ކުޑަފޫޅު ކެރެކްޓާ އަލުން ބޮޑު ސްކްރީނަށް އަންނަނީ

"ކުޑަފޫޅުގެ ވަސްވާހުން" ޕްރިމިއާ ކުރާނީ އަންނަ މަހުގެ 5 ގައި ކުޅުދުއްފުށީގައި.

ކުޑަކުދިންގެ ފިލްމް ސީރީޒް "ވަސްވާސް" އިން ކުޑަކުދިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔަ މަޝްހޫރު ކެރެކްޓާ ކުޑަފޫޅުއާ އެކު މި ސީރީޒްގެ އާ ފިލްމެއް އަންނަ މަހު ޕްރިމިއާ ކުރަން ނިންމައިފި އެވެ


މި ފަހަރުގެ ފިލްމަކީ ފަރިވާ ފިލްމްސް އާއި ސަން ޝައިން ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ އަދި ހުސައިން ރަޝީދު (މަހުމާ) ޕްރޮޑިއުސްކޮށް، އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ "ކުޑަފޫޅުގެ ވަސްވާހުން" އެވެ.

މީގެ ކުރިން ވެސް ކުޑަކުދިންގެ ގިނަ އަދަދެއްގެ ފިލްމްތަކެއް ހަދާފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މި ފިލްމް ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ގައި ހދ. ކުޅުދުއްފުށީގަ އެވެ.

"ކުޑަފޫޅުގެ ވަސްވާހުން" ގައި މުހިއްމު ރޯލެއް ކުޅުނު ކުއްޖެއް؛ ފިލްމް އަޅުވާނީ އަންނަ މަހުގެ 5 ގައި.

އެ ރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ފިލްމްގެ ރޯލްތަކުން ފެނިގެންދާ "ކުޑަފޫޅުގެ ވަސްވާހުން" ގައި ކުޑަފޫޅުގެ ކެރެކްޓާ އިން ފަހަރު ވެސް ފެނިގެން ދާނީ މި ކެރެކްޓާ އިން ބޮޑު މަޝްހޫރު ކަމެއް ހޯދި ހުސައިން މުނައްވަރު (ކުޑަފޫޅު) އެވެ. މި ސީރީޒްގެ ފިލްމްތަކުގައި ޝެއިހްގެ ރޯލް ކުޅެފައިވާ އަހުމަދު ޒިޔާ ވެސް ފިލްމުން ފެނިގެން ދާނެ އެވެ.

"ކުޑަފޫޅުގެ ވަސްވާހުން" ކުޅުދުއްފުށީގައި ޕްރިމިއާ ކުރުމަށް ފަހު، އެ ރަށު ތިލަދެކުނު ސިނަމާގައި ފިލްމްގެ ހަތަރު ޝޯ ދައްކަން ވަނީ ހަމަޖެހިފަ އެވެ. އަދި ފިލްމްގެ ޓިކެޓް މި މަހުގެ 25 އިން ފެށިގެން އެ ރަށު 2އެމް2 ފިހާރައިން ވިއްކާނެ އެވެ.

"ފިލްމް ޕްރިމިއާ ކުރާ ދުވަހު ކުޑަކުދިންނަށް ހާއްސަ ހަވީރެއް ވެސް ކުޅުދުއްފުށީގައި އޮންނާނެ. އެތަނުން ކުޑަފޫޅު ކެރެކްޓާއާ ވެސް ބައްދަލު ވާނެ،" ހުސައިން ބުންޏެވެ.

"ކުޑަފޫޅުގެ ވަސްވާހުން" ގެ ފަސްޓްލުކް ޓީޒާ.

އޭނާ ބުނީ "ކުޑަފޫޅުގެ ވަސްވާސް" އަކީ ކުޑަކުދިންނަށް ވަރަށް ކަމުދާނެ ފިލްމެއް ކަމަށާއި ސީޒަން ކުރި މަސައްކަތްތަކާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މި ފިލްމް މާލޭގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ގަ އެވެ.

"މި ފަހަރު އެންމެ ބޮޑު އަމާޒަކީ ޗުއްޓީ ތެރޭގައި ވީހާ ވެސް ގިނަ ރަށްރަށުގެ ކުޑަކުދިންނަށް ފިލްމް ދައްކާލަން. އެހެންވެ ރަށްރަށުން ރިކްއެސްޓް ލިބޭ ވަރަކުން ފިލްމްތައް އަޅުވަމުން ގެންދާނެ،" ހުސައިން ބުންޏެވެ.