"ގޮށްރާޅު" އަކީ ޑާކް ރެއިނުން ޑިސެމްބަރު މަހު ގެނެސް ދޭން ނިންމާފައިވާ ފިލްމެއް.
27 އެޕްރީލް 2018 - 07:20
އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމިގެންދާ އިރު، ދިވެހި ސިނަމާގައި އޮތީ މި އަހަރު އެޅުވި ހަތަރު ވަނަ ފިލްމެވެ. އެއީ މި މަހުގެ 21 ގައި ދައްކަން ފެށި މަރިޔަމް (މަރީ) މޫސާ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ތިޔަ ލޯތްބާ ދުރަށް" އެވެ.
އަހަރުގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީ 6 ގައި އެޅުވި ޔޫސުފް (ޔޫއްޕެ) ޝަފީއުގެ "ދެވަންސޫރަ" އެވެ. އޭގެ މާޗް 5 ގައި ޑާކް ރެއިން އެންޓަޓަމަންޓްގެ "ވަކިން ލޯބިން" ގެނެސް ދީފައި ވާއިރު، މާޗް 24 ގައި އެޅުވީ އަމްޖަދު (އަމްޖޭ) އިބްރާހީމްގެ "ރޭވުމުން" އެވެ. މި ފިލްމްތަކަށް ބަލާ އިރު، މި އަހަރު މިހާތަނަށް އެންމެ ހިނގި ފިލްމަކީ އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓް ކުރި "ވަކިން ލޯބިން" އެވެ.
މި އަހަރަކީ ކުރިން ގިނަ ފިލްމްތަކެއް ސިނަމާ އަށް އަންނާނެ ކަމަށް ބެލެވުނު އަހަރަކަށް ވިޔަސް، އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި މާ ގިނަ ފިލްމްތަކެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. ތިން ހަތަރު ފިލްމެއް ސިނަމާ އިން އަދި ބަލައިލަން ލިބޭނެ ކަމަށް އުންމީދު ކުރެވެ އެވެ. ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވުމާ އެކު، ކުރިއަށް މިއޮތް މަހެއްހާ ދުވަހު ފިލްމެއް ސިނަމާ އަށް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.
މި އަހަރު އަޅުވާނެ ކަމަށް އުންމީދު ކުރެވޭ ބައެއް ފިލްމްތަކުގެ މަތިން ކުޑަކޮށް ހަނދާން އާކޮށްލަމާ ހިނގާށެވެ.
މި ފިލްމަކީ އެކްޓަރު އަބްދުﷲ (މުއާ) މުއާޒް ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމެކެވެ. މީގެ އަހަރުތަކެއް ކުރިން ވިޔަފާވެރިންގެ ޖަމިއްޔާގެ ފާހާނާތެރޭގައި މަރައިލި، އެތަނުގެ ސެކްރެޓަރީ އަޒްލީނާ ނަފީސްގެ މަރު އަސްލަކަށް ބަލައިގެން ހަދާފައިވާ "ލީނާ" ގެ ޝޫޓިން އޮތީ ނިމިފަ އެވެ.
"Leena" ge shooting nimmaalaifi
The most trusted news source in the Maldives
Mihaaru
"ލީނާ" އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާ ފިލްމެއް.
މުއާ ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމް މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ސިނަމާ އަށް ގެންނާނެ އެވެ. އެކަމަކު "ލީނާ" ގެ ޕްރޮމޯޝަނަލް އެއްވެސް މަސައްކަތެއް އަދި ނުހިނގާތީ މި ފިލްމް ރޯދައިގެ ކުރިން ފެންނާނެ ކަމަކަށް ނުބެލެވެ އެވެ. "ލީނާ" ގެ ކާސްޓުންގެ ތެރޭގައި މަރިޔަމް އައްޒަ، ޒީނަތު އައްބާސް، އަހުމަދު ނިމާޒް، އަލީ (ދޮންއައްޔަ) އާޒިމް، ނުޒުހަތު (ނުޒޫ) ޝުއައިބް) އަދި އަހުމަދު ސައީދު ފަދަ ތަރިން ހިމެނެ އެވެ.
މި ފިލްމަކީ މިދޔަ އަހަރު ގެނެސް ދިން ފިލްމް "ނޯޓީ 40" ގެ ދެވަނަ ބައެވެ. އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށް، ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށްފައިވާ "40+" އަކީ އޮގަސްޓް 1 ގައި ރިލީޒް ކުރާނެ ކަމަށް އިއުލާންކޮށްފައިވާ ފިލްމެކެވެ.
"40+" ގެ ފަސްޓްލުކް.
މިހާރު ޝޫޓިން ވެސް ނިމިފައި އޮތް މި ފިލްމްގެ މުހިއްމު ތަރިންގެ ތެރޭގައި "ނޯޓީ 40" ގެ މައިގަނޑު ކާސްޓް ހިމެނެ އެވެ. އޭގެ ތެރޭގައި ޔޫއްޕެ، އަލީ ސީޒަން، މުހައްމަދު މަނިކު، ފާތުމަތު (އަޒޫ) އާޒިފާ، އަހުމަދު ސައީދު، އިބްރާހީމް (ޖިމީ) ޖިހާދު އަދި އަލީ ދޮންއައްޔަ ހިމެނެ އެވެ. އަދި ފިލްމަށް އިތުރުވި މަޝްހޫރު ތަރިންގެ ތެރޭގައި މުހައްމަދު ފައިސަލާއި ޝީލާ ނަޖީބް ހިމެނެ އެވެ.
