"40 ޕްލަސް" އޮގަސްޓް 1 ގައި ސިނަމާ އަށް ގެންނަނީ

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް، މިދިޔަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ނޯޓީ 40" ގެ ދެވަނަ ބައި "+40" އަންނަ އޮގަސްޓް މަހު 1 ސިނަމާއަށް ގެންނަން ނިންމައިފި އެވެ.


މި ފިލްމްގެ ލަވަތައް ފިޔަވައި އެހެން ހުރިހާ މަންޒަރެއް މިދިޔަ މަހުގެ ތެރޭގައި ވަނީ ތ. ބުރުނީގައި ނަގަން ނިންމައިފަ އެވެ.

ޔޫއްޕެ ބުނީ މިހާރު ތައްޔާރުވަމުން އަންނަނީ ފިލްމްގެ ޑަބިން އާއި ލަވަތައް ޝޫޓްކުރަން ކަމަށެވެ.

"އޮގަސްޓް އެކެއްގައި ފިލްމް އަޅުވަން އޮލިމްޕަސް އެ ތާރީހަށް ނަގާފައި މިހާރު އޮންނާނީ،" އޭނާ ބުންޏެވެ.

ޔޫއްޕެ ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަން ހުރި ގޮތަށް ބަލާފައި ފިިލްމް ފަސްކޮށްލަން ޖެހުމަކީ ވެސް ވެދާނެ ގޮތެއް ކަމަށެވެ.

"މިހާރު ސިނަމާގައި އޮތް ދެވަންސޫރަ ވެސް ރިލީޒް ކުރަން ކައިރިވި ދަނޑިވަޅާ ދިމާކޮށް ސިޔާސީ ހަލަބޮލިކަން އިތުރުވެގެން މި ދިޔައީ. މީގެ ސަބަބުން ހަގީގަތުގައި ފިލްމްގެ ވިޔަފާރި އަށް އަސަރުކޮށްފައި އޮތީ. ރަށްރަށުގައި ވެސް އަހަރެމެން ފިލްމް ދައްކަން ޕްލޭން ކުރި ގޮތަށް ނުދާތީ މިހާރު އަތޮޅުތަކުގައި ވެސް އެޅުވުން ކޮންމެވެސް ވަރަކަށް މަޑުޖައްސާލާފައި އޮތީ،" ޔޫއްޕެ ބުންޏެވެ. "އެހެންވެ ދެވަންސޫރައާ އެކު މި ކުރަން ޖެހުނު ތަޖުރިބާ އަށް ބަލައިފައި މިހާރު ފައިނަލްކޮށްފައި އޮތް ޑޭޓާ ހަމައަށް އަންނަ އިރު، ސިޔާސީ ގޮތުން ގައުމުގެ ހާލަތަށް ބަލާފައި ފޯޓީ ފްލަސް ރިލީޒް ކުރާނީ. އެހެން ނޫނީ ވަރަށް ބޮޑު ގެއްލުމަކަށް ވާނީ."

"+40" އަކީ ވެސް ޔޫއްޕެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. އެކަމަކު ދޭތީގެ ވާހަކަ ތަފާތުވެފައި، "+40" ގެ ސްކްރީންޕްލޭގައި އާދަޔާހިލާފު ގޮތެއް ހުންނާނެ ކަމަށް ބުންޏެވެ.

"ނޯޓީ 40" އާ އެއްގޮތަށް "+40" ގެ ވެސް މައިގަނޑު ތަރިންނަކީ ޔޫއްޕެ އާއި ސީޒަނާއި އަހުމަދު ސައީދާއި މުހައްމަދު މަނިކެވެ. ޕްރިކްއެލްގެ ބައެއް ތަރިން ސީކްއެލް އިން ނުފެނުނު ނަމަވެސް، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ) ފަދަ ތަރިން ދެވަނަ ބައިން ވެސް ފެނިގެން ދާނެ އެވެ.

އަދި ފިލްމުން އާ ފަސް އެކްޓަރަކު ވެސް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ޒުވާން ހަތަރު ބަތަލާއިންނާއި ބަތަލަކު ހިމެނެ އެވެ.