ރިތިކް އޭނާގެ ކުރީގެ އަނބިމީހާ ސުޒާން އާއެކު: އަލުން ކައިވެނިކުރަން އުޅޭ ކަމަށް ޚަބަރުތައް ބުނޭ
19 ޖެނުއަރީ 2018 - 07:07
ރިތިކް ރޯޝަން އާއި އޭނާގެ ކުރީގެ އަންހެނުން ސުޒާން ޚާން އަލުން ކައިވެނި ކުރަން އުޅޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އެންމެ ބަދަހިގުޅުމެއް އޮންނަ ބޮލީވުޑް ދެމަފިރިންގެ ތެރޭގައި ހިމެނުނު ރިތިކް އާއި ސުޒާން ވަރިވާކަން އިއުލާން ކުރީ ވަރަށް ކުއްލި ގޮތަކަށެވެ. އަދި މިކަމާ ރިތިކްގެ ފޭނުން ވަރަށް ދެރަވެގެން ވެސް އުޅުނެވެ.
ރިތިކާއި ސުޒާން އަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. މި ދެ މީހުން 2016 ގައި ވަރިވުމަށް ފަހު ބުނެފައިވަނީ އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިންނަށް ކަމަށާއި ދަރިންނަށްޓަކައި ދެ މީހުން އަބަދުވެސް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރާނެ ކަމަށެވެ.
ރިތިކްގެ ގާތް އެކުވެރިއަކު އިންޑިއާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ރިތިކް ވަނީ އަލުން ސުޒާންއާ ކައިވެނިކުރަން ނިންމައިފަ އެވެ. މިއީ ދަރިންނަށްޓަކައި ނިންމި ނިންމުމެއް ކަމަށް ބުނެފައިވެ އެވެ.
ރިތިކާއި ސުޒާން އެކުގައި ދެ ކުދިން ގޮވައިގެން ބޭރު ގައުމުތަކުގައި ޗުއްޓީ ހޭދަ ކުރަނިކޮށް ވަރަށް ގިނައިން ފެނެ އެވެ.
ރިތިކާއި ސުޒާން ވަކިވާން ޖެހުނީ ރިތިކް ބޭވަފާތެރިވުމުން ކަމަށް ބުނެ ދާދިފަހުން ބައެއް ނޫސްތަކުން ޚަބަރެއް ފެތުރި އެވެ. ނަމަވެސް ރިތިކް ދިން ޓީވީ އިންޓަވިއުއެއްގައި މި ވާހަކަ ދޮގުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy