ފިލްމެއްގެ މަންޒަޒެއް ޝޫޓް ކުރަނީ: ފިލްމްތަކަށް ކުރާ ހަރަދާއި ލިބޭ އާމްދަނީ އާންމު ނުކުރުމަކީ ވަރަށް ބޮޑު އުނި ކަމެއް.
31 މާޗް 2018 - 07:21
މިއީ ވަރަށް ތަފާތު ފިލްމެކެވެ. މި އަހަރު ނުކުންނާނެ އެންމެ މޮޅު ފިލްމެވެ. މިއީ މާސްޓަޕީސްއެކެވެ. ބެންޗްމާކް ގާއިމުކުރާނެ ފިލްމެކެވެ. މި ވަރުގެ ފިލްމެއް ދެން އެހެން ބަޔަކަށް ނެހެދޭނެ އެވެ. މިއީ ފިސާރި ފިލްމެކެވެ؛ މި ހުރީ މުޅިން ވެސް ދިވެހި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އެންމެ އާންމު އަތްމަތީ ބަސްތަކެވެ.
އެ ބައެއްގެ ފިލްމް ޕްރޮމޯޓްކުރާނެ ގޮތެއް އެނގޭނީ އެ ބަޔަކަށެވެ. އެހެންވެ އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ދައްކަން ބޭނުން ވަނީ ދިވެހި ފިލްމްތައް ހަދަން ހޭދަކުރާ ބަޖެޓާއި ފިލްމް ދައްކައިގެން ލިބޭ އާމްދަނީގެ ވާހަކަ އެވެ. ފިލްމެއް ކާމިޔާބު ފިލްމެއް ގޮތުގައި، އެންމެ ބޮޑަށް ކިރައިލެވެނީ ވެސް، ފިލްމް ދައްކައިގެން ހޯދާ އާމްދަނީންނެވެ. ފިލްމަށް އާންމުން ދޭ ތަރުހީބުންނެވެ.
ހޮލީވުޑާއި ބޮލީވުޑްގައި ވެސް ފިލްމީ ވިޔަފާރި ވަރަށް ފަސޭހަ އިން ދިރާސާ ކުރެވޭނެ ގޮތްތައް އެބަ ހުއްޓެވެ. ފިލްމަކަށް ލިބޭ އާމްދަނީއަކީ އަބަދު ވެސް ވަރަށް ދެފުށް ފެންނަ ގޮތަށް ހާމަ ކުރެވޭ އަދަދުތަކެވެ. ފްލޮޕެއްތޯ، އެވްރެޖް ފިލްމެއްތޯ، ހިޓެއްތޯ ނުވަތަ ބްލޮކްބަސްޓާއެއްތޯ އެ އަދަދުތަކުން މިން ކުރެވޭނެ އެވެ.
މިދިޔަ އަހަރު ބޭއްވި ދިވެހި ފިލްމް އެވޯޑްސް ހަފުލާގެ ތެރެއިން.
ރާއްޖޭގައި މި ނިޒާމު ނެތުމަކީ ވަރަށް ބޮޑު އުނިކަމެކެވެ. އެއީ ބޮކްސް އޮފީސް ސިސްޓަމް ނެތުމުން ދިމާވާ މައްސަލައަކަށް ވެދާނެ އެވެ. ނޫނީ ރާއްޖޭގައި ފިލްމް ޑިސްޓްރިބިއުޝަން ނިޒާމެއް ނެތުމަކީ ވެސް މައްސަލައަކަށް ވެދާނެ އެވެ. އަނެއް ކަމަކީ ފިލްމީ ދާއިރާ ރެގިއުލޭޓް ކުރެވޭނެ ބޮޑީއެއް ވެސް ނެތުމެވެ.
އެކަމަކު ރާއްޖޭގައި ވެސް ފިލްމީ ވިޔަފާރި ފުޅާވެ، އުފައްދާ ފިލްމްތައް ވެސް އިތުރުވަމުން އަންނަ އިރު، ފިލްމީ ވިޔަފާރީގެ "ހަފަރާތް" ބެލެން ޖެހޭނެ އެވެ. ފިލްމެއް އުފައްދަނީ ކިހާ ވަރެއްގެ ބަޖެޓަކުންތޯ އާއި ފިލްމް ދައްކައިގެން ލިބުނީ ކިހާ ވަރެއްގެ އާމްދަނީއެއްތޯ ހަގީގަތުގައި އާންމު ކުރުމަކީ މުހިއްމު ކަމެކެވެ. އެއީ ޓިކެޓް ގަނެގެން، ސިނަމާ އަށް ވަދެ ފިލްމް ބަލާ މީހުން ވެސް ބަލަން ބޭނުން ވާނެ ކަމެކެވެ. އަދި މިއީ ފިލްމީ ވިޔަފާރިތަކަށް ލޯބިކުރާ މީހުން ވެސް ވަރަށް ޝައުގުވެރި ވާނެ ދާއިރާއެކެވެ.
ޔަގީންކޮށް ބުނަން އެނގެނީ ފައިދާ ނުވާ ނަމަ، ޕްރޮޑިއުސަރުން ވެސް އެ މީހުންގެ ފައިސާ އިންވެސްޓް ނުކުރާނެ ކަމެވެ. މިކަމަކީ މާ ބޮޑު ފައިދާއެއްވާތީ ކުރާ ކަމެއް ނޫން ކަމަށާއި މިއީ ފިލްމީ ދާއިރާ އަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ކުރާ ކަމެއް ކަމަށް ބުންޏަސް އެ ވާހަކަ ގަބޫލެއް ނުކުރެވޭނެ އެވެ. ފައިދާ ނުވާ ކަމަށް އިންވެސްޓް ކުރުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟
ރާއްޖޭގައި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ފިލްމްތަކުގެ ބަޖެޓާއި އާމްދަނީ ހާމަ ކުރަން ފަސް ޖެހުމަކީ ބޮޑު މައްސަލައެކެވެ. އެ މީހުން ފިލްމް ހަދާފައި، ފިލްމް އަޅުވާފައި މިއީ ބޮޑު ހިޓެކޭ ބުނީމާ އެ ހިސާބުން އެކަން ގަބޫލުކޮށްލައިގެން ތިބެންވީ ހެއްޔެވެ؟
ފިލްމެއްގެ ޕްރިމިއާއެއްގެ ތެރެއިން.
ވަރަށް މަދު ފަހަރެއްގައި ނޫނީ ދިވެހި ފިލްމެއް ހަދަން ހޭދަކުރަނީ ކިހާ ވަރެއްގެ ބަޖެޓެއް ކަމެއް ޕްރޮޑިއުސަރުން/ޑައިރެކްޓަރުން ހާމައެއް ނުކުރެ އެވެ. އޭގެ ނަތީޖާއަކީ ފިލްމް ދައްކައިގެން، ފިލްމަށް ކުރި ހަރަދު ވެސް އަނބުރާ ލިބުނުތޯ ފިލްމީ ކަންކަމަށް ޝައުގުވެރިކަން ދޭ މީހުންނަށް ވެސް ކަށަވަރެއް ނުވެ އެވެ.
ޔަގީނުން ވެސް ދިވެހި ސިނަމާގައި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އެންމެ ގަޔާވާ ނުވާނެ ވާހަކައަކީ އެ މީހުންގެ ފިލްމްޔަކުގެ ފީކަޅާކަމުގެ ވާހަކަ ދެއްކުމެވެ. ފާހަގަކުރަން ޖެހޭ ކަމަކީ މި ފަހުން ވެސް ބަލާނެ ބަޔަކު ނުވެގެން ސިނަމާ އިން ނަގަން ޖެހުނު ފިލްމްތަކެއް ހުރި ކަމެވެ. ފިލްމެއްގެ ތިން ހަތަރު ޝޯ ދައްކައިފައި އެއީ، ކާމިޔާބު ފިލްމެކޭ ބުންޏަސް ގަބޫލު ކުރެވޭނެ ހެއްޔެވެ؟
ފެންވަރު ރަނގަޅު ދިވެހި އުފެދުންތަކަށް އޯޑިއަންސް ވެސް މިހާރު އެދެމުންދާތީ، ފިލްމީ ދާއިރާއާ ގުޅުން ހުރި ކަންކަން ބެލެވޭނެ ހަރުދަނާ ނިޒާމްތަކެއް ގާއިމުކުރަން ޖެހެ އެވެ. ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ގެ މަސްއޫލިއްޔަތުގެ ތެރެއަށް ފިލްމީ ދާއިރާ ވެސް ވަދެފައި އޮންނާތީ، މިހާރަށް ވުރެ ބޮޑަށް، އެންސީއޭގެ ދައުރު ބޮޑު ކުރަން ޖެހެ އެވެ. ފިލްމް އަޅުވަން ކުއްޔަށް އޮލިމްޕަސް ދޫކޮށްފައި، އެވޯޑް ހަފުލާއެއް ބާއްވައި ދިނުމަކުން ނުފުދެ އެވެ.
ހަމައެއާ އެކު ރަށްރަށުގައި ވެސް ފިލްމް ދެއްކޭނެ ފަސޭހަ ގޮތްތަކެއް އެންސީއޭ އިން ހޯދައި ދޭން ޖެހެ އެވެ. މިހާރު ރަށެއްގައި ފިލްމެއް އަޅުވަން ޖެހިއްޖެ ނަމަ އުފުލަން ޖެހޭ ތަކުލީފު ވަރަށް ބޮޑެވެ. ސީދާ އެންސީއޭގެ ދަށުން އެކަން ކުރެވޭނެ އިންތިޒާމްތަކެއް ހޯދައި ދިނުމަކީ، ފިލްމްތަކާ ގުޅުން ހުރި ކަންކަން އެންސީއޭ އަށް ވެސް ފަސޭހަ އިން ބެލޭނެ ގޮތަކަށް ވާނެ އެވެ.
ދިވެހި ފިލްމެއްގެ ޝޫޓިންގެ ތެރެއިން.
ގައުމީ ފެންވަރުގެ އެވޯޑެއް، އެންސީއޭ އިން ފިލްމީ ދާއިރާ އަށް ގެނެސް ދޭތީ، ފިލްމީ ވިޔަފާރިއަކީ ވެސް އެތަނުން ބަލަން ޖެހޭ ކަމެކެވެ. އެވޯޑަކަށް ފިލްމެއް ޖަޖް ކުރާ އިރު، ވިޔަފާރީގެ ގޮތުން ފިލްމް ހޯދި ކާމިޔާބީއަކީ ވެސް ކޮންމެ ވެސް ވަރަކަށް ބެލޭ މިންގަނޑަކަށްވާތީ، އެކަން އެންސީއޭ އަށް އެނގޭނެ ގޮތެއް ހޯދަން ޖެހެ އެވެ. އެއީ ނުކުރެވޭނެ ކަމެއް ނޫނެވެ.
ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވެސް ފަސްނުޖެހެންވީ ފިލްމްތަކަށް ހޭދަ ކުރާ ބަޖެޓް ހާމަ ކުރުމަށެވެ. ފިލްމު ދައްކައިގެން ލިބުނު އާމްދަނީ ވެސް ސިއްރު ނުކުރުމެވެ.
އެއީ ކާމިޔާބު ފިލްމެއް ކަމަށް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަމިއްލަ އަށް ނިންމިޔަސް، އެކަން ދިވެހި އޯޑިއަންސް މިހާރު ގަބޫލެއް ނުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީބަލީ
31 March 2018
ދިވެހި ފިލްމަކަށް ޓީވީ ޕްރޮގުރާމެއްގެ ފާޑު ކިޔައިގެން ފިލްމު ފުލޮޕްވީކަމަށް ބުނެ ފާޑުކިއި ފަރާތް ގޮވައިގެންވެސް ޑައިރެކްޓަރުން އެބަހުރި ކޯޓައްވެސް ގޮއްސަ. އެހެންވީމަ ދިވެހި ސިނަމާގަ އޮންނާ ހަމަ އެކަނި ފިލްމުގެ މޮޅުކަމުގެ ވާހަކަ އެކަނި ދެއްކުން. އެހެންވާހަކައެއް ނުދެއްކޭނެ.
ގޮތްޔެ
31 March 2018
ޢަބަދުވެސް ފެންނަނީ ފިލްމީ ދާއިރާއައް ތައުރީފް ކޮއްފަ ހުންނަ ރިޕޯޓު އަދި މިފެނުނީ ސަޅި ރިޕޯޓެއް ކިޔަންބޭނުން ވާ ފާޑެއް ސިޔާސީ ބޭފުޅުންނައް ކިޔަަފަދައިން ފަސްޖެހުމެއް ނެތި ފިލްމު ތަކައް ކިޔުންވެސް އެދެން
އަމީތާބު
31 March 2018
ކިތަންމެ ކޮސްފިލްމެއް ވިއަސް އެފިލްމެއް ހަދާ މީހުން އޭގެ މޮޅުވާހަކަ ދައްކާގެން މަނީ މޭކް ކުރަން ބޭނުންވާނެ!
