ހުސައިން މުނައްވަރު ދެން ހަދާނީ އެހެން ޑައިރެކްޓަރުންނަށް ގޮންޖަހައިލާ ވަރުގެ ފިލްމެއް

ރާއްޖޭގެ އެންމެ ޒުވާން ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ހުސައިން މުނައްވަރު (ކުޑަފޫޅު) އަކީ އޭނާގެ ފުރަތަމަ ފިލްމް "ސަޒާ" އާ އެކު ވެސް ބެލުންތެރިންގެ ރާޑަރަށް އަރާފައިވާ ޑައިރެކްޓަރެކެވެ. ފަރިވާ ފިލްމްސް އިން ޕްރޮޑިއުސް ކުރި އެ ފިލްމަށް ފަހު ހުސައިން ވަނީ އިތުރު އެހެން ދެ ފިލްމެއް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ. އެއީ "ދިލަކަނި" އާއި "ނޭނގި ޔާރު ވަކިވީ" އެވެ.


އޭނާގެ ފިލްމަކަށް އަނެއްކާ ވެސް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ އިރު، ހުސައިން ބުނަނީ ކުރިއަށް އޮތީ އަދި މާ ވަރުގަދަ ފިލްމެއް ކަމަށެވެ. އޭނާ ބުނީ ހަތަރު ވަނަ ޑައިރެކްޝަނަކީ ރާއްޖޭގައި މިހާރު ތިބި އެހެން ޑައިރެކްޓަރުންގެ ގޮންޖަހައިލާ ވަރުގެ ކުޅަދާނެ ކަމެއް ދައްކުވައި ދޭނެ ފިލްމެއް ކަމަށެވެ.

މިއީ ކޮން ކަހަލަ ފިލްމެއް ހެއްޔެވެ؟ އަދި އެހެން ޑައިރެކްޓަރުންނަށް ގޮންޖަހައިލާ ވަރުގެ ފިލްމެކޭ ބުނަކީ ކީއްވެ ހެއްޔެވެ؟

"ހަމަ ވަރަށް ޕިޔޯ ލަވް ސްޓޯރީއަކަށް ހަދާ ފިލްމެއް މިއީ. މަގޭ އަމިއްލަ ކޮންސެޕްޓަކަށް ލިޔުއްވާ ސްކްރީންޕްލޭއަކަށް ފިލްމް ހަދާނީ،" އޭނާ ބުންޏެވެ. "އެހެން ޑައިރެކްޓަރުންނަށް ގޮންޖަހައިލާ ވަރުގެ ފިލްމެކޭ ބުނަނީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާނެ ފިލްމަށް މި ފިލްމް ހަމަ ޔަގީނުން ވެސް ވާނެތީ. ފިލްމަކީ ލަވް ސްޓޯރީއެކޭ ބުންޏަސް މީގެ ޑީޓެއިލަކަށް އަދި ދާކަށް ބޭނުމެއް ނޫން."

ހުސައިން ބުނީ ސްކްރީންޕްލޭ ލިޔަނީ ފިލްމަކަށް އަލަށް ސްކްރީންޕްލޭ ލިޔާ ޝާޒް ކިޔާ އަންހެން ކުއްޖެއް ކަމަށެވެ.

"އޭނަ މިހާރު އަންނަނީ މީގެ މަސައްކަތް ކުރަމުން. އަދި މިއަށް މަހުދީ [އަހުމަދު] އާއި ބައެއް އެހެން ސްކްރީންރައިޓަރުންގެ ފީޑްބެކާއި އިންވޯލްވްމަންޓް ވެސް ހޯދާފައި މުޅި އެތި ފައިނަލް ކުރާނީ،" އޭނާ ބުންޏެވެ.

ހުސައިން ޑައިރެކްޓް ކުރި ތިން ފިލްމްގެ ތެރެއިން "ސަޒާ" އާއި "ދިލަކަނި" އަކީ މަހުދީގެ ސްކްރީންޕްލޭތަކެވެ. އަދި 2016 ގައި ގެނެސް ދިން "ނޭނގި ޔާރު ވަކިވީ" އަކީ މިއުޒިކް ޑައިރެކްޓަރު އިބްރާހީމް ނިފާރު (ތިއްތި) ގެ ސްކްރީންޕޭއެކެވެ.

ހުސައިން ބުނީ "ސަޒާ" ގެ ކާމިޔާބީ އަށް ފަހު، އަނެއްކާ ވެސް ޕްރޮޑިއުސަރު މަހުމާ ހުސައިން ރަޝީދުގެ ފަރިވާ އިން އޭނާގެ ހަތަރު ވަނަ ފިލްމް ޕްރޮޑިއުސް ކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަަށެވެ.

"އަސްލު ފަރިވާކޮށް ދިން މަސައްކަތުން މި ހިސާބަށް އާދެވުނީ. އަހަރެން ވަރަށް އުފަލުން މިހުރީ އަނެއްކާ ވެސް ފަރިވާއާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބޭތީ،" އޭނާ ބުންޏެވެ.

ހަތަރު ވަނަ ފިލްމްގެ ޝޫޓިން މި އަހަރު ފެށި ނަމަވެސް، ފިލްމް ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

"މި އަހަރު ހަމަ ޔަގީނުން ވެސް ޝޫޓިން ފަށާނަން. އަދި މި ފިލްމްގެ ބަތަލާގެ ރޯލުން އާ އަންހެން ކުއްޖަކު ފެނުން ވަރަށް ގާތް،" މޮޅު ކެމެރާމަނެއްގެ ގޮތުގައި ވެސް މަޝްހޫރު ހުސައިން ބުންޏެވެ.