ރަވީ: ބޭރުގެ ފެސްޓިވަލްތަކުން އެވޯޑް ހޯދައިދޭ ޑައިރެކްޓަރު

ރަވީ ނޫނީ ބޭރުގެ ފެސްޓިވަލަކުން ރާއްޖޭގެ އެކްޓަރުންތަކަކަށް އެވޯޑް ހޯދައި ދެވުނު ޑައިރެކްޓަރެއް ނެތް.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ތިބި ފަންނާނުންނަށް ބަލާއިރު ރަވީ ފާރޫގަކީ މިހާރު އާދައިގެ މީހެއް ގޮތުގައި ބެލޭކަށް ނެތެވެ. ފިލްމީ އާއިލާއަކުން ނުކުތް މި ހުނަރުވެރިޔާ ނެށުންތެރިއެއްގެ ގޮތުގައި ކުރިން އެންމެ ބޮޑަށް މަޝްހޫރު ވިޔަސް، ފަހުން އޭނާ ވީ ކުޅަދާނަ އެކްޓަރަކަށެވެ. ޑައިރެކްޓަރަކަށެވެ.


ޑައިރެކްޓަރު އަބްދުލް ފައްތާހްގެ "ހުރީމޭ އިންތިޒާރުގައި" އިން 2005 ގައި ފިލްމީ ދަތުރު ފެށި، ރަވީ މާ ގިނަ ފިލްމްތަކެއް ކުޅެފައެއް ނެތެވެ. އޭނާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފީޗާ ފިލްމްތަކުގެ ތެރޭގައި "ލޫދިފާ"، "ހުޅުދާން" އާއި މި އަހަރު ރިލީޒް ކުރި "ވިޝްކާ" ހިމެނެ އެވެ.

އެކްޓަރެއްގެ ގޮތުގައި ރަވީއަކީ ބެލުންތެރިން ވަރަށް ގަޔާވި ތަރިއެކެވެ. އެހެންވެ އޭނާ ބޮޑު ސްކްރީނުން ދެކިލުމުގެ ޝައުގުވެރިކަން އަދިވެސް ބޮޑެވެ. ދޭތެރެއަކުން އެ ފެނިލާ ފެނިލުމަށް ވުރެ ބޮޑަށް، ރަވީގެ އެކްޓިން ސްކްރީނުން ބަލައިލުމުގެ ފުރުސަތު އަދި ނުގެއްލޭނެ ކަމަށް ބަލަމާ ހިނގާށެވެ، ރަވީ ވެސް ބުނަނީ ސްކްރީނުން ނުގެއްލޭނެ ކަމަށެވެ.

"ނުގެއްލޭނެ ސްކްރީނަކުންނެއް. ހަގީގަތުގައި މިހާރު ވާ ގޮތަކީ ކުޅެން އެހާ ހިތްހަމަޖެހޭ ކަހަލަ ރޯލްތަކެއް ވެސް ނުލިބެނީ. އަދި ލިބުނަސް ފަހުން އެބަހުރި އެ ފިލްމެއް ހަދާ ބައެއްގެ ފަރާތުން ފަހުން އެއްވެސް ހަބަރެއް ނުވެ ވެސް. އެކަހަލަ ކަންކަން ހުރީމަ ފެންނަލެއް މަދީ."

ނެށުމާއި އެކްޓް ކުރުން އެއް ފަރާތްކޮށްފައި މިހާރު އެންމެ ބޮޑަށް ދައްކަން ޖެހެނީ އޭނާގެ ޑައިރެކްޝަންގެ ވާހަކަ އެވެ. އެ ދިމާލުން ރަވީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ވެސް ކޮށްފި އެވެ. ރާއްޖޭގެ ފިލްމްތަކަށް ބޭރުގެ ފެސްޓިވަލަކުން އެންމެ ބޮޑު ކާމިޔާބީއެއް މިހާތަނަށް ހޯދައިދިން ޑައިރެކްޓަރަކީ ވެސް އޭނާ އެވެ. ރަވީ 2013 ގައި ގެނެސް ދިވެހި ސިނަމާގެ "ރަހަ ތަފާތުކޮށްލި" ފިލްމް "އިނގިލި" އަކީ 2014 ގައި ސާކް ފިލްމް ފެސްޓިވަލްގައި ބްރޯންޒް މެޑެލް އުފުލި ފުރަތަމަ ފިލްމެވެ. އެ އަހަރު ފެސްޓިލް ނިންމާލައި "އިނގިލި" ގެ ޓީމް ރާއްޖެ އައީ އެ ފިލްމްގެ އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ އެވޯޑާ ވެސް އެކުގަ އެވެ.

އަލީ ސީޒަންގެ "އިންސާނާ" އަށް ވެސް 2015 ގައި ބްރޯންޒް މެޑެލް ލިބިފައިވެ އެވެ.

މި އަހަރު ސާކް ފިލްމް ފެސްޓިވަލްގެ މޮޅު ބަތަލާ ރިޝްމީ އެވޯޑާ އެކު، 2014 ގެ ސާކްގެ މޮޅު އެކްޓަރު ކޮޕީ އިއްސެއާ އެކު.

އެންމެ ދެ އެކްޓަރުން ލައިގެން ހެދި "އިނގިލި" އަކީ ވިޔަފާރީގެ ގޮތުން ރާއްޖޭގައި ކާމިޔާބު ފިލްމަކަށް ނުވިޔަސް، އެއީ ކްރިޓިކުންގެ ތައުރީފު އޮހުނު ފިލްމެކެވެ. "އިނގިލި" އަށް ރަވީ ހޯދައި ދިން ކާމިޔާބީއަކީ ރާއްޖޭގެ ފިލްމް ތާރީހުގައި ހަމަ ރަން އަކުރުން ލިޔެވޭނެ ކާމިޔާބީއެކެވެ.

ސާކް ފިލްމް ފެސްޓިވަލްގައި 2014 ގައި ހޯދި ކާމިޔާބީ ތަކުރާރު ކުރުމުގެ ފުރުސަތު ދެވަނަ ފަހަރަށް ވެސް ހޯދި ޑައިރެކްޓަރަކީ ރަވީ އެވެ. މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި ރަވީ ޑައިރެކްޓްކޮށް، އެކްޓް ވެސް ކުރި "ވިޝްކާ" ބައިވެރިކޮށްގެން އެ ފިލްމްގެ ބަތަލާ އައިޝަތު ރިޝްމީ ވަނީ މި ސަރަހައްދުގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ހޯދައިފަ އެވެ. މި އެވޯޑްގެ ވާހަކަ ދައްކާ އިރު، ރަވީގެ ވާހަކަ ކޮންމެހެން ވެސް ދައްކަން ޖެހޭނެ އެވެ.

އެކްޓަރުންގެ ހުރި ހުނަރެއް، އޭގެ މަތީ މަތީ ފެންވަރަށް ނެރެވޭނީ ރަނގަޅު ޑައިރެކްޓަރަކާ އެކު ވެސް މަސައްކަތްކޮށް ކޮށްލެވިގެންނެވެ. ކޮޕީ އިއްސެ އާއި ރިޝްމީ ހޯދި ކާމިޔާބީ އަށް ބަލާ އިރު، މި އެ އެވޯޑްތަކުގެ ފަހަތުގައި ހުރި ރަވީއަކީ ރާއްޖޭގެ އެހެން އެއްވެސް ޑައިރެކްޓަރަކަށް މިހާތަނަށް ހޯދުނު ކާމިޔާބީއެއް ނޫނެވެ.

"އަސްލު ވަރަށް ބޮޑު އެޗީވްމަންޓެއް މިއީ. ފިލްމް ހަދަން ފެށި އެއް ސަބަބަކީ ދިވެހިންނަށް ވެސް ތަފާތު ވައްތަރުގެ ފިލްމްތައް ހެދޭނެކަން ސާބިތުކޮށް ދިނުން. ހަމައެއާ އެކު ފިލްމްތަކަށް ޒުވާން އޯޑިއަންސެއް ވެސް ކްރިއޭޓް ކުރުން،" އަބަދު ވެސް ކޮންޓެންޓްގެ ގޮތުންނާއި ނެރޭޝަން ސްޓައިލްގައި ތަފާތު ކަމެއް ގެންގުޅޭ ޑައިރެކްޓަރު ބުންޏެވެ. "އިނގިލި ހޯދި ކާމިޔާބީ އަށް ބަލާ އިރު އެއީ އެއްގޮތަކަށް ވެސް އެވޯޑް ހޯދަން ހެދި ފިލްމެއް ނޫން. އޭރު ބޭނުންވީ މުޅި ޕްރޮޑަކްޓް ވެސް ރަނގަޅުކޮށްގެން ތަފާތު އެއްޗެއް ހަދަން. ވިޝްކާގެ ތަޖުރިބާ އަށް ބަލާ ކަމަށް ވަންޏާ އެއީ ސީދާ އެވޯޑަށް ހެދި ފިލްމެއް. މި ފިލްމްތަކުން ލިބުނު ކާމިޔާބީތަކަކީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މަ ސިފަ ކުރާނީ."

ސާކްގެ މޮޅު ބަތަލާގެ އެވޯޑް ލިބުނު ރިޝްމީއާ އެކު "ވިޝްކާ" ގެ ޑައިރެކްޓަރާއި ޓެކްނިކަލް ޓީމް.

ރަވީ އަކީ އަބަދުވެސް ތަފާތު ރަހައެއް ބެލުންތެރިންނަށް ގެނެސް ދޭން މަސައްކަތް ކުރާ ޑައިރެކްޓަރެކެވެ. މިދިޔަ އަހަރު ސާކް ފިލްމް ފެސްޓިވަލްގައި ވާދަ ކުރި "މިކޮއެ ބައްޕަ ބައޭބައޭ" އަކީ އޭގެ ހެއްކެކެވެ. އެކަމަކު ކަންދިމާ ކުރި ގޮތުން މިދިޔަ އަހަރުގެ ފެސްޓިވަލް ރާއްޖެ އަށް ކާމިޔާބެއް ނޫނެވެ.

އެކްޓަރުން ލައްވައި މޮޅަށް އެކްޓް ކުރުވައިގެން ބޭރުގެ އެވޯޑްތައް ހޯދައި ދެވޭ ވަރުގެ ޑައިރެކްޓަރުން ރާއްޖޭގައި ތިބިކަން ރަވީ ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުކޮށް ދީފި އެވެ. އެހެންވެ އޭނާގެ މަސައްކަތްތަކަށް ދެވޭ ޝައުގުވެރިކަން މިހާރު މާބޮޑަށް ވެސް އިތުރުވެއްޖެ އެވެ.

"ހަމައެކަނި ސާކް ފިލްމް ފެސްޓިވަލެއް ނޫން. ރާއްޖޭން މިހާރު އެބަ ޖެހޭ ބޭރުގެ އެހެން ފެސްޓިވަލްތަކުގައި ފިލްމްތައް ބައިވެރި ކުރަން. އެވޯޑްތަކެއް ނުލިބުނަސް، ބޭރުގެ ފާހަގަކޮށްލެވޭ އެހެން ފެސްޓިވަލްތަކަށް ދިވެހި ފިލްމެއް ސިލެކްޓްވުން ވެސް އެއީ ހަމަ ކާމިޔާބީއަކަށް ވާނީ،" އަމިއްލަ ސްޓައިލާ ދުރު "މި ހަށިން ފުރާނަދަންދެން" ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

"ވިޝްކާ" ގެ ޓްރެއިލާއެއް.

ރަވީ ބުނަނީ ދިވެހި ސިނަމާ އަށް އާ ވިސްނުންތަކާއި އާ ހިޔާލުތައް ވެސް ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ދިވެހި މުޖުތަމައު ތެރޭގައި ހަގިގީ މައްސަލަތައް ސިނަމާ އަށް ގެނައުން މުހިއްމުކަން ބޮޑުކަމަށް ބުންޏެވެ. ހަމަ މިއާ އެކު ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމުގެ އުސޫލު ވަރަށް ބޮޑަށް އަށަގަންނުވަން ޖެހޭ ރަވީ ކަމަށް ބުންޏެވެ.

"އަހަންނަކީ އަބަދު ވެސް ރިއަލިސްޓިކް ސިނަމާ އަށް ލޯބި ކުރާ މީހެއް. މީގެ މާނައަކީ ކޮންމެހެން އެހެން ވައްތަރުގެ ފިލްމްތައް ނަހަދާށެކޭ ނޫން،" އޭނާ ބުންޏެވެ. "އެކަމަކު އަބަދު ފޮނިކާ އެއްޗެހި [ހިޔާލީ ލޯބީގެ ފިލްމްތައް] ވިއްކާކަށް ނުވާނެ. ތަފާތު ރަހަތަކުގެ، އަނެއްކާ ސޮސައިޓީ ތެރޭގައި ހުރި ހަގީގީ މައްސަލަތަކަށް ހޭލުންތެރިކަން އުފައްދަން ވެސް އެބަ ޖެހޭ ފިލްމް ހަދަން. އެކަހަލަ ވިސްނުންތަކެއް ގެންގުޅޭ މީހެއް މަށަކީ. ދެން ކޮލިޓީއަކީ އަބަދު ވެސް އަހަރެން ބަލާ އެއްޗެއް. ޕްރި-ޕްރޮޑަކްޝަނަށް އަބަދު ވެސް އިސްކަން ދެން."

ރަވީ އަންނަ އަހަރު އޭނާ ދެ ފިލްމެއްގެ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެއީ އޭނާ ޑައިރެކްޓް ކުރާ ދެ ފިލްމެކެވެ.

"އިނގިލި" ގެ ޓްރެއިލާއެއް.

"އެބަ ރާވަން އަންނަ އަހަރަށް ދެ ފިލްމެއް. ދޭއްޗަކީ ވެސް އަމިއްލަ އަށް ޑައިރެކްޓް ކުރާ ދޭތި،" އޭނާ ބުންޏެވެ. "އެކަތީގެ ސްކްރިޕްޓް ނިމި މިހާރު ކާސްޓުން ހޮވުމާ ހިސާބުގައި އޮތީ. އަނެއް ފިލްމްގެ ސްކްރިޕްޓް ލިޔަމުން އަންނަނީ. ފަހަރުގައި މި ދެ ފިލްމުން ކުރެ އެއް ފިލްމެއްގެ ކެމިއޯއަކުން ރަވީ ވެސް ފެނިދާނެ."

ޔަގީނުން ވެސް ރަވީގެ ފޭނުން ދެން އެންމެ އުންމީދު ކުރާނެ އެއް ކަމަކަށް ވާނީ ބޭރުގެ ފެސްޓިވަލަކުން އޭނާ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް އުފުލައިލުމެވެ. ނުވަތަ އޭނާ ހަދާ ފިލްމަކަށް އެންމެ މޮޅު ފިލްމްގެ އެވޯޑް ވެސް ލިބުމެވެ. ރަވީ ދައްކަމުން އަންނަ ހުނަރަށް ބަލާ އިރު، އެއީ މިހާރު ނުވާނެ ކަމެއް ނޫނެވެ.

"އެކްޓިން އަށް ވުރެ ބޮޑަށް މިހާރު ޑައިރެކްޝަނަށް ފޯކަސް ކުރަނީ ވެސް. ބޭނުންވޭ ތަފާތު އެއްޗެހިތަކެއް އޯޑިއަންސާ ހަމަށް ގެނެސްދޭން." އޭނާ ބުންޏެވެ.