ސަތަރޭ: ބޮޑުވަޒީރު މޯދީގެ ބައޮޕިކްގައި މޯދީގެ ރޯލް ކުޅޭނެ.
07 މާޗް 2018 - 06:37
ކުރިން އަޑު އަރާފައި އޮތް ގޮތުން އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމްގައި މޯދީގެ ރޯލް ކުޅޭނީ އެކްޓަރު ޕަރޭޝް ރާވަލް އެވެ.
ނަމަވެސް އިންޑިއާގެ ލޯކް ސަބާގައި، ވެރިކަން ކުރާ ބީޖޭޕީ ތަމްސީލު ކުރާ މެމްބަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ) ވަނީ މޯދީގެ ބައޮޕިކްގައި ބޮޑުވަޒީރުގެ ރޯލް އަދާ ކުރާނީ އޭނާކަން ކަށަވަރުކޮށް ދީފަ އެވެ.
އިންޑިއާގެ ސިނަމާއަށާއި ސިޔާސީ ދާއިރާ އަށް ސަތަރޭ ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް އިނގިރޭސިވިލާތުގައި ނެރޭ ބްރިޓްންސް އޭޝިއަން ވޮއިސް ވީކްލީން އޭނާ އަށް "ޕޮލިޓިކަލް އެންޑް ޕަބްލިކް ލައިފް އެވޯޑް އަރުވަން" ބޭއްވި ހަފުލާގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނުގައި ސަތަރޭ ބުނީ ބޮޑު ސްކްރީނުގައި ވަރުގަދަ ޝަހުސިއްޔަތެއްގެ ރޯލް އަދާ ކުރަން ލިބިފައިވާ ކަމަށާއި އެ މީހަކީ މޯދީ ކަމަށެވެ.
މޯދީގެ ބައޮޕިކް ޕްރޮޑިއުސް ކުރަނީ ޝީތަލް ވިނޯދް ތަލްވާރް އެވެ. އަދި ފިލްމް ޑައިރެކްޓް ކުރަނީ އޭނާގެ އަންހެނުން ބަވާނާ ތަލްވާރް އެވެ. އޭނާ މީގެ ކުރިން ޑައިރެކްޓް ކުރި ފިލްމްތަކުގެ ތެރެއިން ޝާހިދު ކަޕޫރްގެ ބައްޕަ ޕަންކަޖް ކަޕޫރު ކުޅުނު 2007 ގެ ފިލްމް "ދަރަމް" އަކީ ކްރިޓުންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމެކެވެ. ބަވާނާ އެންމެ ފަހުގެ ފިލްމަކީ 2010 ގައި ރިލީޒް ކުރި "ހައްޕީ" އެވެ.
އޭނާ ޑައިރެކްޓް ކުރާ މޯދީގެ ބައޮޕިކުން ސަތަރޭ ފެންނާނެކަން ކަށަވަރުކޮށް ދިން ނަމަވެސް ފިލްމް ސިނަމާތަކަށް އަންނާނެ ތާރީހެއް އަދި ނުނިންމަ އެވެ. ފިލްމްގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ.
ސަތަރޭ، އަންހެނުންނާއި ދަރިފުޅު ސޮނާކްޝީއާ އެކު ބޮޑުވަޒީރު މޯދީއާ އެކު.
މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާގެ ބައްޕަ ސަތަރޭ، 72، އަކީ 1970 ގެ އަހަރުތަކުގައި ވަރަށް ވިދާލި އަދި ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ އެކްޓަރަކެވެ. އޭގެ ތެރޭގައި "ނަސީބު" އާއި "ދޯސްތާނާ" ފަދަ ފިލްމްތައް ފާހަގަކޮށްލެވެ އެވެ.
ފަހުން ސިޔާސީ ދާއިރާ އަށް ވަދެ، ސަތަރޭ ވަނީ ތަފާތު މިނިސްޓްރީތަކުގެ ވަޒީރުކަން ވެސް ކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފިލްމަކުން ފެނުނީ 2010 ގައި ރިލީޒް ކުރި "ރަކްތަ ޗަރިތުރާ" އިންނެވެ. "އެނީތިން ބަޓް ހާމޯޝް" ގެ ނަމުގައި މިދިޔަ އަހަރު ވަނީ ސަތަރޭގެ ބައޮގްރަފީ ވެސް ނެރެފަ އެވެ.
ކޮންގްރެސް ޕާޓީގެ ވެރިކަމުގައި އިންޑިއާގައި ބޮޑުވަޒީރުކަން ކުރި މަންމޯހަން ސިންގްގެ ހަޔާތުގެ މައްޗަށް ވެސް ބޮލީވުޑްގައި އަންނަނީ ފިލްމެއް ހަދަމުންނެވެ. "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ ނަން ދީފައިވާ ފިލްމްގައި މަންމޯހަން ސިންގްގެ ރޯލް ކުޅެނީ އަނޫޕަމް ކޭރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޑް
08 March 2018
ތި ސަތަރޭ ތީ ވ ބޮޑާ މީހެއް. ހިތުން ވަރަށް ވެފަ އެހެރީ މޯދީ ބައި ކުޅެން، އަމީތާބު އާ ވ ވާދަކުރާނެ އެކަމަކު އެއް އިރެއްގައި ވެސް ތި ސަތަރޭ އަކަށް އަމީތާބު އާ ކައިރި ވެސް ކޮށްނުލެވޭ، ސިފައެއް ހުރީކީ އެއްނުން.. ނަށަން އިގެނީ ކީއެއްނުން.. ހުސް ހަޅޭލަވަން އިގެނީ
ޕޮއިންޓް 1
08 March 2018
ސަތަރޭ ގެ ލިޔެފައިވާ ދެ ފިލްމަކީ ވެސް 80 ގެ އަހަރު ތަކުގެ ފިލްމް... 80 ގެ ކުރީކޮޅު ސަތަރޭ ވ. މަސްހޫރު....
ޝަތްރު
07 March 2018
ސަތަރޭ އޭ ތިކިއަނީ ކީއްވެ؟؟