ފައްތާހް ކުއްލި ގޮތަކަށް ފިލްމީ ދާއިރާ ދޫކޮށްލައިފި

ރާއްޖޭގެ އެންމެ މަގުބޫލް އަދި ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަބްދުލް ފައްތާހް ކުއްލި ގޮތަކަށް ފިލްމީ ދާއިރާ ދޫކޮށްލައިފި އެވެ.


ފޭސްބުކްގައި ފައްތާހް ރޭ ވަނީ ފިލްމީ ދާއިރާ އިން ދެން ނުފެންނާނެކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އެ ޕޯސްޓްގައި އޭނާ ވަނީ އެކުގައި މަސައްކަތް ކުރި ހުރިހާ އެންމެންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ކުއްލި ގޮތަކަށް ފިލްމީ ދާއިރާ ދޫކޮށްލަން ނިންމި ސަބަބާ ބެހޭ ގޮތުން ސުވާލު ކުރުމުން ފައްތާހް ބުނީ "ނޯ ކޮމެންޓް" ކަމަށެވެ. އަދި ދެން ފެންނާނީ ކޮން ދާއިރާއަކުންތޯ އެހުމުން ބުނީ "އެކަމާ އަދި ނުވިސްނަން" ކަމަަށެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 21 އަހަރު ފަހުން، މި ދާއިރާ ފައްތާހް ދޫކޮށްލި އިރު، އޭނާގެ 12 ވަނަ ފީޗާ ފިލްމް "ހައްދު" ވަނީ މިދިޔަ ސެޕްޓެމްބަރު 6 ގައި ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ. އަދި އެ ފިލްމަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ވެސް މެ އެވެ.

ކުރިން ފައްތާހް ބުނެފައިވާ ގޮތުގައި އަދި ހަތަރު އަހަރުން އޭނާގެ އުމުރުން 50 އަހަރު ފުރުމާ އެކު ޑައިރެކްޝަނާ ދުރުވެ، ހަމައެކަނި ފިލްމް ޕްރޮޑިއުސަރެއްގެ ގޮތުގައި ހުންނަން އޮތީ ވިސްނައިފަ އެވެ. އެކަމަކު ކުއްލި ގޮތަކަށް ފިލްމީ ދާއިރާ އިން ދެން ނުފެންނާނެކަން އޭނާ ކަށަވަރުކޮށްދިނުމަކީ، އެއް ބައެއްގެ ނަޒަރުގައި، ވަރަށް ބޮޑު ޝޮކެކެވެ.

ފައްތާހު އޮތީ އަންނަ ޖެނުއަރީގައި އާ ފިލްމެއް ވެސް ލޯންޗް ކުރަން ޕްލޭންކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ރަނިކަން ކުރި "ރެހެންދި ހަދީޖާ" ގެ ތާރީހީ ވާހަކަ އަށް ބިނާކޮށް ފިލްމެއް ހަދާނެކަން ވެސް އޭނާ އޮތީ އިއުލާންކޮށްފަ އެވެ.

ފައްތާހް ފިލްމީ ދާއިރާ އަށް ނުކުތީ ސިފައިންގެ ވަޒީފާގައި އުޅުނު އިރު އެވެ. އެ ދުވަސްވަރު އޭނާ ވަނީ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ސިފައިންގެ ބައެއް ޑްރާމާތައް ވެސް ޑައިރެކްޓްކޮށްފަ އެވެ.

ފިލްމް "ހިމޭން ދުނިޔެ އިން" 2000 ވަނަ އަހަރު ޑައިރެކްޝަނަށް ނުކުތް ފައްތާހް ވަނީ ފީޗާ ފިލްމާއިި ގިނަ އަަދަދެއްގެ ޑްރާމާ ސިލްސިލާތައް ވެސް ޑައިރެކްޓްކޮށްފަ އެވެ. އަދި ބައެއް ފިލްމްތައް ޕްރޮޑިއުސް ވެސް ކޮށްފައިވެ އެވެ.

ފައްތާހްގެ އެންމެ ފަހު ފިލްމު "ހައްދު" ގެ ޓްރެއިލާއެއް.

މިހާރު ސިނަމާގައި އޮތް ފާތުމަތު ނަހުލާގެ ފިލްމް "ބޮސް" ރިލީޒް ކުރުމުގެ ކުރިން އެ ފިލްމާ ބެހޭ ގޮތުން ފައްތާހު ދެއްކި ބައެއް ވާހަކަތަކާ ގުޅިގެން، ވަރަށް ބޮޑެތި ފާޑުކިޔުންތައް އޭނާއަށް އަމާޒުވި އެވެ.