ބީބާ އާއި ސެލީނާ: ދެ މީހުންގެ ގުޅުން މިހާރު ވަރަށް ބަދަހި.
17 ޖެނުއަރީ 2018 - 06:16
ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ މަންމަ ޕެޓްރީޝިއާ މެލޭ ދާދި ފަހުން ބުނި ގޮތުގައި އޭނާގެ ދަރިފުޅު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒްއާ އަލުން ގުޅުމަކީ ވަރަށް އުފާ ކުރާ ކަމެކެވެ. އަދި އަލުން ބީބާގެ ހަޔާތަށް، ސެލީނާ އައުމުން އޭނާ އަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ބުންޏެވެ. ޕެޓްރީޝިއާ ބުނި ގޮތުގައި އެ ދެ މީހުންގެ ގުޅުމާ ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖެހެ އެވެ.
ސެލީނާ، 25، އާއި ބީބާ، 23، ގެ ގުޅުމަކީ ވެސް އަޖައިބެއް ކަހަލަ ގުޅުމެކެވެ. އެ ދެ މީހުން 2014 ގައި ރަސްމީކޮށް ގުޅުން ކަނޑައިލުމުގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން ކުނި ޖެހި މޫނުކެނޑިފައިވެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހުކޮޅު ދެ މީހުން އެއްގަލަކަށް މި އެރީ ސެލީނާ އާއި ލަވަކިޔުންތެރިޔާ ދަ ވީކެންޑްގެ ކައިވެނީގެ ވާހަކަތަކެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ.
ބީބާ މަންމައާ އެކު: ސެލީނާ އާއި ބީބާގެ ގުޅުމަށް ވަރަށް ގަބޫލު.
އެކަމަކު މިހާރު ޔަގީންވާ ކަމަކީ ސެލީނާ އާއި ބީބާގެ ގުޅުން ވަރަށް ސީރިއަސްކަމެވެ. އެކުގައި ނޫނީ ދެ މީހުންނަށް މިހާރު ބޭރުތެރެއަށް ވެސް ނުކުމެވޭ ކަމަކަށް ނުވެ އެވެ.
ނަމަވެސް ސެލީނާގެ މަންމަ މޭންޑީ ޓީފީ އެ ގުޅުމާ ދޭތެރޭ ހިތްހަމައެއްނުޖެހެ އެވެ. އޭނާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސެލީނާ އާއި ބީބާގެ ގުޅުމާ ދޭތެރޭ މޭންޑީ "އުފަލެއް ނުވެ" އެވެ.
"މަންމަ އާއި ދަރިފުޅަކާ ދޭތެރޭ އަބަދު ވެސް ހުންނާނެ ހިޔާލު ތަފާތުވާ ކަހަލަ ކަންކަން. ސެލީނާއަކީ މިހާރު ބޮޑު ކުއްޖެއް. އެހެންވީމަ އޭނާ ބޭނުންވާ ގޮތް ނިންމުމުގެ އިހުތިޔާރު އަބަދު ވެސް އޭނަ އަށް އޮންނާނެ،" ގޮސިޕްކޮޕް އަށް މޭންޑީ ބުންޏެވެ.
ސެލީނާ މަންމައާ އެކު: ބީބާ އާއި ސެލީނާގެ ގުޅުމާ އެހާ ގަބޫލެއް ނޫން.
މޭންޑީ ބުނި ގޮތުގައި ދާދި ފަހުން ކިޑްނީގެ ޓްރާންސްޕްލާންޓެއް ވެސް ހެދި ސެލީނާ ރަނގަޅު ސިއްހަތެއްގައި ހިތްހަމަޖެހިގެން އުޅޭ ނަމަ އޭނާ ވެސް ހުންނާނީ އުފަލުންނެވެ.
އެކަމަކު ސުވާލަކީ ކުރިން ކުނި ޖެހުނު ގޮތަށް، ކުނި ނުޖެހި ބީބާ އާއި ސެލީނާ އަށް ކިހާ ދުވަހެއް ވަންދެން މި ފަހަރު އުޅެނިދާނެތޯ އެވެ؟ ދެ މީހުންގެ ފޭނުން ވެސް އުފައްދާ ސުވާލަކީ އެއީ އެވެ. އަނެއްކޮޅުން ބީބާއަކީ އަހުލާގީ މައްސަލަތައް ގިނަ ފަންނާނެއްކަން އެންމެން ވެސް ދަނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy