18 ޖެނުއަރީ 2018 - 06:02
ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްގެ "ބާރަތު" ކުޅެން، ސަލްމާން ޚާނަށް މީގެ 29 އަހަރު ކުރިން ކުޅުނު "މައިނޭ ޕިޔާރް ކިޔާ" ގައި ހުރި ސިފައަށް ބަދަލުވާން ޖެހިއްޖެ އެވެ. ފިލްމު ކުޅެން ފެށިތާ ކުރީކޮޅު އޭނާ ހުރި ޒުވާން ސިފައަށް އޭނާ ބަދަލުކޮށްލުމަށްޓަކައި ސްޕެޝަލް އިފެކްޓްސް ތަޖުރިބާކާރުން މަސައްކަތް ކުރާނެ އެވެ.
ސަލްމާނާއި ޑައިރެކްޓަރު އަލީ ގުޅިގެން އުފެއްދި ދެ ފިލްމު "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެހެންވެ ތިން ވަނަ ފިލްމު "ބާރަތު" ގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ. މިއީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ފިލްމުގައި ދައްކަނީ މީހެއްގެ އުމުރުން 18 އަހަރުން ފެށިގެން 70 އަހަރާ ދެމެދު ހިނގާ ހާދިސާ ތަކެކެެވެ. ސަލްމާންގެ މި ކެރެކްޓާގެ 18 އަހަރުގެ ބައި ކުޅެން ޒުވާނެއްގެ ސިފައަށް ސަލްމާން ބަދަލުވާން ޖެހެ އެވެ. ޑައިރެކްޓަރު ބޭނުންވަނީ "މައިނޭ ޕިޔާރް ކިޔާ" ކުޅުނު ދުވަސްވަރު ހުރި ސަލްމާންގެ ސިފަ އެވެ.
ޑައިރެކްޓަރު އަލީ އާއި މި ފިލްމު އުފައްދާ ފަރާތުން މިހާރު ވަނީ ސްޕެޝަލް އިފެކްޓްސް ޓީމެއްގެ އެހީތެރިކަން ހޯދާފަ އެވެ. އެ ޓީމަކީ ހޮލީވުޑްގެ ފިލްމު "ދަ ކިއުރިއަސް ކޭސް އޮފް ބެންޖަމިން ބަޓްން" ގައި ޒުވާން އެކްޓަރަކު ތުއްތު ކުއްޖަކަށާއި މުސްކުޅިއަކަށް ބަދަލުކޮށްލި ކުޅަދާނަ ޓީމެވެ. ޝާހްރުކް ޚާންގެ "ފޭން" ގައި ވެސް މަސައްކަތްކޮށްފައި ވަނީ ހަމަ މި ސްޕެޝަލް އިފެކްޓްސް ޓީމުންނެވެ.
ސަލްމާނަކީ ޕްރޮސްތެޓިކް ބޭނުންކުރަން ބޭނުންވާ އެކްޓަރެއް ނޫނެވެ. އޭނާގެ ހުންނަ ނާރުގެ މައްސަލަ ވެސް މިފަދަ އެއްޗެހީގެ ސަބަބުން އިތުރަށް ގޯސްވާތީ އެވެ. އެހެންވެ އަލީ މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަލްމާނަށް މާބޮޑު ތަކުލީފަކަކާ ނުލައި ބޭނުން ކޮށްލެވޭ އަދި ފިލްމަށް ވެސް ކަމުދާ ކަހަލަ އެއްޗެއް ފަރުމާ ކުރުމަށެވެ.
ސަލްމާން މިވަގުތު އުޅެނީ "ރޭސް 3"ގެ ޝޫޓިންގަ އެވެ. "ބާރަތު"ގެ މަސައްކަތް އޭނާ ފަށަން ހަމަޖެހިފައިވަނީ އޭޕްރީލް 2018 އިން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy