫޓް ކުރަމުން ދިޔަ ނަމަވެސް، ފިލްމްގެ މައިގަނޑު ޝޫޓިން އެއްކޮށް ނިމި، މިހާރު އެޑިޓިން ނިމިފައިވާ ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ މީގެ މަސައްކަތް ކުރިއަށް ދިޔަ ގޮތާ ދޭތެރޭ. އިދާރަކުރެއްވިއްޔާ އަނެއްކާ ވެސް ބެލުންތެރިންނަށް ހަމަ ކަމުދާނެ ރީތި ފިލްމަކަށް މި ފިލްމްވެގެން ދާނެ،" މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޝޫޓް ކުރި ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "ފިލްމްގެ ޕްރޮމޯޝަނަލް މަސައްކަތްތައް އަޅުގަނޑުމެން ފަށާނަން ޑިސެމްބަރު މަހުގެ ތެރޭގައި."

"ވަކިން ލޯބިން" ގެ ލީޑް ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މި ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ވާށޭ މަށާއެކީ" އަށް ފަހު، ޖުމަލް އާއި މަޖޫގެ ޖޯޑު ސްކްރީނުން އެކުގައި ފެނިގެން ދާނެ ފުރަތަމަ ފިލްމެވެ.

މުޅިން ވެސް އަމިއްލަ ރާގުގެ ލަވަތައް ހިމެނޭ "ވަކިން ލޯބިން" ސިނަމާ އަށް އަންނާނީ މާޗް 5، 2018 ގަ އެވެ. މި ފިލްމަކީ ޑާކް ރެއިނުން އަންނަ އަހަރަށް ތާވަލު ކުރި ފިލްމްތަކުގެ ތެރެއިން ސިނަމާ އަށް އަންނާނެ ފުރަތަމަ ފިލްމެވެ.

އެ ސްޓޫޑިއޯ އިން އެންމެ ފަހުން އެޅުވީ މި އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "މީ ލޯތްބަކީ" އެވެ.