މި އަހަރުގެ ދިވެހި ފިލްމް އެވޯޑްސް ހަފުލާ ވަރަށް މުހިއްމު

ދިވެހި ފިލްމް އެވޯޑްސް ހަފުލާ މިއަހަރު ބޭއްވިއްޖެ ނަމަ ބޮޑު ބަދަލަކާ އެކު ތަފާތުކަމެއް ފެންނާނެ އެވެ. ސަރުކާރުގެ ހިއްސާއާ އެކު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން މި އަހަރު ބާއްވަން މަސައްކަތްކުރަމުން އަންނަ ނުވަ ވަނަ ދިިވެހި ފިލްމް އެވޯޑްސް ހާއްސަކޮށްފައި ވަނީ އެންމެ އަަހަރެއްގެ ފިލްމުތައް ބައިވެރިކުރާ ގޮތަށެވެ. އެހެން އަހަރުތަކުގައި ބާއްވަނީ އެތައް އަހަރެއް އެއްކޮށްލައިގެންނެވެ.


މިދިޔަ އަހަރު ރިލީޒްކުރީ އަށް ފިލްމެވެ. އެހެންވެ ހުރިހާ ވާދަވެރިކަމެއް އޮންނާނީ މި އަށް ފިލްމުގެ މެދުގަ އެވެ.

ޑިސެމްބަރު، 19، 2017 ވަނަ ދުވަހުގެ ރޭ ބޭއްވި އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް (ގައުމީ ފިލްމް އެވޯޑްސް) އާ އެކު، ރާއްޖޭގެ އެވޯޑް ހަފުލާ އަދި ކިރިޔާ ހަމައަކަށް އެޅެން އަންނަނީ އެވެ. މިދިޔަ އަހަރު އެވޯޑް ހަފުލާ ބޭއްވީ 2014-2016 އަށް ރިލީޒްވި ފިލްމްތަކަށް ހާއްސަކޮށްގެންނެވެ.

މި އުސޫލުން އެވޯޑް ދޭތީ ހަގީގަތުގައި އިންސާފުވެރިކޮށް ފިލްމްތައް ޖަޖް ކުރެވިދާނެތޯ ވެސް ސުވާލު އުފެދެ އެވެ. ކުރިން ހަދާފައި ހުރި ފިލްމްތަކާއި އޭގެ ދެތިން އަހަރު ފަހުން ހަދާފައި ހުރި ފިލްމްތައް އެއްކޮށްލައިގެން އެއް މިންގަނޑަކުން މިނެކިރާ ނަމަ ޔަގީނުން ވެސް، މައްސަލަތައް ހުންނާނެ އެވެ. ހާއްސަކޮށް ޓެކްނިކަލް ދާއިރާތަކުގައި ކުރެވިފައި ހުރި މަސައްކަތްތަކަށް އެކަމުގެ ސަބަބުން އަސަރު ކުރާނެ އެވެ. އެހެންވެ ދެތިން އަހަރުގެ ފިލްމްތައް އެއްކޮށްގެން އެވޯޑް ހަފުލާ ބޭއްވުމަކީ ފިލްމީ ދާއިރާގެ ބައެއް މީހުން އެހާ ހިތްހަމަޖެހޭ ކަމެއް ވެސް ނޫނެވެ. އެކަމަކު ރާއްޖޭގައި ފަންނާނުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރެވޭލެއް ކުޑަކަމުން އެވޯޑް ހަފުލާއެއް މި މިންގަނޑުން ވެސް ބާއްވައިދޭތީ އެކަމާ ޝުކުރު ކުރަން ޖެހެ އެވެ.

ނަމަވެސް ގަޑުބަޑުކޮށްގެން އެވޯޑް ދޭ އުސޫލަށް މިދިޔަ އަހަރާ އެކު ނިމުމެއް އައީ އެވެ. ދެން އޮތް ސުވާލަކީ އަށް ފިލްމާ އެކު މި އަހަރު ފިލްމް އެވޯޑް ބާއްވައިފާނެތޯ އެވެ؟ ގައިމުވެސް ރާއްޖޭގައި ކުޑަކުޑަ ފިލްމް ދާއިރާ އަށް ބަލާ އިރު، އެ އަދަދަކީ އެވޯޑެއް ބާއްވަން މަދު އަދަދެއް ނޫނެވެ. އަނެއްކޮޅުން މި އަހަރު އެވޯޑް ހަފުލާ ނުބާއްވައިފި ނަމަ، އަނެއްކާ ވެސް ދާން ޖެހޭނީ ކުރީގެ ހާލަތަށެވެ. މީގައި މިހާރު މުހިއްމީ އަހަރުން އަހަރަށް އެވޯޑް ހަފުލާ ބޭއްވޭ ގޮތް ފަހިވެފައި އޮތުމެވެ.

ދިވެހި ފިލްމް އެވޯޑްސް އޮތް ބިރަކީ މިއީ ސަރުކާރުގެ ތެރެއިން ބާއްވައިދޭ އެވޯޑަކަށްވާތީ، ސިޔާސީ ގޮތުން އަންނަ ބަދަލާ އެކު އަނެއްކާ ވެސް އެވޯޑް ދިނުން ހުއްޓުމަކަށް އަތުވެދާނެތީ އެވެ. މިއީ މީގެ ކުރިން ތަޖުރިބާ ކުރަން ޖެހިފައި އޮތް ކަމެކެވެ. ފިލްމްތައް ކިޔު ޖެހުމުގެ އަސްލަކީ ވެސް އެއީ އެވެ. އެކަމަކު މި ވަގުތަށް އޮތީ އެހެންނެއް ނޫނެވެ.

މިދިޔަ އަހަރު އެންމެ މޮޅު ސަޕޯޓިން ބަތަލާއަކަށް ހޮވުނު ޒީނަތަށް، އެންސީއޭގެ ވެރިއަކު އެވޯޑް ހަވާލުކޮށް ދެއްވަނީ. މިހާރު ފޮޓޯ/ ހުސައިން ވަހީދު

މި އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށްވެފައި، އަތުވެދާނެ ބަދަލަކުން، މި އެވޯޑަށް ވެދާނެ ގޮތަކާ ދޭތެރޭ މިހާރު ވެސް ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ތިބީ ސުވާލު މާކެއްގެ ތެރޭގަ އެވެ. އާންމުކޮށް ޑިސެމްބަރު މަހު ބާއްވާ އެވޯޑް ހަފުލާގެ ކުރިން އޮންނާނީ ރިޔާސީ އިންތިޚާބުގެ ފޯރި އެވެ. އަދި ސިޔާސީ ހަލަބޮލިކަން މިއަހަރު އިތުރުވާނެ ކަމަށް ފެންނާތީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ސަމާލުކަން ކުޑަވުމަަކީ ހަމަ ވެދާނެ ކަމެކެވެ.

ފިލްމުތަކުގެ ކިއޫ ހުސްކޮށްލެވިފައި ވަނިކޮށް އަނެއްކާވެސް ކިއޫ ދިގު ނުވާނެ ގޮތަކަށް އެވޯޑް ހަފުލާއާ މެދު ވިސްނުން ރަނގަޅު ކަމަށް މި ދާއިރާގެ މީހުން ދެކެ އެވެ. މި އަހަރު އަށް ފިލްމް އެވޯޑްގައި ވާދަ ކުރަން އޮތަސް އަންނަ އަހަރަކީ އެއަށް ވުރެ ފިލްމްތައް އިތުރު ވެދާނެ އަހަރަކަށް ވެސް ވެދާނެ އެވެ. މި އަހަރު ރިލީޒް ކުރަން ކިޔާ ފިލްމްތަކުގެ ހިސާބެއް ހަދާލާ އިރު، ފާއިތުވި ދެ އަހަރު ރިލީޒް ކުރި ފިލްމްތަކަށް ވުރެ މި އަހަރަށް ހުރި ފިލްމްތައް ގިނަ އެވެ.

ރާއްޖޭގެ ފިލްމީ ދާއިރާ އަށް މިހާރު ބަލާ ނަމަ ކުރިއެރުންތަކެއް އަންނަ ތަން އެބަ ފެނެ އެވެ. ނެރޭ ފިލްމްތައް އިތުރުވަމުން އެބަ އާދެ އެވެ. ކުރާ މަސައްކަތްތަކުގެ ފެންވަރު މަތިވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ.

މި ފަހަރު މި ފާހަގަ ކުރެވޭ ބަދަލާ އެކު އެވޯޑްސްގެ ނޮމިނޭޝަން ކެޓަގަރީތަކަށް ވެސް ބަދަލުތަކެއް ގެނައުން ވެސް މުހިއްމެވެ. އެގޮތުން ބައެއް ކެޓަގަރީތައް އިތުރުކޮށްލުން ރަނގަޅެވެ. ފަހަކަށް އައިސް ތަފާތު ޖޯންރާތަކުގެ ފިލްމްތައް ހަދާތީ، އެ ބަދަލު އެވޯޑުން ވެސް ފެންނަން ޖެހެ އެވެ.

މިސާލަކަށް އިތުރުކޮށްލެވިދާނެ ކެޓަގަރީތަކުގެ ތެރޭގައި އެންމެ މޮޅު ކޮމީޑިއަން، އެންމެ މޮޅު ވިލަން އަދި އެންމެ މޮޅު ޑައިލޮގް އަދި އެންމެ މަގުބޫލު ޖޯޑު ފަދަ ކެޓަގަރީތައް ހިމެނެ އެވެ. މި ކެޓަގަރީތައް ނޫން ގާތްގަނޑަކަށް ހުރިހާ ދާއިރާއަކުން މިހާރު އެވޯޑް އެބަ ދެވެ އެވެ. އިތުރުކޮށްލަން ޖެހެނީ ހަދާ ފިލްމްތަކަށް އަންނަ ތަފާތު ވެސް ފާހަގަ ކުރެވޭތީ އެވެ.