މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރާ އެމްއެންޑީއެފްގެ ފިލްމް "ހާދަރު" ގެ ޓިކެޓް މިއަދު ވިއްކަން ފަށައިފި އެވެ.
ފިލްމުގެ ޓިކެޓް 100ރ. ވިއްކާ އިރު، އޮލިމްޕަހުންނާއި ސިފްކޯ ފެމިލީ މާޓްގެ އިތުރުން ބަންޑާރަ ކޮއްޓާއި ކަޅުތުއްކަލާ ކޮށިން ވެސް މިހާރު ޓިކެޓް ލިބޭނެ އެވެ.
އެމްއެންޑީއެފުން ބުނީ މާލެ އާ އެކު ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ވެސް 16 ވަނަ ދުވަހުގެ ރޭ ފިލްމް އަޅުވާނެ އެވެ.
ފިލްމް ޕްރިމިއާ ކުރާ ހަފުތާގެ ތެރޭގައި އެމްއެންޑީއެފްގެ އޭރިއާތައް ހުރި ސަރަހައްދުތަކުގެ ރަށްރަށުގައި ވެސް ފިލްމް ދައްކަން ވަނި ހަމަޖެހިފަ އެވެ. މީގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހުގެ ޝްވެކް ސިނަމާގައި ވެސް "ހާދަރު" އަޅުވަން ނިންމައިފަ އެވެ.
ސްރީ ލަންކާ އާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވެސް ހާއްސަކޮށްގެން އެ ދެ ގެ ގައުމުގައި ވެސް "ހާދަރު" ދައްކާނެ އެވެ
އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ "ހާދަރު" އަކީ ނޮވެމްބަރު 3، 1988 ގައި ތަމަޅަ ޓައިގަރުންގެ ބަޔަކު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އަސްލަކަށް ބަލައިގެން ހަދާފައިވާ އެކްޝަން ތުރިލާއެވެ.
ފިލްމުގެ ވާހަކަ ލިޔެފައި ވަނީ ބިންމާ އިބްރާހީމް ވަހީދެވެ. އަދި ޑައިރެކްޓަރަކީ އަޝްހަރު ވަހީދެވެ.
އެމްޑީއެފުން ބުނީ "ހާދަރު" ވެގެން ދާނީ ބެލުންތެރިން ބަލާހިތްވާ ކަހަލަ ފުރިހަމަ ފިލްމަކަށެވެ.