"ވަކިން ލޯބިން" ގެ ޓިކެޓް އޮންލައިންކޮށް ބުކްކޮށް ދޭން ފަށައިފި

ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމު ކަމަށްވާ، މާޗް 5 ގައި އަޅުވާ "ވަކިން ލޯބިން" ގެ ޓިކެޓް އޮންލައިންކޮށް ބުކްކޮށް ދޭން ފަށައިފި އެވެ.


ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމްގެ ޓިކެޓް ދުރާލައި ހޯދަން ބޭނުންވާ މީހުންނަށް "ވަކިން ލޯބިން" ގެ ރަސްމީ ފޭސްބުކް ޕޭޖަށް އިންބޮކްސްކޮށްގެން ބޭނުންވާ ތާރީހަކަށް ޓިކެޓް ބުކްކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ރާވާފައި މިއޮތީ އަންނަ މަހުގެ ފަހަކާ ހަމައަށް ބުކިންސް ކުރިއަށް ގެންދަން. އޭގެ ފަހުން ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާނަން،" ކާމިޔާބު ފިލްމްތަކެއް ގެނެސް ދެމުން އަންނަ ޕްރޮޑިއުސަރު ބުންޏެވެ. "އަދި މާލޭގައި ފިލްމް އަޅުވާ ހަފުތާގައި އަޅުގަނޑުމެން އެބަ ވިސްނަން އައްޑު އާއި ކުޅުދުއްފުށީގައި ވެސް ފިލްމް ޕްރިމިއާ ކުރަން."

މި ފިލްމަކީ އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު "ވާށޭ މަށާއެކީ" އިން ހޯދި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފެމިލީ ޑްރާމާއެކެވެ. އަދި މި ފިލްމްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އެވޯޑްސްގައި "ހުޅުދާން" އިން އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް އަދި މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.

އަހަރުގެ އެންމެ އުންމީދީ އެއް ފިލްމްގެ ތެރޭގައި ހިމެނޭ "ވަކިން ލޯބިން" ގެ ލީޑް ރޯލުން ފެނިގެން ދާނީ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދި ޖުމައްޔިލް ނިމާލް (ޖުމަލް) އާއި އެންމެ މޮޅު ބަތަލާގެ މަގާމު ހޯދި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މިއީ 2016 ގައި ރިލީޒް ކުރި "ވާށޭ މަށާއެކީ" އަށް ފަހު މަޖޫ އާއި ޖުމަލްގެ ޖޯޑު ސްކްރީނަށް އަންނަ ފުރަތަމަ ފިލްމް ވެސް މެ އެވެ.

އެ ދެ ތަރިންނާ އެކު "ވަކިން ލޯބިން" ގެ ވަރަށް މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެން ދާނެ އެވެ.

މޮގާ ބުނީ ފިލްމްގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށާއި މިހާރު ކުރިއަށް ދަނީ ބެކްމިއުޒިކް ކަމަށެވެ. އަދި "ވަކިން ލޯބިން" ގެ ފުރަތަމަ ޕްރޮމޯޝަނަލް މެޓީރިއަލްއަކަށް ފިލްމްގެ އެއް ލަވަ "ޕަރީ" މި މަހުގެ 18 ވަނަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.

"މި ފިލްމަކީ ވެސް ބެލުންތެރިން ބަލާފައި ވަރަށް ހިތްހަމަޖެހިގެން ސިނަމާއިން ނުކުމެގެން ދާނެ ކަހަލަ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު. މީގެ ވާހަކައަކީ ވަރަށް ގިނަ މީހުންނާ ރިލޭޓްވާ ކަހަލަ ސްޓޯރީއެއް. އެހެންވެ ބެލުންތެރިން ގަޔާވާ ކަހަލަ ފިލްމަކަށް ވާނެ،" މިދިޔަ އަހަރު "މީ ލޯތްބަކީ" ގެނެސް ދިން މޮގާ ބުންޏެވެ.

"ވަކިން ލޯބިން" އަށް ފަހު، ޑާކް ރެއިންގެ "ގޮށްރާޅު" އެޕްރީލް 5 ގައި އަޅުވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.