03 މާޗް 2018 - 15:37
އައިޝްވަރިޔާ ރާއީ އާއި އަނިލް ކަޕޫރު އަދި ރާޖްކުމާރު ރާއޯ ތަރިންގެ ގޮތުގައި ބައިވެރިވާ "ފޭން ޚާން" ރިލީޒްކުރުން ފަސްކޮށްފި އެވެ. ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ޖޫން 15 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން ފިލްމު ރިލީޒްކުރާނީ ޖުލައި 13 ގަ އެވެ.
މި ފިލްމު ރިލީޒްކުރާ ތާރީޚް ބަދަލުކުރާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. ސަބަބަކީ ފިތުރު އީދަކީ އަބަދުވެސް ސަލްމާންގެ ފިލްމުތައް ރިލީޒްކުރާ ދުވަހަކަށް ވެފައި މިފަހަރު ވެސް ފިތުރު އީދާ ދިމާކޮށް ޖޫން 15 ވަނަ ދުވަހު ސަލްމާންގެ "ރޭސް 3" ރިލީޒްކުރަން ހަމަޖެހިފައި ވާތީ އެވެ.
ސަލްމާންގެ ފިލްމަކާ އެއް ދުވަހަކު އެހެން ފިލްމެއް ރިލީޒްކުރުމަކީ އަމިއްލަ އަތުން ފިލްމު ހަލާކުކޮށްލުން ފަދަ ކަމެކެވެ. ބޮކްސް އޮފީހުގައި ސަލްމާންގެ ބާރު އެހާވެސް ގަދަ އެވެ.
"ރޭސް 3" އާއި "ފޭން ޚާން" ގައިި ވެސް އަނިލް ކަޕޫރު މުހިއްމު ރޯލެއް އަދާކުރާ ކަމެވެ.
"ފޭން ޚާން"ގައި އައިޝްވަރިޔާ ކުޅެނީ ލަވަކިޔުންތެރިއެއްގެ ރޯލެވެ. އަދި އޭނާގެ ލޯބިވެރިޔާގެ ރޯލު ކުޅެނީ ރާޖްކުމާރު ރާއޯ އެވެ. "އެވްރިބޮޑީސް ފޭމަސް" ކިޔާ ޑަޗް ފިލްމެއްގެ ރިމޭކް އެކެވެ.
މި ފިލްމުގައި ލަވަކިޔުންތެރިއެއްގެ ރޯލު އަދާކުރުމުގެ އިތުރުން މިއީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރަށް އައިޝްވަރިޔާ ދޭ ޓްރިބިއުޓަކަށް ވެސް ވާނެ ކަަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
"ފިލްމުގައި އައިޝްވަރިޔާ ކުޅެނީ މަޝްހޫރު ލަވަކިޔުންތެރިއެއްގެ ރޯލު. އަދި މި ކެރެކްޓާއަކީ ލަތާގެ ފޭނެއް. ލަވަކިޔުންތެރިއެއްގެ ރޯލު ކުޅޭއިރު ލަތާގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެ،" ފިލްމާ ގުޅޭ މައުލޫމާތު ދިން މީހަކު އިންޑިއާގެ ނޫހަކަށް ބުނެފައިވެ އެވެ.
މި ފިލްމުގައި ބައެއް އޮރިޖިނަލް ޓްރެކްތަކުގެ އިތުރުން ލަތާގެ މަޝްހޫރު ބައެއް ލަވަތައް ވެސް އަލުން އުފައްދައި ހިމަނަން ވަނީ ހަމަޖެހިފަ އެވެ. މިހިސާބުން އަދި ފިލްމާ ލަތާ އާ އޮތް ގުޅުމެއް ނުނިމެ އެވެ. ފިލްމުގައި އަނިލްގެ އަންހެންދަރިފުޅުގެ ރޯލު އަދާކުރާ ކުއްޖާގެ ނަމަކީ ވެސް ލަތާ އެވެ. އަދި މި ކެރެކްޓާއަކީ ވެސް ލަވަކިޔުންތެރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy