އަލީ ސީޒަން އަލަށް އުފައްދާ ފިލްމު ބިނާކުރަނީ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި ހާދިސާގެ މައްޗަށް ކަމަށް އޭނާ ބުނެފި އެވެ.
ސީޒަން ބުނީ "ފިނިފެންމާ: ގައްދާރުވީ ކާކު؟" ގެ ނަމުގައި ހަދާ ފިލްމުގެ ސްކްރިޕްޓް ލިއުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ސީޒަންގެ އަމިއްލަ އެސް ޕްރޮޑަކްޝަނުންނެވެ.
"ސްކްރިޕްޓް ލިޔަމުން މިހާރު މި އަންނަނީ. ފިނިފެންމާ ހާދިސާއާ އެކު ސިޔާސީ ގޮތުން އެ ދުވަސްވަރު ހިނގާފައި ހުރި ގިނަ ކަންތައްތަކެއް ފިލްމުން އެންޓަޓައިނިން ގޮތަކަށް ދައްކުވައި ދޭނަން،" ސްކްރީންރައިޓަރުގެ ނަން ސިއްރުކޮށް ސީޒަން ބުންޏެވެ.
"ރިއަލް އިންސިޑެންޓަކަށް ހަދާ ފިލްމަކަށް ވިޔަސް، މި ޕްރޮޖެކްޓް ވަރަށް ސްމޫތުކޮށް ކުރިއަށް ދާނެ ކަމަށް އުންމީދު ކުރަނީ."
އޭނާ ބުނީ ވަރަށް ގިނަ އަދަދަކަށް ސްޕެޝެލް އިފެކްޓްސް އާއި ސެޓް ވެސް ހަދައިގެން ޝޫޓް ކުރަން ޖެހޭ ފިލްމަކަށް ވާތީ، ބޮޑު ބަޖެޓެއް ބޭނުންވާނެ ކަމަށެވެ. މިހާރު އަންދާޒާކޮށްފައި ވަނީ 1.2 މިލިއަން ރުފިޔާ، އެ ފިލްމަށް ހޭދަވާނެ ކަމަށެވެ.
"ރިއަލް އިންސިޑެންޓަކަށް ހަދާ ފިލްމަކަށް ވިޔަސް، މި ޕްރޮޖެކްޓް ވަރަށް ސްމޫތުކޮށް ކުރިއަށް ދާނެ ކަމަށް އުންމީދު ކުރަނީ."
"މީގެ ސްޕެޝަލް އިފެކްޓްސް މަސައްކަތް ކުރާނީ ލަންކާގެ ކުންފުންޏަކުން. ޕްރިޕްރޮޑަކްޝަނަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ފިލްމް ޝޫޓް ކުރުމުގެ މަސައްކަތް ފަށާނީ،" ސީޒަން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރޯދައިގެ ކުރިން "ފިނިފެންމާ" ރަސްމީކޮށް ލޯންޗް ކުރާނެ އެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނީ އަހަރުގެ މެދު ތެރޭގައި ކަމަށް ވެސް ބުންޏެވެ.
"މި އަހަރުގެ ފަހުކޮޅު ސިނަމާ އަށް ގެނެވޭތޯ ވަރަށް މަސައްކަތް ކުރާނަން،" ފިލްމުން ބޮޑަށް ފެންނާނީ އާ ތަރިންތަކެއްކަން ފާހަގަކޮށް އޭނާ ބުންޏެވެ.
"ފަހަރުގައި ފިލްމުގެ ކުޑަ ރޯލަކުން އަހަރެން ވެސް ފެނިދާނެ. އެކަމަކު މި ފަހަރު ބޮޑަށް ބޭނުން ވަނީ ކެމެރާގެ ފަހަތަށް އެއްކޮށް ހުސްވާން."
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ސީޒަން ބުނީ "ފިނިފެންމާ" ހާދިސާ އަށް ބިނާކޮށް ފިލްމެއް ހަދަނީ ތަފާތު ވައްތަރެއްގެ ފިލްމެއް ބެލުންތެރިންނަށް ގެނެސް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
"އަހަރެން އަބަދުވެސް ބަލަން ސީދާ ލޯބީގެ ފިލްމެއް ހެދުމުގެ ބަދަލުގައި ތަފާތު ކޮންސެޕްޓަކަށް ފިލްމް ހެދޭތޯ،" އޭނާ ބުންޏެވެ.
"ވަރަށް ބޮޑަށް އުންމީދުކުރަން މި ފަހަރު މި ހަދާ ފިލްމު ވެސް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް."
އޭނާ ބުނި ގޮތުގައި "ފިނިފެންމާ" އަކީ ހަމައެކަނި ދިވެހި އޯޑިއަންސަށް ހަދާ ފިލްމެއް ނޫނެވެ. "ފިނިފެންމާ" ލޯންޗް ގޮއްވައިލި ހާދިސާ ބޭރުގެ މީޑިއާތަކަށް ވެސް އަރާފައި ވާތީ، އިންޓަނޭޝަނަލް މާކެޓަށް ވެސް ފިލްމު ވިއްކޭނެ ކަމަށް އޭނާ ބުންޏެވެ.