"40+" ވެގެން ދާނީ އާ އެކްޓަރުންތަކެއް ވެސް ފެނިގެން ދާނެ ފިލްމަކަށެވެ.
މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކުރާ ފިލްމްގެ ޝޫޓިން މި މަހުގެ 26 ގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
"ނިވައިރޯޅި" ގެ ކާސްޓުންގެ ތެރޭގައި ނިއުމާ އެކު، ޔޫއްޕެ، އަހުމަދު އާސިމް، އައިމިނަތު ރިޝްފާ، ޒީނަތު، ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ޝަކީލާ، އައިމިނަތު (އައިންތު) ރަޝީދާ، މަރިޔަމް ހަލީމް، އިސްމާއީލް ޒާހިރު، އަހުމަދު ޒިޔާ، އަޖްނާޒް އަލީ އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.
އަހުމަދު ޝިނާން ޑައިރެކްޓް ކުރާ "ގޮށްރާޅު" އަކީ ޑާކް ރެއިނުން ކުރިން އެޕްރީލް 5 ގައި ރިލީޒް ކުރަން ތާވަލު ކުރި ފިލްމެކެވެ. އެކަމަކު މިހާރު ފިލްމް ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު މަހު ތެރޭގެ އެވެ. މޫމިންގެ ސްކްރީންލޭއަކަށް، ސިނާން ޑައިރެކްޓް ކުރާ "ގޮށްރާޅު" އަކީ ކްރައިމް ތުރިލާއެކެވެ.
"ގޮށްރާޅު" ގެ މޯޝަން ޕޯސްޓަރު.
މީގެ ކާސްޓުން ވަރަށް ގިނަ އާ މޫނުތަކެއް ވެސް ފެނިގެންދާ އިރު، ފިލްމުން ފެންނާނެ މަޝްހޫރު ބައެއް ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، ނުޒޫ، އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު އަދި މަރިޔަމް ޝަކީލާ ފަދަ ތަރިން ހިމެނެ އެވެ. "ގޮށްރާޅު" އަކީ "4426" އަށް ފަހު، ޝިނާން ޑައިރެކްޓް ކުރާ ދެވަނަ ފިލްމެވެ.
މި ފިލްމަކީ މިދިޔަ އަހަރު ސިނަމާ އަށް ގެންނަން އަމާޒު ހިފި ފިލްމެކެވެ. އެކަމަކު ޓެކްނިކަލް މައްސަލަތަކަކާ ހެދި ކަމަށް ބުނެ ފިލްމް ވަނީ މި އަހަރަށް ފަސްކޮށްފަ އެވެ. އެކަމަކު "ބާކީވެފައި" ސިނަމާ އަންނާނީ ސީދާ ކިހާ ހިސާބެއްގައި ކަމެއް އަދިވެސް ނޭނގެ އެވެ. ފިލްމްގެ ފޭސްބުކް ޕޭޖްގައި މިދިޔަ ބުނީ "ކަމިން ސޫން" ކަމަށެވެ.
"ބާކީވެފައި" ގެ ޕޯސްޓަރެއް.
"ބާކީވެފައި" ގެ ލީޑް ރޯލުން ފެނިގެން ދާނީ ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް (އަފީ) އަފީފާ އާއި އަލަށް ތައާރަފުވާ އިބްރާހީމް (އިއްބެ) ހަލީލް އެވެ.
މި ފާހަގަ ކުރި ފިލްމްތަކުގެ އިތުރަށް ވެސް މި އަހަރު ސިނަމާ އަށް ގެންނަން ފިލްމްތަކެއް ލޯންޗް ކުރި އެވެ. އޭގެ ތެރޭގައި ޔޫއްޕެ ޑައިރެކްޓް ކުރާ "ކަޅަކި" އާއި ފައިސަލް ޑައިރެކްޓް ކުރާ "ހައްޔަރު" އަދި އަލީ ޝަޒްލީމް ޑައިރެކްޓް ކުރާ ނަފުސު" ހިމެނެ އެވެ.
މީގެ އިތުރުން މުހައްމަދު (ޓެޑްރީ) ނިޔާޒް ގެ "ލަސްވިޔަސް" މި އަހަރު ސިނަމާތަކަށް ގެންނާނެ ކަމަށް ބުނެ، މިދިޔަ އަހަރުގެ ކުރީކޮޅު ފިލްމްގެ ޓީޒާ ދައްކައިލި ނަމަވެސް އޭގެ ފަހުން ބަހަބަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝީކަޕޫރު
27 April 2018
ޓްޑްރީގެ ފިލްމު ދައްކާ ނިމިއްޖެއެއްނުން. ނުބަލަންތަ. ޓެޑްރީ ފިލްމު ހަދަނީ އެގޮތަށޭ. ހުސް އަނގައިން. މިހާރު އެފިލްމު ބޭރުގައުމު ތަކުގެ ސިނަމާތަކުގަ ނައަޅުވާކަންނޭގޭ.