ރޭވުމުން: އަނެއްކާވެސް އަމްޖޭގެ ލޯބީގެ ބިރުވެރި ފިލްމެއް

"ސަނދުރަވިރޭ" އާއި "އުދަބާނީ" ފަދަ ކާމިޔާބު އެތައް ބިރުވެރި ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) އަނެއްކާވެސް ލޯބީގެ ބިރުވެރި ފިލްމެއް ހަދަން ތައްޔާރުވެއްޖެ އެވެ.


މި ފަހަރު އޭނާގެ އަމިއްލަ ވާހަކައަކަށް، އަމިއްލަ އަށް ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކޮށްފައިވާ ފިލްމަކީ "ރޭވުމުން" އެވެ.

އަމްޖޭ ބުނީ މީގައި ކިޔައިދޭނީ ގެދޮރުގެ ދަތިކަމުގެ ތެރެއިން އުފެދޭ ވަސްވާސްތަކާ އެކު ހިނގާ ބިރުވެރި ހާދިސާތަކެއް ކަމަށެވެ.

"މިހާރުގެ މުޖުތަމައުއާ ވަރަށް ބޮޑަށް ގުޅޭ ކަހަލަ ކޮންސެޕްޓަކަށް މީތި ހަދާފައި މިއޮތީ. އެހެންވީމާ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަނީ،" 52 ވަނަ ޑައިރެކްޝަނާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ހުޅުމާލޭގައި ޝޫޓްކޮށް ނިންމާފައިވާ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ނާދިފާ އެވެ. މީގެ އިތުރުން "ރޭވުމުން" ގެ ކާސްޓުންގެ ތެރޭގައި މަރިޔަމް ޝަކީލާ، މުހައްމަދު ޝާޒް (ތަޖޫބެ)، ފައުޒިއްޔާ ހަސަން އަދި ހަސަން މަނިކު (ރޯނު) ފަދަ އެކްޓަރުން ހިމެނެ އެވެ.

މަސް ދުވަހުގެ ތެރޭގައި ޝޫޓިން ނިންމާލައި، ފިލްމު އެޑިޓް ވެސްކޮށް މިހާރު އަންނަނީ ޑަބިން އަށް ތައްޔާރުވަމުން ކަމަށް އަމްޖޭ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ މާޗް މަހުގެ ތެރޭގައި ފިލްމު ސްކްރީނަށް ގެނެވޭނެ. އެކަމަށް މަސައްކަތް ކުރަމުން މި އަންނަނީ،" އޭނާ ބުންޏެވެ.

"ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާފައި އޮލިމްޕަސް ހޯދަން އެދޭނީ ވެސް. އެހެންވެ އަދި ވަކި ތާރީހެއް ނުނިންމަން."

މުހައްމަދު އަބޫބަކުރު (މާއެނބޫ) ކެމެރާކޮށްފައިވާ ފިލްމު ވާނީ، އަމްޖޭ ބުނި ގޮތުގައި، މި އަހަރު ސިނަމާ އަށް އަންނާނެ އެންމެ ރީތި އެއް ފިލްމަށެވެ.

އަމިއްލަ ރާގުގެ ހަތަރު ލަވަ ހިމެނޭ ފިލްމުގެ ލަވަތަކުގެ މިއުޒިކާއި ބެކް މިއުޒިކް ހަދާފައި ވަނީ ހުސައިން ސޮބާހް އެވެ. ލަވަތައް ކިޔާފައި ވަނީ ސޮބާ އާއި ފާތުމަތު ޒޫނާ، ހަސަން އިލްހާމްގެ އިތުރުން އާ ލަވަ ކިޔުންތެރިއެކެވެ.

އަމްޖޭގެ އިތުރު ފިލްމުތަކެއް ވެސް މި އަހަރު އަޅުވަން ވަނީ ނިންމައިފަ އެވެ. އެއީ މިހާރު ވެސް މަސައްކަތްތަކުގެ ބޮޑު ބައި ނިމިފައިވާ އޭނާގެ 50 ވަނަ ޑައިރެކްޝަން "ގިލަން" އާއި 51 ވަނަ ފިލްމު "ދޭތީ އަނިޔާ" އެވެ.

"އެ ފިލްމުތަކުގެ އިތުރަށް މި އަހަރު އަދި ވަރުގަދަ އެހެން ފިލްމެއް ވެސް ގެނެސް ދޭނަން،" އަމްޖޭ ބުންޏެވެ.

"ރޭވުމުންގެ މަސައްކަތް ކުރިއަށް މި ދިޔައީ މަނިކާއި ޝާޒްގެ ވަރަށް ބޮޑު ސަޕޯޓެއް ލިބިގެން. އަދި ދަނބަޅޭ އާއި ޒިޔާގެ އެހީތެރިކަން ވެސް މި ފިލްމަށް ޓެކްނިކަލް ސައިޑުން ވަރަށް ބޮޑު. އެހެންވެ މުޅި ޓީމަށް އެބަ އޮތް ހާއްސަ ޝުކުރެއް."

އަމްޖޭ ޑައިރެކްޓް ކުރި ފިލްމެއް އެންމެ ފަހުން ސިނަމާ އަށް އައީ 2011 ގަ އެވެ. އެއީ އާމިރާ އިސްމާއީލާއި މިދިޔަ އަހަރު މަރުވި އަލީ އަހުމަދު (ހަތަރު އުދަރެސް އައްޔަ) ލީޑް ރޯލް ކުޅުނު "ހިތޭ ދޭމީ" އެވެ.