ކައިލީ: އޭނާގެ އާ އަލްބަމް "ގޯލްޑެން" މި މަހުގެ 6 ގައި ނެރޭނެ.
02 އެޕްރީލް 2018 - 06:57
އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކައިލީ މިނޯގްގެ އާ އަލްބަމް މި މަހުގެ ހަ ވަނަ ދުވަހު ނެރޭނެ އެވެ.
އެ އަލްބަމާ ބެހޭ ގޮތުން ކައިލީ، 49، ބުނީ މުޅި އަލްބަމްގައި ހުންނާނީ އޭނާގެ އަމިއްލަ ވާހަކަތައް ކަމަށެވެ. އެކަމަކު އެއީ ލޯބީގައި ކުރަން ޖެހުނު ހިތްދަތި ބައެއް ތަޖުރިބާތަކުގެ ވާހަކަތައް ނުލަ އެވެ. ކައިލީ ސިފަކުރި ގޮތުގައި "ގޯލްޑެން" އަކީ އޭނާގެ އަމިއްލަ ނަފުސު ބަލައިގަތުމާއި، އަމިއްލަ ނަފުސަށް އިތުބާރުކުރުން ކަހަލަ ކަންކަމަށް ހާއްސަކޮށްފައިވާ ވާހަކަތަކެއް ކިޔައިދޭ ލަވަތަކެއް ހިމެނޭ އަލްބަމެކެވެ.
ޖުމުލަ 11 ލަވަ ހިމެނޭ އަލްބަމްގެ ލަވަތައް ލިޔެފައި ވަނީ ކައިލީ އެވެ. އޭނާ ބުނީ ލަވަ ހެދުމަކީ "ތެރަޕީއެއް" ކަމަށެވެ. އަލްބަމްގެ ޓްރެކްތަކުގެ ތެރޭގައި ހިމެނޭ "ޑާންސިން" ވަނީ މިދިޔަ ޖެނުއަރީ މަހުގެ 19 ގައި އާންމުންނަށް ދޫކޮށްލައިފަ އެވެ.
ONE WEEK UNTIL #GOLDEN 💛 @kylieminogue pic.twitter.com/XDAWSzkv8u
— Lewis. (@lewniverse) March 30, 2018
ކައިލީގެ ޓްވީޓެއް.
"އަހަރެން ވަރަށް ގަޔާވާ ކަމެއް ލަވަ ހެދުމަކީ. ގޯލްޑެންއަކީ އަހަރެންގެ ހިތްހަލާކުވެގެން އުދާސްތައް ބޭރުކޮށްލާ ކަހަލަ ލަވަތަކެއް ހިމެނޭ އަލްބަމެއް ކަމަށް ބައެއް މީހުންނަށް ހީކުރެވުނަސް އެހެނެއް ނޫން،" 14 ވަނަ އަލްބަމާ ބެހޭ ގޮތުން ކައިލީ ބުންޏެވެ. "މީގެ ލަވަތަކަކީ އުފާވެރިކަން އިހުސާސް ކުރެވޭ ކަހަލަ ވާހަކަތަކެއް ކިޔައިދޭނެ ވަރަށް ޕޮޒިޓިވް އިހުސާސްތަކެއް ގެނުވައި ދޭނެ ލަވަތަކެއް."
"މޫލިން ރޫޖް" ފަދަ ފިލްމްތަކުގައި އެކްޓް ވެސްކޮށްފައިވާ ކައިލީ އެންމެ ފަހުން ނެރުނު އަލްބަމަކީ 2015 ގެ "ކައިލީ ކްރިސްމަސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy