21 ޖެނުއަރީ 2018 - 06:18
އަކްޝޭ ކުމާރުގެ "ޕެޑްމޭން" ރިލީޒްކުރާ ދުވަސް "ޕަދްމާވަތު"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އެދިގެން ފަސްކޮށްލަން އަކްޝޭ ނިންމައި އެކަން އިއުލާން ކޮށްފި އެވެ. ކުރިން މި ދެ ފިލްމު ވެސް ރިލީޒްކުރަން އޮތީ މި މަހު 25 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު "ޕެޑްމޭން" ރިލީޒްކުރާނީ އަންނަ މަހު 9 ވަނަ ދުވަހު އެވެ.
އަކްޝޭގެ މި ނިންމުމުގެ ސަބަބުން ބާންސާލީ އާއި ފިލްމުގެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯނާއި ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް ވަނީ އަކްޝޭ އަށް ޝުކުރު އަދާކޮށްފަ އެވެ. މިކަމާ ގުޅޭ ގޮތުން އަކްޝޭ އާއި ބާންސާލީ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބާންސާލީ ބުނީ އަކްޝޭ ކޮށްދިން ހެޔޮކަންތައް އޭނާ މުޅި އުމުރަށް ވެސް ހަނދާން ކުރާނެ ކަމަށެވެ.
ޖަވާބުގައި އަކްޝޭ ބުނީ ބާންސާލީ އެދުނު އެދުމަށް "ޕެޑްމޭން" ރިލީޒްކުރުން ފަސްކުރަން އޭނާ ނިންމީ ވަގުތުގެ ނާޒުކު ކަމަށާއި "ޕަދްމާވަތު"އަށް ކުރިމަތިވި ގޮންޖެހުންތަކާއި އެ ފިލްމަށް ކުރިމަތިވެދާނެ ބޮޑު ގެއްލުމަކަށް ވިސްނާލުމަށް ފަހުގައި ކަމަށެވެ. ޕަދްމާވަތު މި ރިލީޒްކުރަނީ ހިންދީންގެ ދެކޮޅުހެދުންތަކާ ހެދި ފިލްމުގެ ނަމާއި ބައެއް މަންޒަރުތަކަށް ވެސް ބަދަލު ގެނައުމަށް ފަހުގަ އެވެ. އެކަމަކު އަދިވެސް އެ މީހުން ދަނީ ފިލްމު ރިލީޒްކުރުމާ ދެކޮޅަށް އަޑު އުފުލައި އިންޒާރު ދެމުންނެވެ.
"މި ދެ ފިލްމަށް ބަލާއިރު މި ވަގުތު އަހަރެންގެ ފިލްމަށް ވުރެ ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތީ "ޕަދްމާވަތު" އަށް. ބާންސާލީ އާއެކު އަހަރެން ވަރަށް ގިނަ ފިލްމު ކުޅެފިން އަދި އެއީ ވަރަށް ގާތް ރައްޓެއްސެއް. އެހެންވެ އޭނާއަށްޓަކައި މިވަރުކަމެއް ކޮށްނުދޭންވީ ކީއްވޭ އަހަރެން ހިތަށް އެރީ،" އަކްޝޭ ބުންޏެވެ.
ބާންސާލީ ބުނި ގޮތުގައި 25 އަކީ އަސްލު "ޕެޑްމޭން" ރިލީޒްކުރަން މާކުރިއްސުރެ ހަމަޖެހިފައި އޮތް ތާރީހެކެވެ. ނަމަވެސް އޭނާގެ ފިލްމު ލަސްވެގެން ގޮސް އެ ފިލްމާ އެއް ދުވަހު ރިލީޒް ކުރަން މަޖްބޫރުވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy