ތިޔަ ލޯތްބާ ދުރަށް: ލޯބީގެ ރީތި ފިލްމަކަށް ވެދާނެ

ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ގެ ވަރަށް ގިނަ ވާހަކަތަކަށް މީގެ ކުރިން ވަނީ ފިލްމްތަކާއި ޑްރާމާތަކެއް ހަދައިފަ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްހޫރު ބައެއް ފިލްމްތަކުގެ ތެރޭގައި "މަޖުބޫރު ލޯބި"، "ގުރުބާނީ" އަދި "ސިއްރު" ހިމެނެ އެވެ.


ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލް ޑައިރެކްޓް ކުރި "ސިއްރު" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރިޔަސް މަރީ މިހާތަނަށް ފީޗާ ފިލްމެއް ޑައިރެކްޓެއް ނުކުރެ އެވެ. އެކަމަކު ދެން މާ ލަސްތަކެއް ނުވެ، އޭނާގެ ފިލްމެއް ވެސް ބެލުންތެރިންނާ ހަމައަށް އައިސް ދާނެ އެވެ.

އަވަށްޓެރި ސްރީ ލަންކާގައި ދިރިއުޅޭ މަރީގެ ފުރަތަމަ ޑައިރެކްޝަން "ތިޔަ ލޯތްބާ ދުރަށް" ގެ މަސައްކަތް ވަރަށް ބާރަށް މިހާރު އަންނަނީ ކުރަމުންނެވެ. ދާދި ފަހުން ޝޫޓިން ފެށި ފިލްމްގެ 90 ޕަސެންޓް ޝޫޓިން މިހާރު ވަނީ ނިންމައިފަ އެވެ.

މަރީ ލިޔެފައިވާ ލޯބީގެ ވާހަކައަކަށް ހަދާ ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) ގެ އިތުރުން ލަންކާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. އަދި ފިލްމްގެ ކާސްޓުން މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް "ތިޔަ ލޯތްބާ ދުރަށް" އިން ފެނިގެން ދާނެ އެވެ.

ފިލްމް "ތިޔަ ލޯތްބާ ދުރަށް" ގެ މަންޒަރެއް.

"ފިލްމްގެ މަސައްކަތް ވަރަށް ހަލުވިކޮށް އަދި ވަރަށް ހިތްހަމަޖެހޭ ގޮތަށް ކުރިއަށް ދަނީ. ފުރަތަމަ ފީޗާ ޑައިރެކްޝަން ވިޔަސް މި ކާސްޓާ އެކު މަސައްކަތްކޮށްލަން ވަރަށް ފަސޭހަ،" މަރީ ބުންޏެވެ. "ފީލް ވަނީ އާއިލާގެ ކުދިންކޮޅެއް ގޮވައިގެން މަސައްކަތްކޮށްލެވޭހެން. ވަރަށް ސަޕޯޓިވް މުޅި ޓީމް ވެސް."

މުޅިން ވެސް ލަންކާގައި ޝޫޓް ކުރާ ފިިލްމްގެ ކެމެރާމަނަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

މަރީ ބުނީ އަމާޒަކީ ވީހާ ވެސް އަވަހަކަށް ފިލްމްގެ ޝޫޓިން އެއްކޮށް ނިންމާލައި، ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ފެށުން ކަމަށެވެ.

"މާލޭން ކާސްޓުން މިކޮޅަށް ގެނެސްގެން މަސައްކަތް ކުރުވާތީވެ އެ ކުދިންގެ މަސައްކަތްތައް ވެސް ވީހާ އަވަހަކަށް ނިންމާލަން ވިސްނައިގެން މަސައްކަތް ކުރަނީ،" ތީމް ލަވައަކާ ޖުމްލަ ތިން ލަވަ ހިމެނޭ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ޓެކްނޯ މީޑިއާ އިން ޕްރޮޑިއުސް ކުރާ "ތިޔަ ލޯތްބާ ދުރަށް" އަންނަ އެޕްރީލް މަހުގެ ތެރޭގައި ސިނަމާ އަށް ގެންނަން ވަނީ ވިސްނައިފަ އެވެ.

"އެކަމަކު އަދި ފިލްމް އަޅުވާނެ ތާރީހަކާ އެއްޗެހި ފައިނަލެއް ނުކުރަން." މަރީ ބުންޏެވެ.

އޭނާ ބުނީ "ތިޔަ ލޯތްބާ ދުރަށް" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ ވާހަކައަކަށް ހަދާ ފިލްމެއް ކަމަށެވެ. އެހެންވެ ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުންޏެވެ.

"މީގެ ކުރިން އަހަރެންގެ ވާހަކަތަކަށް ހެދި އެއްޗެހިތައް ވެސް ވަރަށް ކާމިޔާބު. ބެލުންތެރިންނަށް ވަރަށް ކަމުދިޔަ. އެހެންވީމަ މި ފިލްމް ވެސް ހަމަ ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަނީ،" މަރީ ބުންޏެވެ.