08 ޖެނުއަރީ 2018 - 06:35
އިންޑިއާގެ މުމްބައިގެ ކަންޖުރްމަރްގްގައި ހުންނަ ސިނެވިސްޓާ ސްޓޫޑިއޯގައި މިދިޔަ އާދިއްތަ ދުވަހު ރޯވެ، އެތަނުގައި ތައްޔާރުކޮށްފައި ހުރި ދެ ސިލްސިލާއެއްގެ ސެޓަށް ވަރަށް ބޮޑެތި ގެއްލުން ވެއްޖެ އެވެ. މި ހާދިސާ ހިނގީ ކަރަންޓް ޝޯޓެއްގެ ސަބަބުން ޖަނަރޭޓަރެއްގައި ރޯވެގެން ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައިވެ އެވެ.
އަލިފާނުގެ ހާދިސާ ހިނގި އިރު ސްޓޫޑިއޯގައި ސޮނީ ޓީވީގެ "ހާސިލް" އާއި ކަލާޒް އިން އަލަށް ދައްކަން ތައްޔާރުވަމުން އަންނަ "ބޭފަނާ"ގެ ޝޫޓިންގްގައި އެ ދެ ސިލްސިލާގައި ހުރިހާ ތަރިން ހަރަކާތްތެރިވަމުން ދިޔަ އެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުވެ ސަލާމަތުން ސްޓޫޑިއޯ އިން ނުކުމެވުނު ނަމަވެސް ރޯވުމުގެ ސަބަބުން އެ ސްޓޫޑިއޯއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.
ފަސް އޭކަރުގެ ބޮޑު ބިމެއްގައި ތައްޔާރުކޮށްފައިވާ ސިނެވިސްޓާ ސްޓޫޑިއޯގައި 30 ޝޫޓިންގް ލޮކޭޝަން ހުރެ އެވެ. މި ތަން ހިންގަނީ ކުރީ ޒަމާނުގެ ފިލްމުތަކުން ފެނިފައިވާ އެކްޓަރެއް ކަމަށްވާ ޕްރޭމްނާތުގެ ދަރިފުޅު ޕްރޭމް ކިޝަން އެވެ.
އަލިފާނުގެ ސަބަބުން ގެއްލުން ވިޔަސް "ހާސިލް" އާއި "ބޭޕަނާ" ކަނޑައެޅިފައިވާ ގޮތަށް ދައްކަމުން ދާނެކަމަށް ޚަބަރުތައް ބުނެ އެވެ.
ފިލްމީ ތަރި ޒައިދު ޚާން މުހިއްމު ރޯލެއް ކުޅޭ "ހާސިލް" އަކީ މިދިޔަ އޮކްޓޯބަރު 30 އިން ފެށިގެން ސޮނީ ޓީީވީން ދައްކަމުން އަންނަ ސިލްސިލާ އެކެވެ.
ޖެނިފާ ވިންގެޓް ބަތަލާގެ ރޯލު އަދާކުރާ "ބޭޕަނާ"އަކީ ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެން ކަލާޒް ޗެނަލުން ފަށަން ހަމަޖެހިފައިވާ ސިލްސިލާ އެކެވެ. މި ޝޯގައި ބަތަލުގެ ބައި ކުޅެނީ ހަރްޝަދު ޗޯޕްރާ އާއި ޝެހެބާން އާޒިމް އެވެ. މީގެ ތެރެއިން ޝެހެބާން އަކީ ޖެނިފާގެ މިހާރުގެ ލޯބިވެރިޔާ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy