މުނިފޫހިފިލުވުން / ގައުމީ ފިލްމް އެވޯޑްސް

އެވޯޑް ހަފުލާގެ ކުރިން: 3 އަހަރުގެ ފިލްމުތައް

"4426" ގެ ޕޯސްޓަރެއް: މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމަކީ މިއީ.

ގައުމީ ފިލްމު އެވޯޑާ އެކު އަންނަ މަސް ފިލްމީ ދާއިރާ އަށް ވަަރަށް ހާއްސަ އެވެ. ކުރިން ގައުމީ ފިލްމް އެވޯޑްސްގެ ނަމުގައި ބާއްވަމުން އައި އެވޯޑްގެ އަށް ވަނަ އެޑިޝަން މި އަހަރު ބާއްވަނީ "ދިވެހި ފިލްމް އެވޯޑްސް" ގެ ނަމުގަ އެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވާ އެވޯޑް ހަފުލާ މި ފަހަރު ހާއްސަކޮށްފައި ވަނީ 2014-2016 އަށް ރިލީޒްވި ފިލްމްތަކަށެވެ. އެ މުއްދަތުގެ ތެރޭގައި 17 ފީޗާ ފިލްމެއް ސިނަމާ އަށް އައެވެ. އެވޯޑަށް ފިލްމްތައް ހުށަހެޅުމުމުގެ މުއްދަތު މާދަމާ އަށް ހަމަވާނެ އެވެ.

އެވޯޑް ހަފުލާ އަށް ފިލްމީ ދާއިރާގެ ފަންނާނުންނާއި ދިވެހި ފިލްމްތަކަށް ލޯބިކުރާ މީހުން މިހާރު އިންތިޒާރު ކުރަމުން އަންނަ އިރު، ފާއިތުވި ތިން އަހަރު ރިލީޒްވި ފިލްމްތަކުގެ މަތިން ހަނދާންކޮށްލަން ހިނގާށެވެ.

ފުރަތަމަ ބަލައިލާނީ 2014 ގައިި ރިލީޒް ކުރި ފިލްމްތަކަށެވެެ. އެ އަހަރު ސިނަމާ އަށް އައީ ފަސް ފިލްމެވެ.

އަނިޔާ

މި ފިލްމަކީ ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ ވިދާ އަދި އެންމެ ކާމިޔާބު އެކްޓަރު ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) ފިލްމީ ދާއިރާ އަށް ތައާރަފުވި ފިލްމެވެ. އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު އަހުމަދު ނިމާލް ލިޔެ، ޑައިރެކްޓް ކުރި "އަނިޔާ" އަކީ އާއިލާ ރޫޅިފައިވާ ޒުވާން ފިރިހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ނިއުމާ މުހައްމަދު، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަދި ފާތުމަތި ފަރީލާ (ފަރީ) ހިމެނެ އެވެ.

ހުޅުދާން

"ހުޅުދާން" އަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމެކެވެ. އައިޝަތު ފުއާދު ލިޔެ، ޑައިރެކްޓް ކުރި މި ފިލްމަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަން ވެސް މެ އެވެ. އުމުރުން ދުވަސްވީ ފިރިހެނެއްގެ ހަޔާތުގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ ރާއްޖޭގެ މިހާރުގެ ހާލަތާ ވަަރަށް ބޮޑަށް ގުޅޭ ފިލްމެކެވެ. ފިލްމުގެ އެންމެ މުހިއްމު ރޯލް ކުޅުނީ ހަސަން މަނިކު (ރޯނު) އެވެ.

ދެހާސް ފަނަރައިގައި ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ވާދަކުރި މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ރަވީ ފާރޫގް، މަރިޔަމް މަޖުދާ (މަޖޫ) އަދި ފައިސަލާއި މަރިޔަމް ޝަކީލާ ފަދަ އެކްޓަރުން ހިމެނެ އެވެ. "ހުޅުދާން" އަކީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމަކަށް ނުވިޔަސް، ކްރިޓިކުންގެ ތައުރީފު ލިބުނެވެ.

24 ގަޑިއިރު

މި ފިލްމަކީ ނަފުސާނީ ބައްޔެއްގެ ތެރޭގައި އުޅޭ އަންހެނެއްގެ ސަބަބުން ޒުވާން ދެމަފިރިއެއްގެ ކުރިމަތިވާ ކަންތައްތަކެއް ކިޔައިދޭ ފިލްމެކެވެ.