ވަކަރުގޭ ބަބީތާ
31 March 2018
އަމްޖޭ މެން މާއެނބޫ މެންގެ ފިލްމް ހިޓުވާ ވާހަކަ މިޒަމާނުގަ ބުންޏަސް ވ. ގަބޫލު ކުރަންދަތި. ފިލްމަށް ހޭދަވީ ވަރާ ފައިދާ ޖެހުނު ވަރު ބެލީމަ ނޫނީ ގަބޫލު ނުކުރެވެނެ. ބަލާނެ އެއްޗެއް ނެތި ލަޓޯ ފަޓޯ ޒަމާނުގަ މި މީހުންގެ ފިލްމް ތަައް ދިވެހިން ބެލިޔަސް މިހާރު މިއުޅޭ ޒުވާން ޑައިރެކްޓަރުންނާ ގާތައްވެސް މި މީހުންނަކަށް ފިލްމެއް ނެހެދޭ..
1234
31 March 2018
ދެން ތިކަން ނުކުރީމަ ނިމުނީނު!
ނަހުލާ
31 March 2018
މަގޭ ބޮސް ރާއްޖޭ 125 ރަށިގަ ދެއްކިން އޮލިމްޕަހުގަ 35 ޝޯ، ގައިމު ގޮތެއްހުރީމަ މީހުން ފިލްމަށް ވަނީ
40 ޕްލަސް
31 March 2018
ގައިމުވެސް ނޮޓީ 40 ތަފަތުވާނެ، ބެލި މީހުނަށް އިނގޭނެ، ފޮނި ނޫންކަން ކެނޑީ
ކުރަފީ
31 March 2018
ފިލްމީ ހަބަރު ގެނެސްދޭ ލިޔުންތެރިންނަށް ސިނަމާގައި ފިލްމް އަޅުވައިގެން ލިބޭނެ ވަރު ހޯދި ލަފާ ކޮށްފަ.. ސުރުހީގައި ފާހަގަ ކުރިގޮތައް ރާއްޖޭގައި ނުހަދާ ފްލޮޕް ފިލްމެއް ޑައިރެކްޓަރ ޕުރޮޑިއުސަރުންގެ ބަހުން.. އެއްމެފަހުން ބުނާނީ ބެލުންތެރިން ފިލްމް ރީތިވެގެން ގުޅާވަރުން ފޯން ނިވައިގެނޭ މިއުޅެނީ.
ޒަރީން
31 March 2018
ފިލްމްތައް ހިންގަނީ ފިލްމް ބަލާމީހުން.. ރާއްޖޭގައި އެވޯޑްދޭއިރު ފިލްމް ހިންގައި ފިލްމް ހެދި ފަރާތްތަކާއި ސިނަމާތަކަށް ބޮޑު އާމްދަނީއެއް ހޯދައިދިން ފިލްމްބަލަން ސިނަމާއަށްދިޔަ މީހުނަށް އެއްވެސް އިހްތިރާމެއް ގިނަ ބައެއްގެ ޗޮއިސްއަށް ބެލުމެއް ނޯވޭ.. ދެން އޮތީ ތަނަކުން ތަނަކު ލައްވާ ނުލާ ފިލްމްހަދާ މީހުން އެއީ އެއްމެ ފޮނިކަނޑާ މީހުން ރާއްޖޭގައި..
ވާލުސޮރު
31 March 2018
ނޫސްވެރިންގެ މައުލޫމާތު ކުޑަތަންކޮޅެއް އިތުރުކޮށްލަން އެބަޖެހޭ. ރާއްޖޭގަ ފިލްމް ހަދާ ބައެއް ޕްރޮޑިއުސަރުން އެއްވެސް ފައިދާއެއް ނެތަސް އަދި ކިތަންމެ ބޮޑު ގެއްލުމެއްވިޔަސް ފިލްމް އުފައްދަފާނެ. މިގޮތުން ތަންކޮޅެއް ކުރިން ދެ ވިޔަފާރިވެރިޔަކާ މަޝްހޫރު ފިލްމީ ފަންނާނެއް ގުޅިގެން އުފެއްދި ކުންފުންޏަކުންވެސް ފިލްމް ތަކެއް އުފައްދާ އަދި އިތުރު ފިލްމް އުފެއްދޭތޯވެސް އުޅުނު. ޢާޚިރުގަ ހުރިހާ ގެއްލުމެއްވީ އިންވެސްޓްކުރި ދެ ވިޔަފާރިވެރިންނަށް. ސްޓޫޑިއޯ "ދަރާ ވިކުނު" އިރު ފިލްމް އުފައްދަން ގަތް ސާމާނުކޮޅު ދިޔަ ދިމާލެއްވެސް އިންވެސްޓަރުންނަކަށް ނޭގުނު. މިހެން ކިޔާނެ ލައްކަ ބައިވަރު އެބަހުރި.