"ހާދަރު" އިން ފެންނާނީ ކޮން ބައެއް؟

އެމްއެންޑީއެފްގެ ފިލްމް "ހާދަރު" އަންނަ ހޮނިހިރު ދުވަހުގެ ރޭ ޕްރިމިއާ ކުރާނެ އެވެ. މި ފިލްމް ހާއްސަވާ ދެ ތިން ސަބަބެއް ފާހަގަކޮށްލާނަމެވެ. އަދި ފިލްމުން ފެނިގެންދާ ކާސްޓުންނަށް ވެސް ކުރު ގޮތަކަށް ބަލާލުމަކީ ބެލުންތެރިންނަށް ހިތްހަމަޖެހުމަކަށް ވާނެ އެވެ.


"ހާދަރު" ހާއްސަ އެއް ސަބަބަކީ މިއީ ގައުމީ ދިފާއީ ބާރުން ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމަށްވުމެވެ.

ފިލްމުގެ ވާހަކައިގެ އަސްލަކީ ނޮވެމްބަރު 3، 1988 ގައި ތަމަޅައިންގެ ބަޔަކު ރާއްޖެ އަށް ދިން ހަމަލާ އެވެ. މިއީ ފިލްމް ބަލާލަން ދާން ޖެހޭ އެންމެ މުހިއްމު އެއް ސަބަބެވެ.

ފިލްމުގެ ވާހަކަ ލިޔެފައި ވަނީ ރާއްޖޭގައި އެންމެ މަޝްހޫރު އެއް ވާހަކަ ލިތުންތެރިޔާ ބިންމާ އިބްރާހީމް ވަހީދެވެ. އެހެންވެ އެކްޝަން ތުރިލާއެއްގެ ގޮތުގައި އަންނަ "ހާދަރު" އިން ވަރަށް ފުރިހަމަ ވާހަކައެއް ފެނިގެން ދާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

"ހާދަރު" ގެ ހުސައިންގެ ރޯލުން ފެނިގެންދާ ޝައްމޫން.

ބިންމާގެ ވާހަކަ ބައްޓަންކޮށްފައި އޮންނާނެ ގޮތާއި އޭގެ ޑައިލޮގްތައް ހުންނާނެ ގޮތް މިހާރު ވެސް ހިތަށް ގެނަޔަސް، ފިލްމު ބަލާލަން ކެތްތެރިކަން ކުޑަ ވާނެ އެވެ. މިއީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފިލްމެކެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ އަޝްހަރު ވަހީދެވެ. އޭނައަކީ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ސިފައިންގެއަށް މޮޅު އެހާމެ ރީތި ޑްރާމާތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ. "ހާދަރު" ގެ ދެ ޓްރެއިލާއެއް ވެސް މިހާރު ބެލުންތެރިންނަށް ވާނީ ފެނިފަ އެވެ.

"ހާދަރު" ގައި މަނާލްގެ ރޯލް ކުޅެފައިވާ ޝާއިގާ.

ބިންމާ ކުރެހި މަންޒަރުތަކުގައި އަޝްހަރު ވަރަށް ރަނގަޅަށް ކުލަ ޖައްސައިފައިވާކަން ޓްރެއިލާތަކުން ހެކިކޮށް ދެ އެވެ.

ދެން އޮތީ ފިލްމުގެ ކާސްޓުންގެ ވާހަކަ އެވެ. "ހާދަރު" އަކީ ސިފައިންގެ ފިލްމަކަށްވާތީ ރާއްޖޭގެ މަޝްހޫރު އެއްވެސް ތަރިއެއް ފިލްމުން ފެންނާނެ ކަމަށް އުންމީދުކޮށްގެން ނުވާނެ އެވެ. ފިލްމުގެ މައިގަނޑު ކާސްޓަކީ ހަމަ ސިފައިންގެ އޮފިސަރުންނެވެ. އެ މީހުންނަކީ އެކްޓް ކުރަން އާ ބައެއް ނޫނެވެ. ޑްރާމާތަކުން އެކަން ބެލުންތެރިންނަށް ތަޖުރިބާ ކުރެވިފަ އެވެ.

"ހާދަރު" ގައި ޒިޔައްޓޭގެ ރޯލުން ފެނިގެންދާ ސައީދު.

"ހާދަރު" ގެ ވާހަކަ އެނބުރެނީ ގައުމަށްޓަކައި ގުރުބާންވާ ޒުވާނެއްގެ ވަށައިގެންނެވެ. ފިލްމުގެ އެ ރޯލުން ފެނިގެން ދާނީ މުހައްމަދު ޝައްމޫނެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ ހުސައިން އެވެ. އެހެންވެ ހުސައިންގެ ކެރެކްޓާއަކީ "ހާދަރު" ގެ ޓެގްލައިން ބުނާހެން ގައުމަށް ބޭނުންވާ ކަހަލަ ތެދުވެރި ވާޖިބެއް އަދާކުރާ ޒުވާނެއްގެ ރޯލެވެ.

ހުސައިންގެ ބައިވެރިޔާގެ ގޮތުގައި ފިލްމުން ފެނިގެން ދާނީ ޝައިގާ ހުސައިނެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ މަނާލެވެ.

"ހާދަރު" ގައި ސުދާގެ ރޯލް ކުޅެފައިވާ ޝަބާނާ.

ފިލްމުގެ މުހިއްމު އިތުރު ކާސްޓުންނަށް ބަލާއިރު ވިލަންއެއްގެ ރޯލުން ފެނިގެންދާ މުހައްމަދު ސައީދަކީ "ހާދަރު" ގެ އެންމެ ވަރުގަދަ އެއް ކެރެކްޓާ އަށް ވާނެ އެވެ. އޭނާ ފެނިގެން ދާނީ ނިޔައްޓޭގެ ރޯލުންނެވެ.

ފަސީހް މުހައްމަދު ރަޝީދުގެ ރޯލުން ފެނިގެންދާއިރު ޝަބާނާ މުހައްމަދު ފެނިގެން ދާނީ ސުދާގެ ކެރެކްޓާއިންނެވެ.

"ހާދަރު" ގައި ރަޝީދުގެ ރޯލުން ފެނިގެންދާ ފަސީހް.

މިއީ ބޮޑު ކާސްޓެއް ފެނިގެންދާ ފިލްމުގެ ބައެއް އެކްޓަރުންގެ ތައާރަފެކެވެ. މިކަހަލަ ކިތަންމެ އަދި އެހާމެ ޝައުގުވެރި ރޯލްތަކެއް "ހާދަރު" އިން ފެނިގެން ދާނެ އެވެ.

މި ފިލްމު ޝޫޓްކޮށްފައި ވަނީ ލ. އަތޮޅާއި މާލޭގަ އެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އޮލިމްޕަހާ އެކު "ހާދަރު" ހަތަރު އަތޮޅެއްގައި ޕްރިމިއާ ކުރާނެ އެވެ. ފިލްމްގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ.

އަދި މި މަހުގެ 22 ވަނަ ދުވަހު ޝްވެކް ސިނަމާ އަށް "ހާދަރު" އަންނާނެ އެވެ.