މުހައްމަދު ރަޝީދު (ދަރާ) އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ޑައިރެކްޝަން ފެނިގެން ދިޔަ، "24 ގަޑިއިރު" ގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، ފާތުމަތު ފަރީލާ އަދި ބޭރުގެ ބަތަލާއެއް ކަމަށްވާ ސާރާ ހިމެނެ އެވެ.

އިންސާނާ

މި ފިލްމަކީ އަލީ ސީޒަން ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި ލިޑް ރޯލް ކުޅުނު ފިލްމެކެވެ. ވަރަށް ތަފާތު ކޮންސެޕްޓަކަށް، ތަފާތު ގޮތަކަށް ބެލުންތެރިންނަށް ޕްރެޒެންޓްކޮށް ދީފައިވާ "އިންސާނާ" ގެ ކާސްޓުންގެ ތެރޭގައި ފަރީލާ އާއި އައިޝަތު ރިޝްމީ ވެސް ހިމެނެ އެވެ. މި ފިލްމަކީ 2015 ގެ ސާކް ފިލްމް ފެސްޓިލަވްގައި ބައިވެރިކޮށްގެން ބްރޯންޒް މެޑެލް ހޯދި ފިލްމެކެވެ.

އާދޭސް

މި ފިލްމަކީ މި އަހަރު ރިލީޒް ކުރި "ހައްދު" ގެ ކުރިން ޑައިރެކްޓަރު އަބްދުލް ފައްތާހްގެ ޑައިރެކްޝަނެއް އެންމެ ފަހުން ފެނުނު ފިލްމެވެ.

ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައަކަށް ޑޭޝް ސްޓޫޑިއޯ އިން ހަދާފައިވާ "އަނިޔާ" ގެ ތަރިންގެ ތެރޭގައި ނިއުމާ، މޫސާ ޒަކަރިއްޔާ، ހުސައިން ސޮބާހް އަދި އާމިރާ އިސްމާއިލާއި އަލީ އާޒިމް (ދޮންއައްޔަ) ގެ އިތުރުން އަޒޫ ހިމެނެ އެވެ.

ދެހާސް 15 ގައި ރިލީޒްކޮށްފައި ވަނީ އެންމެ ހަތަރު ފިލްމެވެ.

ރަންދަރި

މިއީ އާއިލީ ވާހަކަތަކެއް ކިޔައިދޭ ފިލްމެކެވެ. މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ކާސްޓުންގެ ތެރޭގައި އަޒޫ، ދޮން އައްޔަ، އިބްރާހީމް ޖިހާދު (ޖިމީ) އަދި ނިމާލް ހިމެނެ އެވެ. ފަރިވާ ފިލްމްސް އިން ގެނެސް ދިން "ރަންދަރި" އަކީ ބެލުންތެރިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ.

މިކޮއެ ބައްޕަ ބައޭބައޭ

މިއީ ޑާކް ރެއިނުން މިހާތަނަށް ގެނެސް ދިން ފިލްމްތަކުގެ ތެރެއިން އެންމެ ތަފާތު އެއް ފިލްމެވެ. މަހުދީ އަހުމަދުގެ ސްކްރިންޕްލޭއަކަށް ރަވީ ޑައިރެކްޓްކޮށްފައިވާ "މިކޮއެ ބައްޕަ ބައޭބައޭ" އަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ.

ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ރިޝްމީ އާއި މުހައްމަދު މަނިކެވެ. މި ފިލްމަކީ ވެސް ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމެއް ނޫން ނަމަސް، ކްރިޓިކުން ވަރަށް ގަޔާވި އެވެ.

އެންމެ ފަހު ވިންދާ ޖެހެންދެން

ޒުވާން ލޯބީގެ ވާހަކައެއް، ވަރަށް ޒަމާނީ ގޮތަކަށް ޑާކް ރެއިނުން ގެނެސް ދިން "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ 2015 ގައި ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމެވެ. މި ފިލްމަކީ ޖުމަލް އާއި މަޖޫގެ މަގުބޫލުކަން އާންމުންގެ ތެރޭގައި ވިދުވާލަ ދިން ފިލްމް ވެސް މެ އެވެ.

މަހުދީ ސްކްރީންޕްލޭއަކަށް ހަދާފައިވާ "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ އަލީ ޝިފާއު (ޗިއްޕެ) ގެ ޑައިރެކްޝަނެކެވެ.

އަހްޝަމް

މިއީ އެކްޝަން ލޯބީގެ ފިލްމެކެވެ. "އަހްޝަމް" އަކީ މަހުދީ އާއި އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް، ސީޒަން ޑައިރެކްޓްކޮށް، ޓައިޓްލް ރޯލް ކުޅުނު ފިލްމެކެވެ. މިއީ 2015 ގައި ނިކުތް ފިލްމްގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމް ވެސް މެ އެވެ.

ފުލުހެއްގެ ވާހަކަ ކިޔައިދޭ "އަހްޝަމް" ގެ ކާސްޓުންގެ ތެރޭގައި އައިމިނަތު ރިޝްފާ، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ފަދަ ތަރިން ހިމެނެ އެވެ.

މިދިޔަ އަހަރު ޖުމްލަ އަށް ފިލްމް ސިނަމާ އަށް އަ އެވެ. މީގެ ތެރޭގައި ވަރަށް ކާމިޔާބު ފިލްމްތައް ގިނަ އެވެ. ފުރަތަމަ ފަށާނީ އެންމެ ހިނގި ފިލްމްތަކުގެ ވާހަކައިންނެވެ.

4426

މިއީ ލޯބީގެ މެލޮޑްރާމާތައް ގެނެސް ދޭން މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާ ލިޔެ، އަހުމަދު ޝިނާންއާ ގުޅިގެން ޑައިރެކްޓް ކުރި ބިރުވެރި ފިލްމެކެވެ. އަހަރު އެންމެ ކާމިޔާބު ފިލްމަކީ ވެސް މި އެވެ.

ފަޅު ގެއެއްގެ ތެރޭގައި ތާށިވާ ބަޔަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމްގެ ކާސްޓުންގެ ތެރޭގަައި މަރިޔަމް އައްޒަ، ޖިމީ، ޔޫއްޕެ، ޝީލާ، އަލީ ފާރޫގް އަދި މުހައްމަދު ފައިސަލާއި ޖުމައްޔިލް ހިމެނެ އެވެ.

ވާށޭ މަށާއެކީ

މިއީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ޗިއްޕެ ޑައިރެކްޓް ކުރި މި ރޮމޭންޓިކް ކޮމެޑީއަކީ ދަރިން ހޯދަން ބޭނުންވާ އަންބަކާއި އޭގެ އިދިކޮޅު ފިރިއެއްގެ ވާހަކަ ވަރަށް މަޖާކޮށް ބެލުންތެރިންނަށް ގެނެސް ދިން ފިލްމެކެވެ.

މަހުދީގެ ސްކްރީންޕްލޭއަކަށް ހެދި "ވާށޭ މަށާއެކީ" އާ ބެހޭ ގޮތުން އެންމެ ގަދަ އަށް ދެކެވުނު އެއް ވާހަކައަކީ މިއީ 1995 ގައި ރިލީޒް ކުރި ހޮލީވުޑް ފިލްމް "ނައިން މަންތުސް" ގެ ކޮންސެޕްޓް އިރާލައިގެން ހަދާފައިވާ އޮތް ފިލްމެއް ކަމަށް ބުނެ ދެކެވުނު ވާހަކަތަކެވެ.

އެކަމަކު "ވާށޭ މަށާއެކީ" އަކީ މަޖޫ އާއި ޖުމަލްގެ ކެމިސްޓްރީގައި އަނެއްކާ ވެސް ބެލުންތެރިން ޖައްސާލި ފިލްމެކެވެ.

ބައިވެރިޔާ

މި ފިލްމަކީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ވެސް ކުޅުނު ފިލްމެކެވެ. މިދިޔަ އަހަރު އެޅުވި އެންމެ ފަހު ފިލްމަކީ ވެސް ބޮޑު ކާސްޓެއް ހިމެނޭ "ބައިވެރިޔާ" އެވެ.

ކާސްޓުންގެ ތެރޭގައި ޝީލާ، ސައީދު، މަލީހާ ވަހީދު (މަލް)، އަހުމަދު އަޒްމީލް (އަޒޭ)، ފައިސަލް އަދި ނާޝިދާ މުހައްމަދު (ނާއްކޮ) ފަދަ ތަރިން ހިމެނެ އެވެ.

ހާދަރު

މިއީ ގައުމީ ދިފާއީ ބާރުން ގެނެސް ދިން އެކްޝަން ފިލްމެކެވެ. ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ހާދަރު" އަކީ އަޝްހަރު ވަހީދުގެ ޑައިރެކްޝަނެކެވެ. ފިލްމުން މުޅިން ވެސް ފެނިފައި ވަނީ ސިފައިންގެ މީހުންނެވެ. މީގެ މައިގަނޑު ވާހަކައަކީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަދި އެންމެ ފުރިހަމަ ރިސޯސްތަކާ އެކު އެމްއެންޑީއެފުން ހަދާފައިވާ "ހާދަރު" އެވޯޑްގައި ވާދަ ކުރުމަކީ ފިލްމީ ދާއިރާގެ މީހުން ރުހޭ ކަމަކަށް ނުވާނެ އެވެ.

ވަފާތެރި ކެހިވެރިޔާ

އާދަޔާހިލާފު ނަމަކާ އެކު ސީޒަން ގެނެސް ދިން މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް ބެލެވުނަސް "ވަފާތެރި ކެހިވެރިޔާ" އަކީ އަހަރުގެ އެންމެ ބޮޑު އެއް ފްލޮޕެވެ.

ބިންމާގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މި ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ ސީޒަން އާއި މަލް އާއި ޒީނަތެވެ.

ނޭނގި ޔާރު ވަކިވީ

މިއީ "ސަޒާ" އާއި "ދިލަކަނި" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން މަޝްހޫރު ކެމެރާމަން ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ޑައިރެކްޝަނެކެވެ. ސްރީ ލަންކާގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އިބްރާހީމް ނިފާރް (ތިއްތި) އެވެ.

"ނޭނގި ޔާރު ވަކިވީ" ގެ ލީޑް ރޯލް ކުޅެފައި ވަނީ ރިޝްފާ، އަޒޭ، މަލް އަދި އިސްމާއީލް ޖުމައިހް (ޖުމާ) އެވެ. މިއީ ޖުމާ އާއި މަލްގެ ފުރަތަމަ ފިލްމް ވެސް މެ އެވެ.

ވީ ބޭވަފާ

މިއީ މަސައްކަތް ނިމިފައި އޮންނަތާ ފަސް އަހަރު ފަހުން، މިދިޔަ އަހަރު ސިނަމާ އަށް ގެނައި ލޯބީގެ ފިލްމެލެވެ. މަހުދީ އާއި ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ވީ ބޭވަފާ" އަކީ މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) ގެ ފުރަތަމަ ޑައިރެކްޝަނެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، ފަރީ، ނިއުމާ، ޒީނަތު އަދި އަބްދުﷲ މުއާޒް (މުއާ) ހިމެނެ އެވެ.

އެ ރެ އަށް ފަހު

މިއީ މިދިޔަ އަހަރުގެ އެންމެ ބޮޑު ފްލޮޕެވެ. މުހައްމަދު އަބޫބަކުރު (މާއެނބޫ) ގެ ސްކްރީންޕްލޭއަކަށް، ނިމާލް ޑައިރެކްޓް ކުރި "އެރެ އަށް ފަހު" އަކީ ސީޒަން އާއި ސުޖީތާ އަބްދުﷲ (ސުޖީ) ލީޑް ރޯލް ކުޅުނު ބިރުވެރި ފިލްމެކެވެ.

މީގެ ތެރެއިން ފިލްމު އެވޯޑްސް އަށް ހުށަހަޅާނީ ކޮން ފިލްމުތަކެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ފަހުރުވެރި މަގާމުތައް މިއިން ކޮންމެވެސް ފިލްމަކުން ހޯދާނެ އެވެ.

1 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 18%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެއިން

14 November 2017

ހާދަރާ ގާތްކުރެވޭވަރުވެސް ފިލްމެއް ތިތާކލު ނެތް.. ވަރަށް ސަލާމް މަގޭ ވޯޓް ހާދަރަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454